މަސްތުވާތަކެތީގެ މައްސަލަތަކުގައި ލަންކާއިން މަރުގެ އަދަބު ދެނީ

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ މިދިޔަ މަހު ފިލިޕީންސަށް ވަޑައިގެން ރައީސް ރޮޑްރީގޯ ޑުޓާޓޭއާ ބައްދަލު ކުރައްވާފަ -- ފޮޓޯ: އޭޕީ

ކޮލަމްބޯ (ފެބްރުއަރީ 7): ސްރީ ލަންކާގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮންނަތާ 42 އަހަރު ފަހުން، އަނެއްކާވެސް މަރުގެ އަދަބު ދޭން ފަށަން ނިންމާފައިވާ ކަމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ޕާލިމެންޓުގައި ދެއްވި ތަގުރީރެއްގައި ސިރިސޭނާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށްވެރިވާ ފަރާތްތަކަށް ކުރިއަށް އޮތް ދެމަސް ތެރޭ މަރުގެ އަދަބު ދޭން ފައްޓާނެ ކަމަށް ވިދާޅުވެފަ އެވެ.

"ކުރިއަށް އޮތް މަހެއް ނުވަތަ ދެ މަހެއްހާ ދުވަސް ތެރޭ ފުރަތަމަ ފަހަރަށް މަރުގެ އަދަބު ދޭނެ. އަދި އަޅުގަނޑުގެ ނިންމުން ބަދަލު ކުރަން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ޕްރެޝަރު ނުކުރާނެ ކަމަށް އުއްމީދު ކުރަން،" ސިރިސޭނާ ވިދާޅުވި އެވެ.

ލަންކާގައި މީހުން މެރުމަށާއި ރޭޕް ކުރުމަށާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރަން ހުކުމް ކުރި ނަމަވެސް، އެހުކުމް ތަންފީޒެއް ނުކުރެ އެވެ. އަދި އޭގެ ބަދަލުގައި އެމީހުން އުމުރަށް ޖަލަށް ލާން ހުކުމް ކުރެ އެވެ.

ސިރިސޭނާ އެފަދައިން ވިދާޅުވީ މިދިޔަ މަހު ފިލިޕީންސަށް ވަޑައިގެން އެގައުމުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭއާ ބައްދަލުކުރެއްވުމަށް ފަހުގަ އެވެ. ސިރިސޭނާ ވަނީ އޭނާވެސް ބޭނުންފުޅު ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް އެފަދަ ހަރުކަށި ފިޔަވަޅު އަޅަން ކަމަށް ވިދާޅުވެފަ އެވެ.

"(ރައީސް ޑުޓާޓޭ) ކުށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރައްވާ ހަނގުރާމައަކީ ދުނިޔެއަށް މިސާލެއް. ލަންކާގައިވެސް މަސްތުވާތަކެތީގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައި. އެމައްސަލަ ކޮންޓްރޯލު ކުރުމަށް އަޅުގަނޑުމެން އަމަލު ކުރަން ޖެހެނީ (ފިލިޕީންސްއިން) އަމަލު ކުރާ ގޮތަށް،" ޑުޓާޓޭއާ ބައްދަލު ކުރެއްވުމަށް ފަހު ސިރިސޭނާ ވިދާޅުވެފައިވެ އެވެ.

ދެހާސްސޯޅަ ވަނަ އަހަރު ފިލިޕީންސްގެ ރައީސް ކަމަށް ޑުޓާޓޭ ވަޑައިގެންނެވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށްވެރިވާ ހުރިހާ ފަރާތްތަކަށް މަރުގެ އަދަބު ދޭނެ ކަމަށް ވިދާޅުވެ ކެމްޕެއިން ކުރެއްވުމަށް ފަހުގަ އެވެ. އަދި އެސަރުކާރުން "މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގައި" މިހާތަނަށް މަރުވި މީހުންގެ އަދަދު 20،000 އަށް ވުރެ އިތުރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ބުންޏެވެ.

ނަމަވެސް ފިލިޕީންސްގެ ސަރުކާރުން ވަނީ އެއީ ރަނގަޅު އަދަދެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި 2016އިގެ ފަހުން މަރުވެފައި ވަނީ 4،999 މީހުން ކަމަށް މިދިޔަ އޮކްޓޯބަރު މަހު ނެރުނު ރިޕޯޓެއްގައިވެ އެވެ.

comment ކޮމެންޓް