ހަމްޕުގެ ނިއުރޭޑިއަންޓް އެއްބަސްވުން އުވާލައިފި

ނިއުރޭޑިއަންޓް އާއި ށ. މިލަންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން ހަމްޒާ މުހައްމަދު --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ވޭތުވެ ދިޔަ އަހަރު ނިއުރޭޑިއަންޓަށް ކުޅުނު ގައުމީ ޓީމުގެ ޒުވާން ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނިއުރޭޑިއަންޓާ ދެމެދު ވެފައިވާ އެއްބަސްވުން އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން އުވާލައިފިއެވެ.

ގިނަ ދުވަސްތަކެއް ނިއުރޭޑިއަންޓަށް ހަމްޕު ކުޅެދީފައިވާ އިރު އެ ޓީމަށް ވޭތުވެ ދިޔަ ފަސްވަރަކަށް އަހަރު ތެރޭގައި ލިބުނު ކާމިޔާބީ ތަކުގައި އޭނާގެ ހިއްސާ ބޮޑެވެ. ނަމަވެސް އިއްޔޭގެ ވަގުތެއްގައި އެފްއޭއެމް އިން ވަނީ ހަމްޕު އާއި ނިއުރޭޑިއަންޓާއި ދެމެދުގައި ވާ އެއްބަސް ވުން އުވާލާފައި ކަމަށް ބުނެފައެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން ހަމްޒާ މުހައްމަދު --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކުޅުންތެރިންނަށް މުސާރައާއި އުޖޫރް ނުދިނުމުގެ ސަބަބުން ނިއުރޭޑިއަންޓު އެފްއޭއެމްގެ ހަރަކާތްތަކުން ސަސްޕެންޑު ކޮށްފައިވާ މި ދަނޑި ވަޅުގައި އެ ޓީމަށް ވޭތުވެ ދިޔަ އަހަރު ކުޅުނު ކުޅުންތެރިން ދަނީ އެހެން ޓީމު ތަކަށް ބަދަލު ވަމުންނެވެ. ނިރުރޭޑިއަންޓުން 10 ކުޅުންތެރިއަކަށް ޖުމުލް 3.8 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާ އިރު ހަމްޕު އަކީ ވެސް އެ 10 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރި އެކެވެ.

މީގެ އިތުރުން މުސާރަ ނުދިނުމުގެ ސަބަބުން އަލީ އަޝްފާގު (ދަގަނޑޭ) އާއި ނިއުރޭޑިއަންޓާއި މެދު ވެފައިވާ އެއްބަސް ވުން މީގެ ކުރިން އެފްއޭއެމް އިން އުވާލި އިރު މުސާރަ ނުދޭ މައްސަލައިގައި ނިއުރޭޑިއަންޓުން ބުނީ އެ ކުލަބުގައި އެކަމަށް ހަރަދު ކުރާނެ ބަޖެޓު ނެތް ކަމަށެވެ.

މިއަހަރުގެ ޕުރިމިއާ ލީގުގައި ހަމްޕު ޓީސީއަށް ބަދަލުވާން އުޅޭ ކަމުގެ އޯލަ ވާހަކަ ދަނީ ފެތުރެމުންނެވެ. މީގެ އަހަރު ތަކެއް ކުރިން ނިއުގެ ޔޫތު ޓީމުން ވިދާލި ހަމްޕު އަކީ ވޭތުވެ ދިޔަ އަހަރު ސާފު ޗެމްޕިއަންޝިޕް ރާއްޖޭ ކާމިޔާބު ކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރި ކުޅުންތެރިއެކެވެ.

comment ކޮމެންޓް