އޭޕްރިލްއިން ފެށިގެން މުޅި ރާއްޖެއަށް އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބޭނެ

ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން މަޖިލީހަށް އިއްވަނީ ---- ފޮޓޯ: މަޖިލިސް

މާލެއާ އެއްއަގެއްގައި ރާއްޖޭގެ ހުރިހާ ރަށަކުންވެސް އޭޕްރީލް އިން ފެށިގެން ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުޞޫލު ޤާއިމުކުރުމަކީ، މި ސަރުކާރުން އެންމެ އިސް އެއް ސިޔާސަތު ކަމަށެވެ

"އެގޮތުން މާލެއެކޭ އެއް އަގެއްގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، އެޕްރީލް މަހުން ފެށިގެން ކާޑުގެ އަގު ހެޔޮވެގެންދާނެ. އޭރުން މާލެއާ އެއް އަގެއްގައި ހުރިހާ ރަށަކުންވެސް ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ،" ރައީސް ވިދާޅުވިއެވެ.

މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު އެއްވަރު ކުރައްވާނެކަމަށް ރައީސް އިއުލާނު ކުރައްވާފައިވާއިރު ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން މި އަހަރުގެ ބަޖެޓުގައިވެސް ވަނީ ހިމަނައިފައެވެ. އެގޮތުން ކާޑުގެ ބާވަތްތައް ސަބްސިޑައިޒްކުރުމަށް 230 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

ކާޑުގެ ބާވަތްތައް ރާއްޖޭގައި ވިއްކަނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލު އަގެއްގައެވެ. ނަމަވެސް އެކި ސަރަހައްދުތަކުގައި ވިއްކާ އަގު ތަފާތެވެ. މިއަގު ކަނޑައަޅަނީ ނާލާއި މަޖޫރީ އަދި ފައިދާ ހިމަނައިގެންނެވެ.

މިގޮތުން އެންމެ ބޮޑުކޮށް ކިލޯއެއް ވިއްކޭނެ އަގުވެސް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ތެރޭގައި ކާޑުގެ ބަޥަތްތަކުން ސަބްސިޑީ ކަނޑާލުމުން ކާޑުގެ އަގު އުފުލުނެވެ. ނަމަވެސް ރިޔާސީ އިންތިހާބާ ދިމާކޮށް ކާޑުގެ އަގު ވަނީ އެ ސަރުކާރުގައި ހެޔޮކޮށްފައެވެ.

comment ކޮމެންޓް