ޔާމީނާއި އާޒިމާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފި

ރައީސް ޔާމީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވާ އާއި ދައުލަތުގެ ރަސްމީ އިދާރާ އަކަށް ދޮގު މައުލޫމާތު ދިންކަމުގެ ދައުވާ ކުރުމަށް ފުލުހުން ވަނީ ޕީޖީ އަށް ފޮނުވައިފައެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވީ ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ ލޯންޑާކޮށް އެ ފައިސާ އާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގާއި ގުޅިގެން ހިންގިި މުއާމަލާތްތަކުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކަމަށެވެ.

މީގެ އިތުރުން މަނީ ލޯންޑާ ކުރުމުގައި ރައީސް ޔާމީން އަށް އެހީތެރިވެ، ބައިވެރިވުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ދައުވާ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާގެ މައްޗަށް ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީ އަށް ފޮނުވައިފައެވެ.

ފުލުހުން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ފުލުހުން ހޯދި މައުލޫމާތާއި ހެއްކާއި ގަރީނާތަކުން، އެސްއޯއެފް ޕްރައިވެޓްލިމިޓެޑުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމުގެ މައުލޫމާތު ލިބުމުން، އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށާއި އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުކުރުމަށް ކުރީގެ ރައީސް ޔާމީން އަށް ދެންނެވުމުންވެސް އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުނުކޮށް އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި އެ ފައިސާތައް ދައުރުކޮށް މުއާމަލާތުކޮށްގެން މާލީ މަންފާ ހޯދިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މައްސަލައާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ތިން ފަހަރެއްގެމަތިން ރައީސް ޔާމީން ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

comment ކޮމެންޓް