މިސަރަހައްދުގައި އިސްލާމިކް ފައިނޭންސްގެ ހަބެއްގެ ގޮތުގައި ރާއްޖެ ނޫން ގައުމެއް އޮވެގެން ނުވާނެ: ފައްޔާޒު

އެމްއެމްއޭ އިން ބޭއްވި ރަސްމިއްޔާތުގައި އިގްތިސޯދާ ބެހޭ ވަޒީރު ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ: އިސްލާމިކް ފައިނޭންސްގައި މި ސަރަހަދުގެ ހަބެއްގެ ގޮތުގައި ރާއްޖެ ނޫން ގައުމެއް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމިކް ފައިނޭންސްގައި މި ސަރަހަދުގެ ހަބެއްގެ ގޮތުގައި ރާއްޖެ ނޫން ގައުމެއް އޮވެގެން ނުވާނެ ކަމަށް އިގްތިސޯދާ ބެހޭ ވަޒީރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ "ކްރެޑިޓް އިންފޯމޭޝަން ބިއުރޯގެ ވެބްސައިޓާއި އެ ދަރަނީގެ ވަނަވަރު ބެލޭނެ ނިޒާމް އިފްތިތާހު ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އިގްތިސޯދީ ވަޒީރު ފައްޔާޒު ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވުމުން، މި ސަރަހައްދުގައި އިސްލާމިކް ފައިނޭންސްގެ ހަބަކަށް އޮންނަން ޖެހޭނީ ރާއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މި ރީޖަންގައި އިސްލާމިކް ފައިނޭންސްގެ ހަބަކަށް އަޅުގަނޑުމެން ނޫން ބަޔަކު އޮވެގެން ނުވާނެ ކަން އަޅުގަނޑު ދެކެން،" ފައްޔާޒު ވިދާޅުވި އެވެ.

"ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" އާއި ކްރިޑިޓް އިންފޮމޭޝަން ބިއުރޯ ގެ ވެބްސައިޓް އިގްތިސޯދީ ވަޒީޒު ފައްޔާޒު އިފްތިތާހު ކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފައްޔާޒު ވިދާޅުވީ، މަލީ ނިޒާމް ތެރޭ ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އަމާޒަކީ، އެ ގޮންޖެހުންތައް ހުރަސްކޮށް މި ސަރަހައްދުގެ ވަރުގަދަ ފައިނޭންޝަލް މަރުކަޒަކަށް ރާއްޖެ ހެދުން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، މުސްތަގުބަލުގައި ސަރުކާރުން އެންމެ ދެކެން ބޭނުންވާ މަންޒަރަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތައް ރާއްޖެއިން ބޭރުގައި މަސައްކަތް ކުރަމުންދާތަން ކަމަށާއި އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ބޭނުންވާ ފައިސާ ނެތުން ކަމަށެވެ.

"[އެންމެ ދެކެން ބޭނުންވަނީ] ބޮޑެތި ކުންފުނިތައް ކަންމަތީ ފިހާރަތައް ހިންގުމުގެ ބަދަލުގައި ރާއްޖެއިން ބޭރުގެ ބޮޑެތި ޕްރިޖެކްޓްތަކުގައި ބައިވެރިވެ، އޭގެ މަންފާ ރާއްޖެއަށް ހޯދުން. އެކަމުގައި އޮތް އެންމެ ބޮޑު ދަތި ކަމަކީ ފައިސާ. އަޅުގަނޑުމެންގެ ޓެލެންޓް އެބަހުރި ގާބިލުކަން އެބަހުރި،" އިގްތިސޯދީ ވަޒީރު ފައްޔާޒު ވިދާޅުވިއެވެ.

އެމްއެމްއޭ އިން މިއަދު ބޭއްވި ރަސްމިއްޔާތުގައި އިގްތިސޯދީ ވަޒީރު ފައްޔާޒު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ކުންފުނިތަކުން ބޭރުގައި އިންވެސްޓްކުރުމަށް ރާއްޖޭގެ ބޭންކުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި ހާއްސަކޮށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން އެކްސްޕޯޓް އިމްޕޯޓް ބޭންކެއްގެ ދައުރު ރާއްޖޭގައި އަދާކުރާ ބަޔަކަށް ވުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިތަކަކީ ރާއްޖޭގެ އިގްތިސޯދުގެ ލޭނާރު ކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް ވަރުގަދަ ކުރުމަށްޓަކައި ސަރުކާރުން ހާއްސަ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ.

"އެފަދަ ވިޔަފާރިތަކަށް ހާއްސަ ޕޮލިސީއެއް ގާއިމް ކުރެވި، ސަރުކާރުގެ އެކި އެކި ހިދުމަތްތަކުގައި ހާއްސަކަމެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިނުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއް ކުރަމުން، އަދި ފަސޭހައިން އެ ވިޔަފާރިތަކަށް ފައިސާ ލިބޭނެ ނިޒާމެއް ގައިމު ކުރުމަކީ،" އެ ވިޔަފާރިތައް ބާރުވެރި ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ ކަންތައްތައްކެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

comment ކޮމެންޓް