ދަރަނީގެ ވަނަވަރު ބެލޭނެ ނިޒާމެއް ތައާރަފް ކޮށްފި

ދަރަނީގެ މުއާމަލާތްތައް އާންމުންނާއި ކުންފުނިތަކަށް ބެލޭނެ ނިޒާމަކާއި ކްރިޑިޓް އިންފޮމޭޝަން ބިއުރޯގެ ވެބްސައިޓް މަލީ ވަޒީރު ފައްޔާޒު އިފްތިތާހުކޮށްދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" ނުވަތަ ދަރަނީގެ މުއާމަލާތްތައް އާންމުންނާއި ކުންފުނިތަކަށް ބެލޭނެ ނިޒާމެއް މަރުކަޒީ ބޭންކް އެމްމްއެމްއޭގެ ކްރިޑިޓް އިންފޮމޭޝަން ބިއުރޯ އިން ތައާރަފްކޮށްފި އެވެ.

މި ނިޒާމާ އެކު އެއިދާރާ އިން ވަނީ ކްރިޑިޓް އިންފޮމޭޝަން ބިއުރޯގެ ވެބްސައިޓް ވެސް ތައާރަފްކޮށްފަ އެވެ. މި (http://cib.gov.mv) ވެބްސައިޓް މެދުވެރިކޮށް އާންމުންނަށާއި ކުންފުނިތަކަށް ދަރަނީގެ މުއާމަލާތް ބަލާލެވޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މި ނިޒާމާއި އެ ބިއުރޯގެ ވެބްސައިޓް އިފްތިހު ކޮށްދެއްވީ ހޯޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިޔާތުގައި އިގްތިސޯދީ ވަޒީރު، ފައްޔާޒު އިސްމާއިލު އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވީ، ތައާރަފް ކުރެވުނު ނިޒާމުގެ ސަބަބުން ލޯނު ދޭ ފަރާތުން ލޯނު ނަގާފަރާތަށް ލޯނު ދިނުމަށް ފަސޭހަ ވެގެން ދާނެ ކަމަަށާއި އެއާ އެކު ލޯނު ދޭ އިންޓްރަސްޓް ރޭޓުތައްވެ ސް ކުޑަ ވެގެން ދާނެ ކަމަށެވެ.

"ކްރިޑިޓް ހިސްޓްރީ [ދަރަނީގެ ވަނަވަރު] ލިބުމުން ލޯނުދޭ ފަރާތަށް ފަސޭހަވެގެންދޭ ލޯނު ދެވެނީ ރަގަނޅު މީހަކަކަތޯ. ލޯނު ދޭ ފަރާތުގެ ލޯނު ދެއްކުމުގެ ގާބިލު ކަމާއި ލޯނު ދެއްކުމުގެ ނިޔަތް ދެނެގަތުމަށް ފަސޭހަ ވެެގެންދޭ،" ދަރަނީގެ ވަރަވަރު ބެލޭ ސިސްތަމާ ގުޅޭ ގޮތުން އަހްމަދު ނަސީރު ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރު ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ، ތައާރަފް ކުރެވުނު ނިޒާމުގެ ސަބަބުން ލޯނު ދިނުމަށް ފަސޭހަ ވެގެން ދާނެ ކަމަަށާއި އެއާއެކު ލޯނު ދޭ އިންޓްރަސްޓް ރޭޓުތައްވެސް ކުޑަ ވެގެން ދާނެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ، މި ނިޒާމުގެ ސަބަބުން ކޮންމެ އާންމު ރައްޔިތަކަށް ވެސް އަދި ވިޔަފާރި ކުންފުންޏަކަށް ވެސް އެމީހެއްގެ އައިޑީ ކާޑު ނަންބަރު ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ނަންމަބަރު ޖަހަލައިގެން ދަރަނީގެ ވަނަވަރު ބެލޭނެ ކަމަށެވެ.

"[ލޯނު ނަގާ ފަރާތްތަކުން] އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ފާހަގަވަނީ ބޭންކްތަކުންނާއި އެހެނިހެން މާލީ އިދާރާތަކުން ލޯނު ހަމަޖެހިގެން ދާއިރު އިންޓްރެސްޓް ރޭޓް ބޮޑު ވާހަކަ. ލޯނެއް ހޯދުމަށް ރަހުނެއް ބޭނުންވާ ވާހަކަ، ލޯނު ނަގާ ފަރާތުން [ބެންކްގައި] ވަކި ޕަސަންޓެ ބަހަށްޓަން ޖެހޭ ވާހަކަ،" ގަވަރުނަރު ނަސީރު ވިދާޅުވީ އެކަންތައްތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ވަކި ވަކި ފަރުދުންނަށް ވިޔަފާރިތަކަށް އިންވެސްޓް ކުރުމަށް ފާއިސާ ހޯދުމަކީ އުނދަގޫ ކަމަކަށް ވެފައިވާ ކަމަށެވެ.

ދަރަނީގެ މުއާމަލާތްތައް އާންމުންނާއި ކުންފުނިތަކަށް ބެލޭނެ ނިޒމަކާއި ކްރިޑިޓް އިންފޮމޭޝަން ބިއުރޯގެ ވެބްސައިޓް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ، އެގޮތަށް ލޯނުތަކުގެ އިންޓްރެސް ބޮޑުވެގެން ދަނީ، "ލޯނު ނަގަން ދާ ފަރާތަކީ ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނުވަތަ ލޯނު ދެއްކުމުގެ ނިޔަތް އޮތް ފަރާތެއް ކަން ބޭންކް މެނޭޖަރަށް ނުވަތަ ބޭންކް އޮފިސަރަށް ޔަގީން،" ނުވާތީ ކަމަށެވެ.

ނަމަވެސް މިއަދު ތައާރަފް ކުރެވުނު ނިޒާމާއެކު ދަރަނީގެ ރިޕޯޓު ބެންކްތަކަށް ލިބުމުން، ރަގަނޅު ވަނަވަރެއް އޮތް ފަރާތަކަށް ކުޑަ އިންޓްރެސްޓް ރޭޓް، ކުޑަ "އިކުއިޓީ ކޮމްޕޯނަންޓް" ތަކާއެކު ލޯނު ދިނުމަށާއި އަދި ރަހުނަކާ ނުލާވެސް ލޯނު ދިނުމަށް ފަސޭހަ ވެެގެން ދާނެ ކަމަަށް އޭނާ ވިދާޅުވި އެވެ.

އަށް އަހަރު ކުރިން އެމްއެމްއޭގައި އުފެއްދި ކްރެޑިޓް އިންފޮމޭޝަން ބިއުރޯ އިން މީގެ ކުރިން ދަރަނީގެ މުއާމަލާތްތައް ބެލެނީ ހަމައެކަނި ބޭންކްތަކަށެވެ.

ދަރަނީގެ މުއާމަލާތްތައް އާންމުންނާއި ކުންފުނިތަކަށް ބެލޭނެ ނިޒާމަކާއި ކްރިޑިޓް އިންފޮމޭޝަން ބިއުރޯގެ ވެބްސައިޓް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ، މުހައްމަދު ޝަރީފު ވިދާޅުވީ، ތައާރަފް ކުރެވުނު ދަރަނީގެ ވަނަވަރު ބެލޭ ނިޒާމަކީ، ރާއްޖޭގެ ބޭންކިން ސިނާއަތަށް މުހިންމު ބަދަލެއް ގެނެސް ދޭނެ ކަމެއް ކަމަށާއި އެމްއެމްއޭގެ އިތުރުން ބޭންކުތަކަށާއި އާންމު ފަރުދުންނަށް ވެސް މި ޚިދުމަތާއެކު ވަރަށް ބޮޑު ލުއި ފަސޭހަވެގެންދާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ ރާއްޖޭގެ ބޭންކިން ނިޒާމަށް މިވަގުތު ބޭނުންވާ ފަދަ އީޖާދީ އަދި ޒަމާނީ ބަދަލެއްވެސްމެ." ދަރިނީގެ ވަނަވަރު ބެލޭ ނިޒާމާ ގުޅޭ ގޮތުން ބީއެމް އެލެގެ ޑެޕިއުޓީ ސީއީއޯ، މުހައްމަދު ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ، މުހައްމަދު ޝަރީފު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ އަލަށް ތައާރަފް ކުރި ނިޒާމުގެ އެހީގައި ލޯނު ދޫކުރުން އަވަސްކުރެވި، އަދި ދޫކުރެވޭ ލޯނުތަކުގެ ފެންވަރު ރަނގަޅުކުރެވިގެން ދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވަނީ، މާލީ ދާއިރާގެ މިއަހަރުގެ ކަލަންޑަރާއި މިއަހަރުގެ ތީމް ތައާރަފްކޮށްފަ އެވެ. މަލީ ދާއިރާގެ މިއަހަރު ތީމް އަކީ، "މާލީ ހިދުމަތް ހަމަ ހަމަ ކަމާއެކު އެންމެންނަށް" މި ޝިއާރެވެ.

comment ކޮމެންޓް