ބާސްކެޓް ކުޅުންތެރިން ތަމްރީނު ކުރުމުގެ ޕުރޮގްރާމެއް ކުޅުދުއްފުށީގައި ފައްޓަނީ

ބާސްކެޓް ސްޓާސް އެކެޑެމީގެ ބައިވެރިން -- ފޮޓޯ / ސްޓާ އެކެޑެމީގެ ފޭސްބުކް ޕޭޖް

ބާސްކެޓް ސްޓާސް އެކެޑެމީއިން އިންތިޒާމު ކޮށްގެން ކުޅުދުއްފުށީގެ ކުޑަކުދީންނަށް ހާއްސަކޮަށްގެން ބާސްކެޓް ކުޅުންތެރިން ތަމްރީނު ކުުރުމުގެ ޕުރޮގުރާމެއް ފަށައިފިއެވެ.

އެކެޑެމީގެ ފައުންޑަރު ހުސައިން ޒަމީލް (ޒަންބެ ކޯޗް) އަދި އެކެޑެމީގެ ސީނިއާ ކޯޗު ހުސައިން ހާދީ ގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތް މިއަދު ފެށިފައި ވާ އިރު ގިނަ ބައެއްގެ ތަރުހީބު މިކަމަށް ލިބެމުންދާ ކަމަށް ބާސްކެޓް ސްޓާސް އެކެޑެމީގެ ޕްރޮގްރާމް ޑިރެކްޓަރު މުހައްމަދު ނަސީރު ވަނީ ވިދާޅުވެފައެވެ.

ބާސްކެޓް ސްޓާސް އެކެޑެމީގެ ފައުންޑަރު ހުސައިން ޒަމީލް (ޒަންބެ ކޯޗް) އަދި ސީނިއާ ކޯޗް ހުސައިން ހާދީ -- ފޮޓޯ / ސްޓާ އެކެޑެމީގެ ފޭސްބުކް ޕޭޖް

މި ޕުރޮގުރާމަކީ ކުޅުދުއްފުށީގެ އެކެޑަމީއެއް ކަމަށްވާ ޑަބްލިއު އެކަޑަމީ އާއި ގުޅިގެން އުމުރުން ބާރަ އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ކުރެވިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން މި ޕުރޮގްރާމުގައި ބައިވެރި ވުމައްޓަކައި 80 އަށް ވުރެ ގިނަ ކުދިން އެދިފައިވާ ކަމަށް ނަސީރު ވަނީ ބުނުއްވާފައެވެ.

ބާސްކެޓް ސްޓާސް އެކެޑަމީ އަކީ 2015 ވަނަ އަހަރު ހުޅުމާލޭގައި އުފެދިގެން އައި އެކެޑެމީއެކެވެ. އެންމެ 10 ކުދިންނާއި އެކު އުފެދިގެން އައި މި އެކެޑެމީގައި މިހާރު 350 ކުދިން ރެޖިސްޓްރީ ކުރެވި ތަމްރީން ހޯދަމުން އަންނަ ކަމަށް ނަސީރު ވިދާޅުވެފައިވެއެވެ. މި އެކެޑެމީގައި ތަމްރީން ދެނީ ހަ އަހަރާއި 16 އަހަރުގެ އުމުރުފުރާގެ ކުދިންނަށެވެ.

ބާސްކެޓް ސްޓާސް އެކެޑެމީގެ މިއަހަރުގެ އަމާޒަކީ ރާއްޖޭގެ އަތޮޅު ތަކުގައި ތިބި ކުދިން ތަމްރީނު ކުރުން ކަމަށާއި އެގޮތުން މިވަގުތު ކުޅުދުއްފުށީގައި ޕްރޮގްރާމް ފެށި ނަމަވެސް އައްޑޫ ، ފުވައްމުލަކު އަދި ތިނަދޫ ފަދަ ތަންތާގައި މިފަދަ ހަރަކާތްތައް ކުރިއަށް އޮތް ތާ ހިންގާނެ ކަމަށް ނަސީރު ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި މި ހިންގާ ޕުރޮގުރާމަކީ ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މީގެތެރެއިން ތިން ދުވަސް ހޭދަ ކުރާނީ ކުދިން ތަމްރީނު ކުރުމުގެ ކޭމްޕްތައް ހިންގުމުގައެވެ. އަދި ހަތަރު ވަނަ ދުވަހުގައި އޮންނާނީ ބާސްކެޓް ބޯޅައަށް ހާއްސް ފެސްޓިވަލެކެވެ.

ކުޑަ ކުދިންނަށް ބާސްކެޓް ކުޅުމުގެ އިތުރުން އެ ރަށުގައި ތިބި ބާސްކެޓް ކޯޗުންނަށް ހާއްސަ ކޮށްގެން ހިންގާ ސެމިނާއެއް ކޮންމެ ރެޔަކު އޮންނާނެ ކަމަށާއި މި ސެމިނާތަކުގައި އެކެޑެމީތައް އުފައްދާ ހިންގާނެ ގޮތުގެ މައުލޫމާތު ދެވިގެން ދާނެ ކަމަށް ނަސީރު ވަނީ ވިދާޅުވެފައެވެ.

މި ހަރަކާތަށް ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ގިނަ ތަރުހީބު ލިބޭ ކަމަށާއި ކުޅުދުއްފުއްޓަކީ ބާސްކެޓްބޯޅައަށް ވަރަށް އިސްކަމެއްދޭ ރައްޔިތުންތަކެއް ދިރި އުޅޭ ރަށެއް ކަމަށް އެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް