އިންޓަނެޓްއާ ގުޅޭ ހަތަރު ބިލެއްގެ ޑްރާފްޓްގެ މަސައްކަތް ފަށައިފި

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

އިންޓަނެޓްއާ ގުޅޭ ހަތަރު ބިލެއްގެ ޑްރާފްޓްގެ މަސައްކަތް ފަށައިފިއެވެ.

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ އިންޓަނެޓް ބޭނުންކުރުމާ ބެހޭ ގާނޫނީ ފްރޭމްވާކެއްގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވިސްނުން ހުރީ މިކަމާ ގުޅޭ ހަތަރު ގާނޫނެއް ވުޖޫދުކުރުމަށްޓަކައި އެ ގާނޫނުތައް ރައްޔިތުންގެ މަޖިލީހަށް އެޓާނީ ޖެނެރަލް މެދުވެރިވެގެން ހުށަހަޅާނަން. އެ ގާނޫނުތައް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި." މަލީހް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ގާނޫނުތައް ހެދުމުގެ ބޭނުމަކީ ކަންތައްތައް ހުއްޓުވައި އަދި އަސާސީ އެއްވެސް ހައްގަކަށް އުނިކަން އަންނަ ކަމެއް ކުރުން ނޫން ކަމަށެވެ. އަދި އެގޭ ބޭނުމަކީ މިހާރަށްވުރެ އިންޓަނެޓް ރެގިއުލޭޓް ކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއވެެ.

"މި ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންގެ ޝަކުވާއެއް ކަންބޮޑުވުމެއް މި އެޕަލްގެ ހިދުމަތް ފުރިހަަމައަށް ރާއްޖެއަށް ނުލިބުން ގޫގުލްއިން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް ނުލިބުން ދުނިޔޭގެ ޓެކް ކުންފުނިތަކުގެ ހިދުމަތް ރާއްޖެއަށް ފޯރުކޮށްނުދެވުމުގެ އެއް ހުރަހަކަށް ވެފަމިއޮތީ ރާއްޖޭގޭ ގާނޫނީ އޮނިގަނޑު އެ ހިސާބަށް ނައުން." މަލީހް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގާނޫނުތައް ހެދިގެން ސައިބަ ގާނޫނާ އައުމުން މިހާރަށް ވުރެ އިންޓަނެތް ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށާއި އަދި އޭގެ ތެރެއިން ކުއްވެރިވާ ފަރާތްތަކަށް އަދަބު ދެވޭ ނިޒާމްވެސް ކަނޑައެޅިގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން ރާއްޖޭގެ ޓެކްނޮލޮޖީގެ ސިނާއަތް ކުރިއެރައި އަދި ބޮޑެތި ކުންފުނިތަކަށް ރާއްޖެއައުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

"ޑިޖިޓަލް އިލެކްޓްރޯނިކް ސިގްނެޗާ ގާނޫނެއް އަންނާނެ. ޑޭޓާ ޕްރައިވަސީ ސެކިއުރިޓީ ގާނޫނު އަންނާނެ. އަދި އޭގެ އިތުރުން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންއާ ބެހޭ ގާނޫނަށް ބަދަލެއް ގެންނަކަމަށްވަންޏާވެސް އެ އިސްލާހެއް އަޅުގަނޑުމެން ހުށަހަޅާނަން." މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް