މެސީއާ އަހަރެން ވާހަކަ ނުދައްކާތާ ގިނަ ދުވަސްތަކެއް ވެއްޖެ: އާޖެންޓީނާގެ ކޯޗު

ލިއޮނެލް މެސީ ވޯލްޑް ކަޕުގެ ނާކާމިޔާބީއަށް ފަހު -- ފޮޓޯ / ޑެޖަން ކަލިނިކް

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ލިއޮނެލް މެސީ އާއި ވާހަކަ ނުދައްކާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޮނީ ބުނެފި އެވެ.

އުމުރުން 31 އަހަރުގެ މެސީ އެންމެ ފަހުން ގައުމީ ޓީމާ އެކު ކުޅެފައި ވަނީ މިދިޔަ ވޯލްޑް ކަޕުގަ އެވެ. އޭގެ ފަހުން އާޖެންޓީނާ ކުޅުނު އެކުވެރި ކަމުގެ މެޗުތަކުގައި މެސީ ކުޅެފައެއް ނުވެ އެވެ. ވޯލްޑް ކަޕުގެ ނާކާމިޔާބީއަށް ފަހު މެސީ ކުޅުން ހުއްޓާލާނެ ކަމުގެ އިޝާރާތެއް ކުރިން ކޮށްފައިވީ ނަމަވެސް 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕު ކުޅޭނެ ކަމަށް މެސީ ވަނީ ބުނެފަ އެވެ.

ލިއޮނެލް މެސީއާއި އާޖެންޓީނާގެ މިހާރުގެ ކޯޗ ުލިއޮނެލް ސްކަލޮނީ -- ފޮޓޯ / އީއެސްޕީއެން

މިއަހަރު ފަހު ކޮޅުގައި އޮންނަ ކޮޕާ އެމެރިކާ މުބާރާތުގައި މެސީ ކުޅޭނެ ކަމަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އާޖެންޓީނާގެ ކޯޗު ވަނީ ބުނެފަ އެވެ. ނަމަވެސް އަންނަ މަހު ކުޅޭ އެކުވެރި ކަމުގެ މެޗުގައި މެސީ ކުޅޭނެ ކަމުގެ އިޝާރާތެއް ނުވާ ކަމަށް ސްކަލޮނީ ވަނީ ބުނެފަ އެވެ.

މިވަގުތު ފަލަމަސްގަނޑަށް އަނިޔާ ވެފައި ހުރި މެސީ މި ސީޒަނުގައި ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން 27 މެޗު ކުޅެ 29 ގޯލު ވަނީ ބާސެލޯނާ އަށް ޖަހައިދީފަ އެވެ.

"އަހަރެން މެސީއާ ވާހަކަ ނުދައްކާތާ ދުވަސްކޮޅެއް ވެއްޖެ. ކުރިއަށް ވަރަށް މުހިއްމު މެޗުތަކެއް އޭނައަށް އެބަހުރި. އެ މެޗުތަކަށް ބަލާފައި ދެން ކުރިއަށް ވާނެ ގޮތެއް އިނގޭނީ." އާޖެންޓީނާގެ ކޯޗު ސްކަލޮނީ ބުންޏެވެ.

comment ކޮމެންޓް