އައްޑޫގެ އުއްމީދުތަކާ ގުޅިފައިވާ ފްލައިން ސްކޫލުން އައްޑުއަށް ފުރިހަމަ ފައިދާ ލިބެން ޖެހޭ

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރާ ބޯޓުތަކެއް--ފޮޓޯ: އޭއޭއޭ

މި ކުޑަކުޑަ ރާއްޖޭގައި ފްލައިން ސްކޫލެއް ފެށިގެން ދިއުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަހުރެކެވެ. އޭޝިއަން އެކެޑަމީ އޮފް އެރޯނޮޓިކްސް (އޭއޭއޭ) އިން 2010 ވަނަ އަހަރު އައްޑޫ ސިޓީގެ ގައުމުގައި ހުޅުވި ފްލައިން ސްކޫލާ އެކު، އަމިއްލަ ގައުމުގައި އަމިއްލަ ފަސްގަނޑުގައި ތިބެގެން ޕައިލެޓްކަން ކިޔެވުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފަ އެވެ.

ގަމުގައި ހުޅުވި ފްލައިން ސްކޫލަކީ މިހާރު މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ސްކޫލެކެވެ. ގިނަ އަދަދެއްގެ އަވައްޓެރި ގައުމުތަކުގެ ދަރިވަރުން ވެސް މިހާރު ވެސް އެ ސްކޫލުގައި ދަނީ ކިޔަވަމުންނެވެ.

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރާ ބޯޓެއް--ފޮޓޯ: އޭއޭއޭ

ނަަމަވެސް ފަހަކަށް އައިސް އެ ސްކޫލާ މެދު ތަފާތު ނަޒަރަކުން ދެކޭތަން އަންނަނީ ފެންނަމުންނެވެ. އެ ސްކޫލުން ދިވެހިންނަށް، ހާއްސަކޮށް އައްޑޫ އެއާޕޯޓަށް ލިބެންވާ ފައިދާ ނުލިބޭ ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެެވެ.

ފްލައިން ސްކޫލުން ލިބޭ ފައިދާ ވަކި އަތަކަށް ބުރަވެފައި

ފްލައިން ސްކޫލު ފުރަތަމަ ފަށައިގަން އިރު އެ ސްކޫލު ހިންގަމުން ގެންދިޔައީ ކިރިޔަ ކިރިޔާ އެވެ. ނަމަވެސް 2016 އިން ފެށިގެން އެ ސްކޫލަށް އޮންނަ ޑިމާންޑް އިންތިހާއަށް އިތުރުވެ ފައިދާ ވާން ވަނީ ފަށައިފަ އެވެ. އެ ސްކޫލުގައި 60 ޕަސެންޓަކީ މިހާރު ދިވެހިންނެވެ.

އައްޑޫ ސިޓީގައި ފްލައިން ސްކޫލެއް ހެދުން އެ ސިޓީއަށް ފައިދާވިކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އޭގެ ސަބަބުން އައްޑޫ ސިޓީގެ އިގްތިސާދަށް ވަނީ އާރޯކަން ގެނެސްދީފަ އެވެ. މަރަދޫ، ފޭދޫ އަދި ހިތަދޫގެ ރައްޔިތުންނަށް އެމީހުންގެ ގެތައް ދަރިވަރުންނަށް ކުއްޔަށްދީގެން ފައިސާ ލިބެ އެވެ. އެ ސިޓީގެ ވިޔަފާރިތަކާއި އަދި ރެސްޓޯރެންޓްތަކުން ވެސް އޭގެ ތިޔާގިކަން ފެނެ އެވެ. މިއީ އެ ސިޓީއަށް އައި ވަރަށް ހެޔޮ ބަދަލެކެވެ.

ނަމަވެސް ބައެއް ރައްޔިތުންގެ ހިޔާލު އެކަމުގައި ތަފާތެވެ. އެގޮތުން އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ އެ ސްކޫލަށް ލިބޭ އާމްދަނީއާ ބަލާ އިރު އައްޑޫ އެއާޕޯޓަށް ދައްކަމުންދާ ކުއްޔާމެދު އެވެ.

"ސްކޫލުގައި 240 ދަރިވަރުން ކިޔަވާ، ކޮންމެ ދަރިވަރަކު އެބަ ކޯސްފީގެ ގޮތުގައި މުޅި އެކު 50،000 ޑޮލަރުވަރު [771،000 ރުފިޔާ]. އެހެންވީމާ އެޖެހެނީ 12 މިިލިއަން ޑޮލަރުވަރު [185 މިލިއަން ރުފިޔާ]،" އައްޑޫ ސިޓީގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޔޫޝައު ފޭސްބުކްގައި ބުނެފައިވެ އެވެ.

Mohamed Ushau

Because I believe the people of Addu and Maldives need to know the truth and for the record, I am putting this out there. Asian Academy of Aeronautics or locally known as Flying School was opened...

ފްލައިން ސްކޫލު ގައުމުގައި ހިންގަމުންދަނީ 2009ގައި އައްޑޫ އިންޓަނޭޝަންލް އެއާޕޯޓް (އޭއައިއޭ)އާ ދެމެދު ހެދި ދެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން އެ ސްކޫލު ހިންގުމަށް ބޭނުންކުރާ އިމާރާތަކާއި އަދި ބޯޓްތައް ބޭނުންކުރުމަށް ހެންގަރު ފެސިލިޓީސް ހިމެނޭ 10،0000 އަކަފޫޓު އެ ސަރަހައްދު ބޭނުންކުރަނީ ކުލި ދައްކައިގެންނެވެ.

ފްލައިން ސްކޫލުގެ އެގްރިމަންޓްގައި ބަޔާންކޮށްފައިވާ ކުލި

އިމާރާތާއި އެކޮމޮޑޭޝަން: 18،000 (މަހަކު ރުފިޔާ)

ހޭންގާ ފެސިލިޓީސް: 80،000 (މަހަކު ރުފިޔާ)

ޖުމްލަ : 98000 ރުފިޔާ (މަހަކު)

އެގްރިމަންޓްގައި ހެންގާ ފެސިލިޓީސްގެ ކުލީގެ ގޮތުގައި 80،000 ރުފިޔާ ބަޔާންކޮށްފައި އޮތް ނަމަވެސް، އެމްއެންޑީއެފުން ވެސް އެތަނުގައި ހެލިކޮޕްޓަރުތައް ޖައްސަން ބޭނުންކުރާ ކަމަށް ބުނެ އެ ސްކޫލުން ކުލީގެ ގޮތުގައި ޖުމްލަ މިހާރު ދައްކަނީ 78،000 ރުފިޔާ އެވެ.

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންތަކެއް---ފޮޓޯ: އޭއޭއޭ

"މިއީ ވަރަށް ކުޑަ ކުއްޔެއް. މާލޭގެ އެޕާޓްމަންޓްތަކާއި އޮފީސްތައް ވެސް ކުއްޔަށް ދޫކުރަނީ މިއަށް ވުރެ ބޮޑު އަގެއްގައި." އައްޑޫ ސިޓީގެ ރައްޔިތެއް ކަމަށްވާ ޔޫޝައު ފޭސްބުކްގައި ބުނެފައިވެ އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖަރު އިބްތިޝާމާ ސައީދު ވެސް މީގެ ކުރިން ވަނީ ހަމަ އެމޭރުމުން ވާހަކަ ދައްކަވައިވެ އެވެ. އަދި އެ އެއްބަސްވުން އަލުން އާ ނުކުރާނެކަމުގެ އިޝާރާތެއް ވެސް އޭރު ދިނެެވެ.

"ފްލައިޓުތައް އޮޕަރޭޓްކުރަން އަޅުގަނޑުމެން ވެސް ބިން ބޭނުންވޭ. ދެން ފައިނޭންޝިއަލީ ބަލާ އިރު ވެސް އެތަން ކުއްޔަށްދީގެން ހިންގުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން." އިބްތިޝާމާ ވިދާޅުވެފައިވެ އެވެ.

ފްލައިން ސްކޫލުން އެކަށީގެންވާ ވަރަށް ހިދުމަތްތަކެއް ވެސް ނުލިބޭ

ގަން އެއާޕޯޓްގައި ފްލައިން ސްކޫލު ހިންގަމުންދާ އިރު އެ ތަނުގައި އެކޮމޮޑޭޝަން އިމާރާތެއް ވެސް އޭއޭއޭ އިން ވަނީ ކުއްޔަށް ނަގައިފަ އެވެ. އެ ތަނުގައި ދަރިވަރުންނަށް ތިބެވުނަސް ދަރިވަރުންނަށް ކުއްޔަށް ދެނީ ވަރަށް ބޮޑު އަގުގަ އެވެ.

"އެކޮމޮޑޭޝަން 8000 ރުފިޔާ ދައްކަން ޖެހޭ. ކެއުމެއް ވެސް ނުލިބޭ. ކަރަންޓް ބިލްވެސް ލިމިޓް ހަމަވީމާ އަމިއްލަ އަށް ޕޭ ކުރަން ޖެހޭ. އެހެންވެ އުޅެނީ ބޭރުން ތަނެއް ކުއްޔަށް ހިފައިގެން،" އެ ސްކޫލުގައި ކުރިން ކިޔެވި ދަރިވަރަކު ބުންޏެވެ.

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރެއް ބޯޓު ކައިރީގައި-- ފޮޓޯ: އޭއޭއޭ

އެ ސްކޫލުގައި 200 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ އިރު މާގިނަ ދަރިވަރުންނަށް ޖާގަދިނުމުން ދަރިވަރުންނަށް ކިޔެވުމުގައި ވަސީލަތް ބޭނުންކުރަން ނުލިބޭ ކަމަށް ވެސް ދަރިވަރުން ބުނެއެވެ.

"އެމީހުން މާގިނަ ކުދިން ނަގައިގެން އުޅެނީ. ފްލައިން ނެހެދޭ. ރިކުއެސްޓް ކުރީމާ ބުނޭ ޓެސްޓް ހެދީމާ ފްލައިންދޭ ނަމޭ. އެއްފަހަރު ފްލައިން ނުލިބެގެން ތިން މަސް ހޭދަކުރިން. މިތާ ކިޔަވަމުންދާ ދަރިވަރުންނަކީ ލޯނު ނަގައިގެން ކިޔަވަމުންދާ ދަރިވަރުން. މިހާރު އަހަރެން މިހިރީ ކެނޑިގެން. ދެން ނުދާނަން އެތަނަކަށް،" އެ ސްކޫލުގައި ކުރިން ކިޔެވި ދަރިވަރަކު ބުންޏެވެ.

އަދި ބައެއް ދިވެހި ދަރިވަރުން ފާސް ނުވެ ދެތިން އަހަރު ހޭދަ ކުރަން ޖެހޭ ކަމަށް ވެސް ބުނެ އެވެ.

އެއްބަސްވުން ދެފަރާތަށް ވެސް ފައިދާވާ ގޮތަށް އަލުން މުރާޖާ ކުރަން ޖެހޭ

"ސަން" އަށް އެނގިފައިވާ ގޮތުގައި އޭއޭއޭ އިން އެ ސްކޫލު ހިންގުމަށް ހަދާފައިވާ އެގްރިމަންޓްގެ ތެރެއިން ހެންގާ ފެސިލިޓީސްގެ އެގްރިމަންޓް މިދިޔަ މަހު ވަނީ ހަމަވެފަ އެވެ. އެތަން މިހާރު ބޭނުންކުރަމުން ދަނީ ވެސް ތިން މަސް ދުވަހުގެ ވަގުތީ ހުއްދައެއްގެ ދަށުންނެވެ. އަދި ސްކޫލުގައި ބޭނުންކުރާ އިމާރާތުގެ އެގްރިމަންޓް ވެސް މިމަހު ހަމަވާނެ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ރައީސް އަބްދުﷲ ސޯދިގް (ސޯބެ) ސަން އަށް ވިދާޅުވީ އެ އެއްބަސްވުން އާކުރަން ނިންމިކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމާ ބެހޭ ތަފްސީލް ވަނީ ލިބޭ ގޮތް ނުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ އެ ވިޔަފާރީގައި ފައިދާވާ ނަމަ ކުލި ބޮޑުކުރުމަކީ ވިޔަފާރީގެ އުސޫލެއް ކަމަށް އޭނާ ވެސް ގަބޫލުކުރާ ކަމަށެެވެ. އަދި އެ ތަނަށް ފައިދާވާ ނަމަ އެ ފައިދާގެ އަދަދާއި ޓެކްސް ދައްކާ ވަރު ސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންތަކެއް---ފޮޓޯ: އޭއޭއޭ

"އަޅުގަނޑު ވެސް ދުށިން ސޯޝަލް މީޑީއާގައި ކުއްޔާ ބެހޭ ގޮތުން ވާހަކަ ދެކެވިފައި ހުރިތަން. އެކަމަކު އެއައަކު ނެތް ކުންފުނީގެ ހަރަދުތަަކުގެ ވާހަކަތަކެއް. ކިހާ ވަރަަކަށްތޯ ތެޔޮ އަޅަނީ، ކިތައް ބޯޓުތޯ ގެންގުޅެނީ. ހުއްދަތަކަށް ކިހާ ވަރަކަށްތޯ ދައްކަން ޖެހެނީ. ދެކޮޅު ވެސް ބަލަން ޖެހޭ ތެދެއްތޯ،" ސޯބެ ވިދާޅުވި އެވެ.

ފްލައިން ސްކޫލެއް ހިންގުމަށް ހާއްސަ އިނާޔަތެއްގެ ދަށުން ކުޑަ އަގެއްގައި ކުއްޔަށް ދިން ނަމަވެސް މިހާރު އެކަންކުރާ ގޮތަކީ، އައްޑުއަށް އެންމެ ފައިދާ ހުރި ގޮތްތޯ އައްޑޫގެ ބައެއް ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. ފްލައިން ސްކޫލުގެ ވިޔަފާރިއަކީ ކާމިޔާބު ވިޔަފާރިއެއްކަން ވަނީ ސާބިތުކޮށްދީފަ އެވެ. އެ ކާމިޔާބީއާ ގުޅިގެން އެހެން ފަރާތްތަކުން ވެސް ފްލައިން ސްކޫލު ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އެގޮތުން ރާއްޖޭގެ އިތުރު އެއާލައިނަކާ އެކު ފްލައިން ސްކޫލެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދާލު އެއާޕޯޓް ހިންގާ ދާލު ހޯލިޑިން އިން މިދިޔަ އަހަރު ވަނީ ބުނެފަ އެވެ.

"އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމަކީ އައްޑޫގެ ތަރައްގީއަށް އެންމެ މުހިންމުކަން ކަމަށް ހުދު ރައީސް ނަޝީދު ވެސް ވިދާޅުވެފައި އެބަހުރި. އަދި ނަޝީދު ވިދާޅުވީ އައްޑޫ އެއާޕޯޓް ތަރައްގީ ކުރެވޭނީ އެއީ ފައިދާ ހުރި ކުންފުންޏަކަށް ހެދިގެން ކަަމަށް. އެހެން ނަަމަވެސް މިހާރު މި ފެންނަނީ އެހެން މަންޒަރެއް. ކުންފުނި ދަރަނިވެރިވެ ނިމިގެންދާތަން މި ފެންނަނީ. އައްޑޫ އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް މީގެ ހަގީގަތް އެނގެން ޖެހޭ." ޔޫޝައު ފޭސްބުކްގައި ބުންޏެވެ.

comment ކޮމެންޓް