ދީމް މޫނު ދޮވެ މޭކަޕް ރީތިކޮށްގެން ނުކުމެ އެއްޗެކޭ ނުބުނެ ކިނާން ފަސްދީ ހިނގައިގަތް ތަނާ ކިނާން އޭނާގެ އަތަށް ދަމާލިއެވެ. އެއާއެކު ދީމް އައިސް ތަތްވީ ކިނާންގެ މޭގައެވެ.

"ނުރޮއްޗޭ ދެން! އެހެންނޫނީ ދެންވާނީ ސަފަރުކަތްދައަށް ކަންނޭގެ. އޭރުން ނާލްމެންގެ ޕާޓީއެއްނު ހަރާބުވާނީ ސަފަރުކަތްދަ އަރައިގެން" ކިނާން ދީމްއަށް ބަލަން ހުރެ ބުނުމާއެކު ދީމް ދެލޯ އަޅާލިއެވެ. އަދި ކިނާންގެ ފަޔަށް އޭނާގެ އުސް ފައިވާނުން އަރާލިއެވެ.
"އައުޗް" ކިނާންއަށް ދީމް ވަގުތުން ގަޔާ ދުރުކޮށްލެވުނެވެ. އޭނާގެ އަތް ފޮޅުވާލަމުން ދީމް ދުއްވައިގަތްތަން ބަލަން ހުރި ކިނާންގެ ތުންފަތް މަތީގައި ދުވެލީ ލާނެތް ހިނިތުންވުމެކެވެ. ވަރުގަދަ ފައިވާނެއްތާއޭ ކިނާންގެ ހިތަށް އެރިއެވެ.

ޕާޓީގެ ވަގުތު ދެމިގެން ގޮސް ޕާރޓީ ނިމުމަކާ ގާތްވެއްޖެއެވެ. އެންމެ ފަހުކަމަކަށް އޮތީ އާއިލާގެ ހުރިހާ މެންބަރުންގެ ފޮޓޯ ސެޝަނެވެ. މެހެމާނުންތައް ދިޔުމުން ވެސް އާއިލާ އެކަކު މަޖާކުރުމާ ސަކަރާތް ޖެހުން އޮތެވެ.

ޕާޓީ ނިންމާލާފައި ގެއަށް ދާންޖެހޭ ވަގުތު ކުޑަތަން ވަމުންދިޔަ ވަރަކަށް އަނާލްގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. މަންމައާއި ވަކިން އޭނާ އުޅޭނީ ކިހިނަކުންހެއްޔެވެ؟ އަދި ޚާއްސަކޮށް އޭނާގެ އެ ހާލައިގެން އުޅެވިދާނޭހެއްޔެވެ؟ ގަޑި ކުޑަތަންވަމުން ދިޔަ ވަރަކަށް އެ ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ. ކައިރީގައި އިން އިޒިއަންގެ އަތަށް ބާރުކޮށްލެވުމާއެކު އަނާލްއަށް ރޮވެން ފެށުނެވެ. އޭނާގެ މަޑު ގިސްލުމުގެ އަޑު އިޒިއަންގެ ކަންފަތުގައި ޖެހުމާއެކު އޭނާއަށް އަނާލްއަށް ބަލާލެވުނެވެ. އަނާލް އިޒިއަންއަށް ބަލާލިއެވެ.

ކައިވެންޏަށްފަހު އިޒިއަންއާ އެކު އިޒިއަން މެން ގޭގައި ދިރިއުޅެން އަނާލް ނިންމީ ދެމީހުންގެ އާއިލާ އާވެސް މަޝްވަރާ ކުރުމަށް ފަހުއެވެ.

"ދާކަށް ބޭނުމެއް ނޫން" އަނާލްއަށް ބުނެވުނެވެ. އިސްޖަހާލެވުނީ އެންމެންގެ މޫނަށް ބަލަން ނުކެރުމުންނެވެ.

"ކީއްވެ ނާލް" އަނާލްގެ ދަތް ދޮޅީގައި ހިފާ އުފުލާލަމުން އިޒިއަން އަހާލިއެވެ. އަދި ދެފަރާތަށް ބޯ ހޫރާލިއެވެ. އަނާލް އޭނާއާ އެކު ދިޔަޔަސް އެއްވެސް މީހެއްގެ ފަރާތުން އަނާލް ދެރަވާންޖެހޭ އެއްވެސްކަމެއް ނުފެންނާނޭ ކަމަށްބުނެ އިޒިއަން ޔަޤީންކަން ދިނެވެ. ކައިވެނީގެ ފަހުން އަނާލްއަކީ އޭނާގެ ހައްޤެކޭ ބުނެ އަނާލްގެ ހުރިހާ ޒިންމާއެއް އޭނާ ނަގާނެކަމަށް ވައުދުވިއެވެ. އެގޭގައި އަނާލް އުޅުނު ކަމުގައި ވިޔަސް އަނާލް ބޭނުންވަގުތަކު މަންމަމެން ގެއަށް ގޮސް އުޅެވޭނޭ ފަދަ އިންތިޒާމް އަނާލްއަށް ދަތި ނުވާނޭ ފަދަ ގޮތަކަށް ހަމަޖައްސައިދޭނެ ކަމަށް ބުންޏެވެ. އެވަރުންވެސް އަނާލްގެ ނުތަނަވަސްކަން ދުރުނުވަންޏާ އޭނާ އަނާލްއާއެކު އަނާލްމެން ގޭގައި އުޅެން ވެސް އެއްބަސް ވިއެވެ. ދުވަހަކު އަނާލްއަށް ދެރައެއް ނުދޭން ހުވާކުރިއެވެ. އާއިލާގެ އެހެނިހެން މީހުންވެސް އަނާލްއާ ވާހަކަ ދެއްކިއެވެ. އެންމެފަހުން އޭނާ އިޒިއަންއާ އެކު ދާން އެއްބަސް ވިއެވެ.

ވަގުތު ކުޑަތަން ވެއްޖެއެވެ. މިހާރު އެންމެން ވެސް ތިބީ ދާން ތައްޔާރުވެގެންނެވެ. ހޮޓެލުން ބޭރަށް ނުކުމެ އަނާލް އޭނާގެ މަންމަގެ ގައިގައި ބައްދާލީ ރޮވޭ ހާލުގައެވެ. އެ މަންމައާއި ނުލާ އޭނާ އުޅޭނީ ކިހިނަކުންހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ކައިވެންޏަށްފަހު އެތައްކަމެއް ބަދަލު ވާނެއެވެ. އަންހެން ކުއްޖަކަށް އަންނަ އެންމެ އުފާވެރި ރެއަކީ ކައިވެނީގެ ރެއޭ ބުނާ އަޑު އޭނާ އަހައެވެ. އެހެންނަމަވެސް މިރޭ ހީވަނީ އޭނާގެ ހަޔާތުގައި މިހާތަނަށް އައި އެންމެ ހިތާމަވެރި އެއްރޭ ހެންނެވެ.

ކޮންމެފަހަރަކު އޭނާ ބިރުން ހަޅޭއްލަވައިގަންނައިރަށް ތެޅެމުން ފޮޅެމުން އެ މަންމަ އަންނަ ގޮތަށް އަންނާނީ ކާކު ހެއްޔެވެ؟ އެއްވެސް ފޫހިކަމެއްނެތި އަނާލްގެ ރުއިން އަޑުއަހާ ހިތްވަރުދޭން އެ މަންމަ ހުންނަ ގޮތަށް ހުންނާނީ ކާކުހެއްޔެވެ؟ އާދޭހެވެ. އެމީހަކަށް މީގެ ފަހުން ވާނީ އިޒިއަންއެވެ. އެހެންނަމަވެސް އަބަދު އޭނާ ގެ ބަލިތަކުން ދިމާވާ ކަންތައްތަކާހުރެ އިޒިއަން އޭނާދެކެ ފޫހިވާނެ ނޫންހެއްޔެވެ؟ އިޒިއަން އޭނާއާ އިނީ އެފަދަ އެތައް މައްސަލަތަކެއް އޭނާގެ ހުރިކަން އެނގިހުރެއެވެ. އަނާލް ބޭނުންވާ ވަރަށް ވަގުތު ދޭން އިޒިއަން ވައުދުވިއެވެ. އަނާލްއަށް އިޒިއަން ބޭނުންވާ ކަންތައްތައް ވަގުތުން ވަގުތަށް ނުކޮށްދެވޭނެކަން އިޒިއަންއަށް އެނގޭނެއެވެ.

އަންބަކު ފިރިއަކަށްޓަކާ ކޮށްދޭންޖެހޭ އެތަކެއް ކަމެއްހުންނާނެއެވެ. ފިރިމީހާއަށް ބޭނުންވާ ހުރިހާކަމެއް ކޮށްދޭން އަނބިމީހާ ޖެހޭނެއެވެ. ހަމަގައިމުވެސް އަންބެއްގެ ގޮތުގައި ހުރެ ފިރިމީހާއަށް ކޮށްދޭންޖެހޭ ޚިދުމަތްތައް އެހެން މީހަކު ލައްވާ ކުރުވާކަށް އަނާލް ބޭނުމެއް ނުވެއެވެ. އެހެން މީހުންނެކޭ އެއްގޮތަށް ހެނދުނު އިޒިއަން ހޭލާއިރު ކޮފީތައްޓަކާއެކު ހިނިތުންވަމުން މަރުޙަބާ ކިޔަން އަނާލް ބޭނުންވެއެވެ. އެދުވަހަކު އިޒިއަން އޮފީހަށް ދާނޭ ގަމީސް އިސްތިރިކޮށް އެ ހުރިހާ ޚިދުމަތެއް ދޭން ބޭނުންވެއެވެ. ކޮންމެއަކަސް ވިސްނައިގަތުމުން އަނާލްގެ ނޭވާ ހާސްވަމުން ދިޔައެވެ. އެއީ އަބަދުވެސް އޭނާއަށް ވާގޮތެކެވެ. މާ ބޮޑަށް ވިސްނާ ފިކުރު ބޮޑުވާނަމަ ނޭވާހާސްވެއެވެ. އެހެންކަމުން ޑޮކްޓަރުންވެސް ބުނެފައި ވަނީ އަނާލް އަބަދުވެސް ފިކުރުތަކާ ދުރުގައި ގެންގުޅުމަށެވެ. އެތައް ގޮތަކުން އަނާލްއަށް ޔަގީންކަން އިޒިއަން އެރުވިއެވެ. އަނާލްގެ ނުތަނަވަސް ވެފައިވާ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް އިޒިއަންގެ އެ ވާހަކަތަކުން ލިބުނެވެ.

އިޒިއަން އާއި އަނާލް އާއި ދެމީހުން އެއްކާރުގައި ދިޔައިރު ބާކީ ތިބި މީހުންވެސް ބައިބަޔަށް ބަހާލައިގެން ގެއާ ދިމާލަށް މިސްރާބުޖެހީ ކާރުގައެވެ. ދަންގަޑިއަކަށް ވުމާއެކު މަގުމަތީގައި ދުއްވާއެއްޗެހި ވެސް ފުދޭވަރަކަށް މަދެވެ. އެހެންކަމުން ދުއްވާލަން ވެސް ފަސޭހައެވެ.

އިޒިއަންމެންގެ ފަހަތުން ކަހަލަ ގޮތަކަށް ދެން އައި ދެކާރުވެސް ގޯތި ތެރެއަށް ވަނެވެ. އެންމެން އެއްކޮށް ފައިބައިގެން ގޮސް ގެއަށް ވަތްއިރު ގޭތެރޭގައި މަރުފަދަ ހަމަހިމޭންކަން ރަސްކަން ކުރަމުން ދިޔައެވެ.

އިޒިއަން އަނާލްއާ އެކު ލިފްޓާ ދިމާލަށް ހިނގައިގަތީ އިރުކޮޅަކު އެންމެން އެކީ ބޮޑުކޮޓަރީގައި މަޑުކޮށްލުމަށްފަހުއެވެ.

ލިފްޓާ ހިސާބަށް ދިޔުމަށްފަހު އަނާލް މިފަހަރުވެސް މަޑުޖެހިލިއެވެ. އިޒިއަން އަނާލްއާ އެއްހަމައެއްގައި އިށީނދެ އަނާލްގެ އަތަށް ފިތާލިއެވެ. އަދި އަނާލްއަށް ހިތްވަރުދިނެވެ. އަނާލް އާއެކީގައި މިފަދަ ކޮންމެ ދަނޑިވަޅެއްގައި އޭނާ ހުންނާނޭ ކަމަށް ވައުދުވިއެވެ.

ލިފްޓް ތެރޭގައި އަނާލް ހުރީ އިޒިއަންގެ އަތަށް ބާރަށް ފިތާލައިގެންނެވެ. އެހެންނަމަވެސް ކުރީ ފަހަރާ ތަފާތުކޮށް އޭނާ އިނީ ދެލޯ ހުޅުވައިގެންނެވެ. އޭނާގެ ދެލޮ ބޮޑުވެފައި ވެއެވެ. މީހާއަށް ހާސްކަން ވެރިވަމުން ދިޔައެވެ. އެހެންނަމަވެސް މާގިނައިރެއްނުވިއެވެ. ލިފްޓް ހުއްޓުނީ ފުރަތަމަ ފަންގިފިލާއަށެވެ. އިޒިއަން އަނާލްގެ އެއްފަރާތުގައި ހުރެ ގޮސް އޭނާގެ ކޮޓަރީގެ ދޮރުގައި ހިފާ ދޮރު ހުޅުވާލިއެވެ. ދެފަރާތަށް ހުޅުވިގެން ދިޔަ ފުޅާ ދޮރުގެ ތެރެއަށް އަނާލް ވަނުމަށް އިޒިއަން އިޝާރާތް ކޮށްލިއެވެ. އަނާލް މަޑުމަޑުން އެތެރެއަށް ވަންނަން ގޮނޑި ދުއްވާލިއެވެ. ކުރިއަށް ވާން އުޅެނީ ކިހިނެތްކަން ނޭނގޭ ހާލު އޭނާގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ.

އަނާލްއަށް ފުރަތަމަވެސް އެތަނަށް ވަނުމަށްފަހު މުޅި އެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލެވުނެވެ. އެ ކޮޓަރީގެ ތަނަވަސްކަމާއި ބޮޑުކަމުން އޭނާއަށް ހައިރާންކަމެއް ލިބުނެވެ. އޭނާގެ ކޮޓަރިއަކީވެސް ތަނަވަސް ބޮޑު ކޮޓަރިއެކެވެ. އެހެންނަމަވެސް އިޒިއަންގެ ކޮޓަރި އޭނާގެ ކޮޓަރިއާ ބަލާފައި މާ ހިތްގައިމުވެފައި ތަނަވަނެވެ. ބެލްކަނީ ދޮރުތައް ހުޅުވާފައި ހުރުމުން ދޮރުފޮތިތައް ވަޔާ ނަށަމުން ދިޔައެވެ. ދޮރުފޮތިތަކުގައި ކޭތިފައި އަންނަ ނިވައިރޯޅިތައް ގައިގައި ބީހިލުމުން ކުރެވެނީ ވަރަށް ހިންހަމަޖެހޭފަދަ އިޙްސާސްއެކެވެ. ހަށިގަނޑަށް އަރާމް ވެއެވެ. ފިނިވުމުން އަނާލްއަށް އޭނާގެ މެއާ ދިމާލުން ދެއަތް ހުރަސްކޮށްލެވުނެވެ. އެ ބޮޑު ވެޑިން ޑްރެސްގައި އިންނަން ވުމުން އަނާލްއަށް އުނދަގޫވަމުން ދިޔައެވެ. އެ ހެދުން ގަނޑު ބާލާނޭ ގޮތަކާ ބެހޭގޮތުންވެސް އޭނާގެ ހިތްވަނީ ނުތަނަވަސް ވެފައެވެ.

އިޒިއަން ގޮސް ދޮރުފޮތިތައް ދަމާލުމާއެކު ބެލްކަނީ ދޮރުވެސް ލައްޕާލިއެވެ. އަދި އެނބުރި އަނާލްއަށް ބަލާލިއެވެ. އެ ދެލޮލުން އެތައް ވާހަކައެއް އަނާލްއަށް ބުނެދެމުން ދިޔަ ފަދައެވެ. އޭނާގެ ތުންފަތް މައްޗަށް ވެރިވެފައި ވަނީ ފަނޑު ހިނިތުންވުމެކެވެ. މަޑުމަޑުން އިޒިއަން އަނާލްއާ ދިމާލަށް އަންނަން ފެށުމުން އޭނާގެ ހިތުގެ ތެޅުން ބާރުވިއެވެ.

"އިޒް! ކޮބާ ހެދުންތައް؟ މަންމަ ބުނި ފޮނުވީމޭ...." އަނާލް އިޒިއަން އައިސް ހުއްޓުމާއެކު އަވަސް އަވަހަށް އަހާލިއެވެ.

"ހުރިހާ އެއްޗެއް މިއަދު އަހަރެން މަންމަ ލައްވާ ކަބަޑަށް އަޅައިފިން، ނާލް ބޭނުންވާ ހުރިހާ އެއްޗެއް ވެސް އަތުޖެހޭ ހިސާބުގައި ހުންނާނެ ފަދަ ގޮތަކަށް އެމިލީ ލައްވާ އަހަރެން ކޮޓަރިތެރެވެސް ތަރުތީބު ކުރުވިން، ކަމެއް ބޭނުންނަމަ ނުބުނެ ނުހުންނާތި ނާލް، އެމިލީ ގާތު އަހަރެން ބުނެފަ އޮންނާނީ ނާލްއަށް ފަސޭހަވާނޭ ފަދަ ގޮތަކަށް ކަންތައްތައް ކުރުމަށް" އިޒިއަން ބުނެލިއެވެ. ވަރުބަލިކަން ހަށިގަނޑަށް ވެރިވެ ދެމީހުންވެސް ތިބީއަރާމު ކުރަން ބޭނުންވެފައެވެ.

"ދެން ނިދަމާ" އިޒިއަން އާފުރިލަމުން ބުނެލިއެވެ. އޭނާ ދެފަރާތަށް ދެ އަތް ދަމާލަމުން ހަށިގަނޑަށް ލުއި ކަސްރަތެއް ދިނެވެ. ހަށިގަނޑުގައި ވަނީ ލޮޑްކަމެވެ. ބޭނުންވަނީ އަވަހަށް ނިދާލާށެވެ. އަނާލްއަށް ބަލާލެވުމާއެކު އިޒިއަންއަށް ހިންދިރުވާލެވުނެވެ. ކޮންމެއަކަސް މިރެއަށްފަހު ދެމީހުންގެ ދިރިއުޅުން ވެސް ބަދަލްވީއެވެ. އެތަކެއް ކަމެއް ވެސް ބަދަލްވެގެން ދާނެއެވެ. އޭނާ ހިނތުންވާން މަސައްކަތް ކުރިއެވެ. އަނާލް އެ ހެދުމައިގެން އުޅޭގޮތް ފެނި އޭނާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. އެވަގުތު އޭނާގެ ހިޔާލަށްމޮޅު ވިސްނުމެއް އައެވެ. އަނާލްއަށް ވަގުތުދޭން އޭނާ އޮތީ އެއްބަސް ވެފައެވެ. އެ މޫނުމަތިން ފާޅުވަމުން ދިޔަ އަސަރުތަކުން އޭނާ ނިންމީ އެމިލީއަށް ގޮވާށެވެ. އެހެންނަމަވެސް އޭގެކުރިން އޭނާ އަނާލް ގާތުން ހުއްދައަށް އެދުނެވެ.

"އެމިލީއަށް ގޮވާލަންތަ؟" އިޒިއަން އަހާލިއެވެ. އަނާލް ވިސްނަން އިނދެފައި ބޯޖަހާލީ އޭނާވެސް ބޭނުންވަނީ އެގޮތް ކަމަށްވީމައެވެ. އިޒިއަން އެހެން އެ ކަންތައް ކުރީ އޭނާ ނުތަނަވަސްވެފައި އިންކަން އެނގޭތީއެވެ. އިޒިއަންއާ މެދު އެ ހިތުގައި ދެވިފައި ވި މަޤާމް އެތައް ގުނައެއް ބޮޑުވެގެން ދިޔައެވެ. އެހެންނަމަވެސް މިރެއަށްފަހު އޭނާ ވެސް މަސައްކަތް ކުރާނެއެވެ. އޭނާގެ ބިރުތަކާއި ސިހުމާއި ކުރިމަތިލުމަށެވެ. ހަމައެކަނި އޭނާ އަށްޓަކައެއްނޫނެވެ. އެހެންނަމަވެސް އިޒިއަން އަށްޓަކާ ވެސް މެއެވެ.

އެމިލީއަށް ގޮވާލިއިރު އޭނާ ވެސް ހުރީ އަދި ޕާރޓީއިން އައި ގޮތަށެވެ. އެމިލީ އައުމާއެކު އަނާލް އެއްޗެހި ބަދަލް ކުރިއެވެ. އެ ހެދުމުގެ ބޮޑުކަމުން އެމިލީ އެކަނި އެ މަސައްކަތް ކުރުންވީ އުނދަގޫ ކަމަކަށެވެ. އޭނާ ނިމުމާއެކު އިޒިއަން ކޮޓަރިތެރެއަށް ވަނެވެ. އޭރު އަނާލް އޮތީ އެނދުގައި އޮށޯވެއެވެ. އޭނާގެ އަތުގައި ފޯން އޮތެވެ. އިޒިއަން ފެނި އޭނާ ހިނިތުންވެލިއެވެ. އަނާލްގެ އަނެއްފަރާތުގައި އޮށޯއިން އިޒިއަން އަނާލްއަށް ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ.

އިޒިއަންއަށް ނިދުނީވެސް ކޮންމެވެސް ކަމަކާ ވިސްނަން އޮއްވައެވެ. އަނެއްކޮޅުން އަނާލްގެ ހާލަކީ ކޮބައިތޯއެވެ. އޭނާގެ ހަޔާތުގެ ނައުގެ މިސްރާބު މިވަނީ ހީވެސް ނުކުރާހާ ގޮތަކަށް ބަދަލުވެފައެވެ. އޭނާއަކީ މިހާރު މީހެއްގެ އަންބެކެވެ. އެ ބޮލުގައި ވެސް މަސްއޫލިއްޔަތު ތަކަކާ ވާޖިބުތަކެއް އެޅިފައިއެބައޮތެވެ. ކޮންމެއަކަސް ވެފައި ހުރި ވަރުބައްޔާއެކު ނިދާލަން ދެމީހުންކުރެ އެކަކަށް ވެސް އުނދަގުލެއް ނުވިއެވެ.

ހެނދުނު އިޒިއަންއަށް ހޭލެވުނު އިރުވެސް އަނާލްއެއް ނުހޭލައެވެ. މޯޅިއަކަށް ދެމިލުމަށްފަހު އޭނާ ކުޑަކޮށް ތެދުވެލާ އެނދުގެ ބޯލާ ކޮޅުގައި އިށީނދެލިއެވެ. އަދި އެއްފަރާތުގައި އޮށޯވެގެން އަރާމްކޮށް ނިދާލާފައިވާ އަނާލްއަށް ބަލާލިއެވެ. މަޑުމަޑުން އަނާލްއާ ދިމާލަށް ގުދުވެލީ އެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލުމުގެ ނިޔަތުގައެވެ.

އެހާ ކައިރިން އަނާލް ފެނުނު ފުރަތަމަ ފަހަރެވެ. އެއްފިޔަތަށް ދިގެވެ. ދެލޯ މަރާލައިގެން އޮތްއިރު މޫނުމަތިން ހަމަޖެހުމުގެ އަސަރު ފާޅުވަމުން ދިޔައެވެ. މައުސޫމެވެ. ހޭލާ ހުންނަ ބައެއްވަގުތު ތަކުގައި އެ މޫނުމަތިން ފެންނަ އުދާސްކަމާއި ހާސްކަމުގެ އެއްވެސް އަސަރެއްނެތެވެ. މަޑުމަޑުން އަތް ހިއްލާލުމާއެކު އެއްފަރާތު ލޮލާ ދިމާލަށް ވެއްޓިފައި އޮތް އިސްތަށިތައް އިޒިއަން ދުރަށް ޖައްސާލިއެވެ. އެ ތުންފަތުގައި ހިނިތުންވުމެއްވިއެވެ. އޭނާ އަތް ދަމައިގަތީ އަނާލް ދެފަރާތަށް ކުޑަކޮށް ތެޅިލުމުންނެވެ. އިޒިއަން އަނާލްއަށް ބަލަން އިރުކޮޅަކު އިނުމަށްފަހު ބެލްކަންޏަށް ނުކުމެލިއެވެ. ހިތްގައިމު ތާޒާ ވައިރޯޅިތަކުން އޭނާގެ ހަށިގަނޑަށް އަރާމްވިއެވެ.

ބެލްކަނީގެ ދޮރުތައް ކަހާލުމާއެކު ކޮޓަރިތެރެއަށް ވަތްގަދަ އައްޔާއެކު އަނާލްއަށް ދެލޯ ތަޅުވާލެވުނެވެ. ލޯ ހުޅުވާލެވުނީ މި އޮވެވެނީ އަމިއްލަ ކޮޓަރީގައޭ ހިތާއެވެ. އެހެންނަމަވެސް ވަށައިގެން ބަލާލެވުމާއެކު އޭނާއަށް ބޮލުގައި ޖަހާލެވުނެވެ. އެހާއަވަހަށް ހަނދާން ނެތުނީހެއްޔެވެ؟ މިހާރު އޭނާގެ ކޮޓަރިއަކީ މިއެވެ. ހުރިހާ ކަމެއް ވެސް ވަނީ ބަދަލްވެފައެވެ. ދިރިއުޅުމުގެ ނައު ދެން ދާނީ އޮމާން ކަމާއެކުކަމަށް އަނާލްއަށް އުންމީދުކުރެވުނެވެ.

މޯޅިއަކަށް ދެމިލުމާއެކު އޭނާގެ ނަޒަރު ހުއްޓުނީ ހުޅުވާފައި ހުރި ބެލްކަނީގެ ދޮރާ ދިމާލަށެވެ. އިޒިއަންގެ ހިޔަނި ފެނުމާއެކު އޭނާ ހިނިތުންވެލިއެވެ. ފޯން ނަގާ ގަޑި ބަލާލިއެވެ. އޭރު ގަޑިން ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. އިޒިއަންއަށް ގޮވާލުމުގެ ބަދަލްގައި އަނާލް އެ ދިމާލަށް ނަޒަރު ހުއްޓާލައިގެން އޮތީ އިޒިއަން އެތެރެއަށް ވަންނަން ދެނެވެ. ފޯނުން ވައިބާ އޮން ކޮށްލުމާއެކު ދީމްގެ މެސެޖެއް އޭނާއަށް ލިބުނެވެ.

އަނާލް ނެތުމުން އެންމެ ބޮޑު ފަޅުކަމެއް އޭނާއަށް އިޙްސާސް ކުރެވުނީ ރޭގައި ކަމަށާއި އަނާލް މަތިން ވަރަށް ހަނދާންވާ ވާހަކަ ބުނެފައި ފޮނުވާފައި އޮތް މެސެޖް ފެނުމުން އޭނާ ތުންފަތުގައި ދަތް އަޅާލިއެވެ. އާއެކެވެ. އޭނާ އައުމާއެކު އެންމެ އެކަނިވެރި ވާނޭ މީހަކީ ދީމްއެވެ. ދީމްގެ ހުރިހާ ކަމެއް ވެސް ހިއްސާކުރަމުން ދަނީ އަނާލް އާއެވެ. އެގޮތުން އަނާލް އަށްވެސް ކަމެއް ދިމާވެއްޖެނަމަ އެންމެ އަވަހަށް އެހީތެރިކަމަށް އެދެވެނީ ދީމްގެ ފަރާތުންނެވެ.

އޭނާ އިސްޖަހާލައިގެން އިންދާ އިޒިއަން އެތެރެއަށް ވަތްކަމެއް ވެސް ރޭކާނުލިއެވެ. ސިހުނީ ދާދިގާތުން މީހެއްގެ ހިޔަންޏެއް ވުމުންނެވެ. އިސް އުފުލާލިއިރު އިޒިއަންއެވެ. އޭނާ އަނާލްއަށް ބަލާލިއެވެ. އަދި ހިނިތުންވެލުމެއް ހަދިޔާ ކޮށްލިއެވެ.

"ކޮފީތަ ނޫނީ ސައިތަ؟" އިޒިއަން އަހާލިއެވެ. އަނާލް ދެފަރާތަށް ބޯ ހޫރާލީ އޭނާ މިވަގުތު އެއްވެސް އެއްޗެއް ބޭނުމެއް ނޫނޭ ބުނަމުންނެވެ.

ކުރިއަށް އޮތް ހަފްތާ އެކީގައި އިޒިއަންއާއި އަނާލްއާއި ދެމީހުން ޗުއްޓީ ނެގިކަމުގައި ވިނަމަވެސް އެއްވެސް ތަނަކަށްދާ ހިޔާލެއް ނުކުރިއެވެ. އަނާލް ދާން ބޭނުން ނުވުމުންނެވެ. އޭނާ ޗުއްޓީއެއް ނަގައިގެން ގޮސްފިނަމަ ޕްރޮޖެކްޓްގެ މަސައްކަތަށް ބުރޫ އަރާނެޔޭ ކިޔާފައި ބަހަނާ ދެއްކީއެވެ. އިޒިއަންއަށް ވެސް އަނާލްގެ ވިސްނުން އެނގުމުން އެކަމާ އެއްބަސްވީ އަނާލް ހިންހަމަޖެއްސުމަށެވެ.

އޮފީހަށް ނުގޮސް ހަފްތާއެއް ހޭދަކުރަން ޖެހޭތީ އަނާލް ހުރީ ފޫހިވެފައެވެ. އެހެންނަމަވެސް ކައިވެންޏަށްފަހު އިޒިއަންގެ އާއިލާ އާއެކު ވެސް ގިނަ ވަގުތު ހޭދަ ކުރުމަށްޓަކާ ކުޑަ ޗުއްޓީއެއް ނެގުމަކީ އަނާލްއަށް ފެނުނު އެންމެ ރަނގަޅު ގޮތެވެ. އޭނާ އެ ގޮތަށް ނިންމީ އިޒިއަން އާވެސް ވާހަކަ ދައްކާފައެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރު އަނާލް އާއި އިޒިއަންއާ ދެމެދުވެސް ވަނީ ގާތްގުޅުމެއް އުފެދިފައެވެ. އެކަކު އަނެކަކާ ކޮށްލާ ސަމާސާތަކުން އެ ދެމެދުގައި އޮތް ލޯބި ވަރުގަދަވަމުން ދިޔައެވެ. އިޒިއަން ބޭރުން އަންނައިރު އަނާލްއަށް ގެނެސްދޭ ކުދިކުދި ހަދިޔާ ތަކުން އޭނާގެ ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބެއެވެ. ރޭގަނޑު ދެމީހުން ޓެރެސްގައި ވާހަކަ ދައްކާލަން ތިބޭ ރޭތަށް ވެސް މަދެއްނޫނެވެ. އެ ދެމެދުގައި ތާޒާކަމާއި އާރޯކަމާއެކު ހެދެމުން ދިޔަ ލޯތްބަށް އެއްވެސް އުނިކަމެއް ނާދެއެވެ. އެކަކު އަނެކަކާ މެދު އުފެދެމުންދާ އިޙްސާސްތައް ފުންވަމުން ދިޔައެވެ. އެކަކު އަނެކަކަށް ދެ ހިތް ވެސް ވަނީ ހުޅުވާލާފައެވެ. އިޒިއަންގެ އާއިލާގެ ފަރާތުންވެސް އަނާލްއަށް ލޯތްބާއި އޯގާތެރިކަން ލިބެމުން ދިޔައެވެ. އަނާލްއަށް ކަމެއް ބޭނުންވޭތޯ އަކްނިޒާގެ އިތުރުން ދެން ތިބި މީހުންވެސް އަހައެވެ. ހާއްސަކޮށް ކިނާންގެ ވާހަކަތަކުން އަނާލް ހެއްވާލުމުގައި ކާމިޔާބު ހޯދައެވެ. އެ އަނގަ ގަދަ ކަމާހުރެ ކިނާން އަކީ ސިއްހީދާއިރާއިން ކިޔަވާފައި ހުރި ޒުވާނެއްބާއޭ ވެސް އަނާލްގެ ހިތަށް އެރިލެއް މަދެއްނޫނެވެ.

ސިޓިންރޫމް ސޯފާގައި އިޒިއަންއާއި ކިނާން ތިބީ ކޮންމެވެސް ވާހަކައެއް ދައްކާށެވެ. އޭނާ ވެސް އައިސް އެއްފަރާތުގައި މަޑުކޮށްލިއެވެ.

"ސޯ.... ޖޮބް ކަންތަކާ ދޮންބެ އުޅެދޭންވީތަ؟" އިޒިއަން ކިނާންއަށް ބަލާލާ ސުވާލުކޮށްލިއެވެ.

"ޔެސް! އެކަމަކު ރަނގަޅު ހޮސްޕިޓަލެއް ބޭނުންވަނީ..." ކިނާން ބޯ ޖަހާލިއެވެ. އޭނާ އިޒިއަންއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ.

"ހޫމް، ރަނގަޅު ހޮސްޕިޓަލެއް ދޯ! އަނެއްހެން ބުނާނަމަ ކީ.ޓޮޕް.އެމް މެމޯރިއަލް ހޮސްޕިޓަލްވެސް ރަނގަޅުވާނެ، ދެން ނާލްމެން ޑޭޑްގެ ހޮސްޕިޓަލަކީ ހަމަ މިހާރަށް ބަލާއިރު އެންމެ ރަނގަޅު އެއް ހޮސްޕިޓަލޭ ބުނެވިދާނެ، އެތަނުންވެސް ބަލާލަދެވިދާނެ... ބައިވަރު ވަޒީފާތައް އެބަހުރި އެތަނުގަވެސް..." އިޒިއަން ވިސްނަން އިނދެފައި ޖަވާބު ދިންއިރު އަނާލްއަށް ވެސް ކަޅިއެއް އެއްލިއެވެ.

"އޯ ގަދަ! ފަހަރިމެން ތަނުން ހޯދަދޭން ފަހަރި ހުންނާނެއެއްނު ދޯ" ކިނާންއަށް ވެސް އަނާލް ފެނުމާއެކު ދިމާކޮށްނުލާ ނުހުރެވުނެވެ. އޭނާ އަނާލްއަށް ބަލާލާ އެއްލޯ މަރާލިއެވެ.

"އެ ވަރަކުން ކޯންޗެއްތަ ކިޔެވީ މީނަ، ސިއްރުވެރި ފިރިހެނާ" އަނާލް ވެސް ދޫދޭކަށް ބޭނުމެއްނޫނެވެ. ކިނާންގެ ސަކަ މިޒާޖުގެ ސަބަބުން އޭނާއަށް ކިނާން އާއި ގަޔާވެވެއެވެ. އެ ދެމެދުގައި ވެސް ވަނީ އެކުވެރިކަން ފުދޭވަރަކަށް ބަދަހިވެފައެވެ.

"ހެހެ! އަދިވެސް ނާލްގާތު ނުބުނޭ ދޯ، އޯޑިއޯމެޓްރީ އަދި ސްޕީޗް ލޭންގުއޭޖް ތެރަޕީ އެންޑް ޕެތޮލޮޖީއެއްނު ކިޔަވައިގެން އެ އުޅެނީ، ދެން ރަނގަޅު ތާދޯ" ގޭތެރެއަށް ވަތް ދީމްގެ ކަންފަތުގައި އިޒިއަންގެ އަޑު ޖެހުމާއެކު އޭނާއަށް ކިނާންއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ.

'ދީމް" ހުއްޓި ހުރެވުނު ދީމްއަށް ސިހުން ގެނުވީ އަނާލް ދީމްއަށް ގޮވާލުމުންނެވެ. ދީމް ލާފައި ހުރީ ފެހިކުލައަކަށް ދާ ޓޮޕެކެވެ. ކަޅުކުލައިގެ ލެގިންސްއެއްގައި ހުރިއިރު އޭނާގެ އިސްތަށިގަނޑު ވަނީ ދޫކޮށްލެވިފައެވެ. މަޑުމަޑުން އަނާލްއާ ދިމާލަށް އޭނާ ދިޔައެވެ. އަނާލްއާ އަރާހަމަވެފައި އޭނާ އަނާލްއާ ދިމާލަށް ގުދުވެލާ އަނާލްގެ ގައިގައި ބައްދާލިއެވެ.

"ނާލް" އަނާލް ގައިން ދޫނުކުރި ދީމް އަނާލްއަށް ގޮވާލުމާއެކު އަނާލްގެ ގައިގައި އެއަށްވުރެ ބާރަށް އޮޅުލައިގަތެވެ. ދީމް ރޮނީކަން އަނާލްއަށް ޔަޤީން ވީ އެތެރެއަށް ނޭފަތް ދަމާލީތީއެވެ.

"ދީމް! ކިހިނެތްވީ؟" އަނާލްއަށް ހާސްކަމާއެކު އަހާލެވުނެވެ. އެހެންނަމަވެސް ދީމްއަކަށް ވާހަކައެއް ނުދެކެވުނެވެ. އަނާލްގެ ގައިގައި ބައްދައިގެން އޮވެ ދީމް ރޮމުން ދިޔައެވެ. ތަކުރާރުކޮށް އަނާލް ސުވާލުކުރަން ފެށުމުން ދީމް ކޮންމެވެސް އެއްޗެކޭ ބުނަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ދީމްގެ އަޑު ވަނީ އަރުތެރޭގައި ތާށިވެފައެވެ. އެއްޗެކޭ ބުނެވޭވަރަށް ވުރެ އޭނާގެ ހާލު ބޮޑެވެ.

"މަންމަ...." އުނދަގުލުން ވެސް ދީމް ބުނި ޖުމްލަ އަނާލްގެ ކަންފަތާ ހަމައަށް ފޯރިއެވެ. އޭނާއަށް ދީމްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލެވުނީ ހިތްވަރުކުރާށޭ ބުނަމުންނެވެ.

"ހަމަޖެހިފަ ދީމް ވާހަކަ ދައްކާނީ. އިހަށް ސޯފާގައި އިށީނދެބަލަ" މަޑުމަޑުން އަނާލް ދީމް ދުރުކޮށްލަމުން ބުނެލިއެވެ. އަނާލް ދީމް ސޯފާގައި ބައިންދަމުން ދީމްގެ އަތުގައި ހިފާލިއެވެ. އަދި އެއަށްފަހު ދީމްގެ ކަރުނަތައް ފުހެލިއެވެ.

"އެމިލީ... ފެންތައްޓެއް ގެނެސް ދެވިދާނެތަ؟" ވަށައިގެން ބަލާލި އަނާލްއަށް އެހެންލާފައި ދިޔަ އެމިލީ ފެނުމާއެކު ބުނެލިއެވެ. އެއަށްފަހު އޭނަ އަނެއްކާވެސް ހުރިހާ ސަމާލްކަމެއް ދީމްއަށް ހުއްޓާލިއެވެ.

ކިނާންގެ މޫނުމަތިންވެސް ސަކަ ގޮތްގަނޑު ކެނޑި އެއްކޮށް ސީރިއަސް ވެއްޖެއެވެ. އެ އަންހެން ކުއްޖާ މަދުމަދުން ނަމަވެސް އަނާލްއަށް ޒިޔާރަތް ކޮށް އުޅޭއިރު އަބަދުވެސް އުޅެނީ ހެވިލާފައެވެ. އޭނާ ޖެއްސުމަށް އެއްޗެކޭ ބުނެލާއިރަށް އެއާ ވިއްދައިގެން ކޮންމެވެސް އެއްޗެއް ދީމް ވެސް ބުނެލާނެއެވެ. އެހެންނަމަވެސް މިއަދު އެ ކުއްޖާގެ ފަރާތުން ފެންނަމުން މިދަނީ ވަރަށް އާދަޔާ ޚިލާފް އަސަރުތަކެކެވެ. ކިނާން ފުންނަޒަރަކުން އެ އަންހެން ކުއްޖާއަށް ބަލާލިއެވެ. ރުއިމުގެ ސަބަބުން ދީމްގެ ކޯތާފަތަށް މަޑު ރަތް ކުލައެއް އަރާފައި ވާއިރު ނޭފަތް ވެސް ވަނީ ހިސާބަކަށް ރަތްވެފައެވެ. ދެލޯ ހިސާބަކަށް ދުޅަވެފައި ވެއެވެ. ކަރުނަތައް ފޮހެމުން ދީމް އަނާލް ގާތު ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތް ކުރަމުން ދިޔަނަމަވެސް އެއިން އެއްވެސް ކަމެއް ދީމްއަކަށް ނުކުރެވުނެވެ.

އެވަގުތު އެމިލީ ފެންތައްޓެއް ހިފައިގެން އައުމުން އަނާލް އެ ފެންތަށި ދީމްއަށް ދިއްކޮށްލިއެވެ. ދީމް ފެންތަށީގައި ހިފަމުން ފެންފޮދެއްބޯލިއެވެ.

"ދެން ބުނެބަލަ! ކިހިނެތްވީ؟ ޝަފޫން އާންޓް އަނެއްކާ އެއްޗެކޭ ކީތަ؟" އަނާލް އަހާލިއެވެ. ދީމް ބޯ ޖަހާލީ އެކަމާ އެއްބަސްވުމުގެ ގޮތުންނެވެ. އިސްޖާހާލެވުނު ދީމްއަށް އަނެއްކާވެސް އަނާލް ގޮވާލިއެވެ.

"މަންމަ.... މަންމަ ބުނީ މަންމަ ދުވަހަކުވެސް ދީމްއަށް..... ދީމްއަށް..... ހިތް ހެވެއް ނުކުރާނަމޭ...." ދީމްއަށް ބުނެވުނެވެ. އަނާލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ދެފަރާތަށް ބޯ ހޫރާލެވުނީ ޝަފޫންގެ ވިސްނުން ދީމްއާ ދޭތެރޭ އެހުންނަ ސަބަބަކީ ކޮބައިކަން އޭނާއަށް ވިސްނަ ވިސްނާވެސް ނޭނގޭތީއެވެ. ކުރެވޭހާވެސް ކަމަކީ ދީމްއަށް ހިތްވަރު ދިނުމެވެ. ޝަފޫންގެ ވިހަ ގަދަ ބަސްތަކުން ދީމްގެ ހިތުގައި އެޅޭ ކޫރުމަކީ އޭނާ ބުނެލާ ހަމްދަރުދީގެ ދެބަހަކުން ފަސޭހަވެގެން ދާނޭފަދަ ކޫރުންތަކެއް ނޫނެވެ. ދީމްގެ ހިތުގައި އުފެދޭ ފާރުތަކަކީ އަޅާލާ އާދައިގެ މަލަންގަނޑަކުން ފަސޭހަވާނޭ ފަދަ ފާރުތަކެއް ނޫނެވެ.

"ދީމް! ހިތްވަރު ކުރޭ! އަދި ދީމްގެ މަންމައަށް ވިސްނޭނެ" އެވަގުތު ދީމްގާތުން ހުރިހާ ސުވާލެއް އަހާ ހުރިހާކަމެއް އޮޅުން ފިލުވުމުގެ ބަދަލްގައި އަނާލް ދީމްއަށް ހިތްވަރުދޭން ފެށީ އެވަގުތު ދީމްއާއި މާބޮޑަށް ސުވާލުކޮށް ޝަފޫން ކީ ހުރިހާ އެއްޗެއް އަހަންވެއްޖެނަމަ ދީމްގެ ހިތުގައި މާބޮޑަށް ޖެހޭނެކަން ޔަޤީން ވާތީއެވެ.

އަނާލްގެ ހިތްވަރުގެ ބަސްތަކުން ދީމްގެ ހިތުގައި ލެވިފައިވާ ޒަޚަމްތަކުގައި ގަނޑުފެން އަޅާލަދިންހެން ހީވިއެވެ. މޭތެރޭގައި ނަގަމުން ދިޔަ ދިލަ މަޑުވެ އަރާމް އާތްވެއް އެރިފަދައެވެ. މަޑުމަޑުން ކަރުނަތައް ފުހެލާ ދީމްފުންނޭވާއެއް ދޫކޮށްލިއެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް އޭނާއަށް ގިސްލެވެމުން ދިޔައެވެ. އަނާލްގެ ހިތްވަރުގެ ބަސްތަކުން ކޮންމެވެސްވަރެއްގެ ތަސައްލީއެއް ދީމްއަށް ލިބުނެވެ.

ކިނާން އިނީ ދީމްއަށް ފަރުވާތެރިކަމާއެކު ބަލާށެވެ. ދީމްއާ މެދު އެ ހިތުގައިވަނީ ތަފާތު ސުވާލުތައް އުފެދިފައެވެ. ދީމްއާ ބެހޭގޮތުން ގިނަ ކަންތައްތައް އެނގެން ބޭނުންވެފައިވާ ކިނާންއަށް އަދިވެސް ދީމްއަށް ބެލެނީއެވެ. ދީމްއަށް ކިނާންއާ ދިމާލަށް ބަލާލެވުނު ވަގުތުވެސް ކިނާންއަށް އިނދެވުނީ ދީމްއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ވަގުތު ދީމްގެ ރަތްވެފައިވާ ދެލޮލުން ކިނާންއަށް އަސަރުތަކެއް ކުރުވައިފިއެވެ. އޭނާގެ މެއަށް އާދަޔާޚިލަފް ފިނިކަމެއް އިޙްސާސް ކުރެވުނެވެ. ދީމްގެ ދެލޮލުން ފެނުނު ރިހުން އޭނާގެ ހިތަށް ވެސް ތަދުކުރުވައިފިއެވެ. ހަމަގައިމުވެސް ދީމްއާ ހެދި އެ ހިތުގައި އާ ވިންދެއް ޖަހަންފަށައިފިއެވެ. ކުރިންނުވާ ގޮތްތަކެއްވާން ފަށައިފިއެވެ. އޭނާގެ ހިތްއަވަސްވާގޮތްވިއެވެ. ހިތުގެ ހިނގުމަށް ބަދަލެއް އަތުވެއްޖެއެވެ.

"އުހުމް" އަންނަމުންދިޔަ ބަދަލްތައް ވަންހަނާ ކުރުމަށް ކިނާން ކަރުކެހިލިއެވެ. ދީމްއަށް ވެސް އަނެއްފަރާތަށް އެނބުރެވުނެވެ.

ހަމައަކަށް އެޅިލި ދީމްއާއި އިޒިއަން ވެސް ވާހަކަ ދެއްކިއެވެ. ކޮންމެމީހަކުވެސް ބެލީ ދީމް ހިންހަމަޖެހޭ ކަހަލަ ވާހަކައެއް ދައްކާށެވެ. އެއަށްފަހު ދެން އެތަނުގައި ދެކެވުނީ ކިނާންއަށް ވަޒީފާ ހަމަޖެއްސުމުގެ ވާހަކައެވެ. އަނާލް އޭނާގެ ބައްޕަ ގާތު ވެސް އެ ވާހަކަ ދައްކާލާނަމޭ ބުނުމުން ކިނާން ވެސް ހިންހަމަޖެހުނެވެ. އިރުއިރުކޮޅަކާ އޭނާއަށް ދީމްއަށް ނަޒަރު ހުއްޓާލެވެއެވެ. ދީމްގެ މޫނުމަތިން މިހާރު ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ. މިތަންފެނި ކިނާންގެ ހިތަށް ވެސް ފިނިކަމެއް ވެރިވިއެވެ. އޭނާއަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ދީމް ވާހަކަދައްކަމުން ދިޔައިރު އޭނާއަށް ކަޅި ޖަހާނުލާ ދީމްއާ ދިމާލަށް ބަލަން އިނދެވުނެވެ. މިއީ މީގެ ކުރިން އަންހެން ކުއްޖަކު ފެނިގެން ކިނާންއަށް ވެރިވި އަސަރުތަކެއް ނޫނެވެ. ކިޔަވަން އުޅުނު ދުވަސްވަރު ހުރިހާ ސަމާލްކަމެއް ކިޔެވުމަށް ހުރީތީކަމަށް ވެސް ވެދާނެއެވެ.

ދީމް އިރުއޮއްސުނުއިރުވެސް ދާ ހިޔާލެއްނުކުރިއެވެ. މަންމަގެ ބަސްތަކުން އޭނާގެ ހިތަށް ކޮށްފައިވަނީ ފުން އަސަރުތަކެކެވެ. އެ މަންމައާއި ކުރިމަތިލާންޖެހޭ އެއްވެސްކަމެއް ކުރާކަށް ދީމް ބޭނުމެއް ނުވިއެވެ. ނަމާދުވަގުތު ޖެހުމުން އޭނާ އަނާލްގެ ކޮޓަރީގައި ނަމާދުކުރިއެވެ. އިޝާއަށްފަހު އަނާލް ދީމް ގާތު ގެއަށް ދަނީ ކޮން އިރަކުންތޯ ސުވާލުކުރިއެވެ.

"ގެއަށް ދާ ހިތެއް ނެތް ނާލް! މަންމައާ ކުރިމަތިލާކަށް ބޭނުމެއް ނުވޭ، އަހަރެންނަށް ވެގެންވާނަމަ ދުވަހަކުވެސް މަންމަގެ ކުރިމައްޗަކަށް ނޭރީމުސް." ދީމް ހިންދިރުވާލިއެވެ.

މިއަދު އެ މަންމަގެ ފަރާތުން އޭނާއަށް ރައްދުވި ބަސްތަކުގެ ސަބަބުން ދީމްގެ ލޮލުން އަނެއްކާވެސް ކަރުނަ އަންނަ ގޮތްވިއެވެ. އެހެންނަމަވެސް ތުންފަތުގައި ދަތް އަޅާލުމާއެކު އޭނާ އެ ކަރުނަތައް ކޮންޓްރޯލްކުރަން މަސައްކަތް ކުރިއެވެ.

"އެކަމަކު ދީމް ގެއަށް ނުގޮސްވެސް ނުހުރެވޭނެއެއްނު، ދީމްގެ ޑޭޑް ވެސް ކަންބޮޑު ވާނެއެއްނު" އަނާލް މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަން ފެށިއެވެ.

"ޑޭޑްއަށް އެނގޭ އަހަރެން ހުރީ ނާލް ކައިރީގަކަން" ދީމްއަށް އެހެންބުނެ ނިމުނުތަނާ އަފާޒު ގުޅައިފިއެވެ. އޭނާ އަނާލްއަށް ބަލާލަމުން ފޯންނަގާ ކަންފަތުގައި ޖައްސާލިއެވެ. އަފާޒު އެދުނީ ގެއަށް އައުމަށެވެ. އޭނާ ޝަފޫންއާއި ވާހަކަ ދައްކާނަމޭ ބުނުމުން ދީމް ހިމޭން ވިއެވެ. އެ މަންމައަށް ވިސްނައިދިނުމަކީ ވާނޭކަމެއް ނޫންކަން އޭނާއަށް އެނގެއެވެ.

އަފާޒު ދީމް ބަލާ އަންނަ ވާހަކަ ބުނުމުން ވެސް ދީމް އެއްބަހެއް ނުވިއެވެ. އޭނާ ބުނީ ކޮންމެވެސް ގޮތަކުން ދާނެ ކަމުގައެވެ. އަފާޒު ކުރުނުކޮށް ކިޔަން ފެށުމުން ވެސް ދީމް އެއްބަހެއް ނުވިއެވެ. މިރޭ އޭނާ އަނެއްކާ އަފާޒުއާ އެކު ގޮސްފިނަމަ ޝަފޫންގެ ރުޅި އިތުރަށް ގަދަވާނެއެވެ. ކޮންމެ ގޮތެއްވިޔަސް މިރޭ އަފާޒުވެސް ޝަފޫންއާއި ދިމާލަށް އެއްޗެކޭ ނުބުނެ ނުހުންނާނެއެވެ. އެހެންކަމުން އޭނާ އަފާޒުއާ އެކު ފެނިއްޖެނަމަ ޝަފޫން ވިސްނާނީ އެންމެ ނުބައި ގޮތަކަށެވެ. ޝަފޫން ދީމްއާ ދޭތެރޭ އެހާ ނަފްރަތު ކުރާއިރުވެސް ދީމްގެ ހިތުގައި ޝަފޫންއަށް އިންތިހާ ލޯބިވެއެވެ.

ދީމް އަހަރެން ބުނަންތަ މިގޭ ޑްރައިވަރު ގާތު ގެންގޮސްދޭން" އަނާލް އެދުނެވެ.

"ނޫން"

ދީމް ގެއަށް ދާނީ ޓެކްސީގައޭ ބުނުމުން އަނާލް ހިންހަމައެއް ނުޖެހުނެވެ. ދެމީހުން ލިފްޓުން ފޭބީއެކީގައެވެ. ލިފްޓުން ނުކުމެވުމާއެކު އަނާލް އުނދަގުލުން ދެތިން ނޭވާލިއެވެ. ލިފްޓް ތެރޭގައި އޭނާ ހުރީ ނޭވާ ހާސްވެ ކަންބޮޑުވެފައެވެ. ދީމް ޓެކްސީގައި ދާ ވާހަކަ ބުނުމުން ހިންހަމަ ނުޖެހިފައި ހުރި އަނާލްއަށް ބަލާލަމުން ދީމް އަނެއްކާވެސް އަނާލްއަށް ވިސްނައިދިނެވެ. އޭނާއަށް އެއްވެސްކަމެއް ނުވާނޭކަމާ ގެއަށް ދެވުމުން އަނާލްއަށް ގުޅާނަން ކަމަށް ވައުދުވިއެވެ.

"ދޮންބެ ދައްތާ ހާސް ނުވޭ! މި ހުރީނު މިރޭ ދީމް ގެ ޓެކްސީ ޑްރައިވަރ، ދެން ކޮން ހާހެއް ވާކަން ދޯ" އައި ނައިތަނެއް ނޭނގި ކުއްލިއަކަށް އެތަނަށް ހުއްޓުނު ކިނާން ދީމްއާ ދިމާލަށް އެއްލޯ މަރާލަމުން ވާހަކަ ދެއްކިއެވެ. އޭނާ އަނގަޔަށް ގޮތެއް ހަދާލިއެވެ.

"އެކްސް ކިޔުޒް މީ" ދީމް ދެބުމަ ގާތް ކޮށްލިއެވެ.

"އާތް ލޯބިކަން" ކިނާން ވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. ދީމްގެ އުދާސްކަން ފެނި އޭނާ ބޭނުންވީ ހިނދުކޮޅަކަށް ވެސް ދީމްގެ މޫނުމަތިން އުފާވެރިކަން ދުށުމަށެވެ. ދީމްއަށް ވީ ގޮތް ފެނުމުން އޭނާ ގާތަށް ހިނިއައެވެ. ރުޅިއައުމުން ދީމް މާ ލޯބިކަމަށް ދައްކައެވެ. އޫކޮށްލާފައިވާ ދެ ތުންފަތާ ގޮށްޖެހިފައިވާ ދެބުމައަށް ބަލާލަމުން ކިނާން އަނެއްކާވެސް އެއްލޯ މަރާލިއެވެ. އަނާލްއަށް ނުފެންނަ ގޮތަށް ކިނާން ޖަހަމުން މިގެންދާ ސަކަރާތާ ހެދި ދީމް އަނގައިން ފޫހިއަޑެއް ލައްވާލިއެވެ.

"ދޯ! ދޮންބެ ދައްތީ، އަހަރެން ހުއްޓާ ހާސްވާކަށް ނުޖެހޭނެއެއްނު" އަނާލްއަށް ބަލާލަމުން ކިނާން ވާހަކަ ދެއްކިއެވެ.

"އާނ! އަހަރެންނަށް ވެސް ފެންނަނީ ކިނާންއާ އެކު ދާން، ދީމް!" އަނާލް ވާހަކަ ދެއްކިއިރު ސީރިއަސްކަން އެ އަޑުގައިވިއެވެ.

"ނޫން ނާލް އަހަރެން..."

"ކިތައްފަހަރުތަ ދީމް ގާތު ބުނަންވީ، ދީމްއަކަށް ނޭނގޭނެ އަހަރެން....." ދީމް ގޮތް ދޫ ނުކުރުމުން އަނާލްއަށް އެންމެފަހުން ދީމްގެ ވާހަކަ ހުއްޓުވާ ހަޅޭއްލަވައި ގަނެވުނެވެ. އޭނާ އަނެއް ފަރާތަށް މޫނު އަނބުރާލީ ދުލުން ބުނަން ބޭނުންނުވާ އެއްޗެއް ބުނެވިދާނެތީއެވެ. އެވަގުތު އެ ދިމާލަށްއައި އިޒިއަން އަށްވެސް އަނާލް ބުނިއެތި ސާފުކޮށް އަޑުއިވުނެވެ. އޭނާގެ މޫނުމަތިންވެސް ހިސާބެއްގެ ހާސްކަމުގެ އަސަރުތަކެއް ފެނިލިއެވެ.

"ދީމް! ނާލް ބުނާ ގޮތް ހަދާ، ނާލް އެ ހުރީ ދީމްއާ މެދު ހާދަ ކަންބޮޑުވެފައޭ" އިޒިއަން ވެސް ބުނެލިއެވެ.

އެންމެ ފަހުން ދީމްއަށް ޖެހުނީ ކިނާންއާ އެކު ދާން އެއްބަސް ވާށެވެ. ކިނާންގެ މޫނުމަތީގައި ދުވެލީ ލާނެއް ހިނިތުންވުމެކެވެ. އޭނާއަށް ކާމިޔާބު ލިބުނީތީ އުފާކުރާ ހާލު "ޔެސް އޭ" މަޑުމަޑުން ބުނެލިއެވެ. އަދި ދީމްއަށް ބަލާލަމުން އޭނާ އަންނާށޭ ބުނެ އިޝާރާތް ކޮށްލިއެވެ. ބަސް ހުއްޓިފައިވާ މީހެއްފަދައިން ދީމް ވެސް ކިނާންގެ ފަހަތުން ދިޔައެވެ. ކިނާން ކާރު ނެރެގެން އައިއިރު ވެސް ދީމް އެ ހުރިތާ ހުއްޓެވެ. ކާރު މަޑުކޮށްލުމާއެކު ލަސްތަކެއް ނުވެ އޭނާ ކާރުގެ ފަހަތު ސީޓަށް އެރިއެވެ. މިފަހަރުވެސް ކިނާން މޮޅު ރޭވުމެއް ރާވާލިއެވެ.

"ކުރީ ސީޓަށް އެރީމަ ނޫނީ އަހަރެން ނުދުއްވާނަން" ކިނާން ލޯގަނޑުން ދީމްއާ ދިމާލަށް ބަލާލަމުން ބުނެލިއެވެ.

"ހެވޭ އަހަރެން ނޫޅެމޭ ކޮންމެހެން ތި މީހާ ގަނޑާއެކު ދާކަށް" ދަތްކުނޑި ވިކައިގެން އިނދެ ދީމް ބުނެލި ގޮތުން ކިނާން ގާތަށް ހިނިއައެވެ. އޭނާ ދީމްއާ ވީ ދިމާލަށް އެނބުރުނެވެ.

"އޯކޭ! އެހެންވީއިރު އަހަރެން ބުނާނަން ދޮންބެއާއި ދޮންބެ ދައްތަ ގާތު ދީމް ބުންޏޭ އަހަރެންނަކާ އެކު ނުދާނަމޭ... ހަހަ" ކާރުގެ ދޮރުފަތް ހުޅުވާލަމުން ކިނާން ފައިބަން އުޅުނެވެ.

"ފައިން" އައި ރުޅިން ދީމް ދޮރު ހުޅުވާލާފައި ނުކުތެވެ. އަދި އައިސް ކުރީ ސީޓަށް އަރާ ބާރަށް ދޮރު ލައްޕާލައިފިއެވެ. ކަންފަތުގައި އަތް އަލާލަމުން ކިނާން މިފަހަރުވެސް ދީމްއާ ދިމާކޮށްލިއެވެ.

"އޯހް.... ކޮންހާ ރުޅިއެއް ތި ދޮރުފަތަށް" ކިނާން ބުންޏެވެ. ދީމް އޭނާއަށް ބަލާލިގޮތުން ދެއަތް މައްޗަށް ހިއްލާލަމުން އޭނާ އަމާން ދިނެވެ. އެއަށްފަހު ކާރު ސްޓާރޓް ކޮށްލަމުން ދުއްވާލިއެވެ.

"ދީމް! ހާދަ ލޯބި ނަމަކޭ" ކިނާން ކާރު ގޭޓުންނެރެމުން ބުނެލި އަޑު ދީމްއަށް އިވުނު ނަމަވެސް އޭނާ އެކަން އެނގޭ ކަމަކަށް ނުހެދިއެވެ.

"އަޅެ ތިކުއްޖާއަށް އަޑެއް ނީވޭތަ؟ ޑޯންޓް ވޮރީ، އަހަރެން ކިޔެވިން އޯޑިއޯމެޓްރީ...ބޭނުމިއްޔާ..." ހުއްޓާ ނުލާ އަނގަ ތަޅަމުން ދިޔަ ކިނާންއަށް ދީމް ބަލާލީ ރުޅިވެރިކަމުން ފުރިގެންވާ ބެލުމަކުންނެވެ. ކިނާން ދެ ތުންފަތް ޖައްސާ ބާރުކޮށްލަމުން މަގުމައްޗަށް ސަމާލުކަން ދިނެވެ. އޭރު އޭނާގެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ގެއާ ކައިރިވީ ވަރަކަށް ދީމްގެ ހިތް ނުތަނަވަސް ވަނީއެވެ. ޝަފޫންއާއި ކުރިމަތިލާން މިރޭ އޭނާ ބޭނުމެއް ނޫނެއެވެ. ދީމްއަށް އަންނަމުންދިޔަ ބަދަލްތައް އެންމެގާތުން ދެނެގަތީ ކިނާންއެވެ. އޭނާ އިތުރަށް އެއްޗެއް ބުނާ ހިޔާލް ނުކުރިޔަސް ދީމްގެ ނުތަނަވަސްކަން ދުރުކޮށްދޭން ބޭނުންވިއެވެ. އެހެންނަމަވެސް ބުނާނީ ކީއްކަން އޭނާގެ ސިކުނޑިއަށް އެވަގުތަކު ނަޔެވެ.

ކާރު ހުއްޓާލުމާއެކު ކާރުން ފައިބައިގެން ގޮސް ދީމް ގޭތެރެއަސް ވަދެއްޖެއެވެ. ކިނާން ބުނި އެއްވެސް އެއްޗަކަށް ވެސް އޭނާ ޖަވާބެއް ނުދިނެވެ. "ސްޓްރޭންޖް" ދެފަރާތަށް ބޯ ހޫރާލަމުން ކިނާންއަށް ބުނެވުނެވެ.

(ނުނިމޭ...)

http://sun.mv/114947

comment ކޮމެންޓް