އިންޑިޔާއަކީ 2019 ވަނަ އަހަރު އޮންނަ ވޯލްޑްކަޕްގެ ފޭވަރިޓް ޓީމް - ސަޗިން

އިންޑިޔާގެ މަޝްހޫރު ކުރިކެޓް ތަރި ސަޗިން ޓެންޑުލްކަރ -- ފޮޓޯ/ ގެޓީއިމޭޖަސް

އިންޑިޔާއަކީ 2019 ވަނަ އަހަރު އޮންނަ ކްރިކެޓް ވޯލްޑްކަޕުގެ ފޭވަރިޓް ޓީމު ކަމަށް އިންޑިޔާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރ ބުނެފިއެވެ.

ސަޗިން ޓެންޑުލްކަރ ގެ ކުރީން މަޝްހޫރު ކުޅުންތެރިޔާ ރާހޫލް ޑްރާވިޑް ވެސް ވަނީ މި ފަހަރުގެ ވޯލްޑްކަޕް ހާސިލު ކުރުމުގެ ގާބިލުކަން އިންޑިޔާގެ ކުރިކެޓް ޓީމުގައި ހުރި ކަމަށް ބުނެފައެވެ.

ޓެންޑުލްކަރ ދެކޭ ގޮތުގައި މި ފަހަރުގެ ވޯލްޑްކަޕުގައި އިންޑިޔާއަށް އެންމެ ބޮޑު ޗެލެންޖެއް ކުރިމަތިވާނީ އިނގިރޭސި ވިލާތުގެ ކުރިކެޓު ޓީމުގެ ފަރާތުންނެވެ. މީގެ އިތުރުން ނިއުޒިލޭންޑަކީ ވެސް މި ފަހަރުގެ ވޯލްޑްކަޕުގައި މޮޅު ކުޅުމެއް ދައްކާނެ ޓީމެއް ކަމަށް ޓެންޑުލްކަރ ދެކެއެވެ.

"ނިއުޒިލޭންޑާ ދެކޮޅަށް ކުޅޭ ކޮންމެ ޓީމަކަށް ވެސް ފަސޭހަ ކޮށްލައިގެނެއް މެޗް ކާމިޔާބެއް ނުކުރެވޭނެ. އަހަރެން ދެކޭ ގޮތުގައި މި ޔުނިޓުގައި އެންމެ ވަރުގަދަކޮށް އޮތީ އިނގިރޭސީން. ނިއުޒިލޭންޑަކީ މި ޔުނިޓުގެ ޑާރކްހޯރސް." ކަމަށް ޓެންޑުލްކަރ ބުންޏެވެ.

މި ފާއިތުވެ ދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުޅުނު ވަންޑޭ ކުރިކެޓް މެޗުތަކުގައި އިންޑިޔާއިން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފައެވެ.

އިންޑިޔާއިން ވަނީ 1983 ވަނަ އަހަރާއި 2011 ވަނަ އަހަރު ކުރިކެޓް ވޯލްޑްކަޕް ހާސިލުކޮށްފައެވެ. އެހެންކަމުން މި ފަހަރު ކާމިޔާބު ކުރެވިއްޖެ ނަމަ މިއީ އިންޑިޔާއިން ވޯލްޑްކަޕް އުފުލައިލާ ތިންވަނަ ފަހަރު ކަމުގައި ވާނެއެވެ.

comment ކޮމެންޓް