ހަވާއީގައި ސިނގިރެޓު ވިއްކާ އުމުރު 100 އަހަރަށް މަތި ކުރަނީ

ހަވާއީގައި ސިނގިރެޓު ވިއްކާ އުމުރު މަތި ކުރަން ޕާލިމެންޓަށް ވަނީ ބިލެއް ހުށަހަޅާފައި -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ފެބްރުއަރީ 5): އެމެރިކާގެ ހަވާއީގައި ސިނގިރެޓު ވިއްކާ އެންމެ ހަގު އުމުރަކީ 100 އަށް ހަދަން އެސްޓޭޓުގެ ޕާލިމެންޓަށް ބިލެއް ހުށަހަޅައިފި އެވެ.

އެބިލު ޕާލިމެންޓަށް ހުށަހެޅީ ޑިމޮކްރެޓިކް މެމްބަރު އަދި ޑޮކްޓަރެއް ކަމަށްވާ ރިޗަޑް ކްރޭގަން އެވެ. ކްރޭގަން ވަނީ ސިނގިރެޓު ބުއިން އެއްކޮށް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"ރައްޔިތުންގެ ސިއްހަތު ރައްކާތެރި ކުރުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއް. އަޅުގަނޑުމެން އެއްވެސް ބޭހެއް (ޑޮކްޓަރުންގެ ހުއްދައާ ނުލައި) ގަނެވޭނެ ގޮތް ނަހަދަން. އެކަމަކު ސިނގިރެޓަކީ ހުރިހާ ޑްރަގަކަށް ވުރެ ނުރައްކާތެރި އަދި މާ ދެވިހިފާ އެއްޗަކަށްވާ އިރު ސިނގިރެޓު އެބަ ގަނެވޭ،" ކްރޭގަން ވިދާޅުވި އެވެ.

ކްރޭގަން ހުށަހެޅި ބިލުގައި ވަނީ އަންނަ އަހަރު ސިނގިރެޓު ވިއްކާ އުމުރު 30 އަހަރަށް މަތިކޮށް، 2021ގައި 40އަށް މަތިކޮށް، 2022ގައި 50އަށް މަތިކޮށް، 2023ގައި 60އަށް މަތިކޮށް، 2024ގައި 100އަށް މަތި ކުރުމެވެ.

ހަވާއީގައި މިހާރު އޮންނަ ގޮތުން ސިނގިރެޓު ވިއްކާ އެންމެ ހަގު އުމުރަކީ 21 އަހަރެވެ. އެމެރިކާގެ އެހެން ސްޓޭޓުތަކުގައި 18 ނުވަތަ 19 އަހަރު ވުމުން ސިނގިރެޓު ވިއްކަ އެވެ.

comment ކޮމެންޓް