ލިއޮންގެ އަތް ދަށުވެ ޕީއެސްޖީއަށް ސީޒަނުގެ ފުރަތަމަ ބަލި

ޕީއެސްޖީ އަދި ލިއޮން ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / ސްޕޯޓްސް ޔަހޫ

ލިިއޮންގެ އަތް ދަށުވެ ޕީއެސްޖީއިން މި ސީޒަނުގައި އެއްވެސް މެޗަކުން ބަލި ނުވެ އައުމުގެ ސިލްސިލާއަށް ނިމުން އައިސްފިއެވެ.

ރޭ ފުރާންސް ލީގުގައި ޕީއެސްޖީ އަދި ލިއޮން ބައްދަލު ކުރި މެޗު 1-2 ނަތީޖާ އަކުން ލިއޮން ކާމިޔާބު ކުރި އިރު މިއީ މި ސީޒަނުގައި ލީގު މެޗަކުން ޕީއެސްޖީ ބަލިވި ފުރަތަމަ ފަހަރުއެވެ. މި ބައްޔާއެކު ވެސް ޕީއެސްޖީގެ ތާވަލުގެ މަގާމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ޕީއެސްޖީ އަދި ލިއޮން ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / ބީބީސީ ސްޕޯޓްސް

މެޗުގައި ފުރަތަމައިން ގޯލު ޖަހާ ލީޑު ނެގީ ޕީއެސްޖީއެވެ. ފުރަތަމަ ހަތް މިނަޓު ތެރޭގައި އޭންޖެލް ޑި މާރިއާ ޖަހައިދިން ގޯލާއި އެކު މެޗު ފަސޭހަ ކަމާއި އެކު ޕީއެސްޖީ ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ދެކުނު ނަމަވެސް ފަހަތުން އަރާ ލިއޮން އިން ވަނީ ދެ ގޯލު ޖަހާ މެޗު ކާމިޔާބު ކޮށްފައެވެ.

ލިއޮންގެ ގޯލުތައް އެ ޓީމަށް ކާމިޔާބު ކޮށް ދިނީ މޫސާ ޑެމްބަލޭ އާއި އެ ޓީމުގެ ކެޕްޓަން ނަބީލް ފަކީރް އެވެ. މީގެ އިތުރުން ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ގޮސްފައިވެއެވެ.

ޕީއެސްޖީގެ އެންމެ މުހިންމު ކުޅުންތެރިޔާ ނޭމާ ޖޫނިއާ އަދި އެ ޓީމުގެ މެދުތެރެ ބަލަހައްޓަމުންދާ މާކޯ ވެރާޓީ މިވަގުތު އަނިޔާގައި ހުރުމުގެ ސަބަބުން ޓީމަށް ވަރަށް ދަތި ވަމުންދާ ކަމަށާއި އެ ފަދަ ދެވަނަ ކުޅުންތެރިން ތަކެއް ޓީމުގައި ނެތް ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓަޗެލް ވަނީ ރޭގެ މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައެވެ.

"ފުރަތަމަ ގޯލަށް ފަހު މެޗު މާ ބޮޑަށް ވެސް ފަސޭހަކޮށްލެވުނީ. އަދި އެއަށް ފަހު ވަރަށް ބައިވަރު މިސްޓޭކުތައް ޓީމުން ފާހަގަވި. ލިއޮން އަކީ ވެސް ތަފާތު މޮޅު ޓީމެއް." ޓަޗެލްގެ ވާހަކައިގައި އިތުރުކުރިއެވެ.

comment ކޮމެންޓް