ޚާޝުގްޖީގެ މަރުގެ މައްސަލަ ބަލާ އދ.ގެ ކޮމިޓީ ތުރުކީން ފުރައިފި

އެގްނެސް ކަލަމާޑް

އިސްތަންބޫލް (ފެބްރުއަރީ 4) : ސައޫދީ ނޫސްވެރިޔާ ޖަމާލްއަލްޚާޝުގްޖީގެ މަރުގެ މައްސަލަ ތަހްގީގްކުރާ އދ.ގެ ކޮމިޓީގެ މެންބަރުން ތުރުކީއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު އެގައުމުން ފުރާވަޑައިގެންފި އެވެ.

ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި އެ ކޮމިޓީގެ ވެރިޔާ އެގްނެސް ކަލަމާޑް ވިދާޅުވީ އެކޮމިޓީއަށް ތުރުކީ މަސްއޫލުވެރިންގެ އެއްބާރުލުން ލިބުނު ކަމަށާ އަދި ޚާޝުގްޖީގެ އަވަހާރަކޮށްލުމުގެ ޖަރީމާ އާ ގުޅުންހުރި އޯޑިއޯތައްވެސް ޓީމުގެ ބޭފުޅުން އަޑުއެއްސެވި ކަމުގަ އެވެ. އެހެންކަމުން ތުރުކީއަށް ކުރި ދަތުރަކީ ކާމިޔާބު ދަތުރެއް ކަމަށާއި ޚާޝުގްޖީގެ މަރުގެ ޖަރީމާގެ ތަހްގީގްތަކާ ބެހޭ ގިނަ މައުލޫމާތުތަކެއް އެދަތުރުގެ ސަބަބުން ލިބުނު ކަމަށް ކަލަމާޑް ވިދާޅުވި އެވެ. ކަލަމާޑް އަކީ ހައްގަކާ ނުލައި މަރާލާ މީހުންނާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ އެވެ.

ކަލަމާޑްގެ އިތުރުން އެ ކޮމިޓީގައި ހިމެނެނީ އިނގިރޭސި ވިލާތުގެ ގާނޫނީ ވަކީލެއް ކަމަށްވާ ހެލެނާ ކެނެޑީ އާއި އިނގިރޭސި ޕާލަމެންޓްގެ މަތިގެ ކަމަށްވާ ހައުސް އޮފް ލޯޑްސްގެ މެންބަރެއް ކަމަށްވާ ޑުއާޓް ނޫނޯ ވިއެރާ އެވެ. އެ ތިން ބޭފުޅުން ތުރުކީއަށް ވަޑައިގެންނެވީ މިދިޔަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ކަލަމާޑް ވަނީ ޚާޝުގްޖީގެ މަރުގެ ޖަރީމާ ހިންގި ތަން ކަމަށްވާ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓަށް ވަނުމުގެ ފުރުސަތު ދިނުމަށް އެދި ސައޫދީ ސަރުކާރަށް ވެސް ދަންނަވައިފަ އެވެ. ނަމަވެސް އެ ހުށަހެޅުމަށް ސައޫދީ ސަރުކާރުން ޖަވާބު ދީފައެއް ނުވެ އެވެ.

ޚާޝުގްޖީގެ މަރުގެ ޖަރީމާގެ ފަހަތުގައިވާ ކަމަށް ތުރުކީންނާއި އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ) އިން ނުސީދާ ގޮތެއްގައި ތުހުމަތު ކުރަނީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ މައްޗަށެވެ. އެޖަރީމާގެ ފަހަތުގައި ވަނީ ބިން ސަލްމާން ކަމަށް ސީއައިއޭ އާ ހަވާލާދީ އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓު ބުނެފައިވެ އެވެ. ޕޯސްޓުން ހާމަކުރި ވާހަކަތައް ސީއައިއޭން ދޮގުކޮށްފައެއް ނުވެ އެވެ. ސީއައިއޭގެ ވެރިޔާ ޖެނާ ހަސްޕެލް ވަނީ ޚާއްސަ ފަންނީ ޓީމަކާ އެކު އެކަން ބެލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތުރުކީއަށް ޒިޔާރަތް ކުރައްވައިފަ އެވެ. ސައޫދީ ސަރުކާރުންވަނީ އެތުހުމަތަކަށް އިންކާރުކޮށްފަ އެވެ. (އަނަތޯލިޔާ)

ގުޅޭ ޓެގު
comment ކޮމެންޓް