ކޮންގްރެސް ޕާޓީގެ އައު "އިންދިރާ ގާނދީ"އަކީ ކާކު؟

ޕްރިޔަންކާ ގާނދީ (ކ) އާއި އެކަމަނާގެ ބައްޕަފަރާތު މާމަ އިންދިރާގާނދީ (ވ) -- ފޮޓޯ/ ގެޓީއިމޭޖަސް

އިންޑިޔާގެ ބޮޑުވަޒީރުކަމުގެ މަގާމު މިހައި ތަނަށް ފުރުއްވި ހަމަ އެކަނި އަންހެން ބޭފުޅަކީ އިންދިރާ ގާނދީއެވެ. އިންދިރާ ގާނދީއަކީ ވަރަށް ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެކެވެ.

އިންޑިޔާގެ މަޝްހޫރު ސިޔާސީ ޚާންދާނު ނެހުރޫ-ގާނދީ އާއިލާގެ ޕާޓީ ކަމުގައިވާ ކޮންގްރެސް ޕާޓީގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ދެ ދައުރެއްގެ މަތީން 15 އަހަރަށް ވުރެ ގިނަ ދުވަހު އެކަމަނާ ވަނީ އިންޑިޔާގެ ބޮޑުވަޒީރުކަން ކުރައްވައިފައެވެ. އެކަމަނާގެ ބައްޕަ ޖަވާހަރްލާލް ނެހްރޫ ނޫން އެހެން އެއްވެސް ބޭފުޅަކަށް އިންޑިޔާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި މިހައި ގިނަ ދުވަހު ހުންނެވިފައެއް ނެތެވެ.

އިންދިރާ ގާނދީގެ ޖަނާޒާގެ ތެރެއިން -- ފޮޓޯ/ އިންޑިޔާޓުޑޭ

1984 ގައި އިންދިރާ ގާނދީ އަވަހާރަކޮށްލުމުން ދެން ބޮޑުވަޒީރު ކަމަށް ވަޑައިގަތީ އެކަމަނާގެ ދޮށީ ދަރިކަލުން ރަޖީވް ގާނދީއެވެ. އެހެންނަމަވެސް ދަރިކަލުން ރަޖީވް ގާނދީއަކީ އެކަމަނާ ފަދަ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެއް ކަމަކަށް އިންޑިޔާގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ނުދެއެކެވެ.

ނެހްރޫ-ގާނދީ އާއިލާއަށް އިންޑިޔާގެ ރައްޔިތުންގެ ތެރޭގައި ލިބިފައިވާ ލޯތްބަކީ ރަޖީވް ގާނދީއަށް ސިޔާސީ މައިދާނުގައި ކާމިޔާބީތަކެއް ހާސިލު ކުރެވުނު ހަމައެކަނި ސަބަބު ކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ.

އާއިލީ ގޮތުން ގުޅުމެއް ނެތް ނަމަވެސް ނެހްރޫ-ގާނދީގެ އާއިލީ ނަންކަމުގައިވާ "ގާނދީ" މި ނަމުގެ ސަބަބުން، ނެހްރޫ-ގާނދީ އާއިލާއަކީ އިންޑިޔާގެ މިނިވަންކަމުގެ ބަޠަލު މަހާތުމާ ގާނދީގެ އާއިލާ ކަމަށް އިންޑިޔާގެ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައި އޮތުމަކީ ވެސް ނެހްރޫ-ގާނދީ އާއިލާގެ ބޭފުޅުންނަށް ލިބިފައި އޮންނަ ސިޔާސީ މީޒާއެކެވެ. ހަގީގަތުގައި ނެހްރޫ-ގާނދީ އާއިލާގެ ބޭފުޅުންގެ އާއިލީ ނަންކަމުގައި "ގާނދީ"، މި ނަންވެފައި ވަނީ އިންދިރާ ގާނދީގެ ފިރިކަލުން އަދި ރަޖީވް ގާނދީގެ ބައްޕާފުޅުގެ ނަންފުޅަކީ ފީރޯޒް ގާނދީ ކަމުގައި ވާތީއެވެ.

1991 ވަނަ އަހަރުގެ އާންމު އިންތިހާބުގެ ކެންޕޭނުގައި އުޅުއްވަނިކޮށް ރަޖީވް ގާނދީ އަވަހާރަ ކޮށްލުމާ ގުޅިގެން ނެހްރޫ-ގާނދީ ޚާންދާނުގެ ކުރިމަގާ ބެހޭ ގޮތުން މީހުން ވާހަކަ ދައްކާން ފެށިއެވެ.

ރަޖީވް ގާނދީގެ ހުވަފަތް އަނބިކަނބަލުން ސޯނިޔާ ގާނދީއާއި ދަރިކަލުން ރާހުލް ގާނދީއާއި ދަރިކަނބަލުން ޕްރިޔަންކާ ގާނދީއާ ތިން ބޭފުޅުން ކުރެ ނެހްރޫ-ގާނދީ ޚާންދާނުގެ ސިޔާސީ ދިދަ ހިއްޕަވައިގެން ކުރިޔަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއް ތޯ މީހުން ސުވާލު ކުރާން ފެށިއެވެ.

ޕްރިޔަންކާ، ސޯނިޔާ، ރާހުލް: ރަޖީވް ގާނދީގެ ޖަނާޒާގެ ތެރެއިން -- ފޮޓޯ/ އޭއެފްޕީ

އެހެންނަމަވެސް ރަޖީވް ގާނދީ އަވަހާރަވުމާ އެކު ނެހްރޫ-ގާނދީ އާއިލާ ސިޔާސީ މައިދާނުން ފެނުމުގެ އުންމީދު ވަރަށް ބޮޑަށް ފަނޑު ވެގެން ދިޔައެވެ. އެއީ ރަޖީވް ގާނދީގެ ހުވަފަތް އަނބިކަނބަލުން ސޯނިޔާ ގާނދީ ސިޔާސީ ކަންކަމާ ދުރުގައި ހުންނަވާން އޭރު ނިންމެވުމާއި، ރަޖީވް ގާނދީގެ ދެ ބޭފުޅުން ކަމުގައި ވާ ޕްރިޔަންކާ ގާނދީއާއި ރާހުލް ގާނދީ ވެސް ސިޔާސީ ކަންކަމުގައި ބައިވެރި ނުކުރައްވާން ސޯނިޔާ ގާނދީ އޭރު ނިންމެވުމުންނެވެ.

ރަޖީވް ގާނދީ އަވަހާރަވުމަށް ފަހު ވެސް ކޮންގްރެސް ޕާޓީ ސިޔާސީ މައިދާނުގައި ހަމަ ޖެހިލިއެވެ. އަދި 1991 ވަނަ އަހަރުގެ އާންމު އިންތިހާބު ކާމިޔާބުކޮށް ކޮންގްރެސް ޕާޓީން ވެރިކަމަށް އައެވެ.

އެހެންނަމަވެސް އަޔޯދިޔާގައި ހުރި ބާބްރީ މިސްކިތް ތަޅާލުމުގެ ހާދިސާއާއި ބޮންބޭގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާތަކާ ގުޅިގެން ނަރަސިމްހަ ރާއޯގެ ބޮޑުވަޒީރު ކަމުގެ ދުވަސްވަރުގައި ކޮންގްރެސް ޕާޓީ ދިޔައީ ނިކަމެތި ވަމުންނެވެ. އެކަމާ ގުޅިގެން އަނެއްކާވެސް ގިނަ ބަޔަކަށް ގަބޫލު ކުރެވުނީ ކޮންގްރެސް ޕާޓީ ވަރުގަދަ ކުރެވޭނީ އެ ޕާޓީގެ ޒައާމަތުގައި ނެހްރޫ-ގާނދީ އާއިލާއިން އިސް ދައުރެއް އަދާ ކޮށްގެން ކަމަށެވެ.

ކޮންގްރެސްގެ ޒައީމުންގެ ތެރޭގައި ނެހްރޫ-ގާނދީ ޚާންދާނުގެ ބޭފުޅުން ނޫން ބޭފުޅަކަށް މުޅި އިންޑިޔާގެ ރުހުން ލިބޭ ގޮތެއް ނުވެއެވެ. އެހެންކަމުން ނެހްރޫ-ގާނދީ ޚާންދާނުގެ ބޭފުޅުންނާ ނުލައި ކޮންގްރެސް ޕާޓީއަށް އިންޑިޔާގެ ސިޔާސީ މަސްރަހުގައި ހިފަހައްޓައި ނުލެވޭނެ ކަމަށް ކޮންގްރެސް ޕާޓީގެ ގިނަ މެންބަރުންނަށް ގަބޫލު ކުރެވުނެވެ.

މި ސަބަބާ ހުރެ ރަޖީވް ގާނދީގެ ހުވަފަތް އަނބިކަނބަލުން ސޯނިޔާ ގާނދީގެ އަރިހުގައި ޕާޓީގެ ޒައާމަތާ ހަވާލުވެވަޑައިގަތުން އެދި ކޮންގްރެސް ޕާޓީގެ އެކި ފެންވަރުގެ ބޭފުޅުން ގެންދެވީ ތަކުރާރުކޮށް އެދިވަޑައިގަންނަވަމުންނެވެ.

ސޯނިޔާ ގާނދީ ކޮންގްރެސް ޕާޓީގެ ޒައާމަތާ ހަވާލުވެ ވަޑައިގަންނަވާން ނިންމެވީ ޕާޓީގެ އިސް ފަރާތްތަކުން ތަކުރާރުކޮށް އެކަމަށް އެދި ހުށަހަޅަމުން ދާތާ ބަރާބަރު ނުވަ އަހަރު ފަހުންނެވެ. އޭގެ ފަހުން ކޮންގްރެސް ޕާޓީގެ ޒައީމަކީ ސޯނިޔާ ގާނދީއެވެ. ސޯނިޔާގެ ޒައާމަތުގައި ކޮންގްރެސް ޕާޓީން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. މި ގޮތުން 2004 ވަނަ އަހަރުގެ އިންތިހާބުގެ ކާމިޔާބީއާއި 2009 ވަނަ އަހަރުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަ ކޮށްލެވެއެވެ.

އާންމު އިންތިހާބު ކޮންގްރެސް ޕާޓީއަށް ކާމިޔާބު ކުރެވުނު ނަމަވެސް ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިނުގެންނެވުމަށް ސޯނިޔާ ގާނދީ ނިންމެވިއެވެ. އޭގެ އެއް ސަބަބެއް ކަމަށް އިންޑިޔާގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވަނީ، ސޯނިޔާއަކީ އަސްލު އިޓަލީގެ ބޭފުޅެއް ކަމަށް ވުމުން، ބޮޑުވަޒީރުކަމަށް އެކަމަނާ ވަޑައިގެންފި ނަމަ އިންޑިޔާގެ ވަޠަނީ ހިޔާލުގެ ހަރުކަށި މީހުން އެކަމަނާ އަވަހާރަކޮށްލަފާނެ ކަމުގެ ބިރު އޮތުމެވެ.

ރާހުލް ގާނދީ، ޕްރިޔަންކާ ގާނދީ އަދި ޕްރިޔަންކާގެ ފިރިކަލުން -- ފޮޓޯ/ އޭއެފްޕީ

ކޮންގްރެސް ޕާޓީގެ ލީޑަރެއްގެ މަގާމުގައި ސޯނިޔާ ގާނދީ ހުންނަވައިގެން އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މަންމޯހަން ސިންހ އަށް ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވުމުން ރަޖީވް ގާނދީގެ ދެ ބޭފުޅުން ކަމުގައި ވާ ރާހުލް ގާނދީއާއި ޕްރިޔަންކާ ގާނދީގެ ސިޔާސީ ކުރިމަގާ މެދު ސުވާލު އުފެދުނެވެ.

1998 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމަޔަށް ކޮންގްރެސް ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ ސޯނިޔާ ގާނދީއެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ކޮންގްރެސް ޕާޓީގެ ރައީސަކީ އެކަމަނާގެ ދަރިކަލުން ރާހުލް ގާނދީއެވެ.

އެހެންނަމަވެސް ރާހުލް ގާނދީއަށް ވުރެ ޝަހުސިއްޔަތު ވަރުގަދައީ ޕްރިޔަންކާ ގާނދީ ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ.

"މަންމަ ސޯނިޔާ ގާނދީ އާއި ބޭބެ ރާހުލް ގާނދީއާ ޚިލާފަށް، ބޭނުންފުޅު ކޮންމެ ވާހަކައެއް، މީހުން ބަލައިގަންނާނޭ ގޮތަށް ދެއްކެވުމުގެ ގާބިލުކަން ޕްރިޔަންކާ ގާނދީއަށް ވަނީ ލިބިވަޑައިގެންފައި." ކަމަށް ކޮންގްރެސް ޕާޓީގެ އިސް ބޭފުޅެއް ކަމުގައިވާ ނަޓްވަރު ސިންހ އޭނާ ލިޔުއްވި "ވަން ލައިފް އިޒް ނޮޓް އިނަފް" މި ފޮތުގައި ލިޔުއްވައިފައިވެއެވެ.

އިންޑިޔާގެ އާންމުންނަށް ޕްރިޔަންކާ ގާނދީ އެންމެ ފުރަތަމައަށް އާންމު ތަނަކުން ފެނިފައި ވަނީ ޕްރިޔަންކާ ގާނދީގެ ބައްޕަ ފަރާތު މާމަ އިންދިރާ ގާނދީގެ ޖަނާޒާގައި މަންމަ ސޯނިޔާ ގާނދީއާ އެކުއެވެ.

ޕްރިޔަންކާގެ ބައްޕަ ފަރާތު މާމަ ނުވަތަ ޕްރިޔަންކާގެ މުންނަ އިންދިރާ ގާނދީ އަވަހާރަ ވި އިރު، ޕްރިޔަންކާ ގާނދީގެ އުމުރުފުޅަކީ 12 އަހަރެވެ. ޕްރިޔަންކާ ގާނދީ އުފަންވެ ވަޑައިގަތީ 12 ޖަނަވަރީ 1972 ގައެވެ.

ޕްރިޔަންކާ ގާނދީގެ އިސްތަށިކޮޅު އޮންނަ ގޮތާއި ނޭފަތްޕުޅާ ދިމާއިން މުންނަ އިންދިރާ ގާނދީއާއި ޕްރިޔަންކާ ގާނދީ ވަރަށް ވައްތަރުފުޅެވެ. އުމުރުފުޅުން ދުވަސް ވެވަޑައިގަންނަވާ ވަރަކަށް މުންނާފުޅު އިންދިރާ ގާނދީއާ ވައްތަރުފުޅު ވަމުން އަންނަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިންޑިޔާގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ޕްރިޔަންކާ ގާނދީއަކީ އައު އިންދިރާ ގާނދީއެވެ.

ޕްރިޔަންކާ ގާނދީ، މަންމާފުޅު ސޯނިޔާ ގާނދީއާ އެކު -- ފޮޓޯ/ ގެޓީއިމޭޖަސް

ބޭބެ ރާހުލް ގާނދީއެކޭ އެއްފަދައިން ޕްރިޔަންކާ ގާނދީ ވެސް މިހާރު ގެންދަވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އަދި މަންމަ ސޯނިޔާ ގާނދީއަށް ސިޔާސީ ކަންކަމުގައި އެހީތެރިވެ ވަޑައިގަންނަވަމުންނެވެ.

ކޮންގްރެސް ޕާޓީން އިންޑިޔާގެ ސިޔާސީ މައިދާނުގައި ވަރުގަދަކޮށް އޮތުމަށް ކުރަމުންދާ މަސައްކަތުގައި ކޮންގްރެސް ޕާޓީގެ ގިނަ ބަޔަކު ދަނީ ޕްރިޔަންކާ ގާނދީއަށް ފުރުސަތު ދިނުމަށް ގޮވައިލަމުންނެވެ.

ޕްރިޔަންކާ ގާނދީ އިންތިހާބީ ހަރަކާތެއްގެ ތެރޭގައި -- ފޮޓޯ/ އޭއެފްޕީ

ޕްރިޔަންކާގެ ވާހަކަފުޅު ދެއްކެވުމުގެ އުސްލޫބު ވެސް މުންނާފުޅު އިންދިރާ ގާނދީއާ ވަރަށް އެއްގޮތް ކަމަށާއި، އިންދިރާ ގާނދީގެ ވާހަކަފުޅުގައި ހުންނަ އުންމީދީ އަސަރު ޕްރިޔަންކާގެ ވާހަކަފުޅުގައި ވެސް ހުންނަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރާއޭ ބަރޭލީގެ އިންތިޚާބީ އެއްވުމެއްގައި ޕްރިޔަންކާ ގާނދީ ވާހަކަފުޅު ދެއްކެވުމުން ނެހްރޫ-ގާނދީ އާއިލާއަށް ވަފާތެރި ގިނަ ބަޔަކަށް ވަނީ އުންމީދުތަކެއް ލިބިގެން ގޮސްފައެވެ.

"އަހަރެންގެ ޚާންދާނަށް ބޭވަފާތެރިވި މީހަކު ރާއޭ ބަރޭލީގެ ގޮނޑިޔަށް އިންތިޚާބު ކުރެއްވީ ކީއްވެގެން ތޯ؟" ޕްރިޔަންކާ ސުވާލު ކުރެއްވިއެވެ.

ޕްރިޔަންކާގެ މި ވާހަކަފުޅާ ގުޅިގެން އެ ޚާންދާނަށް ނިސްބަތްވާ އެކަމަކު ސޯނިޔާ ގާނދީއާ ދެކޮޅަށް މަސައްކަތް ކުރާ އަރޫން ނެހްރޫއަށް ވަނީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

1999 ވަނަ އަހަރު އެންޑީޓީވީން ސިޔާސީ މައިދާނުން ޕްރިޔަންކާ ފެނިދާނެތޯ ސުވާލު ކުރުމުން އެ ކަމަނާ ވިދާޅުވީ "އެކަމަށް ޓަކައި ތިޔަ ބޭފުޅުން ދިގު އިންތިޒާރެއް ކުރައްވާން ޖެހިވަޑައިގަންނަވާނެ." ކަމަށެވެ. އޭގެ ދިހަ އަހަރު ފަހުން 2009 ގައި އެކަމަނާ ވަނީ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމަށް އަދިވެސް ގަސްތު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުގެ ހިތާއި ސިކުނޑި އެންމެ ރަނގަޅަށް އެނގޭނީ އަޅުގަނޑަށް." ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. މިއާ އެކު އެކަމަނާ ވަނީ ސިޔާސީ ދާއިރާއަށް އެކަމަނާ ނުކުމެވަޑައިގެންފާނެ ކަމުގެ އުންމީދު ލިބޭ ފަދަ ވާހަކަފުޅެއް ވެސް ދައްކަވައިފައެވެ. މި ގޮތުން އެކަމަނާ ވަނީ "އަޅުގަނޑުގެ ރޯލްމޮޑެލްއަކީ އަޅުގަނޑުގެ މުންނަ. އެކަމަނާއަކީ ވަރުގަދަ ސިޔާސީ ޝަހްސިއްޔަތެއްގެ އިތުރުން ވަރަށް ވަރުގަދަ އިންސާނީ ޝަހުސިއްޔަތެއް ވެސް މެ." ކަމަށް ވިދާޅުވެފައެވެ.

ޕްރިޔަންކާ ގާނދީގެ ރޯލްމޮޑެލްއަކީ މުންނާފުޅު އިންދިރާ ގާނދީ ކަމަށް ވާ ނަމަ ސިޔާސީ ދާއިރާގެ އެންމެ މަތީ ހަރުފަތުން އެކަމަނާ ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.

ޕްރިޔަންކާ ގާނދީ -- ފޮޓޯ/ ގެޓީއިމޭޖަސް

ރާއޭ ބަރޭލީގައި މަންމާފުޅު ސޯނިޔާ ގާނދީގެ ކެންޕޭނުގައި އަދި އަމޭޓީގައި ބޭބެ ރާހުލް ގާނދީގެ ކެންޕޭނުގައި ހަރަކާތްތެރިވެ ވަޑައިގެން ޕްރިޔަންކާ ގާނދީ ވަނީ މީހުންގެ ރުހުން ހޯދުމުގެ ހުނަރު އެކަމަނާގެ ކިބައިގައި ހުރިކަން ސާބިތުކޮށް ދެއްވައިފައެވެ.

"ޕްރިޔަންކާ ގާނދީގެ ބަސްމަގު ހުންނަ ގޮތާއި ވާހަކަފުޅު ދައްކަވާ ރާގާއި ހަށިކޮޅުގެ ކުލައާއި އިސްތަށިކޮޅު ބަހައްޓަވާ ގޮތްކޮޅު މުންނާފުޅު އިންދިރާ ގާނދީއާ ވަރަށް ވައްތަރު." ނެހްރޫ-ގާނދީ ޚާންދާނާ ބެހޭ ގޮތުން ދިރާސާކުރާ ދިރާސާވެރިއެއް ކަމަށް ވާ ރީޙާން ބުންޏެވެ.

ދެ ކުދީންގެ މަންމައެއް ކަމުގައިވާ ޕްރިޔަންކާ ގާނދީއާ އުއްތަރަޕްރަދޭޝްގެ އިރުމަތީގެ ޒިލާތަކުގެ ސިޔާސީ ހަރަކާތްތައް ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތާއި ކޮންގްރެސް ޕާޓީގެ އަމީންއާންމުކަމުގެ މަގާމު ހަވާލުވުމުން ސިޔާސީ މައިދާނުގައި އެކަމަނާގެ އިމްތިހާނު މިހާރު ވަނީ ފެށިފައި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

"އިންދިރާ ގާނދީގެ ސިފަތައް ހުރިހައި މާނައެއްގައި ޕްރިޔަންކާގެ ކިބައިގައި އެބަ ހުރި. މިއީ އެކަމަނާ އެކަން އަމަލީ ގޮތުން ސާބިތުކޮށް ދެއްވާން ވީ ވަގުތު." ޕްރިޔަންކާ ގާނދީގެ ހަޔާތުގެ މައްޗަށް ދިރާސާ ކުރާ ލިޔުންތެރިއެއް ކަމަށް ވާ ރަޝީދު ބުންޏެވެ.

ޕްރިޔަންކާ ގާނދީގެ އެންމެ ހާއްސަ އެއް ސިފައަކީ އެކަމަނާއަށް ލިބިވަޑައިގެންފައިވާ ވާހަކަ ދެއްކެވުމުގެ ހުނަރެވެ. އެކަމަނާ ވަނީ ހިންދީ ބަހުގެ ބަހުރުވަތަކާއި އަދަބިއްޔާތު ވަރަށް ރަނގަޅަށް ދަސްފުޅު ކުރައްވައިފައެވެ. އެކަމަނާ ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ އިހުސާސްތައް ދެނެގަތުމަށާއި ރައްޔިތުންނަށް އުންމީދު ދިނުމަށް އޮތް އެންމެ ފުރިހަމަ ވަސީލަތަކީ މާދަރީ ބަހެވެ. އެކަމަނާގެ ވާހަކަފުޅު ދެއްކެވުމުގައި ހުންނަ އެހެންމީހުންނާ ހަމަޔަށް ފަސޭހައިން ފޯރުކޮށް ދިނުމުގެ ބާރުގެ ސިއްރަކީ ހިންދީ ބަހުގެ އަދަބިއްޔާތުގެ ތެރެއަށް ވެދެވަޑައިގެން ހުންނެވުމާއި ހިންދީ ބަހުގެ ބަހުރުވަތައް ދެނެވަޑައިގަންނަވާލެއް ފުރިހަމަކަމުން ކަމަށް ރަޝީދު ވެސް ދެކެއެވެ.

ޕްރިޔަންކާ ގާނދީއަށް ހިންދީ ބަހުގެ އެންމެ ގިނަ ފިލާވަޅުތައް ލިބިވަޑައިގަތީ މަޝްހޫރު ފިލްމީ ތަރި އަމީތާބުގެ މަންމަގެ ފަރާތުންނެވެ. އިންދިރާ ގާނދީ އަވަހާރަވުމަށް ފަހު އަމީތާބުގެ އާއިލާއާއި ރަޖީވް ގާނދީގެ އާއިލާގެ ދެމެދުގައި ވަރަށް ބޮޑު ގާތްކަމެއް އުފެދިގެން ދިޔައެވެ. އެހެންނަމަވެސް ރަޖީވް ގާނދީ އަވަހާރަވުމުން މި ގުޅުމަށް ހީނަރުކަން އައެވެ.

ޕްރިޔަންކާއަކީ އަމިއްލަފުޅު ވަރުގަދަ ޝަހުސިއްޔަތެއްކަން ފެނިގެންދާ އެއް ކަމަކީ އެކަމަނާ ކަންކަމުގައި ރައްދު ދެއްވާ ގޮތެވެ. އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެއް ފަހަރަކު ޕްރިޔަންކާއަކީ ތިމަންނާގެ އުފަން ދަރިކަނބަލެއް ފަދައޭ ވިދާޅުވުމުން ޖަވާބުގައި ޕްރިޔަންކާ ވިދާޅުވީ، "އަހަންނަކީ ރަޖީވް ގާނދީގެ ދަރިކަނބަލުން." ކަމަށެވެ. ކެންޕޭނުގެ ތެރޭގައި ގާނދީ އާއިލާއަށް ނިސްބަތް ކުރައްވައި މޯދީ "އާރް.އެސް.ވީ.ޕީ" (ރާހުލް، ސޯނިޔާ، ވާޑްރާ، ޕްރިޔަންކާ) މި ގޮތަށް ރަމްޒު އަކުރުން ވާހަކަ ދެއްކެވުމުން ޕްރިޔަންކާ ވަނީ އެ ކަމަށް ރައްދު ދެއްވަމުން، "މޯދީ! ތި ބޭފުޅާއަކީ ޕްރައިމެރީ ސްކޫލެއްގެ ޓީޗަރެއް ނޫން. އާރް.އެސް.ވީ.ޕީ އާއި އޭ.ބީ.ސީ.ޑީގެ ފިލާވަޅުތައް މީހުންނަށް ނަންގަވައި ދެއްވާން ނޫޅުއްވާ" ށޭ ވިދާޅުވެފައެވެ.

ޕްރިޔަންކާ ގާނދީ އަމިއްލަފުޅަށް ސީދާ ބަހުރުވައިން އެކަމަނާ ސިޔާސީ މައިދާނަށް އެއްކޮށް ނުކުމެ ވަޑައިގަންނަވާ ވާހަކަ ވިދާޅު ނުވި ނަމަވެސް އިންޑިޔާގެ މީޑިޔާއިން ދަނީ އެކަމަނާއާ މެދު ހޫނު ބަހުސްތަކެއް ކުރަމުންނެވެ.

ބީޖޭޕީއަށް ނިސްބަތްވާ އަދި ބިހާރު ސްޓޭޓުގެ އިސް ސިޔާސީއަކު ވަނީ "ޕްރިޔަންކާގެ ކިބައިގައި ރީތިކަން ފިޔަވައި އެއްވެސް މޮޅުކަމެއް ނެތް." ކަމަށެވެ. ބީޖޭޕީ ސަރުކާރުގެ ވަޒީރެއް ކަމުގައިވާ ޕްރަމޯދު ކުމާރު ވިދާޅުވީ "ޕްރިޔަންކާއަކީ ބޮޑުވަޒީރު މޯދީގެ ކުރިފުޅުމަތީގައި ކުޑަކުޑަ ކުއްޖެއް." ކަމަށެވެ.

ބީޖޭޕީގެ އެކި ފެންވަރުގެ ބޭފުޅުން ޕްރިޔަންކާ ގާނދީއަށް އަމާޒުކޮށް ބަހުގެ ޒާތީ ހަމަލާތައް ދެމުން ގެންދަނީ ޕްރިޔަންކާގެ ސިޔާސީ ކުރިމަގުގެ ބޮޑު މަންޒަރު އެބޭފުޅުންނަށް ތަސައްވުރު ކުރެވޭތީ ކަމަށް ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާނދީ ވެސް ވަނީ ދާދި ފަހުން ބޭއްވުނު ނޫސްވެރީންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

ރާހުލް ގާނދީ އާއި ޕްރިޔަންކާ ގާނދީ -- ފޮޓޯ/ ގެޓީއިމޭޖަސް

އިންޑިޔާގެ ސިޔާސީ މައިދާނުން މިއަދު އަނެއްކާވެސް މިވަނީ އިންތިހާބުތައް ކޮންގްރެސް ކޮޅަށް ބުރަވުމުގެ މަންޒަރު ފެންނާން ފަށައިފައެވެ. ކޮންގްރެސް ޕާޓީއާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ވަނީ އުއްތަރަޕްރަދޭޝްއާއި ބިހާރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ.

އެހެންކަމުން ނެހްރޫ-ގާނދީ އާއިލާގެ ބޭފުޅަކު އިންޑިޔާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު މިހާރު މި ވަނީ އަނެއްކާވެސް ފުޅާވެފައެވެ.

ޕްރިޔަންކާ ގާނދީ، ކޮންގްރެސް ޕާޓީގެ އައު "އިންދިރާ ގާނދީ"އަށް ވެދާނެ ބާ؟ -- ފޮޓޯ/ އޭއެފްޕީ

ކޮންގްރެސް ޕާޓީގެ އާންމު މެންބަރުންނާއި އިންޑިޔާގެ އާންމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ދަނީ ދެވަނަ "އިންދިރާ ގާނދީ"އެއްގެ ތަރި އިންޑިޔާގެ ސިޔާސީ އާސްމާނުގައި ފިޔަޖަހާ މަންޒަރު ދެކޭން ބޭނުންވާ ކަމަށް ބުނަމުންނެވެ.

މަންމާފުޅު ސޯނިޔާ ގާނދީއަށް އައު "އިންދިރާ ގާނދީ" އަށް ވެ ވަޑައި ނުގެންނެވުނު ނަމަވެސް ކޮންގްރެސް ޕާޓިގެ އައު "އިންދިރާ ގާނދީ" އަކީ ޕްރިޔަންކާ ގާނދީ ކަމުގައި ވުމުގެ ފުރުސަތު އެބަ އޮތެވެ.

comment ކޮމެންޓް