މޯލްޑިވިއަންއަށް ދައްކަން ޖެހޭ ދަރަނި ދައްކަން ޕީޕީއެމް އަށް 15 ދުވަސްދީފި

ޕީޕީއެމް އިން ސައިޒު ދައްކަން ބޭއްވި ޖަލްސާ -- ސަން ފައިލް ފޮޓޯ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ކެމްޕައިން ނިންމުމަށް އަތޮޅުތަކުން ގެނައި މީހުންގެ އެއާ ޓިކެޓަށް މޯލްޑިވިއަން އަށް ދައްކަން ހުރި 3.8 މިލިއަން ރުފިޔާ، 15 ދުވަހުގެ ތެރޭގައި އެ އެއާލައިނަށް ދައްކައި ހަލާސްކުރުމަށް ޕީޕީއެމްގެ މައްޗަށް މިއަދު ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ 3.8 މިލިއަން ރުފިޔާ އަކީ ޕީޕީއެމް އިން މޯލްޑިވިއަންއަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް އެ ޕާޓީ އިން ވެސް ޝަރީއަތުގައި އިއުތިރާފުވެފައިވާ ކަމަށެވެ.
ޕީޕީއެމް އިން ޝަރީއަތުގައި އެދުނީ އިލެކްޝަންސް ކޮމިޝަނު އެ ޕާޓީ އަށް ލިބެން ޖެހޭ ފައިސާ ހުރި ކަމަށާއި އެ ފައިސާ ލިބެންދެން، ފައިސާ ދެއްކުން މަޑުޖައްސައި ދިނުމަށެވެ. ނަމަވެސް މޯލްޑިވިއަނުން އެދުނީ އެ ކުންފުންޏަކީ އާމްދަނީ އަށް ބަރޯސާވެގެން ހިންގާ ކުންފުންޏަކަށް ވާތީ އެ ފައިސާ ދެއްކުން މިހާރު ވެސް ދިގުލައިގެން ގޮސްފައި ވާތީ، ދަތިވާ ކަމަށެވެ. އެހެން ކަމާ އެކު 3.8 މިލިއަން ރުފިޔާ 15 ދުވަހުގެ ތެރޭގައި ޕީޕީއެމް އިން އެ އެއާލައިނަށް ދައްކައި ހަލާސް ކުރުމަށް ކޯޓްގެ ހުކުމުގައިވެ އެވެ.
ޕީޕީއެެމްގެ ސެކްރެޓަރީ ޖެނެރަލް އަބުދުލްމަތީން މިރޭ ސަން އަށް ވިދާޅުވީ އެ ޕާޓީ އަށް ދައުލަތުން ލިބެން ޖެހޭ 8.6 މިލިއަން ރުފިޔާ ހުރި ކަމަށާއި އަދި އެ ފައިސާ ހޯދުމަށް އިލެކްޝަންސް ކޮމިޝަނުގައި ދަންނަވާފައިވާ ކަމަށެވެ. އަދި އެ ފައިސާ ލިބުނުހާ އަވަހަކަށް މޯލްޑިވިއަންގެ ދަރަނި ހަލާސް ކުރާނެ ކަމަށެވެ.

މަތީން ވިދާޅުވީ ޕީޕީއެމް އިން ހަރަދުކޮށްފައި ވާނީ އެ ޕާޓީ އަށް ދައުލަތުން ލިބެން ހުރި ފައިސާގެ ނިސްބަތުން ކަމަށާއި ދައުލަތުން ލިބެންޖެހޭ ފައިސާ ލިބުމުން ދަރަނި ހަލާސް ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް