ސަރީ މިހާރު ހުންނަން ވާނީ އުފަލުން ފޮޅިފައި: ހަޒާޑް

ޗެލްސީގެ ފޯވާޑަށް ކުޅެމުން އަންނަ އެޑެން ހަޒާޑް -- ފޮޓޯ / ރަޔާން ބެންސަން

އިނގިރޭސި ޕުރިމިއާ ލީގުގައި ރޭ ބޮޑު ނަތީޖާ އަކުން ހަޑަލްސްފީޑް މައްޗަށް ޗެލްސީ ކުރި ހޯދި މެޗަށް ފަހު ޗެލްސީގެ ކޯޗު މޯރީޒިއޯ ސަރީ ހުންނަން ވާނީ ވަރަށް ހިތްހަމަ ޖެހިފައި ކަމަށް ރޭގެ މެޗުގައި ދެ ގޯލު ޖަހައިދިން އެޑެން ހަޒާޑް ބުނެފި އެވެ.

ރޭ މެޗުގައި ހަޑަލްސްފީޑް ކޮޅަށް ޗެލްސީ އިން ވަނީ ފަސް ގޯލު ޖަހައިފަ އެވެ. އަދި މި މޮޅާ އެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފަ އެވެ. ހަޑަލްސްފީޑް މިވަގުތު އޮތީ ތާވަލުގެ އެންމެ ފުލުގައި ރެލިގޭޝަން ޒޯންގަ އެވެ.

ޗެލްސީއަށް ލޯނު އެއްބަސް ވުމެއްގެ ދަށުން އަލަށް ގުޅުނު ގޮންޒާލޯ ހިގުއައިންގެ ދެ ގޯލާއި އެޑެން ހަޒާޑުގެ ދެ ގޯލުގެ އިތުރުން ޑޭވިޑް ލުއިސްގެ ގޯލެއް ވެސް ރޭގެ މެޗުގައި ފެނިގެން ގޮސްފައިވެ އެވެ.

ޗެލްސީގެ ފޯވާޑަށް ކުޅެމުން އަންނަ ގޮންޒާލޯ ހިގުއައިން ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު -- ފޮޓޯ / ރަޔާން ބެންސަން

ފަހަކަށް އައިސް ޗެލްސީގެ ނަތީޖާތަކާ މެދު އެ ޓީމުގެ ކޯޗު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ނަމަވެސް ރޭގެ ފަސް ތަރީގެ މޮޅާ އެކު ކޯޗު ހިތްހަމަޖެހޭ ފަދަ ކުޅުމެއް ޓީމުގެ ފަރާތުން ދެއްކުނު ކަމަށް އެޑެން ހަޒާޑު މެޗަށް ފަހު ނޫސް ވެރިންނާއި ވާހަކަ ދައްކަމުން ބުންޏެވެ.

"މި މޮޅަކީ ކޯޗު [މޯރީޒިއޯ ސާރީ] އަހަރަމެންގެ ފަރާތުން އުންމީދު ކުރާ ފަދަ މޮޅެއް. އެކަން ހާސިލް ވުމުން ކޯޗު ހުންނާނީ ވަރަށް ހިތްހަމަ ޖެހިފައިކަން ޔަގީން. ކުރިއަށް ދެން އޮތީ ލީގު ކަޕް ފައިނަލް. އެ މެޗުގައި ޗެމްޕިއަން ސިޓީ ބަލި ކުރުމަށް މަސައްކަތް ކުރާނަން." އެޑެން ހަޒާޑުގެ ވާހަކައިގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އިނގިރޭސި ޕުރިމިއާ ލީގުގައި ރޭ ވަނީ ފޯރި ގަދަ މެޗުތަކެއް ކުޅެފަ އެވެ. އެ ގޮތުން ފަހު ވަގުތު ހެންގް މިން ސަން ޖަހައިދިން ގޯލުން ޓޮޓެންހާމް، ނިއު ކާސަލް ކައިރިން މޮޅުވެ ތާވަލުގެ ދެވަނައަށް ވަނީ ޖެހިފަ އެވެ.

ޓޮޓެންހާމް ރޭ ކުޅުނު މެޗުގއ ފަހު ވަގުތތުގައި ގޯލް ޖާހާ މޮޅު ކޮށްދިނީ ސަން ހެންގް މިން

ކާޑިފް ވެސް ރޭގެ މެޗުގައި ބޯންމައުތު 0-2 އަކުން ބަލި ކުރުމަށް ފަހު އެ މޮޅު، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދާ ސަލާ އަށް ވަނީ ހާއްސަ ކޮށްފައެވެ. އަދި އެވަޓޮންގެ މައްޗަށް 1-3 އަކުން ވޮލްވާހަމްޕްޓަން މޮޅުވި މެޗަކީ ވެސް ފާހަގަ ކޮށްލެވޭ މެޗެކެވެ.

މިރޭ ވެސް އިނގިރޭސި ލީގުގައި ވަރުގަދަ މެޗުތަކެއް ކުޅޭނެ އެވެ. ލެއިސްޓާ ސިޓީ މެންޗެސްޓާ ޔުނައިޓެޑް އާއި ބައްދަލު ކުރާއިރު އާސެނަލް ބައްދަލު ކުރާނީ މެންޗެސްޓާ ސިޓީއާ އެވެ.

comment ކޮމެންޓް