ރަޝިއާއިން ވެސް އައިއެންއެފް މުއާހަދާއަށް އަމަލު ކުރުން ހުއްޓާލަނީ

ރަޝިއާއިން ވެސް ވަނީ އައިއެންއެފް މުއާހަދާއަށް އަމަލު ކުރުން ހުއްޓާލަން ނިންމިކަން އިއުލާންކޮށްފައި -- ފޮޓޯ: ރޮއިޓާސް

މޮސްކޯ (ފެބްރުއަރީ 3): އެމެރިކާ އާއި ރަޝިއާއިން 1987ގައި ހެދި އިންޓަމީޑިއެޓް ރޭންޖް ނިއުކްލިއާ ފޯސެސް (އައިއެންއެފް) މުއާހަދާއަށް އަމަލު ކުރުން ހުއްޓާލަން ރަޝިއާއިން ނިންމިކަން އެގައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިން އިއުލާން ކުރައްވައިފި އެވެ.

ރަޝިއާއިން އެފަދައިން ބުނީ، އައިއެންއެފް މުއާހަދާއަށް އަމަލު ކުރުން ހުއްޓާލަން ނިންމިކަން އެމެރިކާއިން އިއުލާން ކުރި ފަހުންނެވެ.

އައިއެންއެފް މުއާހަދާގެ ދަށުން އެމެރިކާ އާއި ރަޝިއާއިން ވަނީ އެއްގަމުން ފޮނުވާ، 500 ކިލޯމީޓަރާއި 5،500 ކިލޯ މީޓަރުގެ ރާސްތާއަކަށް ދަތުރު ކުރާ މިސައިލް އުފެއްދުން މަނާކޮށްފަ އެވެ. ނަމަވެސް އެމެރިކާއިން ވަނީ ރަޝިއާއިން އައިއެންއެފްއާ ހިލާފަށް އާ މެދު ރާސްތާ މިސައިލެއް އުފައްދާފައިވާ ކަމަށް ބުނެފަ އެވެ. އަދި ކުރިއަށް އޮތް ހަ މަސް ތެރޭ އައިއެންއެފް މުއާހަދާއިން ވަކިވާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް ރަޝިއާއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އިއްޔެ ރައީސް ޕޫޓިން ވަނީ އެގައުމުން އެމެރިކާއެކޭ އެއްގޮތަށް އާ ހަތިޔާރު އުފައްދަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެމެރިކާއިން އެމުއާހަދާއިން ވަކި ވަނީ، ޗައިނާއިން އަސްކަރީ ބާރު ގަދަ ކުރަމުން ދާތީ، އެގައުމާ ވާދަ ކުރުމަށްޓަކައި އެވެ.

comment ކޮމެންޓް