ފަހަތުން އަރައި މެސީ ޖެހި ދެ ގޯލާ އެކު ބާސާއަށް ޕޮއިންޓެއް

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ -- ފޮޓޯ / ބެން ސުޕެރަޓް

ފަހަތުން އަރައި ލިއޮނެލް މެސީ ޖަހައިދިން ދެ ގޯލާ އެކު އަމިއްލަ ދަނޑުގައި ވެލެންސިއާ ކައިރިން ބަލި ނުވެ ބާސެލޯނާ އެއްވަރު ވެއްޖެ އެވެ.

ރޭ ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ވެލެންސިއާ ބައްދަލު ކުރި މެޗު ނިމިގެން ދިޔައީ 2-2ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ. އެ މެޗުގެ ނަތީޖާއާ އެކު ބާސެލޯނާ ތާވަލުގެ އެއްވަނާގައި އޮތީ އެ ޓީމާ އެންމެ ގާތުން ވާދަ ކުރާ އެތްލެޓިކޯ މެޑްރިޑަށް ވުރެން ހަ ޕޮއިންޓް ކުރީގަ އެވެ. އަދި ވެލެންސިއާ މިވަގުތު އޮތީ ތާވަލުގެ ހަތް ވަނައިގަ އެވެ.

ރޭ މެޗުގައި ވެލެންސިއާގެ ޕެނަލްޓީ އެ ޓީމުގެ ކެޕްޓަން ޑެނީ ޕަރޭހާ ކުރިއަށް ފޮނުވާލާ މަންޒަރު -- ފޮޓޯ / ބީބީސީ

މެޗު ފެށިގެން ދެ ޓީމު ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ނަމަވެސް ވެލެންސިއާގެ ކައުންޓާ އެޓޭކްތައް ބާސާއެއް ވުރެން ނުރައްކާ ބޮޑެވެ. އެ ގޮތުގައި މާ ގިނައިރެއް ނުވެ، ވެލެންސިއާގެ ފޯވާޑް ކެވިން ގެމެއިރޯ ވަނީ ބާސެލޯނާ ގެ ގޯލު ފޫ އަޅުވާލައިފަ އެވެ. އަދި އެ ގޯލާ އެކު ބާސާ ކުރިއަށް ޖެހިލި ވަގުތު ވެލެންސިއާގެ ޓީމު އިތުރަށް ހުށިޔާރުވި އެވެ.

ބާސާގެ ފަހަތަށް ޕުރެޝަރު ބޮޑުވެ ސާޖިއޯ ރޮބާޓޯ ވަނީ ވެލެންސިއާގެ އަލްބާޓޯ އުޑިއާނޯއަށް ބާސެލޯނާގެ އޭރިއާ ތެރެއިން ފައުލުކޮށްފަ އެވެ. އަދި ވެލެންސިއާއަށް ލިބުނު ޕެނަލްޓީ އެ ޓީމުގެ ކެޕްޓަން ޑެނީ ޕަރޭހޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާ އެމީހުންގެ ލީޑް ފުޅާ ކޮށްފަ އެވެ.

ވެލެންސިއާގެ ދެ ގޯލާއި އެކު ބާސާއަށް ހޭލެވި ކުޅުން ރަނގަޅު ކުރި އެވެ. އެގޮތުން މެޗުގެ 39 ވަނަ މިނަޓުގައި ޕެނަލްޓީއެއް ހޯދާ އެ ޕެނަލްޓީ ކާމިޔާބު ކުރީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މެސީއަށް ރޭގެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބާސާގެ ރަސްމީ ވައްޓަފާޅިއަށް ކުޅެމުން ދިޔަ އެވެ. ވެލެންސިއާގެ ގޯލު ކުރިމަތީ ޕާސް ގިނަ ކޮށް ގިނަ ހަމަލާތަކެއް ބާސާއިން އުފެއްދި އެވެ. މި ހަމަލާތައް ވެލެންސިއާގެ ކީޕަރު ނެޓޯ ދިފާއު ކުރި ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް އޭރިއާ ބޭރުން ގޯލުގެ ތެރެއަށް ބާރު ހަމަލާއެއް ފޮނުވާލާ މެސީ ވަނީ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފަ އެވެ.

ރޭ މެޗުގައި ޖެހި ގޯލުތަކާ އެކު މެސީ ވަނީ ޖެހި ޖެހިގެން 12 މެޗުގައި ގޯލު ޖެހުމުގެ ޝަރަފް ހޯދައިފަ އެވެ. އަދި މި ސީޒަނުގައި ޔޫރަޕްގެ ޓޮޕް ސްކޯރާގެ މަގާމު ވެސް މެސީ ވަނީ ދަމަހައްޓައިފަ އެވެ.

comment ކޮމެންޓް