މަރުގެ ތުންފަތް މަތީގައި ވެސް ހިނިތުންވުން، ފާތިމާ ހިތްވަރުގަދަ

ކެންސަރުގެ އެންމެ ފަހު މަރުހަލާގައި ވެސް ފާތިމާ އަލީގެ މޫނުމަތީގައި ހުރީ ހިނިތުންވުން -- ފޮޓޯ/ ބީބީސީ

އެމެރިކާގައި ދެކުނު އޭޝިޔާގެ ރަހަތައް ތައާރަފުކޮށް މަޝްހޫރުކަން ހޯދި، އުމުރުން 29 އަހަރުގެ ފާތިމާ އަލީ ވަނީ ކެންސަރު ބަލީގައި ދުނިޔެއާ އަލްވަދާއު ކިޔައިފައެވެ.

ފާތިމާ އަލީ މި ދުނިޔެއާ ވަކިވެގެން ދިޔަ ނަމަވެސް، އޭނާ ދަންނަ މީހުންގެ ހިތްތަކުން އޭނާ ހޯދައިފައި ވަނީ ވަރަށް ވެސް ހާއްސަ ޖާގައެކެވެ. އޭނާގެ އުފާވެރި މިޒާޖުގެ ކުލަ ތަސްވީރު އެމީހުންގެ ހިތްތަކުން ފަނޑުވެގެންނެއް ނުދާނެއެވެ.

އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އޭނާ މީހުންނާ ބައްދަލު ކުރަމުން ދިޔައީ ހިނިތުންވުމާ އެކުއެވެ. އޭނާގެ އެތެރެހަށީގައި އަޅަމުން ދިޔަ ވޭންތައް އޭނާގެ ހިނިތުންވުމުން ދިޔައީ ފަރުދާ ކުރަމުންނެވެ.

ޕާކިސްތާނު ނަސްލުގެ ފާތިމާގެ ވަކިވެ ދިއުމަކީ އޭނާ ދަންނަ އެންމެންނަށް ވެސް ލިބުނު ބޮޑު ހިތާމައެކެވެ.

ފާތިމާ އަލީއަކީ ޕާކިސްތާނުގެ ކުރީގެ ބަންޑާރަނައިބެއް ކަމުގައިވާ އަޝްތަރް އައުސާފް އަލީގެ ދަރިކަނބަލެކެވެ. ފާތިމާ އެމެރިކާގެ ނިއުޔޯކަށް ދިރިއުޅުން ބަދަލުކުރީ އުމުރުން އެއްމެ 18 އަހަރުގައެވެ. މީރުކޮށް ކައްކާ މީހަކަށް ވުމަކީ ކުޑައިރުއްސުރެ ވެސް ފާތިމާ ދެކެމުން އައި ހުވަފެނެއް ކަމުން ނިއުޔޯކަށް ގޮސް ކެއްކުމުގެ ފަންނުގެ ހުނަރުތައް ދަސްކުރާން ފެށިއެވެ.

އެންމެން ދަންނަ މަޝްހޫރު ނަމަކަށް ފާތިމާ އަލީގެ ނަން ވެގެން ދިޔައީ އޭނާއަށް ލިބިފައިވާ ކެއްކުމާއި ކާނާ ހުށަހަޅައިދިނުމުގެ ފަންނުގެ އެހީގައި އެމެރިކާއަށް ދެކުނު އޭޝިޔާގެ ރަހަތައް ތައާރަފު ކުރާން ފެށި ހިސާބުންނެވެ.

އެމެރިކާގައި އޮންނަ "ޓޮޕްޝެފް" ނުވަތަ "އެންމެ މޮޅު ކައްކާ"ގެ ޕޮރުގުރާމުގައި 2017 ވަނަ އަހަރު ބައިވެރިވުމާ އެކު މުޅި ދުނިޔެއަށް ވެސް ފާތިމާ މަޝްހޫރުވެގެން ދިޔައެވެ. ޑިސެންބަރު 2017 އިން މާރިޗް 2018 އަށް މި ޕޮރުގުރާމުގައި ފާތިމާ ދިޔައީ ބައިވެރިވަމުންނެވެ.

ފާތިމާއަށް "ޓޮޕްޝެފް" ޕޮރުގުރާމުގެ އެއްވަނަ ނުލިބުނު ކަމުގައި ވިޔަސް، އެންމެ ފަހު މަރުހަލާއާ ހަމަޔަށް ދަތުރުކުރި ބައިވެރީންގެ ތެރޭގައި ފާތިމާ ހިމެނުނެވެ.

މި ޕޮރުގުރާމުގައި ފާތިމާއާ އެކު ބައިވެރިވި ކްރިސް، މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، "އަހަންނާ ފާތިމާއާ ފުރަތަމަ ބައްދަލުވީ 'ޓޮޕްޝެފް' ޕޮރުގުރާމުން. ޕޮރުގުރާމް ފެށުމުގެ ގޮތުން އެކަކު އަނެކަކަށް ތައާރަފުވުމަށް ކެއްކުމުގެ ޗެލެންޖެއް ކުރިމަތި ކުރެވުނު. އެކަކު އަނެކަކަށް ތައާރަފުވުމުގެ ގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި ތައާރަފުވާން ޖެހުނީ ކެއުމަކުން. އެމީހަކު ކައްކާ ހާއްސަ އެއްޗަކުން. މި ގޮތުން އަނެއް މީހާއަށް ތައާރަފު ވާން ޖެހެނީ އެމީހަކު ތައްޔާރު ކުރާ ކާނާއިން،" ކަމަށެވެ.

"ފަންސާސް މީހުންނަށް ކައްކާން ލިބެނީ އެއްގަޑި އިރުގެ ވަގުތު. މި ވަގުތު އަހަރެމެން އެންމެން ވެސް ކާނާ ތައްޔާރު ކުރުމުގައި ތެޅިފޮޅުނީ. އެ ތަނަށް ގޮސް، މި ތަނަށް އައިސް، ވަރަށް އަވަދިނެތި އުޅުނީ. ފާތިމާ ވެސް އޭރު ދިޔައީ އޭނާގެ ކާނާ ތައްޔާރު ކުރުމުގައި މަސައްކަތް ކުރަމުން. އެވަގުތު ކިހިނެއް އެހެން މީހަކަށް އެހީ ވާނީ ވެސް؟ އަހަންނަށް މީހެއްގެ އެހީތެރިކަމާ ނުލައި ކުރިޔަށް ނުދެވޭނެ ފަދަ ހާލަތެއް މެދުވެރިވި. އެ ވަގުތު އަހަރެން އުޅުނު ގޮތުން ފާތިމާއަށް އެނގުނު އަހަރެން އެހީތެރިކަމަކަށް ބޭނުންވާ ކަން. ދެން އޭނާ އައިސް އަހަންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށް ނުލި ނަމަ އެދުވަހު އަހަރެން އުޅޭން ޖެހުނީހީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި." ކްރިސް ބުންޏެވެ.

"އެ ކަހަލަ އުނދަގޫ ވަގުތެއްގައި އަމިއްލައަށް ނިންމާން ޖެހޭ ކަންކަން ނުނިމެނީސް އެހެން މީހަކަށް އެހީތެރިވުމުގެ ހިޔާލުވެސް އަންނާނީ ވަރަށް މަދު އަދި ވަރަށް މާތް އަހުލާގެއްގެ ވެރިއަކަށް ކަން ޔަގީން." ފާތިމާއާ މެދު އޭނާގެ ހިތުގައި އުފެދިފައިވާ ގަދަރު އެނގިގެންދާ ފަދަ އިބާރާތަކުން ކްރިސް ބުންޏެވެ.

ފާތިމާ އަލީ "ޓޮޕްޝެފް" ޕޮރުގުރާމުގައި --

ކްރިސް ބުނި ގޮތުގައި ތައާރަފުވުމުގެ ގޮތުން ފާތިމާ ހުށަހެޅީ ޕާކިސްތާނުގެ މަޝްހޫރު ކެއުމެއް ކަމުގައިވާ "ބާސްމަތީ ޗާވަލް ޕިލާވް" އާއި ކުކުޅާއި ތަރުކާރީއެވެ.

"އަހަރެން ވެސް ކެއްކުމުގެ ދާއިރާގައި އުޅޭތާ އެތައް ދުވަހެއް ވެއްޖެ. އެހެންނަމަވެސް އަދި މިހާތަނަށް ދުވަހަކު ވެސް އެހައި މީރު ކާއެއްޗެއް އަހަންނެއް ނުކަން. އޭރު އަހަންނާ ބައްދަލުވި އެ އުފާވެރި ފާތިމާއަކީ މަދު މަސްތަކެއްގެ މެހުމާނެއްކަން އޭރަކު އަހަންނަކަށް ނޭނގޭ. ފާތިމާއާ އެކު އަހަރެންނަށް އެ ޕޮރުގުރާމުގެ ތެރޭގައި ހޭދަ ކުރެވުނު ވަގުތުކޮޅުތަކަކީ އަހަރެންގެ މުޅި ހަޔާތުގައި ވެސް ހޭދަކުރެވުނު އެންމެ އަގުހުރި ވަގުތުކޮޅުތައް ކަން ޔަގީން." ކްރިސް ބުންޏެވެ.

ކްރިސް އިތުރަށް ބުނީ، "އެ ޝޯވ އަށް ފަހު، ފާތިމާއަށް ކެންސަރު ބަލި ޖެހިފައިވާކަން އެނގުމުން އަހަރެން ފާތިމާއާ ބައްދަލުކުރާން ދިޔައިން. ބައްދަލުވުމުގެ ކުރީން އަހަރެން ގަސްތުކޮށްގެން ހުރީ ފާތިމާއާ ބައްދަލުވީމާ ވަރަށް ބޮޑަށް ހިތްވަރު ދޭން. އެހެންނަމަވެސް ހިނިތުންވުމާއި އުފާވެރިކަމާ އެކު ފާތިމާ އަހަރެންނާ އިސްތިގުބާލު ކުރުމުން އަހަރެންގެ ލޮލުން ހޯސްލައިފައި ކަރުނަ އަންނާން ފެށި. އަހަރެންނަށް ގިސްލަގިސްލާފައި ރޮވުނު. އެވަގުތު އަހަރެންގެ ރުއިން ހުއްޓުވައި އަހަރެންނަށް ހިތްވަރު ދެމުން ގެންދިޔައީ ފާތިމާ." ކަމަށެވެ.

ފާތިމާ މި ދުނިޔެއާ އަލްވަދާއު ކިޔުމުގެ ދެ ހަފްތާ ކުރީން ވެސް ކްރިސް އޭނާއަށް ޒިޔާރަތް ކުރިއެވެ. އޭރު އޭނާގެ ހަށިގަނޑު ވަރަށް ނިކަމެތިވެ އަނަރޫފަ ވެފައިވީ ނަމަވެސް ފާތިމާގެ ހިތްވަރު ފަރުބަދައަކަށް ވުރެ ވެސް ވަރުގަދަކަމަށާއި ފާތިމާއަށް ވުރެ ހިތްވަރުގަދަ މީހަކު ވެސް އަދި ފާތިމާއަށް ވުރެ މީރުކޮށް ކެއްކި މީހަކު ވެސް މިހާތަނަށް ނުދެކޭ ކަމަށް ކްރިސް ބުންޏެވެ.

"ޓޮޕްޝެފް" ކުރިޔަށް ދިޔައިރު ފާތިމާއާ އެއް ކޮޓަރިއެއްގައި އުޅުނު ތާނިޔާ ބުނި ގޮތުގައި ފާތިމާ އުޅޭ އުޅުމުން އޭނާއަކީ އެއްވެސް ވޭނެއްގައި އުޅޭ މީހެއްކަން ނުދައްކައެވެ. އަދި އަބަދުވެސް ހުންނަނީ ހިނިތުން ވެފައި ކަމަށާއި އެހެން މީހުންނަށް އެހީތެރިވުމުގައި ވެސް ފާތިމާއަކީ ލާމަސީލު މިސާލެއް ކަމަށް ތާނިޔާ ބުންޏެވެ.

"އަހަރެން ފާތިމާއާ އެކު އެއް ކޮޓަރިއެއްގައި ހަ ހަފްތާ ހޭދަ ކުރިން. އަހަންނަށް އެހީތެރި ކަމެއް ބޭނުންވާ ކޮންމެ ފަހަރަކު ފާތިމާ ދިޔައީ އެންމެ މަތީ ދަރަޖައިގައި އެހީތެރިވަމުން. ފާތިމާ އަތުގައި ވަރަށް އަގު ބޮޑު ރީތިވާ ސާމާނު ހުރި، އަހަރެން އަތުގައި ރީތިވާ ސާމާނު މަދުކަން ފެނިފައި އެ ހުރިހާ ތަކެތި ހަދިޔާއެއްގެ ގޮތުގައި އޭނާ އަހަންނަށް ދިން." ތާނިޔާ ބުންޏެވެ.

ފާތިމާގެ އެތެރެ ހަށީގައި އަޅާވޭން ފަރުދާ ކުރީ އޭނާގެ ހިތްވަރުން --

"އޭނާ މަރުގެ ތުންފަތް މަތީގައި ހުރި އިރު ވެސް އޭނާގެ މޫނު މަތީން ފެންނަމުން ދިޔައީ ހިނިތުންވުން. ޕޮރުގުރާމު ނިމުނު ތަނާހެން އަހަންނަށް އެނގުނު އޭނާއަށް ކެންސަރު ޖެހިފައިވާކަން. އަހަރެން ދިޔައިން ފާތިމާއާ ބައްދަލުކުރަން. އޭނާ އަހަރެން ގާތުގައި ބުނީ މިކަމާ މެދު ނުވިސްނާށޭ. މީ ދުނިޔެއޭ. ވާން ހުރި ކަމެއް ވާނެޔޭ. ވީމާ މި ލިބިފައި އޮތް ވަގުތުކޮޅު އުފާވެރިކަމާ އެކު ހޭދަ ނުކުރާންވީ ކީއްވެހޭ؟ އޭގެ ދުވަސްކޮޅެއް ފަހުން ފާތިމާގެ ހާލަތު ތަންކޮޅެއް ރަނގަޅުވި. ދެން އިވުނީ އަނެއްކާ ވެސް ހާލަތު ގޯސްވި ހަބަރު." ތާނިޔާ ކިޔައިދިނެވެ.

"އޭނާ ބުނީ މަދު ދުވަސްކޮޅަކު ދުނިޔޭގައި ހުރުމެކޭ، ގިނަ ދުވަހު ދުނިޔޭގައި ހުރުމެކޭ މާ ބޮޑު ތަފާތެއް ނެތޭ. ކޮންމެވެސް ދުވަހަކުން ހަމަ މަރުވާނެއެއް ނޫންހޭ. ދުނިޔޭގައި ހުންނަ ދުވަސްކޮޅުގެ ބޭނުން ރަނގަޅަށް ހިފީމާ ނިމުނީއޭ. ކުޑަ ދުވަސްކޮޅަކުން ވެސް ކުރެވޭނެއޭ ވަރަށް ގިނަ ދުވަހުން ވެސް ބައެއް މީހުންނަށް ނުކުރެވޭ ކަންތައް. އެހެންނޫންހޭ." ފާތިމާ ނިޔާވުމުގެ ކުޑަ ދުވަސްކޮޅެއް ކުރީން ބައްދަލުވުމުން ފާތިމާ ދެއްކި ވާހަކަތައް ކިޔައި ދެމުން ތާނިޔާ ބުންޏެވެ.

"ޓޮޕްޝެފް" ޕޮރުގުރާމުގައި ބައިވެރިވި ޑޭވިޑް ބުނީ، "އެ ޕޮރުގުރާމުގެ ތެރޭގައި އެންމެންވެސް ތިބެނީ ވަރަށް ހާސްވެފަ. ވީމާ އެހެންމީހުން ހިތަށް އަރާނީ ކީކޭތޯ ނުވެސް ވިސްނައި މޫނުމަތީގައި ވަރަށް ރުންކުރުކޮށް ވެސް ބައެއް ފަހަރު އެއްޗެހި ބުނެވޭ. އެހެންނަމަވެސް ފާތިމާ ތަފާތު. އޭނާ ދުވަހަކުވެސް ހާސްވެފައެއް ނުހުރޭ. އަދި އެއްވެސް މީހަކާ ދިމާއަށް އެއްޗެކޭ ވެސް ނުބުނޭ. އަބަދު ހުންނަނީ ހިނިތުންވެފަ." ކަމަށެވެ.

"އެހައި ރަނގަޅު ރަހުމަތްތެރިއަކު އަދި އެހައި މީރުކޮށް ކައްކާ މީހަކު ގެއްލުނީމާ ވަރަށް ދެރަވޭ." ޑޭވިޑް ބުންޏެވެ.

ތާނިޔާއާއި ޑޭވިޑްއާއި ކްރިސް ބުނި ގޮތުގައި ފާތިމާ އަބަދުވެސް އެމީހުންނަށް ޕާކިސްތާނާ ބެހޭ ވާހަކަތައް ކިޔައިދެއެވެ. އަމިއްލަ ސަގާފަތަށާއި ޚާންދާނަށް ފާތިމާ ވަރަށް ލޯބިކުރާ ކަމަށާއި އެމެރިކާ މީހުންނަށް އަމިއްލަ ގައުމުގެ ތަސައްވުރު ރަނގަޅަށް ފޯރުކޮށް ދިނުމަކީ ފާތިމާ ދެކެމުން އައި ހުވަފެނެއް ކަމަށް އެމީހުން ބުނެއެވެ. އަދި ފާތިމާ ވަރަށް ގިނައިން ކަރާޗީއާއި ލާހޫރުގެ ވާހަކަތައް އެމީހުންނަށް ކިޔައިދޭ ކަމަށް ވެސް އެ ތިން މީހުން ބުންޏެވެ.

ފާތިމާ އޭނާގެ އެކުވެރީންނާ އެކު --

ފާތިމާ އޭނާގެ އިންސްޓަގްރާމުގައި އެންމެ ފަހުން ކޮށްފައިވާ ޕޯސްޓުގައި އެދިފައި ވަނީ އޭނާއަށް ހެޔޮ ދުއާ ކޮށް ދިނުމަށާއި އޭނާގެ ފަރާތުން އެއްވެސް މީހަކަށް ހިތްހަމަ ނުޖެހުމެއް ކުރިމަތިވި ނަމަ މައާފްކޮށް ދިނުމަށެވެ. އަދި އޭނާއާ ގާތްކަން ބެހެއްޓި އެންމެންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

އެތެރެހަށީގެ ވޭންތައް ހިނިތުންވުމުން ފަރުދާކުރި ފާތިމާ އެންމެންނާ ވަކިވެގެން ދިޔައީ އެތައް ވާހަކައެއް ކިޔައި ދެމުންނެވެ.

comment ކޮމެންޓް