މާފުކުރާށޭ ލޯބިވާ (13)

އަނާލް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އުފާވެފައިވާވަރު އޭނާގެ މޫނުމަތިން ހާމަވަމުން ދިޔައެވެ. އިޒިއަންއާ އެކު ހަޔާތުގެ ބާކީބައި ވޭތުކުރުމަށް އޭނާ އެނެގި ފިޔަވަޅަކީ ރަނގަޅު ފިޔަވަޅެއް ކަމުގައި ޤަބޫލް ކުރެވުނެވެ. އެރޭ އިޒިއަންއާއި އަނާލްގެއަށް ދިޔައީ އެތަކެއް އަހުދުތަކަކާ ވައުދެއް ވަމުންނެވެ. އެކަކު އަނެކަކަށް އުފާވެރިކަން ހިއްސާކުރަމުންނެވެ. ލޯބީގެ މާ ބަގީޗާއަށް އާރޯކަން ގެނެސްދީ މާތަށް މޯޅިވިޔަ ނުދީ އަބަދަށް އެ ތާޒާ ކަމުގައި ބަހައްޓަން ހުވާކުރަމުންނެވެ.

*****

ހަލުވިކަމާއެކު ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އިޒިއަންއާ އަނާލް ގުޅުނުފަހުން މަދުމަދުން ދެ އާއިލާ ވެސް ބައްދަލުވުންތައް ބާއްވައެވެ. އެއީވެސް އެފަދަ ދުވަހެކެވެ. އަނާލްއާއި އިޒިއަންއާ ދެމީހުން ވެސް ގިނަދުވަހު ކައިވެނި ނުކޮށް ތިބެން ބޭނުންނުވުމާއެކު އާއިލާގެ އެންމެން ބައްދަލުވީ އެ ދެމީހުންގެ އެދުމުގެ މަތިން ކައިވެނީގެ ކަންތައްތައް ކުރިއަށް ގެންދާނޭ ގޮތަކާމެދު މަޝްވަރާކުރުމަށެވެ.

އެންމެން އެއްތަންވީ ހަވީރުގެ ސައިގެ ވަގުތުގައެވެ. ފަހީމް މެންގޭގެ ބިއްދޮށުގައި ހައްދާފައިވާ މާބަގީޗާގައި އެ ދުވަހުގެ ސައި ވަނީ ތައްޔާރުކުރެވިފައެވެ. ވިނަގަނޑުގެ އެއްފަރާތަށް ވާގޮތަށް ބަހައްޓާފައިވާ ދިގު މޭޒު ދޮށުގައި އެންމެން ތިއްބެވެ. އޭގެ އަނެއް ފަރާތުގައި ސްވިމިންގް ޕޫލެއް ވެއެވެ. ޖެހެމުންދަނީ ފިނި ވައިރޯޅިތަކެކެވެ. ތަންކޮޅެއް ދުރުގައި ހައްދާފައިހުރި ބިޔަ ގަހެއްގެ ހިޔާ ވަނީ މުޅި އެހިސާބަށް ވެސް އެޅިފައެވެ. ތަފާތު ވައްތަރުގެ ބަގީޗާ ގަހާއި މާ ގަސްތަކުގައި ފަރިވެގެން ތިބި މާތަށް އެމީހުންގެ މީރުވެސް މުޅިތަނަށް ފަތުރަމުން ދިޔައެވެ. މާހައުލު އެއްވަސް ކޮށްލާފައިވަނީ ކާއެއްޗެހީގެ މީރުވަހާ މާތަކުގެ މަޑުމަޑު މީރުވަހުންނެވެ.

މޭޒުމަތީގައިހުރި މަގުތަކުގައި ހުރި ކޮފީއިން އާވި އަރައަރާ ހުއްޓެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ހިނިތުންވުމެއް ފެންނަމުން ދިޔައެވެ. އެމީހުންނަށް އެއްވެސް އިތުރުކަމެއް ބޭނުންވޭތޯ އޮލީވިއާ ނޫނީ އެމިލީ އެތަނުގައި ހަރަކާތް ތެރިވަމުން ދިޔައެވެ.

ވާހަކަދެކެވެމުން ދިޔައީ ދެކުދިންގެ ކައިވެންޏާ ބެހޭ ގޮތުންނެވެ. ވިޔަފާރީގެ އިތުރުން އާއިލީ މަތިވެރި ގުޅުމުން ދެއާއިލާ ގުޅޭތީ ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެނިގެން ދަނީ އުފާވެރިކަމެވެ.

"ދެން ލަސްކުރާނަކެމެއް ނެތެއްނު، ދެކުދިންވެސް ބޭނުންވަނީ އެންމެ އަވަހަށް ކައިވެނީގެ ކަންތައްތައް ނިންމާކައްނު، އެހެންވީމަ ރަނގަޅަށް ވިސްނާފަ ގޮތެއް ނިންމަމާ....." ފަހީމް ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ. މޭޒު ދޮށުގައި ތިބި ބޮޑެތި އެންމެން ބޯޖަހާލިއެވެ.

ކޮންމެއަކަސް އެތަކެއް މަޝްވަރާއަކަށްފަހު ތާރީހެއް ކަނޑައެޅިއްޖެއެވެ. އިޒިއަން އަނާލްއަށް ބަލާލިއެވެ. އަނާލް ލަދުން އިސްޖަހާލިއެވެ. ދީމް ވެސް އަނާލްގެ ކަންފަތް ދޮށަށް ގުދުވެލާ ދިމާކޮށްލިއެވެ. އެއާއެކު ވަކިން ބޮޑަށް އަނާލްގެ ލަދުވެތިކަން ފާޅުވެގެން ދިޔައެވެ. ކައިވެނިކުރަން ހަމަޖެހުނީ އެއްމަސް ފަހުން ކަމަށްވިނަމަވެސް ވާންޖެހޭ ތައްޔާރީތައް ނުހަނު ގިނަކަން ދެ އާއިލާގެ މެންބަރުންވެސް ފާހަގަކުރިއެވެ. ވުމާއެކު ހުރިހާކަމެއް ވެސް އެންމެ އެކަށީގެންވާ ގޮތުގައި މީހުންގެ މެދުގައި ބަހާލެވުނެވެ. އަނާލްގެ ކައިވެނީގެ ހެދުމުގެ ކަންތައް ހަމަޖައްސަން އަކްނިޒާ ނިންމީ އެއާއިލާގައި މޮޅެތި ފެހުންތެރިން އުޅޭތީ އެމީހުންގެ ހިޔާލާ އެއްގޮތަށް އަނާލްއާ ގުޅޭގޮތުން ހެދުމެއް ފެއްސުމުގެ ގޮތުންނެވެ. އިޒިއަންގެ ގަމީހާ ފަޓްލޫންގެ ކަންތަކާ ވެސް އަކްނިޒާ ހަވާލުވިއެވެ. ދީމްގެ ބެލުމުގެ ދަށުން މޭކަޕް އާރޓިސްޓުން ހޯދަން ނިންމިއިރު އައްމާރުމެން ތަނުގެ ޑެކަރޭޝަންއާ ހަވާލުވިއެވެ. ކާއެއްޗެހި ތައްޔާރު ކުރާނޭ ބަޔަކާއި އެހެނިހެން ކަންތައްތައް ކުރުމަށް ވެސް ފަހީމްމެން ހަވާލްވާ ގޮތައްނިންމީ ކައިވެނި ކުރަން ނިންމީ އެމީހުން އެންމެ ފަހުން ހުޅުވި ފަސްތަރީގެ ހޮޓަލުގައި ކަމުގައި ވާތީއެވެ.

ހީކުރި ވަރަށްވުރެ ފަސޭހަކޮށް ކަންތައްތައް ހަމެޖެހި ދެން ދެކެވެން ފެށުނީ ދައުވަތުދޭ މެހެމާނުންގެ ވާހަކައެވެ. ދެފަރާތުން ވެސް ވާހަކަ ދެއްކުމަށްފަހު ލިސްޓް ތައްޔާރުކުރުމަށް ނިންމާ އެންމެ ލަސްވެގެން ފަސްވަރަކަށް ދުވަހުގެ ތެރޭގައި ފަހީމްއާ ހަވާލުކުރާގޮތަށް ހަމެޖެހުނެވެ. ވެޑިން ކާރޑުގެ މަސައްކަތް ނިންމޭނީ އޭރުންނެވެ. ދެފަރާތުގެ އާއިލާގެ ހުރިހާ މެންބަރުންނަށާއި އަދިވެސް ރައްޓެހި ރަހްމަތްތެރިންނަށް ދައުވަތުދޭންވާނޭކަމަށް އައްމާރު ބުންޏެވެ. އެކަމާ އެކަކުވެސް ދެބަހެއްނުވިއެވެ. އަކްނިޒާމެން ވެސް ބޮޑެތި ތައްޔާރީތަކެއް ވާންޖެހޭނެއެވެ. ރާއްޖޭން ބޭރުގައި ދިރިއުޅޭ އެންމެހާ އާއިލާގެ މަންބަރުންނަށް ވެސް ދުރާލާ ދަޢުވަތު ދޭންޖެހޭނެއެވެ. އަންނަން ފަސޭހަ ވާނީ އޭރުންތާއެވެ. ކުރިންދުވަހު އަކްނިޒާ އެ އާއިލާގެ އެހެން މެންބަރުންނަށް ގުޅައިގެން އުޅުނުއިރު ކުޑަގޮތަކަށް އިޒިއަންގެ ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކަމުންދާ ވާހަކަ އޮތީ ބުނެފައެވެ.

ކޮންމެއަކަސް އެ ދުވަހުގެ ބައްދަލުވުމަށްފަހު ދެ އާއިލާގެ ގުޅުން ނުހަނު ބޮޑަށް ބަދަހިވެގެން ހިނގައްޖެއެވެ. އަކްނިޒާއާއި މަޒާޔާއާ ދެމީހުން އެކަކު އަނެކަކާ ހިއްސާކުރާ ވާހަކަތައް ގިނަވެއްޖެއެވެ. ހަފްތާއަކު އެއްދުވަހު ކަހަލަ ގޮތަކަށް ދެމީހުން ބައްދަލުކުރެއެވެ. ކައިވެނީގެ ވާހަކަ ދެއްކުމަށާއި ކުރަންޖެހޭ ކަންތައްތައް ނިންމުމަށެވެ.

*****

ކައިވެންޏަށް ދެ ހަފްތާއަށް ވެފައި އޮއްވާ ފަހީމްގެ އާއިލާގެ ރާއްޖޭން ބޭރުގައި އުޅޭ ހުރިހާ އެންމެން ވެސް އައެވެ. އެއާއެކު ގޭތެރެ ހަލަބޮލިވެގެން ދިޔައެވެ. އަހުސަންއަކީ ފަހީމްގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އަހްސަން އެއްކޮށް ރާއްޖެއަށް ބަދަލުވާން ބޭނުން ވިނަމަވެސް އެކަންނުވެފައި މިހާތަނަށް އޮތީ އޭނާގެ އަންހެނުން ޝަޒްނާގެ ސަބަބުންނެވެ. ރާއްޖެއަށް ދިރިއުޅުން ބަދަލުކުރަން ޝަޒްނާ އެއްބަސް ނުވެގެންނެވެ. ޝަޒްނާއާއި އަހުސަންއާ އިންދެގެން ލިބުނު ދެ އަންހެން ކުދިން ވިހެއިތާ ދެމަސް ތެރޭ ނިޔާވި ފަހުން އަދި އެ ދެމަފިރިންނަށް ކުއްޖަކު ނުލިބެއެވެ. އެކަމާ އަހްސަންއާއި ޝަޒްނާ ކިތަންމެ ދެރަވިޔަސް އުންމީދު ކުރުން ހުއްޓައެއްނުލައެވެ. ޝަޒްނާއާއި އަހްސަންއަކީ ދެ ކެރިއަރުންނަށް ވުމާއެކު ލިބުނު ދެދަރިންވެސް ތެލްސީމިއާ ކުދިންނަށް ވީއެވެ. އެނގުނު އިރު މާލަސްވީއެވެ.

ކައިވެނީގެ ކުރިން އެކަކުވެސް ތެލްސީމިއާ ޓެސްޓެއް ނުކުރެއެވެ. އޭރު މާ މުހިންމު ކަމަކަށް ނުވީއެވެ. ހުރިހާ ކަމެއް އެނގުނު އިރު ދެން ކުރެވޭނޭ އިތުރު ކަމެއް ނެތީއެވެ.

ދަރިއަކު ހޯދަން ދެމަފިރިން މިހާރުވެސް އުންމީދު ކުރަމުން ދާއިރު ޑޮކްޓަރުގެ ވާހަކަތައްމަތިން ހަނދާން ނުހުންނަނީކީނޫނެވެ. އެހެންނަމަވެސް އުންމީދު ކުރެވެނީ ސިއްޙަތު ސަލާމަތުންހުރި ނޯރމަލް ކުއްޖެއް ލިބުމަށެވެ.

ކިނާންއަކީ އެންމެ ކުޑައިރުއްސުރެ އަކްނިޒާއާއި ފަހީމް ގެންގުޅެމުންދާ ކުއްޖެކެވެ. އިޒިއަންއަށް ވުރެ ދެ އަހަރު ހަގު ކިނާން އަކީ ސަކަރާތް ބޮޑު މަޖާ މިޒާޖެއްގެވެރި ކުއްޖެއެވެ. އެ އާއިލާގެ އުފާވެރިކަން ދެމެހެއްޓުމުގެ އިސްރޯލެއް ކިނާން ވެސް އަދާކުރެއެވެ.

ކިނާން ފޫހިކަމާއެކު ގޭތެރޭގައި އެނބުރެމުން ދިޔައެވެ. އައިފަހުން އަދި އިޒިއަން އޭނާގެ ދެލޮލަށް ނުފެނެއެވެ.

"އިޒިއަނޫ.... އިޒިއަނޫ" ދޮރުގައި ޓަކި ޖަހާލަމުން އޭނާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ގޮވާލިއެވެ. މާލަސްތަކެއްނުވެ އިޒިއަން ދޮރު ހުޅުވާލިއެވެ. އޭނާހުރީ މަޑު ފެހިކުލައިގެ ޓީޝާޓެއްގައެވެ. ބޮލުގައި އެއްވެސް ތަރުތީބުކަމެއް ނެތަސް ތެތްކޮށް ހުރުމުން އެ ހުރީ ފެންވަރައިގެން ނުކުމެކަން ކިނާން ދެނެގަތެވެ.

"ކީއްތަ ތި ކުރަނީ؟ މިއަދު އައި ފަހުން ލޮލަށް ފެނުނީކީ ނޫން، ކޮން އިރަކުންތަ ފަހަރި ދައްކާލާނީ؟" އައިސް އެނދުމައްޗަށް ވެއްޓި ގަންނަމުން އެއްބުމަ އަރުވާލުމާއެކު ކިނާން ސުވާލުކޮށްލިއެވެ.

"ސާބަހޭ! އަހަރެން ފަހަރި ނުދައްކައިގެންތަ ތިއުޅެނީ؟" އިޒިއަން ލޯގަނޑުން ކިނާންއަށް ބަލަންހުރެ ވާހަކަ ދެއްކިއެވެ.

"ދެން ދެއްކީމައެއްނު އިނގޭނީ މަގޭ ދޮންބެގެ ހިތް ދީވާނާ ކޮށްލި ޕަރީ އަކީ ކާކުކަން، ކޮން ޖާދޫއެއްތަ ޖައްސައިގެން އެއުޅެނީ، ހާދަ ޚާއްސަވާނޭ ދޯ އަހަރެންގެ ދޮންބެ ދައްތަ، ހަހަ" ކިނާން ހިނިގަނޑެއްޖަހާލިއެވެ.

"އާނ! އަހަރެންގެ ލައިފްގަ ދިމާވި އެންމެ ތަފާތު، އެންމެ ހާއްސަ ކުއްޖަކީ އެއީ، އިނގެއެއްނު ކޮންމެ ކޮންމެ ކުއްޖަކަށް މި ހިތް އަތުލުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން" އިޒިއަން ވެސް ދެރަނުވާންވެގެން އަމިއްލަ މޭގައި އަތް ޖަހާލަމުން ބުނެލިއެވެ.

"ހޫން ހެވޭ، މިހާރު ހޭންޑްސަމް ވެސް ވެއްޖެހެން ހީވަނީ" ކިނާން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.

"ކީއްވެގެންނޭ މާ ހެވިފަ ތި އިންނަނީ، ކިޔެވުން ނިމުނީނު. ބަންދު ނުވެގެން ނާދެވިފަ ހުރި ވާހަކަ ބުނި މަންމަ. އަނެއްކާ ވެސް އެކޮޅައްތަ ދަނީ؟ ހިޔެއްނުވޭ އަހްސަން އަންކަލްމެން މަޑު ކުރާނެހެނެއް، އެކަމަކު ނާނުއަށް މަޑު ކުރެވޭނެއެއްނު. މިކޮޅުން ޖޮބެއްވެސް ހޯދިދާނެއެއްނު..." އޯޑިއޮލޮޖިސްޓް އެންޑް ސްޕީޗްލޭންގުއޭޖް ޕެތޮލޮޖިސްޓްއަކަށް ވުމަށްފަހު ކިނާންއަށް ރާއްޖޭން ވަރަށް ފަސޭހައިން ވަޒީފާ ހަމަޖެހޭނެތީ އިޒިއަން ބުނެލިއެވެ.

ދެން ނުދާނަން! ރާއްޖެއިން ވަޒީފާ ހަމަޖެހޭތޯ މަސައްކަތް ކުރާނީ..." ކިނާން ބުނެލިއެވެ. އޭނާ ހިނިތުންވެލިއެވެ. އިޒިއަން ވެސް ހީގަތެވެ.

"އެކަމަކު އެއީ ތި ހޯދި ކަހަލަ ރީތި ރީތި ޕަރީއެއް ލިބެންޏާ އިނގޭ، އެހެންނޫނީ މިތާކު ނުހުންނާނަން" ކިނާން އެއްލޯ މަރާލަމުން ބުނެލިއެވެ. އިޒިއަން ދެފަރާތަށް ބޯ ހޫރާލިއެވެ.

ދެމީހުން ސަކަރާތް ޖެހުމުގައި އެތަކެއް ވަގުތެއް ހޭދަކުރިއެވެ.

*****

ރޭގަނޑުގެ ވަގުތެވެ. އިޒިއަންގެ ކޮޓަރިއާ ޖެހިގެން ކިނާންގެ ކޮޓަރި ހުންނައިރު ކިނާންގެ ކޮޓަރިން ވެސް ނުކުމެވެނީ އިޒިއަން ވެސް ނުކުންނަ ބެލްކަންޏަށެވެ. އެހެންނަމަވެސް ދެ ކޮޓަރި ވަކި ވާހިސާބުން ބެލްކަނީގައި ވަނީ މެދުން ވާގޮތަށް ދަގަނޑެއް ޖަހާ ހަރުކޮށްލާފައެވެ. އިޒިއަން ބެލްކަންޏަށް ނުކުތްއިރު އަނެއްފަރާތުގައި ކިނާން ހުރިކަމެއް ނޭނގެއެވެ. ބެލްކަނީގައި އިން ބޮކިވެސް ހުރީ އަނދާފައެވެ. އޭގެ އިތުރުން ކިނާންގެ ކޮޓަރިއާ ދިމާލަށް އަނބުގަހުގެ ގޮފިތައް އެޅިފައި ހުރުމުން އޭނާއަށް ފާހަގަ ނުކުރެވުނީއެވެ.

ފޯނަށް ބަލާލަމުން އިޒިއަން އަނާލްއަށް ގުޅާލިއެވެ. ފުރަތަމަ ރިންގާއެކު އަނާލް ފޯން ނެގިއެވެ.

"ނާލް.... " އިޒިއަން ގޮވާލިއެވެ. އެކޮޅުން ނާލް ވެސް އާއެކޭ ބުނުމުން އިޒިއަން ވާހަކަ ދައްކަންފެށިއެވެ.

"އައި އޭމް ސޯ އެގްޒައިޓެޑް" އިޒިއަން ބުނެލިއެވެ. އިރުކޮޅަކު އަމިއްލަ ވާހަކަތަކެއް ދެއްކުމަށް އިޒިއަންއާއި އަނާލް ތިއްބެވެ.

"ނާލް! މާދަމާ ހޮނިހިރު ދުވަސް، ދާނަން އިނގޭ ބަލާ، ފެމިލީ އެންމެނަށް ނާލް އިންޓްރޮޑިއުސް ކޮށްދޭން ވެސް ޖެހޭނެއެއްނު" އިޒިއަން ބުނެލިއެވެ. އަނާލް އާބަސް ދިނުމުން އިޒިއަން ހިނިތުންވެލިއެވެ. ދެމީހުން ވަކިވީ އެކަކު އަނެކަކަށް ލޯބިވާކަން ހާމަކޮށްދީފައެވެ.

"އުހުމް އުހުމް...." އިޒިއަން ސިހުނީ އެއްފަރާތުން މީހަކު ކަރުކެހިލި އަޑަށެވެ. ސިހިފައި ބަލާލިއިރު ކިނާން ނުލަފާ ވައްތަރަކަށް ހީގަނެގެން ހުއްޓެވެ. އިޒިއަން ދެލޯ އަޅާލަމުން ކިނާންއާއި ދިމާލަށް އައެވެ. ދެފަރާތަށް ބޯ ހޫރާލަމުން ދެ އަތް މައްޗަށް ނަގާ ކިނާން އަމާން ދިނެވެ.

"ބަލާބަލަ ދައްކާ ވާހަކަ އަޑުއަހަން ކަންފަތް ދީގެން ހުރިވަރު..." އިޒިއަން ބުނެލިއެވެ.

"ކަންފަތް ދިނީކީ ނޫން، ކަންފަތް ހުރީތީ އަޑު އިވުނީ، ހާދަ ލޯތްބެކޭ ތިވަނީ ފަހަރި ދެކެ ދޯ! މާދަން ފެންނާނެއެއްނު... އީގަލީ ވެއިޓިން" ކިނާން ބުނެލާފައި ހެމުންހެމުން ގޮސް ދޮރު ހުޅުވާފައި ކޮޓަރިއަށް ވަނެވެ. އިޒިއަން ވެސް ދެފަރާތަށް ބޯ ހޫރަމުން އެތެރެއަށް ވަނީ ކިނާންގެ އެ ސަކަކަން ދުވަހަކުވެސް ނުފިލާނޭ ހިތާހިތާ ކިޔަމުންނެވެ.

*****

ހަވީރުގެ ވަގުތެވެ. ގޭތެރޭގައި ތިބި ހުރިހާއެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ އަނާލް އަންނާނޭ އިރަކަށެވެ. އެންމެންގެ ސަމާލުކަން އަތުލީ އިޒިއަންއާއެކު ގޭތެރެއަށް ވަދެގެން އަންނަ އަނާލް ފެނުމުންނެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ހައިރާންކަން ފެންނަމުން ދިޔައެވެ. އަނާލްގެ ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވީ އޭނާ އެ ހިސާބަށް ހުއްޓުމުން އެންމެންގެ މޫނުމަތިން ފެނުނު ހައިރާން ކަމަކުންނެވެ. އަނެއްކާ އެ އާއިލާ އޭނާއާ އިޒިއަން ކައިވެނިކުރަން ހިންހަމަ ނުޖެހުނީހެއްޔެވެ؟

ހަގީގަތުގައި އަނާލް ކަހަލަ ކުއްޖަކު އިޒިއަން ޚިޔާރު ކުރީތީ އެންމެންނަށް ވެސް ވަނީ ކުޑަވަރެއްގެ ޝޮކެއް ލިބިފައެވެ. އަކްނިޒާ ގުޅައިގެން ވާހަކަ ދެއްކިއިރު ވެސް އެ ކަހަލަ ވާހަކަ އެއްނުބުނޭވިއްޔާއެވެ.

"މީ އާންޓް، މީ އަންކަލް. ދެން މައި ބްރޯ ކިނާން....." ތަނަށް ވެރިވެފައިވި ހަމަހިމޭންކަން ފޫދުއްލާލަމުން އިޒިއަން ވާހަކަ ދެއްކީ އަނާލް ނުތަނަވަސް ވެފައި އިނީތީއެވެ.

"މިއީތަ ދޮންބެދައްތަ އަކީ، ވަރަށް ލޯބި ފަހަރިއެއް ތި ހޯދައިދިނީ ދޯ" ކިނާން ހުރިހާ އެންމެންގެ މޫނަށް ބަލަމުން ވާހަކަ ދެއްކިއެވެ. އެންމެ ހިނދުކޮޅަކުވެސް މަޑުން ހުންނަން އުނދަގޫ ކިނާން މަޖާ އެއްޗެކޭ ބުނުމުން އެންމެންނަށް ވެސް ހީގަނެވުނެވެ. އަނާލްއަށް ވެސް ހެވުނެވެ. އަނާލް ހީކުރި ގޮތާ ހިލާފަށް ހުރިހާ އެންމެން ވެސް އޭނާއަށް އެހާ ހެވެ. އެހެންނަމަވެސް ބައެއްފަހަރު އަނާލްއާ ދިމާލަށް ޝަޒްނާ ބަލަން ހުންނަގޮތް ފާހަގަ ކުރެވޭހާ ތަފާތެވެ. އޭނާގެ ތުންފަތް މައްޗަށް ވެރިކުރުވާފައިވާ ހިނިތުންވުމަކީ ގަދަކަމުން ވެރިކުރުވާފައިހުރި ހިނިތުންވުމެއްހެން ހީވަނީއެވެ.

"ވެޑިންޑްރެސް ވެސް ލިބިއްޖޭ ނާލް! މިއަދު ވާނެއެއްނު ހެޔޮވަރުކޮށްލަން ދޯ" އަކްނިޒާ ބުނެލިއެވެ. އަނާލް ބޯ ޖަހާލިއެވެ. އަނާލް ގޮވައިގެން އަކްނިޒާ އޭނާގެ ކޮޓަރިއަށް ދިޔައިރު އެކުގައި ޝަޒްނާ ވެސް ދިޔައެވެ.

އަކްނިޒާގެ އެހީތެރިކަމާއެކު އަނާލް ހެދުން ހެޔޮވަރުކުރިއެވެ. އޭނާއަށް ވެސް އެ ހެދުން ވަރަށް ކަމުދިޔައެވެ. އެހެންކަމުން އަކްނިޒާ ލައްވާ އަނާލް މަޒާޔާއަށް ދައްކާލަން ދެތިން ފޮޓޯ ނެގިއެވެ. އެއަށްފަހު އަނެއްކާ އަކްނިޒާގެ އެހީގައި އަނާލް އިހުހުރި ހެދުމަށް ބަދަލުކޮށްލިއެވެ.

އެނބުރި ދިޔުމުން އިޒިއަންމެން އެންމެން ހެދުމާ ބެހޭގޮތުން ސުވާލުކުރިއެވެ. ޖަވާބުގައި އަނާލް އަކްނިޒާއަށް ޝުކުރު އަދާކޮށްފައި ހެދުމާ މެދު ވަރަށް ހިންހަމަޖެހޭކަން ހާމަ ކޮށްލިއެވެ.

"އެންމެ އިންތިޒާރު ކުރެވެނީ ކައިވެންޏަށް ދޯ" ކިނާން އެއްލޯ މަރާލަމުން ބުނެލިއެވެ. އިޒިއަން އަނގައިން ވާހަކަ ނުދައްކާ ހުރުމަށް ކިނާންއަށް އިޝާރާތް ކޮށްލުމުން ވެސް ކިނާން މައިތިރިވާގޮތެއް ނުވިއެވެ. އޭނާ އަނެއްކާވެސް އެކަކަށްވެސް ނުފެންނަ ގޮތަށް ދޫ ނެރެލަމުން ލާނެއް އެއްޗެއް ބުނެލިއެވެ. އެއާއެކު އެންމެންގެ ހުނުމުގެއަޑުން މުޅި ބޮޑުކޮޓަރި ގުގުމާލިއިރު އަނާލް ލަދުން އިސްޖަހާލިއެވެ.

***ދެ ހަފްތާ ފަސް***

ސްޓާރ ހޮޓެލްގެ ފަސްވަނަ ބުރީގެ ހޯލްތެރެ ވަނީ ނޫ ކުލައާއި ހުދުކުލައިން ޒީނަތް ތެރިކުރެވިފައެވެ. އެތެރެއަށް ވަންނަން އަންނަ ހޯލްވޭގައި ނޫ ކުލައިގެ މަޑު ކާރޕެޓެއް އަޅާލާފައި ވާއިރު ކާރޕެޓުގެ ދެފަރާތުގައި ނުލާއި ހުދުކުލައިގެ ލެޑް ލައިތްތަކެއް ދިއްލާފައި ވެއެވެ. އެހެންކަމުން ހިތްގައިމުކަމެއް ހުއްޓެވެ. ވަންނަ ދޮރުގެ އެއްފަރާތުގައި 'ނާލް ވެޑްސް އިޒް' ބޮޑުއަކުރުން ޖަހާފައި ވާއިރު އެ އަލިކަމުގެ ތެރޭގައި އެ ނަން ވިދަމުން ދިޔުމުން ދުރަށް ވެސް އެ ދެނަން ފާޅުވަމުން ދިޔައެވެ. މުޅި އެ ހޯލް ވޭ ވެސް ފުރިފައިވަނީ ގިނަ އަދަދެއްގެ މީހުންތަކަކުންނެވެ. އެއްބަޔަކު އެތެރެއަށް ވަންނަމުން ދިޔައިރު އަނެއްބަޔަކު ބޭރުގައި ވެސް މަޑުކޮށްގެން ތިއްބެވެ. އެތެރެއަށް ވަނުމާއެކު އަޅައިގަންނަނީ އިޒިއަން އާއި އަނާލް އާއި ގާތަށް ދާން ހުސްކޮށްފައިވާ ދިގު ޖާގައިގެ ދެފަރާތުގައި ގްރޫޕް ގްރޫޕަށް ގޮނޑިތަކުގައި އިށީނދެ ތިބި މީހުންނެވެ. ބޮޑު ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަ އިރު ކުރިމައްޗަށް ވާގޮތަށް ބަހައްޓާފައި ހުރި އުނދޯލީގައި ތިބި އިޒިއަން އާއި އަނާލް ފެންނާނެއެވެ. އެ ދެމީހުންގެ ތުންފަތް މަތިންވެސް ބުނެދޭން ނޭނގޭފަދަ އުފާވެރި ހިނިތުންވުމެއް ފެންނަމުން ދިޔައެވެ. މޫނުމަތިވަނީ އުޖާލާވެފައެވެ.

އަނާލް ލާފައިވަނީ ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސްއެކެވެ. އޭގެ ފަސްބަޔާއި މޭމަތި ހުދު މިނާތަކަކުން ޒީނަތް ތެރިކޮށްފައި ވާއިރު ބަލާލަން ހިތްގައިމެވެ. ފަހަތު ފޮތިގަނޑު އުނދޯލީގެ ފުރަގަހުން ވައްޓާލާފައި ވާއިރު ދުރުދުރަށް ވެސް އެބައި ފެތުރިފައި ވެއެވެ. ރީތި ގޮތަކަށް ދޫ ހުޅިއެއް ޖަހާލާފައިވާއިރު ހިތްގައިމެވެ. އާއްމުކޮށް ގަދަ މޭކަޕްކޮށް ނޫޅޭ އަނާލް ފުލް މޭކަޕެއްގައި ފެންނައިރު ހިތްގައިމެވެ. އެ ރަތްކުލަ ގަދަ ކޮށްލާފައިވާ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލާފައިވާއިރު އެ މޫނުމަތިން އުޖާލާކަމެއް ފެންނަމުން ދިޔައެވެ. އަތުގައި އޮތް ބުކޭ ވެސް ވަރަށް ރީއްޗެވެ. މަޑު ނޫ، އަދި ހުދު ކުލައިން ޒީނަތްތެރިކޮށްލާފައިވާއިރު މިރޭގެ ތީމް ކުލައާވެސް ގުޅެއެވެ.

"ޔޫ ލުކް ބިއުޓިފުލް" އިޒިއަން އަނާލްގެ ކަންފަތާ އޭނާގެ ތުންފަތް ކައިރި ކޮށްލާ ބުނެލިއެވެ. އެއާއެކު އަނާލް ލަދުން އިސްޖަހާލިއެވެ.

އިޒިއަން ލާފައިހުރި ހުދުކުލައިގެ ގަމީހާ ގުޅުވައިގެން އަޅާފައިވަނީ ނުލާއި ހުދު އެކުލެވޭ ޓައީއެކެވެ. މަތިން ގަދަނޫކުލައިގެ ސޫޓެއް ލާފައި ހުރިއިރު އޭނާގެ ފިރިހެންވަންތަކަން ހާމަވެއެވެ. އިސްތަށިގަނޑު ވަނީ ރީތިގޮތަކަށް ސްޓައިލް ކޮށްލާފައެވެ. އިޒިއަން ވެސް އިނީ އަނާލް ގާތު އިށީނދެއެވެ. އޭނާ އިރުއިރު ކޮޅަކާ އަނާލްގެ އަތުގައި ހިފާލައެވެ. ލޯބިވާވަރު ބުނެދެއެވެ.

"ހިތަށް އަރާ އަދި އެ އަންހެން ކުއްޖާއަށް ނުހިނގޭ އިރު ކީކުރަން ބާއްބާ ބޮޑު ޕާރޓީއެއްބާއޭ..." އެކަކު ބުނެލި އަޑު އިވިލިއެވެ.

"އާނ މަގޭވެސް ހިތަށް އަރާ، ކީއްތަވާނީ ކުޑަ ކެއުމެއް ދިނަސް ދޯ! ނޫނީ ކޯޓަށް ގޮސް ވެސް ކައިވެނި ކުރެވުނީހެއްނު.... ކަންދައްކަން ކުރި ކަމެއްހެން މަށަށް ހީވަނީ، ގައިމު ހިނގޭ އަންހެން ކުއްޖެއްނަމަދޯ މިއޮއްފަދަ ބޮޑު ޕާރޓީ އެންޖޯއި ކޮށްލެވޭނީ، ކީކުރާނީ ހުސް ބޭކާރުކަންތައް، ބޭކާރު ހަރަދު، ނުހިނގޭ އަންހެން ކުއްޖަކަށްޓަކާ ކުރާ ބޭކާރު މަސައްކަތެއް މީ. އެމީހުންނަށް ޑިޒާރވްވޭތަ މިފަދަ ބޮޑެތި ހަފްލާތައް؟ ނުވެސް ގުޅޭ"

އުދޯލީގެ އެއްފަރާތުގައި ތިބި ދެމީހެއްގެ ވާހަކަ އަނާލްއަށާއި އިޒިއަންގެ ކަންފަތާ ހަމައަށް ވެސް ފޯރިއެވެ. އަނާލްގެ މޫނުމަތީގައިވި ހިނިތުންވުން ވަގުތުން ފަނޑުވިއެވެ. އޭނާއަށް ދެއަތް މުށްކަވާލެވުނެވެ. އިސްޖަހާލެވުނީ ވަގުތުން ލޮލަށް ކަރުނަތައް ޖަމާވުމާއެކުގައެވެ. އިޒިއަން އަނާލްގެ އަތުގައި ހިފާ އެއަތަށް ފިތާލީ އޭނާއާ ދިމާލަށް ބަލާށޭ ބުނުމުގެ ގޮތުންނެވެ. އަނާލް އިސްއުފުލާ އިޒިއަންއަށް ބަލާލިއެވެ. އޭރު އެ ދެލޮލުގައި މުތީތަކެއްފަދައިން ކަރުނަތިކިތައް ވިދަމުން ދިޔަތަންފެނި އިޒިއަންއަށް އެ ދެމީހުންދެކެ ރުޅިއާދެވުނެވެ.

އެހެންނަމަވެސް ބައެއް މީހުންނަކީ އެބައެއްގެ ކޮށި ވިސްނުން ބަދަލް ކުރާނޭ ބައެއް ނޫނެވެ. އެމީހުންނާ ޒުވާބުކޮށް ދެބަސްވުމުގެ ބަދަލުގައި އަޑުއިވޭ އެފަދަ ބަސްތަކުން ހިތްވަރު ނެރެ ކުރިއަށް ދިޔުމަށް އަނާލްއަށް ހިތްވަރުދޭ މީހެއްކަމުގައިވާން އިޒިއަން ބޭނުމެވެ. އެކަކަށް ވެސް އަނެކަކުގެ ދުލަކު ނުހިފެއްޓޭނެއެވެ. އެހެނެއްކަމަކު އެ ފަދަ ބަސްތަކުން ހިތްވަރުދީ އެބަސްތައް ރައްދުވާ ފަރާތުގެ ކައިރީގައި ހުރެވޭނެއެވެ. އެފަދަ ބަސްތަކުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލުވާނުލާ އެ އިތުބާރުގެ މަތީގައި ދެމިހުރުމަށް ދަސްކޮށްދެވިދާނެއެވެ. މީހާ ކާމިޔާބު ކުރަން ބޭނުންވާ ލަނޑުދަނޑިއާ ހިސާބަށް ވާސިލުވެވޭނީ އޭރުންނެވެ.

"ނާލް! އެމީހުން ދައްކާ ވާހަކައަށް އަޅާނުލާ، އަހަރެން ކުރިން ވެސް ބުނީމެއްނު ނާލް ތިފަދަ ކުއްޖަކަށް ވިޔަސް، ތީ ނަމޫނާއެކޭ، ހިނގޭ އަންހެން ކުއްޖަކަށް ވެސް ސަކްސެސްފުލް ވެވޭނީ ތިވަރަށޭ. އެ މީހުންގެ ވިސްނުން މާކޮށީ، ނޫނީ އެ މީހުންނަށް ނުވިސްނެނީ. އެފަދަ މީހުންގެ ވާހަކަތަކުން ނާލް ނުޖެހޭނެ ކޮންމެހެން ކުރާކަމެއް ހުއްޓާލާކަށް، އަމިއްލަ އުފާތަކަށް ހުރަސް އަޅާކަށް، ނާލް އުފާވެރިކަން ހޯދަން މަސައްކަތް ކުރާނެގޮތް އެނގޭނީ ނާލްއަށް. އެމީހުންނަކަށް ނޫން" އިޒިއަން އަނާލްގެ ލޮލަށް ބަލަން އިނދެ ބުނެލިއެވެ. އެއާއެކު އަނާލް ހިނިތުންވެލީ އިޒިއަން އެ ބުނި ބަސްތައް ޤަބޫލް ކުރާ ހާލުގައެވެ.

ދީމް އަނާލްމެން ގާތު މަޑުކޮށްލުމަށްފަހު އަނާލްއާއި އިޒިއަންއާ ދެމީހުންނާއެކު ސެލްފީއެއް ނެގިއެވެ. އަދި އިރުކޮޅަކު ވާހަކައިގައި ހުރުމަށްފަހު އޭނާ ދުރަށް ހިނގައިގަތީ އެކުވެރިއަކު ފެނިގެންނެވެ. ލާފައިހުރި ނޫ ކުލައިގެ އިންޑިއަން ސްޓައިލްގެ ހެދުމުގެ ފަސްބައި އަތަށް ނަގަމުން އޭނާ ހިނގައިގަތެވެ. އޭގައި ޑިޒައިން ކޮސްފައިވާ ބަރު ވެލި ފޮތީގެ ސަބަބުން ހެދުން ވެސް ފުދޭވަރަކަށް ބަރެވެ. އެހެނެއްކަމަކު އެ ހެދުމުގައި އާދަޔާހިލާފް ރީތި ވިދުމެއް ވެސް ވިއެވެ. އެއްފަހަރު ފައިކޮޅަށް ބަލަމުން އަނެއްފަހަރު އެ ކުއްޖާއަށް ބަލަމުން ދިޔަ ދީމް ހުއްޓުނެވެ. އަދި ބޮޑަށް ހެދުން އަތަށް ނަގަން މަސައްކަތް ކުރިއެވެ. އެވަގުތަކީ އެތަނުގެ އެއްފަރާތުގައި ހުރެފައި ފިރިހެން ކުއްޖަކު އެނބުރިލި ވަގުތެވެ. ހަދާލެވުނު ގޮތަކުން އެވަގުތު އެ ފިރިހެން ކުއްޖާގެ އަތުގައި ހުރި ކޮންމެވެސް ދިޔާއެއްޗެއް ވެރުނެވެ. ދީމް ދުރަށްޖެހިލި ކަމުގައި ވިނަމަވެސް ކޮންމެވެސް ވަރަކަށް އޭނާގެ ހެދުމަށް ވެސް އެ އެއްޗެއް ވިއްސައިގެން ދިޔައެވެ.

ދީމް ލާފައި ހުރި ހެދުމަށް އެ އެއްޗެއް ބުރައިގެން ދިޔުމާއެކު އޭނާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. މާ ގިނައިން ހެދުމަށް ނޭޅުނު ކަމުގައި ވިނަމަވެސް އެޅިފައި ހުރި ތަންތަން ފާހަގަ ވެއެވެ.

"އައްޗީޑި" ދީމްއަށް ބާރަށް ބުނެވުނެވެ. ހެދުން ހަޑިވުމާއެކު އޭނާ ދެން ބަލާލީ އެ އެކުވެރިޔާ ފެނޭތޯއެވެ. އެހެންނަމަވެސް މިހާރު ފެންނާކަށް ނެތެވެ. ރުޅިވެރިކަމާއެކު އެ ޒުވާނާއަށް ބަލާލި ދީމްގެ ދެބުމަ ގޮށްޖެހިފައި ވިތަން ފެނިފައި އެ ޒުވާނާ ލާނެއް ފާޑަކަށް އެއްމިޔަކަށް ހީލިއެވެ.

ކިނާން ވެސް ކޯކްތަށި ހިފައިގެން އެނބުރިލީ އެތަނުގައި އަންހެން ކުއްޖަކު ހުންނާނޭ ކަމަކަށް ނޫނެވެ. އޭނާއަށް އެ އަންހެން ކުއްޖާ ގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތައް މަޖާވިއެވެ. އެހެންކަމުން އިތުރަށް ރުޅި އަރުވާލުމުގެ ބޭނުމުގައި އޭނާ ހީގަތެވެ. އެއާއެކު އެ ކުއްޖާ ޝަޓް އަޕް އޭ ކިޔާލިއެވެ. ކިނާން އެއްލޯ މަރާލިއެވެ. ދީމްގެ ދެބުމަ ވަގުތުން ގޮށްޖެހުނެވެ.

"އާހް...." ފަޔަށް ތޫނުތަދެއް އެރުމާއެކު ކިނާންއަށް ފަޔާ ދިމާލަށް ބަލާލެވުނެވެ. އޭރު އެ އަންހެން ކުއްޖާ އަރައިގެން ހުރި އުސް ފައިވާނުން ހުރީ އޭނާގެ ފަޔަށް އަރައެވެ. ވަމުންދިޔަ ތަދާއެކު ކިނާންއަށް ތެޅިގަނެވުނެވެ. ދެފަރާތަށް އެނބުރިގަނެވުމާއެކު އޭނާގެ ބޮލަށް އެނބުރުން ވެސް އެރިއެވެ.

"މިހާރު ބަރާބަރު....." އެ އަންހެން ކުއްޖާ ހީގަންނަމުން ދުރަށް ހިނގައިގަތެވެ. ކިނާންގެ މޫނުމަތިން ރުޅިވެރިކަމެއް ފާޅެއް ނުވިއެވެ. އެހެނެއްކަމަކު އެ ތުންފަތް މައްޗަށް މަޢުނަވީ ހިނިތުންވުމެއް ވެރިވެފައިވެއެވެ. އޭނާ ގޮސް އަނާލްއާއި އިޒިއަން އާއި ގާތަށް ހުއްޓުނެވެ.

ދީމް ވެސް ގޮސް ހެދުން ދޮވެ ހަދައިގެން ނުކުތްތަނާ މަޒާޔާއާ ދިމާވިއެވެ. އޭނާ އެދުނީ އަނާލް ގާތަށް ގޮސް ބޯ އެއްޗަކަށް ކޯންޗެއްތޯ ގެންދަންވީ އެހުމަށެވެ. ހިނިތުންވަމުން ދީމް މީހުންގަނޑުގެ ތެރެއިން ފުރޭނިގަނެގެން އެ ދިމާލަށް މިސްރާބުޖެހިއެވެ. ދީމް އެތަނަށް ގޮސް ހުއްޓުނުއިރު ކިނާން ފޯނެއްގައި ހުރެ އަނެއްފަރާތަށް އެނބުރެނީއެވެ. އެހެންކަމުން އޭނާއަށް ރަނގަޅަށް އެ ޒުވާނާ ފެންނަގޮތެއް ނުވިއެވެ. އެ ޒުވާނާއަށް ބަލާލުމަށްފަހު ދީމް ވެސް އަނާލްގެ ގާތުގައި ހުއްޓި މަޒާޔާ ބުނި ވާހަކަ ބުނެލިއެވެ. ދީމް ވެސް އަނާލްގެ ޖަވާބު އިވުމުން ބޯޖަހާލިއެވެ. އަދި އެއްފަރާތަކަށް ޖެހިލިއެވެ. އެވަގުތު އަނެއްކާ އު ޒުވާނާ އެނބުރިގަތް ގޮތުން ޖެހުނީ ދީމްގެ ގައިގަތެވެ. އަރި އަޅާލި ދީމްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެހެންނަމަވެސް އެ ޒުވާނާގެ އެހީގައި ދީމްގެ ހަށީގަނޑު ސީދާ ކޮށްލިއެވެ.

"ޔޫ...." ރުޅިއައިސް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ކިނާންއާއި ދުރަށް ޖެހިލި ދީމް ބުނެލިއެވެ.

"އެގެއިން ޔޫ! މީކީކުރަން މިތަނަށް އައިސް އުޅޭ މީހެއްތަ؟ އަބަދު އެބަ އުނދަގޫކުރެޔޭ"

"ތޭންކްސް އެއް ނުބުނާނަން؟" ކިނާން އެއްލޯ މަރާލިއެވެ.

ދީމް އާއި ކިނާންގެ ވާހަކަ ހުރި ގޮތުން އިޒިއަން ގާތަށް ހިނިއައެވެ. އޭނާއަށް ކިނާން ކޮންމެވެސް ލާނެއްކަމެއް ކުރީކަން އެނގުމާއެކު ވާހަކަދެއްކިއެވެ.

"ނާނު... ކިހިނެތްހަދައިގެން ތިއުޅެނީ"

"ނޭނގެ! ކޮންމެ ފަހަރަކު އައިސް ފުރަގަހުގަ ހުއްޓި ހުންނަންޏާ ވާނީ އެހެންނެއްނު." ކިނާންގެ އަޑުގައި ހުރީ މަޖާގޮތެކެވެ.

"ބައިދަވޭ މީ ކިނާން، އަހަރެންގެ ކޮއްކޮ، މީ އަނާލްގެ ކަޒިންއެއް، ދީމް! " ދީމްއާއި ކިނާންއާ ދެމެދުވީ އޮޅުންތައް ފިލުވައިދޭން އިޒިއަން ވާހަކަ ދެއްކިއެވެ.

ދީމް ވިސްނާލިއެވެ. އެހެންވެއްޖެއްޔާ ކުރީ ދުވަހު އިޒިއަންމެން ގެއަށް ގޮސް އުޅުނުއިރު އޭނާއަށް ފުރަގަހުން ފެނުނީ މިޒުވާނާ ތާއެވެ. ކުރިން ނުފެނުނީމާ ނޭގުނީއެވެ. ދީމްގެ މޫނު ލަދުން ފެންވެރުނެވެ. ދެ ކޯތާފަތަށް ޖަންބު ކުލައެއް ވެރިވެގެން ދިޔައެވެ. އޭނާ ލަސްނުކޮށް ދުރަށް ހިނގައިގަތްއިރު ކިނާންގެ ނަޒަރުހުރީ އޭނާއަށް ހުއްޓިފައިކަން އެނގުނެވެ.

"ނާނު..." އަމިއްލަ ބަނޑަށް އަޑު އިވޭވަރަށް ދީމްއަށް ބުނެވުނެވެ. އެއާއެކު ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލަމުން އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. ދެންމެވީ ކަންތައް ހިތަށް އެރުމާއެކު ލަދުވެތި ހިނިތުންވުމެއް އެ ތުންފަތަށް ވެރިވިއެވެ.

ޕާރޓީ ތެރޭގައި ފޮޓޯގްރާފަރުން ހަރަކާތް ތެރިވަމުން ދިޔައެވެ. އެތަނުގައި ހިނގަމުންދިޔަ ހުރިހާ ކަމެއް ކެމެރާތަކުގައި ރައްކާކުރަމުން ދިޔައެވެ. ވީޑިއޯ ކުރާމީހުން ވީޑިއީ ކުރަމުން ދިޔައެވެ. ތަނަށް އަންނަ މެހެމާނުންގެ ފޯނު ތަކުގައިވެސް ތަނުގެ ހިތްގައިމު މަންޒަރުތައް ރައްކާކުރަމުން ދިޔައެވެ. ޕާރޓީގެ ފުރިހަމަކަމުން އެތަނުގެ އެތެރޭގެ ކޮންމެ މަންޒަރަކީވެސް ފޯނުތަކުގައި ރައްކާކުރަން ލިބޭ ރަންގަނޑެއް ފަދައެވެ.

ދީމް ވަރަށް ވިސްނަން ހުރެފައި ޝަފޫން ގާތަށް ޖެހިލިއެވެ. އޭނާ ހިތްވަރު ކޮށްފައި އެދުނީ އޭނާއާ އެކު އެއް ފޮޓޯ ގަނޑު ނެގުމަށެވެ. އަފާޒުވެސް ހުއްޓެވެ. ޝަފޫން ދެކޮޅު ހަދާ ނުރުހުމުގެ ބަހެއް ބުނެލިއެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް އަފާޒު އެހެން ބުނުމުން އޭނާ އަކަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ދީމް ޝަފޫން އާއި އަފާޒު އާއި ދެމީހުންގެ ދެމަދަށް ވަނެވެ. އަދި އޭނާ ދެމީހުންގެ އަތުގައި ހިފާލިއެވެ. ދީމްގެ އެއަމަލުން ޝަފޫންއަށް ދީމްއަށް ބަލާލެވުނެވެ.

އޭނާ ނުރުހުނުކަމުގައި ވިނަމަވެސް ދީމް އެކަން އެނގޭ ކަމަކަށް ނުހެދިއެވެ. ޝަފޫން އާއި އޭނާ އާއި ދެމީހުންގެ އެންމެ ފޮޓޯއެއްވެސް އޭނާ އަތަކު ނޯވެއެވެ. މުޅިން ވެސް ހުންނަނީ އަފާޒުއާ އެކު ނެގިފައިވާ ފޮޓޯތަކެވެ. އެހެންކަމުން މިރޭ އޭނާގެ އާއިލީ ފުރިހަމަ ފޮޓޯއެއް ނަގަން ބޭނުން ވިއެވެ.

އެ ފޮޓޯ ނަގާ ނިންމާފައި ދީމް އެދުނީ ޝަފޫން އާއެކު އެކަނި ފޮޓޯއެއް ނެގުމަށެވެ. އަފާޒު ޝަފޫން ގާތު ދީމް އެދުނު ގޮތަށް ކަންތައް ކުރަން ބުނެފައި ފަހީމްމެންނާ ދިމާލަށް ހިނގައިގަތެވެ.

"ކިހާ ދެރަކަމެއް... ދުރަށް ދޭ" ޝަފޫން ދީމްގެ އަތް ފޮޅުވާލުމަށްފަހު ދުރަށް ހިނގައިގަތެވެ. އޭނާ ދިޔައީ ދީމް ހިތްދަތި ވާފަދަ ބަހެއްވެސް ބުނެލާފައެވެ.

ދީމްގެ ލޮލަށް ކަރުނަތައް ޖަމާވުމާއެކު އޭނާ މީހުންގަނޑާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ކަރުނަތަށް ކޯތާފަތުން ތިރިއަށް ފައިބަން ފެށުމާއެކު އޭނާ ކަރުނަތަށް އެއްއަތުން ފޮހެލަން މަސައްކަތް ކުރިއެވެ. އެއާއެކު އަނދުން ތައް ފޭދި މުޅި ލޯ ކައިރީގައި ކޭތި ކަޅުވިއެވެ.

ކުއްލިއަކަށް ފަހަތުން މީހަކު އައިސް ދީމްގެ ކޮނޑުގައި އަތް ޖައްސާލުމާއެކު އޭނާއަށް ފަހަތަށް އެނބުރެވުނެވެ. ފަހަތަށް އެނބުރުނު ދީމް ފެނި ކިނާންގެ ދެލޯ ބޮޑުވިއެވެ. ދީމް ރުއިމުގެ ސަބަބުން އަދުންތައް ފޭދި މީހާގެ މޭކަޕް ހުރީ އެއްކޮށް ހަޑިވެފައެވެ.

"ސުބްޙާނަ ﷲ" ކިނާންއަށް ބުނެވުނެވެ. ދީމް ރޮއިފައި ހުރިކަން އެނގުނުނަމަވެސް ކިނާން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ދީމްގެ މޫނުމަތިން އޭނާއަށް ފެނުނު ހިތްދަތިކަމުގެ ސަބަބުން އެ މޫނު ވަނީ މިލާ މޯޅިވެފައެވެ. އެހެންނަމަވެސް މިހާރު ދީމް ހުރީ ހަމަޖެހިފައިކަން އެނގުމުން ފަހުން ސުވާލުކުރަން ހިތުލައިގެން އޭނާ ބޭނުންވީ ދީމްގެ މޫނުމައްޗަށް އުޖާލާކަމެއް ގެނައުމަށެވެ. އަނެއްކޮޅުން އެހެރި މޫނެއްވެސް ބަލާބަލާށެވެ. އިތުރަށް އޭނަ ރޯން ފަށައިފިއްޔާ ވާނެ ގޮތެއް ވެސް ނޭނގެއެވެ.

"ކީކުރަން މިހާރު މަގޭ ފަހަތުން ތި އައީ؟"ދީމް ރުޅިވެރިކަމާއެކު ބުނެލަމުން ކިނާން ފަސްދީ ދާން ހިނގައިގަތެވެ.

"އޭތް ތިހެން ހުރިގެންތަ ދަނީ؟" ކިނާން ދީމްގެ އަތަށް ދަމާލަމުން ހޯލުގެ ތެރެއިން ނުކުތެވެ. އަދި ގޮސް ވާތް ފަރާތުގައި އިން ގޯޅި ތެރޭގައި މަޑުކޮށްލިއެވެ.

"ހުއް... މީނައަށް ކީއްތަ؟" ދީމް ބުނެލިއެވެ.

"ހަންޑި ގަޑުވަރު ދޮންކަމަނަ ހެން ހީވަނީ. ދޭބަލަ... މިތަނުގެ ހުރިހާ އެންމެން ވެސް ބިރުން ފިލާނެ" ކިނާން އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. ކިނާންއާ ދިމާލަށް ޝަހާދަތް އިނގިލިދިއްކޮށްލަމުން އެއްޗެކޭ ބުނަން އުޅުނު ދީމްއަށް އެތަނުގައި ބަހައްޓާފައިހުރި ލޯގަނޑަކުން މޫނު ފެނުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އަނގަ ހުޅުވުނު ގޮތަށް އޭނައަށް ލައްޕަންވެސް ނޭނގުނެވެ.

"ތި ލައްޕަބަލަ... " ދީމްގެ ދަތްދޮޅީގައި ހިފާ ފިއްތާލަމުން ކިނާން ބުނެލިއެވެ.

"އައްދޯތް" ދީމްއަށް ބުނެވުނެވެ.

"އަހަރެން ބުނާ ގޮތަށް ހަދާ. އެބަހުރިތަ މޭކަޕް ކުރާނެ މީހެއް، އަމިއްލައަށް ކުރަން އެނގޭ ކަމެއްތަ؟" ކިނާން އަހާލިއެވެ.

"ކިހިނެތްތަ ހަދާނީ؟" ދީމް ބުމަރެއްހެން އެނބުރެމުން ކިޔަމުން ދިޔައެވެ.

"އޭތް، ބުރުމާއެއްހެން އެނބުރޭނެކަމެއްނެތޭ! ދެން ވެސް ތި ރީތި ކުރަން ވޮޝް ރޫމަށް ދޭބަލަ... "ކިނާން ބުނެލިއެވެ.

"އަޅެ މަ ކިހިނެތްތަ ރީތިވަނީ. މޭކަޕް ކުރާ އެއްވެސް އެއްޗެއް ނެތޭ، ދޭބަލަ ގޮސް މޭކަޕް އާރޓިސްޓް ގެންނަން" ދީމް ބުނެލިއެވެ. ކިނާން ބޯ ކަހަމުން އާއެކޭ ބުނެ އެތެރެއަށް ގޮސް އައީ މޭކަޕް އާރޓިސްޓް ގޮވައިގެނެވެ.

މޭކަޕް އާރޓިސްޓް ދީމްގެ މޭކަޕް ރީތިކޮށްފައި ނުކުމެގެން ހިނގައްޖެއެވެ. ކިނާން މަޑުކުރީ ދީމް އަށެވެ.

ދީމް މޫނު ދޮވެ މޭކަޕް ރީތިކޮށްގެން ނުކުމެ އެއްޗެކޭ ނުބުނެ ކިނާން ފަސްދީ ހިނގައިގަތް ތަނާ ކިނާން އޭނާގެ އަތަށް ދަމާލިއެވެ. އެއާއެކު ދީމް އައިސް ތަތްވީ ކިނާންގެ މޭގައެވެ.

(ނުނިމޭ...)

http://sun.mv/114705

comment ކޮމެންޓް