މަޖިލިސް 19ގެ މެމްބަރުން ބަރޯސާވާނީ ރައްޔިތުންގެ އާދޭސްތަކަށް: ނަޝީދު

އެޖެންޑާ 19 އެމްޑީޕީ މަޖިލިސް ކެމްޕެއިން ލޯންޗް ކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ 19 ވަނަ މަޖިލީހަށް އިންތިހާބުވާ މެމްބަރުން ބަރޯސާ ވާނީ ރައްޔިތުންގެ އާދޭސްތަކަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"އެޖެންޑާ 19" އެމްޑީޕީ މަޖިލިސް ކެމްޕެއިން ލޯންޗު ކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލިސް 19 އަކީ މުޅިން ތަފާތު މަޖިލީހަކަށް ވެގެންދާނެ ކަމަށެވެ.

މަޖިލިސް ނަވާރައިގެ ވަކީލުންނަނީ ރައްޔިތުންގެ ވަކީލުން ކަމަށާއި އެބޭފުޅުން ވަކާލާތު ކޮށްދެއްވާނީ ރައްޔިތުންނަށް ޓަކައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ މަޖިލީހުގެ ބޭނުމަކީ ރައްޔިތުން ކުރަމުން އަންނަ އުންމީދު ހަގީގަތަކަށް ހަދައިދިނުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް 19ގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދަން ޖެހޭނީ ކީއްވެތޯ އުފައްދާ ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ މުޅި ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުން ރައްޔިތުން އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ދޭން ޖެހޭ ކަމަށް ބުނަމުން އަންނަ އަޑު އިވޭ ކަމަށެވެ.

އެޖެންޑާ 19 އެމްޑީޕީ މަޖިލިސް ކެމްޕެއިން ލޯންޗް ކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

"ރައްޔިތުންގެ ބަސް ރައްޔިތުން ބުނަމުން އެދަނީ އެ ރައްޔިތުންނަށް ފެނުނު ތަނުގެ މައްޗަށް ބަލާފައި. އެ ރައްޔިތުންގެ ތަޖުރިބާއަށް ބަލާފައި. މި ޕާޓީ ދުއްތަނާއި މި ޕާޓީއަށް ލިބުނު ތަޖުރިބާ އާއި ފިލާވަޅަށް ބަލާފައި." ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ކޮށްދޭނެ ކަންކަމުގެ ޕޭޕަރުތަކެއް މިޙާރު ވަނީ ތައްޔާރުކޮށް އާންމުންގެ ހިޔާލަށް ހުޅުވާލައިފަ އެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީން 19 ވަނަ މަޖިލީހުގައި ކުރާނެ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމެވެ.

ނަޝީދު ސިފަކުރެއްވި ގޮތުން މިވެރިކަމަކީ އެމްޑީޕީގެ ވެރިކަމެކެވެ. ވިދާޅުވީ މި ސަރުކާރުން ތަންފީޒުކުރާނީ އެމްޑީޕީގެ ތިން ވަނަ މެނިފެސްޓޯ ކަމަށެވެ. އަދި މިއީ އެމްޑީޕީގެ ދެވަނަ ވެރިކަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް