ސަލަފުގެ ދަރުސް ނުހުއްޓުވަން، ކެންސަލްކުރީ އަމިއްލަޔަށް: މިނިސްޓަރު

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު --

ޖަމިއްޔަތުއް ސަލަފުން 'ދީން ހިމާޔަތް ކުރުން' އެ ނަމުގައި ބާއްވަން އުޅުނު ދަރުސް އިސްލާމިކް މިނިސްޓްރީން ނުހުޓުވާ ކަމަށާއި ދަރުސް ކެންސަލް ކުރީ އެބޭފުޅުން އަމިއްލަޔަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ކުރިޔާލާ އިޝްތިހާރުކޮށްގެން ސަލަފު ޖަމިއްޔާއިން ދަރުސް ބާއްވަން ނިންމީ މިރޭ އަރަބިއްޔާ ސުކޫލުގަ އެވެ. އެ ޖަމިއްޔާއިން ބުނި ގޮތުން ދީން ހިމާޔަތް ކުރުން އެ ނަމުގައި ބާއްވަން އުޅުނު ދަރުސް ސަރުކާރުން ހުއްޓުވީ އެވެ. ހުއްޓުވީ ހުއްދަ ނުނަގައި ދަރުސް ބާއްވަން އުޅުނު ކަމަށް ބުނެ ކަމަށް ސަލަފު ޖަމިއްޔާއިން ބުނެ އެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރު ތަކުގައިވެސް ދަރުސް ބޭއްވޭނީ ދަރުސް ބޭއްވުމަށް ހާއްސަ ހުއްދައެއް ނެގުމުން ކަމަށެވެ. އަދި މިރޭ ސަލަފު ޖަމިއްޔާއިން ބާއްވަން އުޅުނު ހުއްދަ ނެގުމަސް ތަކުރާރުކޮށް ހަނދާންކޮށްދިން ކަމަށާއި ހުއްދަ ނުނަގައި ދަރުސް ކެންސަލް ކުރީ އަމިއްލަޔަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

" މިރޭ ސަލަފުން ބާއްވަން އުޅުނު ދަރުސް އަމިއްލަޔަށް ކެންސަލް ކުރީމަ ހިތާމަ ކުރަން." އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވި އެވެ.

އަދި ގަވައިދު ތަކާއި އުސޫލުތަކަކީ މުޅި މުޖުޔތަމައުގެ މަސްލަހަތު ނެގެހެއްޓުމަށް ހަދާ އެއްޗެއް ކަމަށާއި ފަރުދުންނާއި ޖަމާއަތްތަކުން އެ އުސޫލުތަކަށް އިހުތިރާމް ކުރުމަށް މިނިސްޓަރު އެދިލެއްވެި އެވެ.

ސަލަފު ޖަމިއްޔާއިން ބުނާ ގޮތުން ދަރުސް ބޭއްވުމަށް އިތުރު ހުއްދައެއް ނަގާކަށް ނުޖެހޭނެ އެވެ. އަދި މިހާތަނަށް ޖަމްއިއްޔާއިން ބާއްވާފައިވާ ހުރިހާ ދަރުސްތަކާއި ފޯރަމްތައްވެސް ބާއްވަމުން ގެންގޮސްފައިވާނީ، ގާނުނު ތަކާއި ގަވާއިދުތަކާއި އެއްގޮތަށް އެ ޖަމިއްޔާއަށް ލިބިފައިވާ ހުއްދައިގެ ދަށުން، ރާއްޖޭގައި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮންނަ އިލްމުވެރިން މެދުވެރިކޮށް ކަމަށް ސަލަފުން ބުނެ އެވެ.

ސަލަފު ޖަމިއްޔާގެ މެމްބަރު އަލީ ރަމީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޖަމިއްޔާއިން ދަރުސް އަމިއްލައަށް ކެންސަލް ކުރީ ކަމަށް ބުނެ އިސްލާމިކް މިނިސްޓަރު ދޮގު ހައްދަވަނީ ކަމަށެވެ.

comment ކޮމެންޓް