އަށް މަސް ދުވަހަށް ފަހު ލުބްނާނުގައި އައު ސަރުކާރެއް އެކުލަވާލައިފި

ލުބްނާނުގެ ބޮޑުވަޒީރު ސައްދުލްހަރީރީ

ބައިރޫތު (ފެބްރުއަރީ 1) : ލުބްނާނުގައި އައު ސަރުކާރެއް އެކުލަވާލެވިއްޖެކަން އެ ގައުމުގެ ރިޔާސަތުން އިއްލާންކޮށްފި އެވެ. ލުބްނާނުގެ ރިޔާސަތުން ބުނީ ކުރީ ސަރުކާރުގެ ވެސް ބޮޑުވަޒީރަކަށް ހުންނެވި ސައުދުލްހަރީރީގެ ރިޔާސަތުގެ ދަށުން ލުބްނާނުގައި އައު ސަރުކާރެއް އެކުލަވާލައިފި ކަމުގަ އެވެ.

އައު ސަރުކާރު އެކުލަވާލާފައި މިވަނީ ލުބްނާނުގައި އާންމު އިންތިޚާބެއް ބާއްވައި ނަތީޖާ އިއްލާންކުރިތާ އަށް މަސް ދުވަސް ފަހުންނެވެ. މި އައު ސަރުކާރު އެކުލެވިގެން ވަނީ 30 ވަޒީރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ހަތަރު އަންހެން ބޭފުޅުން ހިމެނެ އެވެ. މި ސަރުކާރުގައި ލުބްނާނުގެ ބާރުގަދަ ހިޒްބުﷲ ޖަމާއަތާއި އެޖަމާއަތާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކަށް ސަރުކާރުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މަގާމުތައް ލިބިފައިވާ އިރު އަނެއް ތިންބައިކުޅަ އެއްބައި ލިބިފައި ވަނީ ސުންނީންނާއި އެމީހުންނާ އެކު ކޯލިޝަން ހަދާފައިވާ މެރޮނައިޓް ނަސާރާއިންނަށެވެ.

ދެން ހުރިބައި ލިބިފައި ވަނީ ދުރުޒީންނާއި މުސްތަގިއްލު ފަރާތްތަކަށެވެ. ލުބްނާނުގެ ރައީސް ޖެނެރަލް މިޝައިލް އަވްނުގެ ޕާޓީއަކީ ވެސް ހިޒްބުﷲ އާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީއެކެވެ. ލުބްނާނުގައި އައު ސަރުކާރެއް އެކުލަވާނުލެވި ލަސްވެގެން ދިޔައީ އީރާނުގެ މަދަދު ލިބޭ ހިޒްބުﷲ ޖަމާއަތާއި ސައޫދީގެ މަދަދު ލިބޭ ލުބްނާނުގެ ސުންނީންނާ އެމީހުންނާ ގުޅިފައިވާ މެރޮނައިޓް ނަސާރާ ލީޑަރުންގެ ކޯޅުންތަކުގެ ސަބަބުންނެވެ.

އެމެރިކާގެ މަދަދު ވެސް ލިބެނީ ސައޫދީގެ މަދަދު ލިބޭ ލުބްނާނުގެ ސުންނީންނާއި މެރޮނައިޓް ނަސާރާއިންނަށެވެ. ލުބްނާނުގައި އައު ސަރުކާރެއް އެކުލަވާލުމަކީ އެގައުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއްކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް