ވަކިން ސިނގިރޭޓް ވިއްކުން މޭ 31 އިން ފެށިގެން މަނާ

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވައިދު އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިލް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ދުންފަތާ ދުރުވުމަށް ހިތްވަރުދިނުމުގެ ގޮތުން ވަކިން ސިނގިރޭޓް ވިއްކުން މޭ 31 އިން ފެށިގެން މަނާކުރަން ސަރުކާރުން ނިންމައިފިއެވެ.

އެގޮތަށް އަމަލުކުރުމަށް ހަމަޖެހިފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދުގައި ވަނީ ބުނެފައެވެ.

އެ ގަވައިދުގައި ބުނީ ސިނގިރޭޓް ދެން ވިއްކޭނީ އެންމެ މަދުން 20 ސިނގިރެޓް ހިމެނޭ ޕެކެޓްގައި ކަަމަށެވެ. އަދި އެގޮތަށް ނުހުންނަ ސިނގިރޭޓް ފޮށި ރާއްޖެއަށް އެތެރެކުރުންވެސް މަނާވާނެ ކަމަށް ބުނެފައިވެއެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވައިދު އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އާ ގަވައިދަށް އަމަލުކުރާ ދުވަހުން ފެށިގެން ސިނގިރޭޓް ފޮއްޓާއި ކާޓަނުގައިވެސް މިނިސްޓްރީން އާންކުރާ އިންޒާރުގެ ނޯޓިސް ޖަހާފައި ހުންނަންވާނެ ކަމަށާއި އަދި އެނޫންގޮތަކަށް އޮންނަ އިންޒާރާއި އިބާރާތްކުރުމާއި އަދި ކުރެހުމެއް ޖެހިޔަސް އެ ގަވާއިދަށް އަމަލުކުރުން ކަމުގައި ނުބެލެވޭނެކަމަށް ބުނެފައިވެއެވެ.

ދުންފަތުގެ ބާވަތްތައް އުފައްދާ ފަރާތްތަކުން އުފައްދާ ހުރިހާ ބާވަތެއް ބަންދުކުރުމަށް ބޭނުންކުރާ ޕެކެޓް، ކާޓަން، ކިޓް ނުވަތަ މިފަދަ އެހެނިހެން ތަކެތި މާކެޓަށްނެރެ ވިއްކަން ފެށުމުގެ ކުރިން އެ ތަކެތީގެ ސާމްޕަލް، މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށްވެސް އެ ގަވައިދުގައި ބުނެފައިވެއެވެ.

އެ އެ ގަވާއިދާއި ޚިލާފުވެއްޖެނަމަ، އެކުށް ކުރުމަށް ބޭނުންކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމުލަ އަދަދުގެ 10 ގުނައިން ޖޫރިމަނާ ކުރެވޭނެކަމަށްވެސް އެ ގަވާއިދުގައި ބުނެފައި ވެއެވެ. އަދި ދެވަނަ ފަހަރު އެފަދަކަމެއް ތަކުރާރުކުރާނަމަ 5000 ރުފިޔާ، އަދި ތިން ވަނަ ފަހަރު 10،000 ރުފިޔާ އަދި ހަތަރު ވަނަ ފަހަރު 20،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

comment ކޮމެންޓް