ކުއްލިއަކަށް ލިބުނު ބޮޑު ޒިންމާ އަދާކުރަން އަލީ ވަހީދުގެ އަޒުމް ވަރުގަދަ

ނޮވެމްބަރު 17، 2018: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކެބިނެޓް ހުވާކުރުމާއި ރައީސް އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނުވަތަ ބަލަކް އާންމުންގެ ތެރޭގައި މަގުބޫލު ނަމަކަށްވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އަރިހުގައި ހުންނަވާ ކުރެއްވި މަސައްކަތްޕުޅުތަކާއެކު އެވެ. އެ މަސައްކަތާ އެކު އަލީ ވަހީދަކީ ސިޔާސީ ޕޯޑިއަމްތަކުގައި ފަރިތަ މޫނަކަށްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރުކަން ކުރެއްވި އެވެ. ޑީއާރުޕީގެ ރަންޒަމާނުގައި އެޕާޓީގައި އުޅުއްވުމަށް ފަހު އެމްޑީޕީއަށް ބަދަލުވެވަޑައިގެން އެ ޕާޓީގައި ވެސް މަސައްކަތް ކުރެއްވި އެެވެ. ޕާލިމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރުކަމާއި ޕާޓީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރެއްވި އެވެ. މިހާރު އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ރައީސެވެ.

ބަލަކްއަކީ ޒުވާން އުމުރުގައި ސިޔާސީ މައިދާނަށް ތައާރަފުވި މޫނެކެވެ. ދެހާސް ނުވަ ވަނަ އަހަރު މަޖިލީހަށް އިންތިހާބުވެވަޑައިގަތީ އުމުރުފުޅުން 24 އަަހަރުގަ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ޒުވާން ޕާލިމެންޓޭރިއަންގެ ގޮތުގަ އެވެ. އޭގެ 10 އަހަރު ފަސް--މިހާރު އުމުރުން 34 އަހަރުފުޅުގައި އަލީ ވަހީދަކީ މިހާރު ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރެވެ. އިގްތިސޯދުގެ އެންމެ މުހިއްމު ސިނާއަތުގެ ބެލެނިވެރިޔާއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: މުޒައިން

"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އެއްވެސް އިރެއްގައި ކެބިނެޓުގެ ގޮނޑިއަކަށް އުއްމީދު ނުކުރައްވާ ކަމަށެވެ. ހާއްސަކޮށް ޓޫރިޒަމް މިނިސްޓްރީ ފަދަ ޒިންމާ ބޮޑު ވުޒާރާއެއްގެ ހިންގުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުކުރައްވައިފާނެޔޭ ހިތަށް ވެސް ނާރާކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ކެބިނެޓުގެ އެންމެ ފަހުގެ އެންޓްރީއަކީ އަޅުގަނޑުހެން. ރައީސް އަޅުގަނޑަށް ގުޅުއްވީ އެދުވަހުގެ [17 ނޮވެމްބަރުގެ] 15:33ގައި. އޭރު އަޅުގަނޑު ހުވާކުރާ ރަސްމިއްޔާތަށް ދަނޑު ކައިރިއަށް ގޮސް ހުއްޓައި،" އެދުވަހުގެ ކޯލް ލޮގްގެ ސްކްރީންޝޮޓެއް ދައްކާލަމުން އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ކެބިނެޓުގެ މުހިންމު މަގާމެށް ހުށަހެޅުއްވުމުން އެންމެ ފުރަތަމަ ވަރަށް ޖެހިލުންވި ކަމަށެވެ.

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

"ފުރަތަމަ އަޅުގަނޑު ގަތީ ބިރު. މިތަނަށް [ޓޫރިޒަމް މިނިސްޓަރު ކަމަށް] އައި މީހަކު ވިއްޔާ އެންޑް އަޕްވެފައި އޮތީ ޖަލުގައި. ނުވަތަ މިތަނަކީ އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭތަން،" އަލީ ވަހީދު ވިދާޅުވި އެވެ.

ބޮޑު ޒިންމާއެއް ކޮނޑުފުޅުގައި އެޅިފައި ވިޔަސް އަލީ ވަހީދު ހުންނެވީ ރައީސް ކުރެއްވި އިތުބާރާ އެކު ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ. ހާއްސަކޮށް ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ މެންބަރަކަށް ނުވި ނަމަވެސް ކެބިނެޓުގެ އެންމެ މުހިންމު އެއް މަގާމު އަލީ ވަހީދަށް ދެއްވީ ރައީސް ކުރައްވާ އިތުބާރެއްގެ ބޮޑުކަމުންކަން އަލީ ވަހީދު ފާހަގަކުރެއްވި އެވެ.

އަލީވަހީދު ވިދާޅުވީ ކެބިނެޓު ވަޒީރުކަމުގެ ހުވަޔާއެއްގޮތަށް ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

"އަޅުގަނޑު ވާނީ ހުރިހާ ރައްޔިތުންގެ މިނިސްޓަރަކަށް،"

އެކަން ހާމަވަނީ މިނިސްޓްރީގެ ދަތުރުތައް ކުރިއަށް ގެންދާއިރު ހުރިހާ އެންމެން ވެސް ޝާމިލުވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މިނިސްޓަރު ބަހައްޓަވާ އިސްކަމުންނެވެ. ވަކި ފިކުރަކަށް ނުބަލައި، އެންމެންވެސް ބައިވެރިކޮށްގެންނެވެ.

"އަޅުގަނޑު މިނިސްޓްރީގެ ދަތުރުތަކުގައި ދާއިރު ކައުންސިލްތަކާ ވާހަކަ ދައްކަން. އެ ހެޔޮ ކޮންމެ ޕާޓީއެއްގެ ކައުންސިލަކަށް ވިޔަސް. ދާއިރާގެ މެންބަރަށް ވެސް އަޅުގަނޑުމެން ސިޓީ ފޮނުވަން ދަތުރުގެ ވަހަކަ ބަޔާންކޮށް. އެބޭފުޅުންނަށް ފުރުސަތު އެބަދެން ބައްދަލުވުމުންތަކުގައި ބައިވެރިވުމަށް. ވަކި ޕާޓީ އަކަށް ނުބަލައި އެ ފުރުސަތު ދެން،"

comment ކޮމެންޓް