ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 277 މިލިއަން ރުފިޔާ

ބޭންކް އޮފް މޯލްޑިވްސް 2017ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އަށް ފައިދާގެ ގޮތުގައި 277 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލް އިން އާންމުކޮށްފައިވާ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ހަތަރުވަނަ ކުއާޓަރުގައި ލިބުނު ފައިދާ ވަނީ ތިން ޕަސެންޓު އިތުރުވެފައެވެ.

ބީއެމްއެލް އިން ބުނީ ކުންފުނީގެ ހިންގުމުގެ ހަރަދު އިތުރުވުމާއި، އަލަށް ބޭނުންކުރަން ފަށާފައިވާ އެކައުންޓިންގ ސްޓޭންޑާޑް އައިއެފްއާރުއެސް9ގެ ދަށުން ލޯން ޕްރޮވިޝަންގެ ގޮތުގައި ބަހައްޓަން ޖެހޭ މިންވަރު އިތުރުވެފައިވުމާއި އަހަރެންގެ ބޭންކް ޕްރޮގްރާމްގެ ދަށުން މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރިނަމަވެސް ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާތަކެއް ލިބިފައިވާ ކަމަށެވެ. އަދި ލޯނު ދޫކުރެވުނު ނިސްބަތް އިތުރުވެފައިވުމާއެކު، މިދިޔަ އަހަރަކީ ބީއެމްއެލްއަށް ކާމިޔާބު އަހަރެއްގެ ގޮތުގައި އެ ބޭންކުން ސިފަކުރެއެވެ.

މިދިޔަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓް ކުރުމުގެ މަސައްކަތްކުރިއަށް ދާތީވެ، މުޅި އަހަރުގެ ނަތީޖާ ބޭންކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރު ހޯދުނު މާލީ ނަތީޖާ ރަނގަޅުވާނެކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ބޭންކުން ދަމަހައްޓަމުންދާ ކާމިޔާބީ މިދިޔަ އަހަރުވެސް ލިބުނީ ބޭންކުގެ އެކި ބްރާންޗުތަކުގައި މަސައްކަތްކުރަމުންދާ ހީވާގި މުވައްޒަފުންގެ މަސައްކަތުން ކަމަށެވެ. މިދިޔަ އަހަރު ބޭންކުން ވަނީ މާލީ ގޮތުން ކާމިޔާބު ހޯދައި، ވިޔަފާރި އިތުރަށް ފުޅާކޮށްފައިކަމަށާއި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމާއި ބޭންކިން ނެޓްވޯކް އިތުރަށް ފުޅާކުރުމަށް މިދިޔަ އަހަރުވެސް މަސައްކަތް ކުރެވުނު ކަމަށް އާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

comment ކޮމެންޓް