އެސްޓީއޯގެ ފައިދާއާއި އާމްދަނީވެސް އިތުރު

އެސްޓީއޯގެ 2017 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު ފައިދާ އާއި އާމްދަނީވެސް އިތުރު ވެއްޖެއެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ 2018 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އާމްދަނީ އިތުރުވީ ތެލުގެ ވިޔަފާރިން ލިބުނު ފައިދާ އިތުރުވުމުން ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ. އެކުންފުނިން ވިއްކި ތެލުގެ އަދަދު ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ހަ ޕަސެންޓު އިތުރުވެފައެވެ.

އެސްޓީއޯއަށް ލިބުނު އާމްދަނި އިތުރުވުމާއެކު އެކުންފުންޏަށް ލިބުނު ފައިދާވެސް 2018 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ވަނީ އިތުރުވެފައެވެ. ތިންވަނަކުއާޓަރާ އަޅާބަލާއިރު ހަތަރުވަނަ ކުއާޓަރުގައި ލިބުނު ފައިދާ 49 މިލިއަން ރުފިޔާ އިތުރު ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނީ 88 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 66 މިލިއަން ރުފިޔާ ލިބުނުއިރު މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 39 ޕަސެންޓު އިތުރު އަދަދެކެވެ. ސާފުފައިދާ އިތުރުވުމާއެކު ހިއްސާގެ ފައިދާވެސް 39 ޕަސެންޓު އިތުރުވެފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނިން އެންމެ ބޮޑު ސަމާލުމަކެއް ދެނީ ތެލުގެ އަގު އެއްވަރެއްގައި ހިފަހައްޓާ، ތެލުގެ އަގަށް އަންނަ ބަދަލުގެ ސަބަބުން އިގްތިސޯދަށް ކުރާ އަސަރު ކުޑަކުރުމަށް ކަމަށެވެ. އަދި އެހެނިހެން ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކުން ލިބޭ ފައިދާއިން، ތެލުގެ އަގު ހިފަހައްޓަން ޖެހިއްޖެނަމަ ކުންފުންޏަށް ގެއްލިގެންދާ ބައި ކުޑަކުރުމަށް ވެސް މަސައްކަތް ކުރާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

comment ކޮމެންޓް