"އަހަންނަކީ އިރުހާބީއެއްގެ މަންމައެއް ނޫން": ޒީޝާން ޖާވީދުގެ މަންމަ

އިންޑިޔާގެ ޖާސޫސް ދިރިހުއްޓައި ހައްޔަރު ކުރެވުނު އިރު، އޭނާގެ ދަރިފުޅު ދިރިހުއްޓައި ހައްޔަރު ނުކުރީ ކީއްވެތޯ ޒީޝާންގެ މަންމަ ސުވާލުކުރޭ -- ފޮޓޯ/ ބީބީސީއުރުދޫ

ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސުގެ ސާހީލްވާލް ޝަހަރުގައި ފުލުހުންނާ ދެމެދު ބަދަލު ކުރެވުނު ހަމަލާއެއްގައި މަރުވި ޒީޝާން ޖާވީދުގެ މަންމަ، އޭނާއަކީ އިރުހާބީއެއްގެ މަންމަ ނޫން ކަމަށް ބުނެ ސެނެޓުގެ ކޮމިޓީގެ މެންބަރުންގެ ބަސް ހުއްޓުވައިފިއެވެ.

އަންގާރަ ދުވަހު އިސްލާމްއާބާދުގައި ސެނެޓުގެ ކޮމިޓީއެއްގެ ހާޒިރުގައި ޒީޝާންގެ މަންމަ ވާހަކަ ދައްކާން ފެށުމުން މުޅި އެ މާހައުލަށް ވެރިވެގެން ދިޔައީ ހަމަހިމޭން ކަމެވެ.

އެހެން މަންމައިންނެކޭ އެއްފަދައިން ޒީޝާންގެ މަންމަވެސް ބުނަމުން ދިޔައީ އޭނާގެ ދަރިފުޅަކީ "ކުށެއް ނެތް، މައުސޫމް ކުއްޖެއް" ކަމަށެވެ.

"އަހަރެންގެ ދަރިފުޅަކީ އިރުހާބީއެއް (ޓެރަރިސްޓެއް) ކަމަށް ކަނޑައަޅާފައި ވާ ނަމަ، މަރައިލީ ކީއްވެ؟ އިންޑިޔާގެ ޖާސޫސް ދިރިހުއްޓައި ހައްޔަރު ކުރެވުނު. ވީއިރު އަހަރެންގެ ދަރިފުޅު މަރާނުލައި ހައްޔަރު ނުކުރެވޭނެތަ؟" ޒީޝާން ޖާވީދުގެ މަންމަ ސެނެޓުގެ މެންބަރުންނާ ސުވާލުކުރަމުން ބުންޏެވެ.

ސާހީލްވާލް ޝަހަރު ކައިރީގައި، ގައުމީ ރަސްމަގުގައި ޕަންޖާބު ފުލުހުންގެ "ކައުންޓަރ ޓެރަރިޒަމް ޑިވިޜަން" (ސީ.ޓީ.ޑީ)ގެ އޮފިސަރުންގެ ފަރާތުން ފުލުހުން ބަދަލުކުރި ހަމަލާގައި ދެ އަންހެނަކު ހިމެނޭ ގޮތުން ހަތަރު މީހަކު މަރުވެފައި ވާ ކަން ވަނީ ޔަގީން ކުރެވިފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޚަލީލު ނަމަކަށް ކިޔާ މީހަކާއި އޭނާގެ އަންހެނުންގެ އިތުރުން ކުޑަ އަންހެން ކުއްޖަކާއި އެމީހުން ދަތުރުކުރި އުޅަނދު ދުއްވާން އިން ޒީޝާން ޖާވީދެވެ.

މި މައްސަލައާ ގުޅިގެން ސެނެޓުގެ ސްޓޭންޑިންގ ކޮމެޓީގެ ދާޚިލީ ކަންކަމާ ބެހޭ ބައިގެ ޗެއާމަން ރަހްމާން މަލިކު ވަނީ މަރުވި މީހުންގެ އާއިލާތަކުން ކޮމެޓީއަށް ހާޒިރުވެ އެމީހުންގެ ބަޔާންތައް ދިނުމުގެ ފުރުސަތު ދެއްވައިފައެވެ.

މަރުވި ޚަލީލުގެ ބޭބެ އޭނާގެ މައްސަލައަށް އިންސާފު ލިބުމަށް އެދޭ ކަމަށް ބުނެފައި ވާއިރު، ޒީޝާންގެ މަންމަ ބުނެފައި ވަނީ، އޭނާ ފަންސާސް އަހަރު ވާން ދެން އެ ސަރަހައްދުގައި ދިރިއުޅެފައިވާ ކަމަށާއި ދުވަހަކުވެސް އޭނާގެ ދަރިފުޅު ޒީޝާންގެ ޝަކުވާއެއް އެއްވެސް ފަރާތަކުން ލިބިފައި ނުވާ ކަމަށެވެ.

"އަހަރެމެންގެ ގޭގައި ކާރު ގަރާޖެއް ނުހުރޭ. އަހަރެންގެ ދަރިފުޅު ކާރު ގެންގުޅޭން ފެށީއްސުރެ، އޭނާ ގޭގައި އުޅެންޏާ ކާރު އޮންނަނީ ގޭގެ ބޭރުގައި ބާއްވާފައި. ޒީޝާން ވަނީ ގުރޭޑު 12އާ ހަމަޔަށް ކިޔަވާފައި. އޭގެ ފަހުން އޭނާވަނީ ސްކޫލެއްގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި. އޭގެ ފަހުން ކޮމްޕިއުޓަރު ނެޓްވޯކިންގެ މަސައްކަތް ކުރަމުން ދިޔައީ. އޭގެ ފަހުން އޭނާ ކޮމްޕިއުޓަރުގެ ވިޔަފާރި ފެށި. އެ ވިޔަފާރީންގެ ގެއްލުންވާން ފެށުމުން ކަރީމް އޮންލައިން ޓެކްސީ ސާވިސްގައި ވަޒީފާ އަދާކުރާން ފެށީ."

ސާހީލްވާލްގެ ހާދިސާއާ ގުޅިގެން ސީ.ޓީ.ޑީގެ ފަރާތުން ފުރަތަމައަށް އާންމުކުރި ބަޔާނުގައި ވަނީ، އެ ހާދިސާގައި މަރުވި ހަތަރު މީހުންނަކީ ވެސް އިރުހާބީން ކަމަށް ކަނޑައަޅާފައެވެ. އެހެންނަމަވެސް އެ ބަޔާން އާންމުކުރި ތާ މާކަ ގިނަ އިރުތަކެއް ނުވެ، އެ މަންޒަރު ދުށް ބައެއް މީހުން ކޮށްފައިވާ ވީޑިއޯތައް މީސްމީޑިޔާގަޔާއި ޓީވީ ޗެނަލްތަކުގައި އާންމުވާން ފެށުމުން ސީ.ޓީ.ޑީގެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. އޭގެ ފަހުން ޕަންޖާބުގެ ފުލުހުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި، އިރުހާބީއެއް ކަމަށް ކަނޑައަޅާފައި ވަނީ ހަމައެކަނި ޒީޝާން ޖާވީދެވެ. އަދި މި ހާދިސާގައި މަރުވި އެހެން މީހުންނަކީ ކުށެއް ނެތް ބައެއް ކަމަށް ވެސް ފުލުހުން ވަނީ ނޫސްވެރީންގެ މި ބައްދަލުވުމުގައި ބުނެފައެވެ.

comment ކޮމެންޓް