ޔޫޕީއެސްގެ މަސައްކަތް ނިންމައި ލޯންޗުކޮށްފި

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ---

ގިނަ ދުވަސްތަކެއް ވަންދެން ނުނިންމި ލަސްވެފައި އޮތް ޕްރޮޖެކްޓް އަން އިންޓަރަޕްޓަބަލް ޕަވާ ސަޕްލައި (ޔޫޕީއެސް) އަޕްގްރޭޑުކޮށް ނިންމައި ލޯންޗުކޮށްފި އެވެ.

އެކަމާ ގުޅިގެން މިނިސްޓްރީ އޮފް ސައިންސް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ ގައުމީ ޑާޓާ ސެންޓަރު ހިންގާ އިރު އެ ޑާޓާގެ އެންމެ މުހިއްމު އެއް ކަމަކީ މާލެއިން ކަރަންޓު ދާއިރު ކަރަންޓުގެ ހިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުން ކަމަށެވެ. އަދި ކަރަންޓު ކެނޑޭ ހާލަތުގައި ޑޭޓާ ބޭސް މެދުކެނޑުމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

އެ ހުރިހާ ކަމެއް ޔަގީންކޮށްދިނުމަކީ ނޭޝަނަލް ސެންޓާ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ޒިންމާއެއް ކަމަށާއި އެކަން ޔަގީންކޮށްދިނުމަށް ޓަކައި ބޭނުންވާ ކަމަކީ ޑާޓާ ސެންޓަރު ނުނިވި ހުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ގައުމީ ޑޭޓާ ސެންޓަރ މި އިމާރާތުގައި ހިންގާއިރު އެ ޑޭޓާ ބޭހުގެ އެންމެ މުހިންމު އެއްބަޔަކީ މާލޭއިން ކަރަންޓްގެ ކެނޑިގެންދާ ހާލަތެއްގައި ސަރުކާރުން ފޯރުކޮށްދޭންޖެހޭ އެއީ އެއާޕޯޓުން މީހުން ރާއްޖެއަށް އެތެރެކުރުން ކަމުގައިވީ ނަމަވެސް. އަދި ސަރުކާރުގެ އެކިއެކި ނިޒާމްތައް ހިންގުން ކަމުގައިވީ ނަމަވެސް މައި ޕްރޮސެސާ ހުންނަތަނަކީ މިތަން. އެ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމަކީ އެންސީއައިޓީގެ ޒިންމާއެއް،"

މަލީހު ވިދާޅުވީ ޔޫޕީއެސް އަޕްޑޭޓްގެ ސަބަބުން ރާއްޖޭގެ އީ ގަވަނަންސްގެ ނިޒާމުގެ އިތުބާރު އިތުރަށް ހަރުދަނާވެގެން ގޮސް، އެއަށް ބޭނުންވާ ސެކިއުރިޓީ ޔަގީން ވެއްޖެކަމަށެވެ.

"ހިދުމަތް މެދު ކެނޑުމެއްނެތި ދެވޭނެ ކަމުގެ ޔަގީންކަން އަރުވަން،"

ރާއްޖޭގައި ޑޭޓާ ސެންޓަރެއް ގާއިމުކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ.

ހިދުމަތް މެދުނުކެނޑި ލިބޭ ގޮތް ހެދުމުގެ ގޮތުން ޔޫޕީއެސް އަޕްގްރޭޑްކޮށް އެންސީއައިޓީގައި ބެކަޕް ޖަނަރޭޓަރެއް ބަހައްޓައިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވުމަކީ ލިބުނު ކުރިއެރުމެއް ކަމަށްވެސް މިނިސްޓަރު ވިިދާޅުވިއެވެ.

comment ކޮމެންޓް