ވަކިން ސިނގިރޭޓް ވިއްކުން ހުއްޓުވާލުމަށް ރައީސަށް ލަފާ އަރުވައިފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު: ވަކި ސިނގިރޭޓު ވިއްކުން ހުއްޓުވާލުމަށް ވަޒީރުންގެ މަޖިލީހުން ރައީސަށް ވަނީ ލަފާ އަރުވާފައި ---- ފޮޓޯ: ރައީސް އޮފީސް

ވަކިން ސިނގިރޭޓް ވިއްކުން މަނާ ކުރާ ގޮތަށް 'ދުންފަތުގެ ބާވަތްތައް ޕެކޭޖު ކުރުމާއި ލޭބަލްކުރުމާ ބެހޭ ގަވާއިދު' ތަންފީޒު ކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔަ އިބްރާހިމް މުހައްމަދު ސޯލިހުއަށް ލަފާ އަރުވައިފި އެވެ.

ދުންފަތް، ސުޕާރީ، އެނަރޖީ ބުއިންތައް އަދި ހަކުރު ގިނަ ބުއިންތައް ފަދަ ސިއްޙަތަށް ގެއްލުން ހުރި ބާވަތްތަކުން ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ސަރުކާރުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން، "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ޤަވާޢިދު" ތަންފީޒު ކުރުމަށް މިއަދު ވަނީ ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާއަރުވައިފަ އެވެ. އެ ކަރުދާސް ވަޒީރުންގެ މަޖިލީހަށް ހުށަހެޅީ ހެލްތު މިނިސްޓްރީންނެވެ.

އެ ގަވާޢިދު ތަންފީޒު ކުރުމަށްޓަކައި މިހާރު ވަނީ، ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި މަންޒަރު ހިމެނޭ ސިއްޙީ އިންޒާރު ޖެހުމަށާއި، ވަކި ސިގިރޭޓް ވިއްކުން ހުއްޓާލުމަށް ގަވާޢިދު އެކުލަވާލައި، ގާނޫނީ އިޖްރާޢަތްތައް ފުރިހަމަކޮށްފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ދުންފަތުގެ ނުރައްކަލާމެދު އާންމުން ހޭލުންތެރިކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ. އަދި، ދުންފަތުގެ ބާވަތްތަކުގައި ތަސްވީރުން ދެވޭ ސިއްޙަތުގެ އިންޒާރު ޖެހުން ލާޒިމު ކުރުމާއި، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމަކީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ ލާޒިމު ކުރާ ކަންކަމެވެ.

އެ ގަވާއިދަށް އަމަލު ކުރަން ފަށާނީ ގެޒެޓް ކުރުމާއެކުގަ އެވެ. އެ ގަވާއިދު ހިނގާނީ ވިޔަފާރިވެރިންގެ މައްޗަށާއި ދުންފަތުގެ ބާވަތްތައް އުފައްދައި، އޭގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައްޗަށެވެ.

ފިހާރަތަކުގެ އިތުރުން އެ ގަވާއިދުގައިވާ ގޮތުން ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތަކުގައި ވެސް ވަކިން ސިނގިރޭޓް ވިއްކުން މަނާވާނެ އެވެ.

comment ކޮމެންޓް