ޓޫ އެއިޓީ ފައިވް ... އެންޑް ކައުންޓިންގް

ސުޕްރީމް ކޯޓް --

ދިވެހި ގައުމުގައި ބަޔަކު ކުރާތީ ފެނުނު އެންމެ ނުބައި އަދި އެންމެ ނާތަހުޒީބު އެއް އަމަލަކީ، ދިވެހި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބެއިބެއިފުޅުންނަށް އާއްމު މަންސަތަކުގައި އެންމެ ހުތުރު ބަހުރުވައިން އެއްޗެތި ގޮވައި، އެ ބެއިފުޅުންގެ ކާޓޫނު ކުރަހައި ދޮގާއި ބައިކުޅަބައި ތެދު އެއް ކޮށް މައްސުނި ކޮށްގެން އެ ބެއިފުޅުންގެ އަބުރު ކަތި ލަމުން ދިޔަދިޔުމެވެ. އެ ދުވަސްވަރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި ބޭފުޅާޔަށް ނިސްބަތް ކޮށް "މުރުތައްދު ފަނޑިޔާރު" މި ނަމުން ގޮވައި ހެދިހެދުމަކީ މިސާލެކެވެ.

މި ދެންނެވި ނުބައި އަމަލުތައް ކުރި މީހުންގެ ބަހުގައި، އެއުރެންނަކީ އިސްލާހު ކުރާ މީހުންނެވެ. ކީރިތި ޤުރްއާނުގެ ބަރަކާތްތެރި އާޔަތެއްގައި އޮންނަނީ، ބިންމަތީގައި ފަސާދަ އުފައްދާ ބައެއް މީހުން ތިމައުރެންނީ ސުލްހަ ކުރާ މީހުންނޭ ބުނެ ދައުވާ ކުރާނެ ކަމުގައެވެ. ނަމަވެސް އެއުރެންނަކީ ފާސިގު ފާސިދުން ކަމަށާއި، އެކަން އެއުރެންނަށް އިހުސާސް ނުކުރެވެނީ ކަމުގައެވެ. ގައުމެއްގެ "ރައީސުލްޖުމްހޫރިއްޔާ" އަކީ، ނުވަތަ ގައުމެއްގެ "އުއްތަމަ ފަނޑިޔާރު" އަކީ ކިހައި ފެންވަރެއްގެ، ކިހައި މަތީ ދަރަޖައެއްގެ ބޭފުޅެއްކަމާއި، އެ ބޭފުޅަކާ މި ބީދައިން ބެހިގަތުމަކީ ގައުމުގެ ޝަޚްސިއްޔަތަށް އަރައިގަތުންކަން ވިސްނޭނީ ވެސް ސިކުނޑީގައި އިލްމާއި އަޚުލާގުގެ ދަންމަރުން ކަނިފަށެއްގެ އަލިކަން ވިޔަސް ހުރި ބަޔަކަށްތާއެވެ. އެ ނޫން މީހުން "އިސްލާހެވެ" ކިޔައި ހަޅޭއްލަވަމުން، ބިން ފަސާދަ ކުރަމުން މުޖުތަމައުތައް ފިތުނަވެރި ކުރުވަމުން ދުވާނީތާއެވެ!

ކުރީގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމަށް ހުތުރު އެއްޗެތި ގޮވަމުން އައިސް، އެންމެ ފަހުން ފެނުނީ 2008 ގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހު ތަސްދީގު ކުރެވުނު ގާނޫނު އަސާސީގެ 285 ވަނަ މާއްދާގެ ބާރުގައި އެމަނިކުފާނު މަގާމުން ވަކި ކުރި މަންޒަރެވެ. މި ދެންނެވި މާއްދާގެ (ހ)ގައި އޮންނަނީ "މި ގާނޫނު އަސާސީޔަށް އަމަލު ކުރާން ފަށާ އިރު ތިބި ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުން މި މާއްދާގެ ދަށުން ގޮތެއް ކަނޑައަޅާންދެން ފަނޑިޔާރުކަމުގެ މަގާމުގައި ދެމިތިބޭނެ" ކަމަށެވެ.

ވިސްނައި ވިސްނައި ސިކުނޑިން ތެޔޮ ހޭނުނު އިރު ވެސް، މި މާއްދާޔަކީ މުޙައްމަދު ރަޝީދު އިބްރާހީމް އުއްތަމަ ފަނޑިޔާރުކަމުން ވަކި ކުރުން ފިޔަވައި އެހެން އެއްވެސް ބޭނުމެއް އަދި މަގުސަދެއް އޮވެގެން ލިޔުނު މާއްދާއެއް ކަމަކަށް އަޅުގަނޑަކަށް ނުފެނުނެވެ. އެއިރު ގާނޫނު އަސާސީ އެކުލަވައިލި މަޖިލިހުގައި ބައިގިނަ މީހުންގެ ކަޅު ލިސްޓުގައި އެމަނިކުފާނުގެ ނަންފުޅު އޮތީތީ، އެމަނިކުފާނު ފަނޑިޔާރުގެއިން ބޭރު ކުރާން ގަސްތު ކުރީއެވެ. އެކަމަށް ޓަކައި ބޭނުން ކުރި ހަތިޔާރެއް ކަމަށް ގާނޫނު އަސާސީ ހެދީއެވެ. ގާނޫނު އަސާސީގެ މާއްދާޔަކުން އެކަން ކުރީއެވެ.

މިއީ ޣައްދާރީއެވެ. ޚިޔާނާތެވެ. މަކަރެވެ. ހީލަތެވެ. ހިންތަވެރިކަމެވެ. މިއީ ރައްޔިތުންނާއި ގައުމަށް ދޮގު ހެދުމެވެ. މިއީ މާތްރަސްކަލާނގެ ރަސްކަންފުޅު ހެކި ކޮށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ގައުމަށް ޓަކައި ގާނޫނު އަސާސީ ލިޔުމަށް ކުޅަ ހުވަޔާ ޚިލާފު ވުމެވެ. ދިވެހި ދައުލަތުގެ ގާނޫނު އަސާސީޔަކީ ވަކި މީހަކު މަގާމަކަށް ގެންނާން، ވަކި މީހަކު މަގާމަކުން ވަކި ކުރުމަށް، ވަކި މީހަކު ޖަލަށް ލުމަށް، ވަކި މީހަކު ޖަލުން މިނިވަން ކުރުމަށް، ނުވަތަ މި ނޫން ގޮތަކުން ވެސް ވަކި މީހަކާ ދިމާ ކުރުމަށް ނުވަތަ ވަކި ބައެއްގެ ސިޔާސީ އެދުންވެރިކަން ފުއްދުމަށް ޓަކައި ބޭނުން ކުރާ ހަތިޔާރަކަށް ހަދައިގެން ނުވާނެއެވެ. ވަކި މީހަކު ހިފުމަށް ޖަހާ މަޅިފައްޗަކަށް ވެގެން ނުވާނެއެވެ. އެފަދަ ކަންކަން ކުރާ ބަޔަކު ނުވަތަ ކުރި ބަޔަކު އެ ކުރި ކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ހުރުމަތް ކަނޑައިލުމެވެ. ދިވެހި ދައުލަތުގެ ކަރާމާތަށް އަރައިގަތުމެވެ.

ފަޟީލަތުއް ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް އުއްތަމަ ފަނޑިޔާރުކަމުން ވަކި ކުރި ކުރުމަކީ ގޯހެކޭ މި ދަންނަވަނީ، އެމަނިކުފާނު އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ގޮތް ރަނގަޅޭ ވެސް ގޯހޭ ވެސް ބުނުމުގެ އެއްވެސް މަގުސަދެއް ނެތިއެވެ. ހަމައެކަނި އަޅުގަނޑު މި ފާހަގަ ކުރާ ނުކުތާޔަކީ، ވަކި ބޭފުޅަކު މަގާމުން ވަކި ކުރުމަށް ޓަކައި ގާނޫނު އަސާސީ ނާޖާއިޒު ގޮތުގައި ބޭނުން ކުރި ވާހަކައެވެ. ކޮންމެއަކަސް، އެ ހުތުރު އަދި ނާތަހުޒީބު އެޕިސޯޑު، ނުބައި ބައެއްގެ ނުބައި އަތްތަކާއި ނުބައި ގަލަންތަކުން، ދިވެހި ތާރީޚުގެ އަނދިރި ސަފުހާއެއްގެ ގޮތުގައި ލިޔެވުނީއެވެ.

ދުއިސައްތަ އައްޑިހަ ފަހެއް ވީ ފެށުމަކަށެވެ. އެ ހިސާބުން ފެންނަނީ ކުރިޔަށް ގުނޭ ތަނެވެ. "ޓޫ އެއިޓީ ފައިވް އެންޑް ކައުންޓިން"ގެ މަންޒަރެވެ. ސާދަ ޑިސެންބަރު 2014 ގައި ދިވެހި ނޫސްތަކަށް އެރި ކަޅު ސުރުޚީ އަކީ އެއިރުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙުމަދު ފާއިޒް ޙުސައިން މަގާމުން ވަކި ކުރުމަށް، ރައްޔިތުންގެ މަޖިލިހުން ނިންމި ޚަބަރުގެ ސުރުޚީއެވެ. އެ ކަންތައްގަނޑު ހިނގައިގެން ދިޔަ ގޮތުގެ ތަފްސީލުތައް ވެސް ރިކޯޑުތަކުގައި އެހެރީއެވެ. އެ ހުރިހާ ވާހަކަތަކެއް މި މަގާމުގައި ދައްކާކަށެއް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. މި ވަގުތު ދަންނަވައިލާން އޮތް އެއްޗަކީ، އެއީ ވެސް ހަމަ ވަކި ބޭފުޅުންތަކަކަށް އަމާޒު ކޮށްގެން، ގާނޫނުތަކަށް ބަދަލުތައް ގެނެސްގެން ނިޒާމާ ދެކޮޅަށް ހިންގުނު ޖަރީމާއެކޭއެވެ.

މީގެ ދެތިން ދުވަސް ކުރީން އަނެއްކާވެސް އިވިގެން މި ދިޔައީ ޝަރުޢީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި، މުޅި ދުސްތޫރީ ނިޒާމާއި ޝަރުޢީ ނިޒާމު ގަޑުބަޑު ވެގެން ދާ ފަދަ ކަންތައްތަކެއް ހިންގާން ހުށައެޅުނު ހުށައެޅުންތަކެއްގެ ވާހަކައެވެ. ޤާނޫނު އަސާސީގެ ބާރު ކަނޑުވައިލައި، ދިވެހިރާއްޖޭގެ އަދުލުއިންސާފު ގާއިމު ކުރުމުގެ ބާރުގެ އެންމެ މަތީ ފަރާތް ކަމުގައި ވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދުސްތޫރީ ހައިސިއްޔަތު ނެތި ކޮށްލައި، ފަނޑިޔާރުންގެ އަތުން ފަނޑިޔާރުގެ އަތުލައި، މުޅި ފަނޑިޔާރުގެއަކީ ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ ސިޔާސީ ޕާޓީތަކުގެ މަންދޫބުންގެ މުށުތެރޭގައި އޮންނަ ތަނަކަށް ހެދުމުގެ ހުށައެޅުންތަކެއްގެ ވާހަކައެވެ. މިހާރަކު ބާރުތައް ވަކި ވުމުގެ މަބްދައެއް ވެސް އޮންނަ ކަމަކަށެއް ނުވިއެވެ. މިނިވަން މުސްތަގިއްލު ފަނޑިޔާރުގެއެއް އޮންނާން ޖެހޭ ކަމަކަށެއް ވެސް ނުވިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ސިޔާސީ ހައެއްކަ ބޭފުޅުން ތިއްބެވުމުގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް ކުރިމަތި ވަމުންދާ ގޮންޖެހުންތައް، މުޅި ނިޒާމު ސިޔާސީ އައްޑިހައެއްހައި ބޭފުޅުންގެ އަތްޕުޅުދަށަށް ދިޔުމުން އިތުރަށް ގޯސް ވާނީއޭ ބުނެލާނެ ބަޔަކު ވެސް އެ ބޭފުޅުންގެ ތެރެޔަކުން ނުފެނުނެވެ. މި ދަންނަވާ ހުށައެޅުންތަކުގެ ތެރޭގައި ނުވަދިހަ ނުވަ އިންސައްތަޔަކީ އެ ވާހަކަ ދުލުން ބޭރު ކުރެވުނު ބަޔަކު ލަދުވެތި ވާން ޖެހޭ ފަދަ ތާކުންތާކު ނުޖެހޭ، އިލްމީ ގޮތުން އޮށްޓަރެއް ނެތް މަރުގޯހެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަކީ ސިޔާސީ އަމިއްލަ އެދުންވެރީން އެމީހުންގެ ސިޔާސީ އެޖެންޑާތައް ހާސިލު ކުރުމަށް ޓަކައި ކަތިލާން އޮންނަ ކަންބަޅިއެއް ނޫނެވެ. އެއީ އަށްސަތޭކަ އަހަރު ވީ މި ދައުލަތުގައި، މާތްރަސްކަލާނގެ އަމުރުފުޅާ އެއްގޮތަށް، އަދި ރައްޔިތުންގެ ހައްގުގައި އަދުލުއިންސާފު ގާއިމު ކުރުމުގެ މަތިވެރި ޒިންމާ އަދާ ކުރުމަށް ޓަކައި، ދިވެހި ދައުލަތުގެ ދުސްތޫރުން އުފައްދައިފައި ވާ ދައުލަތުގެ އެއް ބާރެވެ. އެ ބާރުގެ ހުރުމަތަށް އަރައިގަނެވޭ އިރު، މި ކުރެވެނީ ކީއްކަން ފަހުމު ނުވާ ވަރުގެ މީހުން ސިޔާސީ މައިދާނުން ބޭރު ވީ ދުވަހަކުން ނޫނީ، މި ގައުމުގެ އެއްވެސް ކަމަކަށް ހަގީގީ އިސްލާހެއް ނާންނާނެއެވެ.

އިހަކަށް ދުވަހު އަޅުގަނޑުމެންނަށް އިވުނީ، ގާނޫނީ ވަކީލު ހުސްނުއްސުއޫދު މީޑިޔާއަށް އަރުއްވައި ޝަރުއީ ދާއިރާޔަށް ފާޑު ވިދާޅުވެ، ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑުއްވައި، ފަނޑިޔާރުން އައްޔަން ކުރެވެނީ ގޭންގުތަކުން ކަނޑައަޅާ ކޯޓާޔަކަށޭ މި ބާވަތަކުން ވާހަކަތަކެއް ދެއްކެވި އަޑެވެ. މިސާލަކަށް، ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގުތަކުގެ ބަހެއް އޮންނަ ނަމަހީ ވެސް، އެ ބަސް އަހައިގެން ކޯޓުތަކަށް އެ ވިދާޅުވާ ޒާތުގެ މީހުން ފަނޑިޔާރުކަމަށް އައްޔަން ކުރައްވާ ނަމަ އެކަން ކުރައްވާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ. އެ ކޮމިޝަނަކީ ތަންފީޛީ ބާރާއި ރައްޔިތުންގެ މަޖިލިހުގެ އަތްމަތީގައި އެ ކޮމިޝަނެއްގެ މެޖޯރިޓީ އޮންނަ ކޮމިޝަނެކެވެ. އެހެން ވީމާ، ކުޑަ ކުއްޖަކަށް ވެސް ވިސްނޭނޭ ފަދައިން، ކޯޓުތަކަށް ގޭންގުތަކުން އަންގާ ގޮތަކަށް، ނުވަތަ ވިޔަފާރިވެރީން އަންގާ ގޮތަކަށް، ނުވަތަ ސިޔާސީ ޕާޓީތަކުން އަންގާ ގޮތަކަށް ފަނޑިޔާރުން އައްޔަން ކުރާ ނަމަ އެކަން ކުރަނީ ތަންފީޛީ ބާރާއި ރައްޔިތުންގެ މަޖިލިހުގެ ފަރާތުންނެވެ. މި ވާހަކައެއް ހުސްނުއްސުއޫދު ވިދާޅެއްނުވިއެވެ.

އެކަމަކު، މި ކަމުގައި ވެސް ޒިންމާ ނަގާން ޖެހެނީ ފަނޑިޔާރުގެއިން ތޯއެވެ؟

ދުއިސައްތަ އައްޑިހަ ފަހަކުން ފެށިގެން ގުނާން ފެށި ގުނުން ހުއްޓޭން ވެއްޖެއެވެ. ސިޔާސީ އެދުންވެރިކަން ފުއްދުމަށް ޓަކައި، ވަކި ބަޔަކަށް އަމާޒު ކޮށްގެން ގާނޫނުތައް ހެދުމާއި، ވަކި ބަޔަކަށް އަމާޒު ކޮށްގެން ގާނޫނުތައް އިސްލާހު ކުރުމުގެ ގޯހަށް "މިހާރު ފުދި އިތުރު ވެއްޖެޔޭ" ބުނާން ޖެހިއްޖެއެވެ. ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ނަމުގައި، ޝަރުއީ ނިޒާމާއި ފަނޑިޔާރުން ބުލީ ކުރުމާއި، ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށާއި ސިޔާސީ އެކްޓިވިސްޓުންނަށް ދީފައި އޮންނަ އޮތުން ނިމުމަކަށް އަންނާން ވެއްޖެއެވެ. އިންތިޚާބެއް ބޯމަތި ވާ އިރަށް، ރައްޔިތުން ކައްކައިގެން، ރައްޔިތުން ވާ ވައްދައިގެން، ފިތުނަފަސާދަ އުފައްދައި، ޝަރުއީ ދާއިރާޔަށް އެއްޗެތި ގޮވުމަކީ ކެންޕޭނުގެ ޝިއާރަކަށް ހަދައިގެން އުޅޭ އުޅުން ހުއްޓުމަކަށް އަންނާން ވެއްޖެއެވެ. ސިޔާސީ ލީޑަރުންނާއި ޑިމެގޯގުންގެ ތަފާތު، ރައްޔިތުން ދަސް ކުރާން ވެއްޖެއެވެ. މި ކަންކަން ނުވެއްޖެ ނަމަ، ދިވެހި ދައުލަތް ފޭލި ވެގެން ދިޔުން އޮންނާނީ ވަރަށް ގާތުގައެވެ.

comment ކޮމެންޓް