އޮލިމްޕަސް ޕީއެސްއެމްގެ ދަށުގައި ހުންނާތީ ފިލްމީ ފަންނާނުން ކަންބޮޑުވުން ފާޅުކޮށްފި

ރޭ އޮލިމްޕަސްގައި ބޭއްވި ފަންނާނުންގެ ފޯރަމްގެ ތެރެއިން--- ފޮޓޯ: އެންސީއޭ

އޮލިމްޕަސް ޕީއެސްއެމްގެ ދަށުގައި ހުންނާތީ ފިލްމީ ފަންނާނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފިލްމީ ދާއިރާގައި ހުރި ކަންބޮޑުވުންތަކާމެދު މަޝްވަރާކުރުމަށް މިރޭ އޮލިމްޕަސްގައި ފަންނާނުންގެ ފޯރަމްގައި ވާހަކަ ދައްކަމުން މަޝްހޫރު ފިލްމީ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ބުނީ އޮލިމްޕަސް ޕީއެސްއެމްގެ ދަށުގައި ހުންނަން ޖެހޭ އެއްވެސް ސަބައެެއް ނެތް ކަމަށެވެ. އަދި އެތަން އެންސީއޭގެ ދަށަށް ގެންނަން ޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.

ޓެޑްރީ ބުނީ ފާއިތުވި ސަރުކާރުގައި ޕީއެސްއެމްގައި ވަރަށް ބޮޑަށް ކޮރަޕްޝަން އޮތް ކަމަށާއި އަދި އޮލިމްޕަސް ޕީއެސްއެމްގެ ދަށުގައި އޮވެ އެތަނުގެ މަރާމާތާއި އެތަނަށް ކުރިއެރުން ހޯދުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.

ރޭގެ ފޯރަމްގައި މިނިސްޓަރު އޮފް ހެރިޓޭޖް އާޓްސް އެންޑް ކަލްޗާ ޔުމްނާ މައުމޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް ބައިވެރިވެ އެ ދާއިރާގައި ހުރި ދަތިތަކާ ކަންތައްތައް ހައްލުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވަނީ ވާހަކަދައްކާ ހަދައިފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ރަވީ ފާރޫގް ބުނީ ރާއްޖޭގައި މިހާތަނަށް ހަދައިފައި ހުރި ފިލްމުތައް ނެތިގެން ދިއުމުގެ ކުރިން އާކައިވްކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށެވެ.

މަޝްހޫރު ފިލްމީ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ވަނީ އެ ދާއިރާގެ މީހުން ބިނާކުރަން ޖެހޭކަން ފާހަގަކުރައްވައިފައެވެ. އޭގެ އިތުރުން އިޖުތިމާއީ މައްސަލަތަކަށް ހަދާ ފިލްމުތަކަށް ސަރުކާރުން ފަންޑު ލިބޭނެ ގޮތް ހަދައި ފިލްމީ ދާއިރާގެ އެވޯޑްތައް އަހަރުން އަހަރަށް އެވޯޑްތައް ދެފުށް ފެންނަ ވަކި އުސޫލެއްގެ ދަށުން ދެވޭނެގޮތް ހަދައިދިނުމަށް އޭނާ ވަނީ ހުށަހަޅައިފައެވެ.

ފިލްމީ ދާއިރާގައި މީގެ ކުރިންވެސް އެވޯޑްތައް ދީފައިވެއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން އެ އެވޯޑްތައް ދިނުން ބައެއް އަހަރުތަކުގައި މެދު ކެނޑެއެވެ. އަދި އެ އެވޯޑްތަކުގައި ޖަޖު ކުރާ ގޮތާ ދޭތެރޭވެސް ފަންނާނުން އަބަދުވެސް ޝަކުވާ ކުރެއެވެ.

ޓެޑްރީ އިތުރަށް ވިދާޅުވީ ރާއްޖޭގެ ފިލްމުތައް ސާކް ފިލްމު ފެސްޓިވަލްއަށް ހުށަހެޅުމުގެ ބަދަލުގައި ކޮންމެވެސް އެހެން ގައުމެއްގެ ފިލްމް ފެސްޓިވަލްގައި ބައިވެރިވެވޭނެ ގޮތް ހަދަން ޖެހޭނެ ކަމަށެވެ. ސާކް ފިލްމް ފެސްޓިވަލްއަކީ ލަންކާގެ ވަކި ބައެއްގެ ނުފޫޒުގައިވާ ތަނެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

ރާއްޖޭގެ ފިލްމުތައް ރާއްޖެތެރޭގެ ރަށްތަށުގައި ދެއްކުމުގައި ހުރި ގޮންޖެހުންތައްވެސް ފަންނާނުން ރޭ ވަނީ ހިއްސާކޮށްފައެވެ. ފިލްމް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތުމަތު ނަހުލާ ބުނީ ރާއްޖެތެރޭގައި ފިލްމު އަޅުވާއިރު އެ ރަށްރަށުގެ ސްކޫލުތަކުން ޖާގަ ލިބުގައި ދަތި ކަމަށެވެ.

" އަޅުގަނޑުމެން ޓިކެޓް ވިއްކާފަސްވެސް ބައެއް ފަހަރު ކެންސަލްކޮށްލާ ރަށްރަށުގެ ސްކޫލުތަކުގެ ވެރިން ބޭނުންނުވެގެން ކޮންމެވެސް އިވެންޓެއް އޮވޮގެން ނުވަތަ އެހެންކަމެއްވެސް އޮވެގެންވެސް އެހެންވޭ" ނަހުލާ ބުންޏެވެ.

ފިލްމީ ތަރި އަދި ޑައިރެކްޓަރު އަލީ ސީޒަން ވަނީ ފިލްމު އެސޯސިއޭޝަން މިހާރަށްވުރެ ފަސޭހައިން ހިންގޭނެ ގޮތަށް ވަކި ބަޖެޓެއް ލިބޭނެގޮތް ހަދައިދިނުމަށް އެދި ދަންނަވައިފައެވެ. އަދި ފިލްމުތަަކަށް ސަރުކާރުގެ ކުންފުނިތަކުގެ ސްޕޮންސާ ނުލިބުމުގެ މައްސަލަ ވަނީ ހިއްސާކޮށްފައެވެ.

ފިލްމީ ތަރި މުހައްމަދު މަނިކު ބުނީ ފިލްމުތައް ލީކްވެ އެ މައްސަލއިގައި އިންސާފު ނުލިބުމުގެ މައްސަލަ މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމަށް އޭނަ ބުންޏެވެ.

ފިލްމީ ފަންނާނުންގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން މިނިސްޓަރު ޔުމްނާ ވިދާޅުވީ އެ ފަންނާނުންގެ ކަންތައްތައް ހައްލުކުރުމަށް މިސަރުކާރުގައި ވަރަށް ބޮޑަށް އިސްކަންދޭނެ ކަމަށެވެ. އަދި އެކަމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް