ނޭމާއާ ނުލައި ޕީއެސްޖީއަށް ފަސޭހަ މޮޅެއް

އެޑިސަން ކަވާނީ އަދި އޭންޖެލް ޑިމާރިއާ ރޭ މެޗުގައި ގޯލު ޖެހުމަށް ފަހު

ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ ނުލައި ޕީއެސްޖީން އެންމެ ފަހުން ކުޅުނު މެޗުން ފަސޭހަ ކަމާއެކު ރެނެސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ފްރާންސް ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އަދި ދިހަ ވަނައިގައި އޮތް ރެނެސް ބައްދަލު ކުރި މެޗު 1-4ގެ ނަތީޖާ އަކުން ޕީއެސްޖީ ކާމިޔާބު ކުރި އިރު އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުން ތެރިޔާ ނޭމާ އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެއެވެ.

ޕީއެސްޖީގެ ތަރި ނޭމާ ޖޫނިއާ ޖޫނިއާ -- ފޮޓޯ / ޑޮމް ފެރަލް

އެޑިސަން ކަވާނީގެ ދެ ލަނޑާއި އަންހެލް ޑި މާރިއާގެ ލަނޑެއްގެ އިތުރުން ކިލިއަން އެމްބާޕޭގެ ލަނޑެއް އިއްޔެރޭގެ އެ މެޗުން ފެނިގެން ގޮސްފައި ވެއެވެ. ރެނޭސް އިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ އެމްބަޔޭ ނިއަންގް އެވެ.

މި މޮޅާއެކު ޕީއެސްޖީއިން ވަނީ ފްރާންސް ލީގުގެ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މި ސީޒަނުގައި ލީގު އެއްވެސް މެޗަކުން ބަލި ނުވެ ކުޅެމުން އަންނަ ޕީއެސްޖީ ލީގު ހޯދުމާ ގާތަށް ޖެހިލި އިރު އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ނޭމާ ޖޫނިއާ މިވަގުތު ހުރީ އިންޖަރީގެ ސަބަބުން ކުޅުމާ ދުރުގައެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާ ޖޫނިއާއަށް ވަނީ އެންމެ ފަހުން ލީގު ކަޕުގައި ސްޓަރަސްބާގްއާއި ޕީއެސްޖީ ވާދަ ކުރި މެޗުގައި އަނިޔާ ވެފައެވެ. އަދި އަންނަ މަހު ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އާއި ޕީއެސްޖީ ބައްދަލު ކުރާ މެޗަށް އޭނާ ފިޓު ވާނެ ކަމާ މެދު ވަރަށް ޝައްކު ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓަޗެލް ވަނީ ބުނެފައެވެ.

"ވަރަށް އުނދަގޫ ކަމެއް އެއީ އެ މެޗަށް [ޗެމްޕިއަންސް ލީގު] އޭނާ އެނބުރި އައުން. އަދި އަވަސް އެކަމާ ދޭތެރޭ އެއްޗެކޭ ބުނަން." ނޭމާގެ އެނބުރި އައުމާ ބެހޭގޮތުން ވާހަކަ ދައްކަމުން ތޯމަސް ޓަޗެލް ބުންޏެވެ.

comment ކޮމެންޓް