ބިޑްނުކޮށް ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅޭނެ އުސޫލެއް އެކުލަވާލައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް: ސަން ފައިލް ފޮޓޯ

ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލެއް ކަނޑައަޅައި އާންމުކޮށްފިއެވެ.

ރައީސް އޮފީހުން ވަނީ މި އުސޫލު ސަރުކާރުގެ ގެޒެޓުގައި މިއަދު އާންމުކޮށްފައެވެ. ރައީސް އޮފީހުން ބުނީ ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ހުށަހަޅާ ޕްރޮޕޯޒަލް ތަކަކީ އަމިއްލަ ފަރާތްތަކުގެ އިސްނެގުމާއެކު، ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ބޭނުމެއް ދެނެގަނެ އެކަމަކަށް ރިއާޔަތްކޮށް ޕްރޮޕޯޒަލްތައް ހުށަހެޅުމަށް ފަހިކޮށްދެވޭ ނިޒާމެެއް ކަމަށެވެ.

ރައްޔިތުން ސަރުކާރާއި މަތިކޮށްފައިވާ ޒިންމާ އާއި ސަރުކާރުން ވައުދު ވެފައިވާ ތަރައްޤީގެ ލަނދުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭ މަޝްރޫއުތަކެއް ކަމުގައިވާނަމަ، އެފަދަ ޕްރޮޕޯޒަލްތައް ބަލައިގަތުމުގައި ކުރިއަށްދާނެ ގޮތްތައް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

ޕްރޮޕޯޒަލްތައް އެސެސްކުރުން ތިން މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޕްރޮޕޯޒަލްތައް ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. ޕްރޮޕޯޒަލްތައް އެސެސްކުރުމުގެ ފުރަތަމަ މަރުހަލާގައި އުސޫލުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ޕްރޮޕޯޒަލް ފެތޭތޯ ބަލައި، ސްޓްރަޓީޖިކް އެސެސްމަންޓް ހެދުމަށްފަހު، އެ ހުށަހެޅުމަކީ ސީދާ މަޝްވަރާއަކަށް ދިއުމަށް އެންމެ އެކަށީގެންވާ ހުށަހެޅުމެއްތޯ ބެލޭނެއެވެ.

މިއުސޫލުގެ ދަށުން ސަރުކާރަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ރިވިއުކޮށް ބަލަހައްޓާނީ ދެފުށްފެންނަ، ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ އުސޫލަކުން ޢަމަލުކުރަމުން ގެންދެވޭނެ ފަދަ ނިޒާމެއް ބައްޓަންކޮށްގެންކަމަށް ރައީސް އޮފީހުން ބުންޏެވެ. މިއުސޫލުގެ ދަށުން ފިކުރީ މިލްކުވެރިކަމުގެ ހައްގުތައް ހިފެހެއްޓޭނެ މިންގަނޑުތަކެއްގެ މައްޗަށް ބަރޯސާވެ، އަމިއްލަ ވިޔަފާރިތަކަށް ރަނގަޅު އީޖާދީ ހިޔާލުތައް ސަރުކާރަށް ހުށަހެޅުމަށް ހިތްވަރުދީ އަޅާކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

އުސޫލުގެ މައިގަނޑު މަގްސަދަކީ އަމިއްލަ ފަރާތްތަކުން، ރައްޔިތުންގެ ލާބަ އާއި މަންފާއަށް ހިންގުމަށް ބޭނުންވާ މަޝްރޫއުތަކަށް ފުރުސަތު ދީ، އީޖާދީ ތަނަވަސް ހިޔާލަށް މަގުފަހިކޮށް، އަމިއްލަ ފަރާތްތަކުގެ ޝާމިލުވުމާއެކު ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަސައްކަތްކުރުމަށް މަގުފަހިކުރުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މި އުސޫލަށް އަމަލު ކުރަން ފަށަން ނިންމާފައިވަނީ އުސޫލު ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް