ސޫރިޔާ ހަނގުރާމައިގެ ހަގީގަތަކީ ކޮބާ؟

އަސަދު އަދި އުރުދުޚާން

ސޫރިޔާއިން ފޭބުމަށް އެ ގައުމުގެ ސަރުކާރުން ތުރުކީއަށް ދާދިފަހުން ވަނީ ގޮވާލައިފައެވެ. ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ތުރުކީއަށް ގޮވާލާފައި ވަނީ އިސްތިއްމާރީ އުސޫލުން ތުރުކީގެ އުތުރުގެ ސަރަހައްދުތަކަށް ވެރިވެގަތުމަށް މަސައްކަތް ނުކުރުމަށާއި ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރި ނުވުމަށެވެ. މިކަންކަމަށް އެއްބަސްވާ ނަމަ ތުރުކީއާ އެކު އަމަނާބެހޭ މުއާހަދާއެއްގައި ސޮއިކުރަން ތައްޔާރަށް އޮތްކަމަށް ވެސް ސޫރިޔާގެ ބަޔާން ބުނެއެވެ.

ސޫރިޔާއާއި ތުރުކީއާ ދެމެދު 1998ގައި ސޮއިކުރި އަމަނާބެހޭ މުއާހަދާއަށް އަމަލުކުރުން ސޫރިޔާއިން ހުއްޓާލީ 2011 ވަނަ އަހަރު ސޫރިޔާގެ ވެރިކަން ވައްޓާލުމަށްޓަކައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ތެދުވި އިދިކޮޅު ޖަމާއަތްތަކަށް ތުރުކީން ހަތިޔާރާއި ތަމްރީން ފޯރުކޮށްދިނުމާ ގުޅިގެންނެވެ.

މިކަމުގެ ސަބަބުން ސޫރިޔާގައި ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައެއް ފެށިފައިވާ އިރު އެހަނގުރާމައިގެ ސަބަބުން ތުރުކީއަށް ވެސް ވަނީ ފައިދާގެ ބަދަލުގައި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. މީގެ ތެރޭގައި ސޫރިޔާގެ ތިން މިލިޔަނަށް ވުރެ ގިނަ ރެފިއުޖީން ސަރަހައްދީ ރޮނގު ހުރަސްކޮށް ތުރުކީއަށް ވަނުމާއި ތުރުކީގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޕީކޭކޭ ޖަމާއަތުގެ ކުރުދީ ހަނގުރާމަވެރިން ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާން ފެށުން ހިމެނެއެވެ.

ސޫރިޔާގެ ހަނގުރާމަ ފެށުނު ދުވަސްވަރު އައިއެސް އާ ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ސޫރިޔާގައި ހަނގުރާމަ ކުރުމަށްޓަކައި ދުނިޔޭގެ އެކިކަންކޮޅުތަކުން ޖިހާދުގެ ނަމުގައި ސޫރިޔާއަށް ދިޔަ ހަރުކަށި ތަކްފީރީ ވިސްނުމުގެ ހަނގުރާމަވެރިން ސޫރިޔާއަށް ވަނުމުގެ ފަސޭހަތައް ވެސް ތުރުކީން ވަރަށް ބޮޑަށް ދިނެވެ. ނަތީޖާއަކަށްވީ އެބާވަތުގެ ހަނގުރާމަވެރިން ތުރުކީގައި ވެސް ގިނަވެ، 2015 އާއި 2016ގައި ތުރުކީގައި އެމީހުން ބޮންގޮއްވަން ފެށުމެވެ.

ތުރުކީގައި ދެ އަހަރު ދުވަހަށް ދިގުދެމިގެން ދިޔަ ބޮމުގެ އެ ހަމަލާތަކުގައި އެގައުމުގެ އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވުމުގެ އިތުރުން ތުރުކީގެ ޓޫރިޒަމް ދަށަށް ގޮސް އިގްތިސާދު މަޑުޖެހުނެވެ. މިއާ އެކު ތުރުކީން ވަނީ އައި އެސް އާ ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ދޫދިނުން ހުއްޓާލައި އެޖަމާއަތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައިފައެވެ.

މިފިޔަވަޅުތަކުގެ ދަށުން ތުރުކީގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެޖަމާއަތްތަކާ ގުޅުމަށް ދާ ހަނގުރާމަވެރިން ތުރުކީގެ ސަލާމަތީ ބާރުތަކުން ހުއްޓުވިއެވެ. ސޫރިޔާގެ ހަނގުރާމައަށް ލުއި ލިބިގެންދިޔައީ މިހިސާބުންނެވެ. ނަމަވެސް އޭގެކުރިން އައިއެސް އިން ސޫރިޔާގެ ތެލުގެ ސިނާއަތަށް އަތްގަދަކޮށްގެން ތިބި ދުވަސްވަރު އެޖަމާއަތުން އަގުހެޔޮކޮށް ވިއްކި ތެޔޮ އެންމެ ގިނައިން ގަނެ އޭގެ ނާޖާއިޒު ފައިދާ ނެގި ގައުމަކީ ވެސް ތުރުކީއެވެ.

ތުރުކީ ސިފައިން މީގެ ފަސް އަހަރު ކުރިން ފެށިގެން ގެންދަނީ ސޫރިޔާގެ ކުރުދީން ތުރުކީގެ ޕީކޭކޭ ޖަމާއަތަށް އެހީތެރިވާ ކަމަށްބުނެ ސޫރިޔާގެ ހުއްދައަކާނުލައި ސޫރިޔާގެ އުތުރަށް އަރައި ސޫރިޔާގެ ކުރުދީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ނަމަވެސް އެމެރިކާ ކުރުދީންނަށްދޭ އަސްކަރީ އެހީގެ ސަބަބުން ތުރުކީއަށް އެހަނގުރާމަ ކާމިޔާބުވާގޮތެއް އަދިވެސް ނުވެއެވެ.

ސޫރިޔާގެ އުތުރުގައި ކުރުދީންނާ ދެކޮޅަށް ހަނގުރާމަ ކުރަން ތުރުކީއަށް ޖެހުމުން ތުރުކީގެ އަސްކަރީ ޚަރަދުތައް ވެސް ވަނީ އިންތިހާއަށް މައްޗަށް ދިޔައެވެ. އަދި ހަތަރު އަހަރުވީއިރު ވެސް ކުރުދީން ބަލި ނުކުރެވުމުން ތުރުކީން ދާދިފަހުން ވަނީ މިމައްސަލާގައި ސޫރިޔާ ސަރުކާރާ ވާހަކަ ދައްކަން ތައްޔާރަށް އޮތްކަން ވެސް ހާމަކޮށްފައެވެ.

މިހުރިހާ މައްސަލަތަކެއް ވެސް ތުރުކީއަށް ކުރިމަތިވީ އަމިއްލަ އެދުމަށްޓަކައި ސޫރިޔާގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިކަން ފެށީ 2011 ވަނަ އަހަރުގެ އަރަބި ރަބީއުގެ އޮއިވަރުތަކާ އެކު ސޫރިޔާގެ ރައްޔިތުން ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ނާޖާއިޒް ފައިދާ ނަގައިގެންނެވެ. ނަމަވެސް ހަނގުރާމައާއި ސޫރިޔާގެ ރައްޔިތުންނާ ގުޅުމެއްނެތެވެ.

ސޫރިޔާގެ ހަނގުރާމަ ފެށީ ބައްޝާރާ ދެކޮޅަށް ރައްޔިތުން ކުރި މުޒާހަރާތަކުގެ ތެރެއަށް ވަދެގަތް އެމެރިކާއާއި ގަތަރާއި ތުރުކީގެ މަދަދު ލިބުނު ސޫރިޔާގެ ޖަމާއަތްތަކުންނެވެ. އެޖަމާއަތްތަކަށް ތުރުކީއާއި އެމެރިކާއިން ހަތިޔާރާއި އަސްކަރީ ތަމްރީން ދިން އިރު ގަތަރާއި ސައޫދީން އެޖަމާއަތްތަކަށް ފޯރުކޮށްދިނީ މިލިޔަނުން މިލިޔަނުން ޑޮލަރެވެ. ފަހުންވަނީ ގަތަރާއި ސައޫދީވެސް ޖެހި ދުޝްމަނުންނަށްވެފައެވެ.

ތުރުކީއަކީ ސޫރިޔާގެ ބިމެއް ކަމަށްވާ އިސްކަންދަރޫނާ އަށް ވެސް ވަރަށް ކުރީއްސުރެ އަތްގަދަ ކޮށްފައިވާ ގައުމެއް ކަމަށް ސޫރިޔާއިން ބުނެއެވެ. އެ ސަރަހައްދުގެ މިލްކުވެރިކަމަށް ސޫރިޔާ އިން ދައުވާކުރާއިރު ތުރުކީ ގެންދަނީ އެމައްސަލާގައި ސޫރިޔާއާ ވާހަކަ ދެއްކުމަށް ވެސް ދެކޮޅު ހަދަމުންނެވެ.

ސޫރިޔާގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ވައްޓާލުމަށް ސައޫދީއާއި ގަތަރާއި އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް މަސައްކަތްކުރީ ސޫރިޔާގެ ވެރިކަމުގެ ނިޒާމަކީ ރަޝިޔާއާއި އީރާނަށް ތާއީދުކުރާ ނިޒާމަކަށްވާތީ އެގައުމުތަކުން ބޭނުންވާ ވެރިކަމުގެ ނިޒާމެއް ސޫރިޔާގައި ގާއިމް ކުރުމުގެ ޖިއޮ ސްޓްރެޓީޖިކް ބޭނުމުގައެވެ.

ސޫރިޔާގައި މިފަދަ ނިޒާމެއް ގާއިމް ކުރުމުގެ ބޭނުމަކީ ގަތަރުގެ ގޭސްހޮޅިތައް ސޫރިޔާގެ ތެރެއިން ލާފައި ތުރުކީ ހުރަސްކޮށް ޔޫރަޕަށް ގެންދިޔުމުގެ ފުރްސަތު ހޯދުމެވެ. މިކަމުގެ މަގްސަދަކީ ޔޫރަޕުން ރަޝިޔާގެ ގޭހަށް ބަރޯސާވުން ހުއްޓުމަކަށް ގެނައުމެވެ. މިގޮތަށް ހެދިއްޖެ ނަމަ ރަޝިޔާ އިގްތިސާދީ ގޮތުން އިނދަ ޖައްސާލެވޭނެއެވެ. އަދި ގޭސް ހޮޅި ތުރުކީ ހުރަސްކުރާތީ ތުރުކީއަށް ވެސް އޭގެ އާމްދަނީގެ ޕަސެންޓެއްގެ ގޮތުގައި އަހަރަކު އެތަށް ބިލިޔަން ޑޮލަރެއް ލިބޭނެ އެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ދިފާއުގައި ރަޝިޔާ އާދަޔާ ޚިލާފަށް ނުކުތީ މިކަން ހުއްޓުވުމަށެވެ.

ސޫރިޔާގެ ހަނގުރާމައަށް އަސްކަރީ ބާރުވެރިކަމާ އެކު ރަޝިޔާ ވަނުމުން ބައްޝާރުގެ ވެރިކަން ނުވެއްޓި ހަނގުރާމަ ދިގުލައިގެން ދިޔުމާ އެކު ސޫރިޔާގެ އުތުރުގައި ކުރުދީންގެ މައްސަލަ ތުރުކީއަށް ބޮޑުވިއެވެ. މިއާއެކު ތުރުކީއަށް ވަނީ އެގައުމުގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖްބޫރުވެ ރަޝިޔާއާއި އީރާނާ ގުޅިގެން ކުރުދީންގެ ނުރައްކަލުން ސަލާމަތް ވުމަށް މަސައްކަތް ކުރަން ޖެހިފައެވެ.

comment ކޮމެންޓް