މާކުރަތުން ލައްކައެއްހާ ރުފިޔާ ވަގަށް ނެގި މައްސަލައާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި

ރ. މާކުރަތު ސިއްހީ މަރުކަޒު ---

ރ. މާކުރަތު ސަރުކާރުގެ ތިން އިދާރާއެއްގެ ތިޖޫރީތައް ފަޅާލައި ލައްކައެއްހާ ރުފިޔާ ވަގަށް ގެންދިޔަ މައްސަލާގައި ކައުންސިލް އިދާރާގެ އުމުރުން ދުވަސްވީ ސެކިއުރިޓީ ގާޑަކާ އެކު އިތުރު ތިން ޒުވާނަކު ހައްޔަރު ކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، މާކުރަތު ކައުންސިލް އިދާރާ އާއި މަރުކަޒުގެ އިތުރުން ކޯޓުގެ ތިޖޫރީ ފަޅާލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފައިވެ އެވެ.

ރ. މާކުރަތު ކައުންސިލުގެ އިދާރާގެ ކުޑަދޮރެއް: ކައުންސިލުން ފައިސާ ވަގަށް ގެންގޮސްފައި ވަނީ އެ ކުޑަދޮރުން ވަދެގެން ---

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާކުރަތު ތިޖޫރީތައް ފަޅާލި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ދެ މީހުންނާއި 19 އަހަރުގެ މީހެއްގެ އިތުރުން 62 އަހަރުގެ މީހެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަލީ 'ސަން' އަށް ވިދާޅުވީ، އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި 62 އަހަރުގެ މީހާއަކީ އެ ރޭ ކައުންސިލް އިދާރާގެ ސެކިއުރިޓީއަށް ހުރި މީހާ ކަމަށެވެ. އަދި ސެކިއުރިޓީއަށް ތިބޭ މީހުން ދަންވަރު ގަނޑީގައި އެތަނުގައި ނުހުންނަ މައްސަލަ އާއި ނިދާފައި ތިބޭ މައްސަލަ މީގެ ކުރިން ފެންމަތިވުމުން ލިއުމުން ނަސޭހަތް ވެސް ދީފައިވާނެ ކަމަށް ހަސަން އަލީ ވިދާޅުވި އެވެ.

ރ. މާކުރަތު ސިއްހީ މަރުކަޒު ގެ ކުޑަދޮރު: ސިއްހީ މަރުކަޒުގެ ތެރެއަށް ވަދެފައި ވަނީ ކުޑަދޮރުން ---

މާކުރަތުގައި އެއް ރޭ ތިން ތިޖޫރި ފަޅާލި އިރު އެންމެ ގިނަ އަދަދެއްގެ ފައިސާ ގެންގޮސްފައި ވަނީ ކައުންސިލް އިދާރާއިންނެވެ. އޭރު ތިޖޫރީގައި ހުރި 83،000 އަށް ވުރެ ގިނަ ރުފިޔާ އެއްކޮށް ގެންގޮސްފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ. އަދި މަރުކަޒުން 16،000 ގެއްލިފައިވާ އިރު ކޯޓުން ގެއްލިފައި ވަނީ 3000 ރުފިޔާ ކަމަށް ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް