އަމިއްލަ ހަށިގަނޑުގައި ރޯކޮށްލި ގައްދޫ އަންހެނަކު ސީރިއަސް ހާލުގައި!

ގދ ތިނަދޫ ---

ގދ. ގައްދޫގައި އަމިއްލަ ހަށިގަނޑުގައި އަލިފާން ރޯ ކުރި އަންހެނެއްގެ ހާލު ސީރިއަސްވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ، އެފަދަ މައްސަލައެއް އިއްޔެ ފުލުހަށް ހުށަހެޅިފައިވާ ކަމަށާއި، އެ ހާދިސާގައި ފިހުުނު އަންހެން މީހާއަށް މިހާރު ފަރުވާ ދެމުން ދަނީ ގދ. ތިނަދޫ އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލުގައި ކަމަށެވެ.

ގައްދޫ ކައުންސިލުގެ މެމްބަރު އާމިރު އަބްދުﷲ "ސަން"އަށް ވިދާޅުވީ، އެ އަންހެން މީހާ އަމިއްލަ ހަށިގަނޑުގައި ރޯކޮށްލީ، އާއިލާގެ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށެވެ. ކައުންސިލަރު ވިދާޅުވި ގޮތުގައި އެ އަންހެން މީހާއަކީ ނަފްސާނީ މައްސަލަތައް ހުންނަ މީހެކެވެ.

"އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި އޭނާ ހިތްހަމަނުޖެހިގެން ފިހާރައެއްގެތެރެއަށް ވަދެ ކަރާސީން ގަނެގެން ގޮސް ގަޔަށް އަޅައިގެން ރޯކޮށްލީ ކަމަށް ވަނީ. އޭނާ ދުވެފައި ގޮސް ވަނީ އެމީހުންގެ ތިމާގެ ގެޔަކަށް. އޭރު ހުރީ މުޅި ގައިގައި ރޯވެފައި. ދެން ބިންމައްޗަށް ވެއްޓިގެން ތެޅެން ފެށީމަ ނިއްވާލެވުނީވެސް،" އޭނާ ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ، އެ އަންހެން މީހާގެ ހާލު ސިރިއަސް ކަމަށާއި އޭނާގެ ހަށިގަނޑުގެ 65 އާއި 70 ޕަސެންޓާ ދެމެދަށް އެއްކޮށް ފިހިފައިވާ ކަމަށެވެ. އަދި އޭނާގެ މޫނު ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ތަނެއް ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އަންހެން މީހާ ވީހާވެސް އަވަަހަށް މާލެ ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާމިރު ވިދާޅުވިއެވެ. އެހެން ނަމަވެސް، ނުގެންދެވި ލަސްވެގެން އުޅެނީ ފްލައިޓެއް ހަމަނުޖެހިގެން ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފިހުނު އަންހެން މީހާ އަކީ އުމުުރުން 30 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ އަންހެނެއް ކަމަށެވެ. އަދި ކައިވެންޏެއް ކޮށްގެން އޭނާއަށް ދެ ދަރީން ވެސް ލިބިފައިވާ ކަމަށް އާމިރު ވިދާޅުވިއެވެ.

comment ކޮމެންޓް