އެއާޕޯޓު ޓާމިނަލްގެ ޕްލޭނެއް ނެތްކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރާ އާ ޓާމިނަލް -- ސަން ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުގައި ހިމެނޭ ޓާމިނަލްގެ ފްލޯ ޕްލޭނެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއާޕޯޓު ޓާމިނަލްގެ ތަނބުތައް ޖަހައި ނިމުނު އިރު އަދިވެސް އެތަނުގެ ކުރެހުމެއް ނެތް ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"އެތެރެ އޮންނަންވީގޮތެއް ނޭނގެ. މުޅި ޑިޒައިން ނެތް. އެހެންވީމަ އެ މަސައްކަތް އެތަނުގައިވެސް ކުރަން އެބަޖެހޭ،" ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން އިއުލާނުކޮށްފައި އޮތީ އެއާޕޯޓު ތަރައްގީ ކުރަނީ ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭފެންވަރަށް ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ އެ ހަތް މިލިއަން ފަސިންޖަރުންނަކީ އެއާޕޯޓުން ރާއްޖެ އައި ފުރާ ފަސިންޖގެ ޖުމްލަ އަދަދުކަން މިހާރު ފެންނަން އޮތް ކަމަށެވެ.

"އެއާޕޯޓު އެއީ ހަމައެކަނި ފްލައިޓު ޖައްސާ ފުރާ ހަދާތަނެއް ނޫން. އެއީ ވަކިން މާކެޓުކުރާ ތަނެއް. ވިއްކާ ތަނެއް. އެކަހަލަ އެއްވެސް ޕްލޭނެއް އެތާ ތެރެއަކު ނެތް،"

ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް އަދި ނުފެށި ވަނީ ކީއްވެތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ ޕީއެސްއައިޕޯ މަޝްރޫއުތަކާ ބެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި މި ހަފްތާ ތެރޭގައި ޕީއެސްއައިޕީ ގައި ހިމެނޭ މަގުހެދުމާއި ފެނާ ނަރުދަމާގެ މަޝްރޫއުތަކަށް ބިޑަށް ހުޅުވާލާނެ ކަމަށެވެ.

"ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތްތައް އޭގެ ފަހުން ފެށޭނެ. ފައިސާގެ ދަތިކަމެއް ނެތް،" ރައީސް ވިދާޅުވީ ކުރީގައި ކޮށްފައި ހުރި ބައެއް ކަންތައްތައް ބަދަލުކުރަން ޖެހުމުން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ ހައުސިން ޔުނިޓުތަކަށްވެސް ބަދަލުގެންނަން ޖެހޭކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން އިމާރާތް ކުރާ ފްލެޓުތައް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

"400 އަކަފޫޓު ތެރޭގައި ދެކޮޓަރިއާ ސިޓިން ރޫމް އަކާ ބަދިގެއަކާ އަޅައިގެން ކިހިނެއްތޯ އުޅޭނީ އެތާ؟ އެއަށް އެބަޖެހޭ ބަދަލު ގެންނަން،" ރައިސް ވިދާޅުވީ ހައުސިން ޕްރޮޖެކްޓު ނިމުން ލަސްވެގެން އުޅެނި މިފަދަ ކަންތައް ފާހަގަވެފައިވާތީ ކަމަށެވެ."ހަތަރު ސަތޭކަ އަަކަފޫޓުގަ ކިހިނެއްތޯ ދެ ކޮޓަރި އަޅަިއގެން މީހަކު ދިރިއުޅޭނީ؟"

ރައީސް ވިދާޅުވީ އެސްޓީއޯ އިން ކުރާ ވިޔަފާރިތަކުން ފައިދާ ވަނީ އެންމެ ދެ ދާއިރާ އިން ކަމަށާއި ދެން ހުރީ ހުސް ގެއްލުމުގައި ހިންގާ ތަންތަން ކަމަށެވެ. އެސްޓީއޯ ސުޕަމާޓަކީވެސް ގެއްލުމުގައި ހިންގާތަނެއް ކަމަށާއި ގެއްލުމުގައި ހިންގަން ޖެހޭތީ އެސްޓީއޯ އިލެކްޓްރޯނިކްސް މިހާރު ބަންދުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން 20 ރަށެއްގެ ފެނާއި ނަރުދަމާ އަށް ބިޑަށް ހުޅުވާލި އިރު އޮތީ ދެ މަޝްރޫއު އެއްކޮށްނަމަވެސް ސޮއިކުރިއިރު އޮތީ ހަމައެކަނި ނަރުދަމާގެ މަޝްރޫއުގެ އެއްބަސްވުން ކަމަށާއި، ދެން ޖެހޭނީ އެ މަޝްރޫއުތައްވެސް ހުއްޓާލަން ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

މި ސަރުކާރަށް ދެ މަސްވީއިރު ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާނީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް