ކުލަބުތަށް ހިންގުމަށް ޓަކައި އަންނަ އަހަރުން ފެށިގެން ހަރަދު ކުރާނީ އެފްއޭއެމް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަންނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޜަންގެ ކުލަބުތަށް ހިންގުމަށްޓަކާ ބަޖެޓް ދޭނީ ސީދާ އެފްއޭއެމް އިން ކަމަށް އެ އެސޯސިއޭޝަން އިން ބުނެފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ވުމުގެ މައުލޫމާތު ހިއްސާ ކުރުމުގެ ގޮތުން އެފްއޭއެމް އިން ވަނީ ރޭގެ ވަގުތެއްގައި ބަޔާނެއް ނެރެފައެވެ.

އެގޮތުން މި އަހަރު ދިވެހި ފުޓުބޯޅައިގެ ފުރަތަމަ ޑިވިޜަންގެ ކުލަބުތަކަށް ހަރަދު ކުރުމަށްޓަކައި ސަރުކާރުން ފައިސާ ދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދީފައިވާ ކަމަށް އެފްއޭއެމް އިން ބުނެފިއެވެ.

ނޭޝަނަލް ފުޓްބޯލް އެކަޑަމީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މި ބަޔާނުގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލާފައި ވަނީ ޓީމުތަކުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކާ ދެ ބޭފުޅުންގެ ދެމެދުގައި ދެކެވުނު ވާހަކަ ތަކުގެ މައްޗަށެވެ. މީގެ އިތުރުން ސަރުކާރުގެ ފަޅިން އެފްއޭއެމް އިން ދިވެހި ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ކުރީ ސަރުކާރުގެ އިސްނެގުމުގެ ދަށުން ފުރަތަމަ ޑިވިޜަން ގެ ކޮންމެ ކުލަބަކަށް ދެ މިލިއަން ރުފިއާގެ އެހީ ދިނުމުގެ ޕުރޮގްރާމެއް ވަނީ ހިންގާފައެވެ. ނަމަވެސް ވޭތުވެ ދިޔަ އަހަރުގެ ނިޔަލަށް މި ޕުރޮގުރާމުގެ އެއްބަސް ވުންތަށް ވަނީ ހަމަވެފައެވެ.

މިދިޔަ އަހަރުގެ ސީޒަން ނިންމާލި އިރު ގިނަ ކުލަބު ތަކަކުން ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ ޝަކުވާ ވަނީ އެފްއޭއެމް އަށް ހުށައަޅާފައެވެ. މިކަން ދިމާވެފައި ވަނީ ޓީމު ތަކުގެ މާލީ ހާލަތު ދަށް ވެގެން ކަމަށް އެ ކުލަބުތަކުގެ މެނޭޖްމެންޓުން ވަނީ ބުނެފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ބައެއް ކުލަބު ތަކުގެ ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ ސަބަބުން ކުޅުންތެރިން ޓީމުން ވަކިވެ އަނެއްބައި ކުޅުންތެރިން ޕްރެކްޓިސް އަށް ހާޒިރުވެފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ކުލަބު ތަކުގެ ކުޅުންތެރިންްް ހާޒިރު ނުވުމުގެ ސަބަބުން ލީގުގެ ބައެއް މެޗުތައް ވެސް ކެންސަލް ކުރަންޖެހިފައި އެބަހުއްޓެވެ.

ނަމަވެސް މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެފްއޭއެމް އަދި ރައީސް ވަނީ މަޝްވަރާ ކޮށް އެކަން އިސްލާހު ކުރުމަށްޓަކައި ގޮތްތަކެއް ނިންމާފައެވެ.

"ޓީމުތަކަށް ދިމާވެފައިވާ މާލީ ހާލަތު ހަރުދަނާކޮށް އަދި ދެ ޖިންސުގެ ޒުވާން ކުޅުންތެރިންތަކެއް ބިނާކުރުމަށާއި ކްލަބްތަކުގެ އިދާރީ ހިންގުމާއި ފަންނީ ހިންގުން ތަރައްގީކޮށް ހަރުދަނާ ކުރުމަށްޓަކައި 2020 ވަނަ އަހަރުން ފެށިގެން ކްލަބްތަކަށް ދެމުންދާ މާލީ އެހީތެރިކަން ފޯރުކޮށްދޭނީ އިތުރު ފަރާތެއްގެ މެދުވެރިވުމެއްނެތި، ސީދާ އެފްއޭއެމްގެ ފަރާތުންނެވެ." އެފްއޭއެމް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މީގެ އިތުރުން މިއަހަރުގެ ސީޒަން އަށް ކުލަބުތަކުން ތައްޔާރު ވުމަށް ޓަކައި ވީ އެންމެ އަވަހަކަށް އެ ފައިސާ ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމުގެ ޔަގީން ކަން ސަރުކާރުން ވަނީ ދީފައި ކަމަށް އެފްއޭއެމް އިން ބުނެފައިވެއެވެ.

މިއަހަރުގެ ލީގު ފެށުމަށް ހަމަ ޖެހިފައިވަނީ އަންނަ ޖޫން މަހުއެވެ. ނަމަވެސް 21 އަހަރުން ދަށުގެ ޔޫތް މުބާރާތް އަންނަ މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް