ޓްރާންސްފާ މާރކެޓް: ޑެ ޔޮންގު ބާސާއަށް ދިޔަ އިރު ހިގުއައިން ޗެލްސީއަށް

ފްރެންކީ ޑެ ޔޮންގް ފަސް އަހަރުގެ މުއްދަތަކަށް ބާސެލޯނާއަށް ސޮއި ކޮށްފި -- ފޮޓޯ / ޖޭމީ ސްމިތް

ނެދަލޭންޑްގެ އަޔެކްސް އަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ފުރެންކީ ޑެ ޔޮންގު ފަސް އަހަރުގެ އެއްބަސް ވުމެއްގެ ދަށުން ބާސެލޯނާއާ ގުޅިއްޖެއެވެ.

މެންޗެސްޓާ ސިޓީ، ރެއާލް މެޑްރިޑް އަދި ޕީއެސްޖީ ފަދަ ޔޫރަޕުގެ ބޮޑެތި ކުލަބުތަކާއި ގަދަ ހިފުމަށް ފަހު ބާސެލޯނާއިން ވަނީ 75 މިލިއަން ޕައުންޑުގެ އަގަކަށް ޑެ ޔޮންގު އެ ޓީމަށް ސޮއެ ކުރުވާފައެވެ. ނަމަވެސް ރަސްމީކޮށް ޑެ ޔޮންގް ބާސެލޯނާއަށް ކުޅެން ފަށާނީ 2019-2020 ވަނަ ސީޒަން ފަށާއިރު އެވެ. އެއީ މި އަހަރުގެ ޖުލައި މަހުއެވެ. އޭގެ ކުރިން މި ސީޒަން ނިމެންދެން ޑެ ޔޮންގް އަޔެކްސް އާއި އެކު މަޑު ކުރާނެއެވެ.

"ޑެ ޔޮންގް އަކީ ޒުވާން ހުނަރުވެރި އަދި ބާސާގެ ސުޓައިލް ހުރި ކުޅުންތެރިއެއް ކަމުން ޓީމު އިތުރަށް ވަރުގަދަ ވެގެން ދާނެ ކަން ޔަގީން. އުންމީދު ކުރަނީ ކުރިއަށް އަންނަން ހުރި އަހަރު ތަކުގައި ޑެ ޔޯންގް އަކީ ދުނިޔޭގެ ފެންވަރުގައި ވިދާނެ ކުޅުންތެރިއކަށް ވުން." ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއޯ ބާޓެމިއޯ ގެ ޓުވީޓެއްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ލޯނު އެއްބަސް ވުމެއްގެ ދަށުން އޭސީ މިލާންއަށް ކުޅެމުން އަންނަ ގޮންޒާލޯ ހިގުއައިން ވެސް ވަނީ އިއްޔޭގެ ވަގުތެއްގައި މި ސީޒަނުގެ ނިޔަލަށް ޗެލްސީއަށް ބަދަލުވެފައެވެ.

އިޓަލީގެ ޔުވެންޓަސް ގެ ލޯނު އެއްބަސް ވުމެއްގައި ހިގުއައިން އޭސީ މިލާން އަށް ބަދަލުވުމަށް ފަހު މާ އެދެވޭ ކުޅުމެއް ވާނީ ފެންނަ ގޮތްނުވެފައެވެ. މިލާންގައި 15 މެޗު ކުޅެ އޭނާއަށް ޖެހިފައި ވަނީ އެންމެ ހަ ގޯލެވެ.

ގޮންޒާލޯ ހިގުއައިން ލޯނު އެއްބަސް ވުމެއްގެ ދަށުން ޗެލްސީއާއި ގުޅިއްޖެ -- ފޮޓޯ / ޖޭމީ ސްމިތް

އުމުރުން 31 އަހަރުގެ ހިގުއައިން ޗެލްސީގައި އިތުރު އަހަރެއް މަޑު ކުރަން ބޭނުން ނަމަ ޗެލްސީއިން ޔުވެންޓަސް އަށް 18 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި އެއްކޮށް ޗެލްސީގެ ކުޅުންތެރިޔަކަށް ހަަދަން ބޭނުން ނަމަ 36 މިލިއަން ޑޮލަރު ޔުވެންޓަސްއަށް ދައްކަން ޖެހޭނެެއެވެ.

ހިގުއައިން އަކީ ޗެލްސީގެ ކޯޗާއި އެކު ކުރިން ނަޕޯލީގައި މަސައްކަތް ކޮށްފައިވާ ކުޅުން ތެރިޔެކެވެ. އެ މުއްދަތުގައި އޭނާ ވަނީ 36 ގޯލު ޖަހާފައެވެ. ވީމާ ޗެލްސީގެ ކޯޗް ސާރީ އާއި އެކު މަސައްކަތް ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ގިނަ ބަޔަކު ދަނީ ދެކެމުންނެވެ.

"ޗެލްސީއަކީ ވަރަށް ހާއްސަ ތާރީހެއް އޮތް ހިތްގައިމު ސްޓޭޑިއަމެއްގައި ކުޅޭ އަހަރެން އަބަދުވެސް ވަރަށް ގަޔާވާ ކުލަބެއް. މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އަހަރެން މަސައްކަތް ކުރާނަން." ހިގުއައިން ޗެލްސީ އަށް ސޮއެ ކުރުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުންޏެވެ.

މިހާރު ކުރިއަށް މިދާ ޓްރާންސްފާ މާކެޓުގައި ގިނަ ކުޅުންތެރިން ތަކެއް ދަނީ ކުލަބުތަށް ބަދަލު ކުރަމުންނެވެ. އެގޮތުން އިޓަލީގެ ތަރި މާރިއޯ ބަލެޓޮލީ ވެސް ވަނީ އިއްޔެގެ ވަގުތެއްގައި މި ސީޒަނުގެ ނިޔަލަށް މާސޭއަށް ބަދަލު ވެފައެވެ.

މާރިއޯ ބަލަޓޮލީ ލޯނު އެއްބަސް ވުމެއްގެ ދަށުން މާސޭއާ ގުޅިއްޖެ -- ފޮޓޯ / ޖޭމީ ސްމިތް

comment ކޮމެންޓް