މެޗުން މޮޅުވި ނަމަވެސް ނޭމާއަށް އަނިޔާ ވުމުން ޕީއެސްޖީ ކަންބޮޑުވެފައި

ނޭމާ ޖޫނިއާ ރޭ ސުޓަރަސްބާގާއި ބައްދަލު ކުރި މެޗުގައި ވަނީ އަނިޔާވެފައި -- ފޮޓޯ / ލިއަމް ބްލެކްބާން

ދުނިޔޭގެ އެންމެ އަގުބޮޑު ފުޓުބޯޅަ ކުޅުންތެރިޔާ، ނޭމާ ޖޫނިއާއަށް ރޭ ފުރާންސް ކަޕުގައި ސުޓަރަސްބާގް އަތުން ޕީއެސްޖީ މޮޅުވި މެޗުގައި އަނިޔާވެއްޖެއެވެ.

ރޭގެ މެޗުގައި ސުޓަރަސްބާގުގެ މެދުތެރެއަށް ކުޅެމުން އަންނަ މޯޓަސް ޒެމް ޒެމީ ވަނީ ނޭމާއަށް ގިނަ ފައުލު ތަކެއް ކޮށްފައެވެ. އަދި އޭގެން ހަމަލާ އަކުން ނޭމާގެ ކަނާއަތު ފައިގެ ހުޅަށް އަނިޔާވެ ފަރުވާ އަށް ދަނޑުން ފައިބާފައެވެ. ފަރުވާއަށް ފަހު ކުޅެން އަރާ މާ ގިނަ އިރުތަކެއް ނުވެ ނޭމާ ވަނީ ބަދަލު ކުރަންޖެހިފައެވެ. އޭނާ ފޭބުމާއެކު ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ނޭމާ ޖޫނިއާ ރޭ ސުޓަރަސްބާގާއި ބައްދަލު ކުރި މެޗުގައި ވަނީ އަނިޔާވެފައި -- ފޮޓޯ / ލިއަމް ބްލެކްބާން

ނޭމާ ދަނޑު މަތިން ފައިބައިގެން ދިޔަ ވަގުތު އޭނާގެ މޫނު މަތިން ފެނުނު އިހުސާސްތަކުން، ލިބުނު އަނިޔާ ގެ ސީރިއަސް ކަން ހާމަވެ އޭނަގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. ދަނޑުގެ ޓަނަލް ތެރެއަށް ވަދެގެން ނޭމާ ދިޔައީ ރޮމުންނެވެ.

ރޭ މެޗުން ޕީއެސްޖީ މޮޅުވި ނަމަވެސް ޓީމަށް ގިނަ ދަތި ތަކެއް ވަނީ ކުރިމަތި ވެފައެވެ. 0-9 ގެ ބޮޑު ތަފާތަކުން ގުއިންގޭމްޕް ބަލި ކުރި މެޗުގައި އެ ޓީމުގެ މިޑްފީލްޑަރު މާކޯ ވެރާޓީ ވަނީ އަނިޔާވެފައެވެ. އޭގެ އިތުރުން ރޭގެ މެޗުގައި ނޭމާ އަށް ލިބުނު އަނިޔާ އާއި ގުޅިގެން މުޅި ޓީމު މިވަގުތު އޮތީ ހާސް ކަމެއްގެ ތެރޭގައެވެ.

މީގެ އިތުރުން ޕީއެސްޖީއަށް ކުޅެމުން އަންނަ ފުރާންސް ގެ ތަރި ކައިލިއަން އެމްބައްޕޭ ވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ. އަންނަ މަހު ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އާއި ޕީއެސްޖީ ބައްދަލު ކުރަން ޖެހޭ އިރު ޕީއެސްޖީގެ މުހިންމު ކުޅުންތެރިން ތަކެއް މިވަގުތު ތިބީ އަނިޔާގައެވެ.

ޕީއެސްޖީގެ ކޯޗު ރޭގެ މެޗަށް ފަހު ނޭމާގެ އިންޖަރީއާއި ދޭތެރޭ ވަރަށް ކަންބޮޑުވާ ކަމަށް ބުނެފައެވެ. މީގެ ކުރީ އަހަރު ވެސް ނޭމާގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ސީޒަނުގެ ބޮޑުބައި ހުންނަން ޖެހުނީ ކުޅުމާއި ދުރުގައެވެ. އަދި ކަން ދިމާވި ގޮތުން މިފަހަރު ވެސް އަނިޔާ ވެފައި ވަނީ ހަމަ ކުރީ ފަހަރުވެސް އަނިޔާވި ފަޔަށެވެ.

comment ކޮމެންޓް