ސޫރިޔާއާ ބެހޭގޮތުން ޕޫޓިންއާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

މޮސްކޯ (ޖަނަވަރީ 23) : ސޫރިޔާގެ މައްސަލައާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މޮސްކޯ އަށް ވަޑައިގެން ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިން އާ ބައްދަލުކުރައްވައިފިއެވެ.

ދެބޭފުޅުންގެ މަޝްވަރާތައް ބިނާކުރެއްވީ ސޫރިޔާގެ އުތުރުން އެމެރިކާ ފޭބުމުން ކުރިމަތިވާނެ ހުސްކަން ފުރާނެގޮތަކާއި ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ތުރުކީ ސިފައިން ރާވާފައިވާ ޕްލޭނާބެހޭގޮތުންނެވެ. މީގެއިތުރުން އެމެރިކާ ސިފައިން ފޭބުމަށްފަހު ސޫރިޔާގެ އުތުރުގައި ގާއިމް ކުރުމަށް ތުރުކީން މަސައްކަތްކުރާ ރައްކާތެރިކަމުގެ ސަރަހައްދާބެހޭގޮތުންނާއި ސޫރިޔާގެ އުތުރުގެ ރަށެއްކަމަށްވާ މަންބަޖްގެ އަސްކަރީ ހާލަތާބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ކްރެމްލިން އިން ބުނެއެވެ.

ސޫރިޔާގެ މައްސަލާގައި ރަޝިޔާއާއި ތުރުކީއަކީ ވަރަށް ވިލަރެސްކޮށްގެން މަސައްކަތްކުޜާ ދެގައުމެވެ. ނަމަވެސް ސޫރިޔާގެ ގިނަ ކަންކަމުގައި ދެގައުމުގެ ސިޔާސަތު ވަރަށް ތަފާތެވެ. ސޫރިޔާގެ އުތުރުން އެމެރިކާ ފޭބުމުން ކުރިމަތިވާނެ ހުސްކަންފުރަންޖެހޭނީ ސޫރިޔާ ސިފައިން ކަމަށް ރަޝިޔާއިން ދެކޭއިރު ތުރުކީ ދެކެނީ އެހުސްކަން ފުރަންޖެހޭނީ ތުރުކީން ކަމުގައެވެ. ތުރުކީއަކީ ސޫރިޔާ ސަރުކާރުގެ ހުއްދައަކާނުލައި އަދި އދ. ގެ ގަރާރެއްވެސްނެތި ސޫރިޔާގެ އުތުރަށް އުދުވާނީ ގޮތުން ވަދެގަނެގެން އުޅޭ ގައުމެއް ކަމަށްވާތީ ސޫރިޔާ ސަރުކާރުންވަނީ ސޫރިޔާގެ އުތުރުން ތުރުކީ ފައްސާލުމަށް ކުރެވެންއޮތް ކޮންމެ ކަމެއް ކުރާނެކަމުގެ އިންޒާރު ދީފައެވެ.

ސޫރިޔާގެ ކުރުދީންނަކީ ތުރުކީގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޕީކޭކޭ ޖަމާއަތަށް ތާއީދުކުރާ ބައެއްކަމަށް ބުނެ ތުރުކީ ސިފައިން ގެންދަނީ ސޫރިޔާގެ ކުރުދީ ސަރަހައްދުތަކަށް އަރައި ކުރުދީންނާ ދެކޮޅަށް އުދުވާން ހިންގަމުންނެވެ. ތުރުކީ މިހެން ބުނާއިރު ސޫރިޔާގެ ކުރުދީންގެ އެއްވެސް ހަމަލާއެއް އަދި ގޯނާއެއް ތުރުކީއަށް އަމާޒުވެފައެއް ނުވެއެވެ.

އަނެއްކޮޅުން ސޫރިޔާގައި ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށްލި ގައުމުތަކުގެ ތެރޭގައިވެސް އެމެރިކާއާއި ގަލްފުގެ ގައުމުތަކުގެ އިތުރުން ތުރުކީ ހިމެނެއެވެ. އަދި ތުރުކީއަކީ ސޫރިޔާގެ ވެރިކަމުން ރައީސް ބައްޝާރުލްއަސަދު ގަދަބާރުން ދުރުކުރުމަށްވެސް މަސައްކަތްކުރުމުގައި އެމެރިކާއާއި ޔޫރަޕާ އެއްގޮތް ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ.

ރަޝިޔާއަކީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ އަދި ބޭރުގެ މަދަދު ލިބޭ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ހަރަކާތްތެރިވާ ގައުމެކެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް