ދަރިވަރުންތަކެއް ވިހަވި ކަމަށް ފެތުރި ހަބަރު އެޑިއުކޭޝަނުން ދޮގުކޮށްފި

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕައިލެޓްކުރަމުންދާ ހެނދުނުގެ ނާސްތާ ޕްރޮގްރާމްގައިދޭ ކާނާ ކެއުމުގެ ސަބަބުން ދަރިވަރުންތަކެއް ވިހަވި ކަމަށް ދެކެވޭ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.

ޗެނަލް 13 އިން ރޭ ގެނެސްދިން އިރާދަން ޕްރޮގްރާމުގައި ވަނީ ކ. ތުލުސްދޫގައި ހުންނަ ކ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުދިންތަކެއް ނާސްތާ ޕްރޮގްރާމްގައިދޭ ކާނާ ކެއުމުގެ ސަބަބުން ވިހަވި ކަމަށް ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅިގެން މިއަދު އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެއްވެސް ދަރިވަރަކު ބަލިވެގެން ނުވަތަ ސިއްޚީ އެއްވެސް މައްސަލައެއް ދިމާވެގެން ބެލެނިވެރިއެއް ނުވަތަ އެހެން އެއްވެސް ފަރާތަކުން މިހާތަނަށް ޝަކުވާއެއް ހުށައަޅާފައިނުވާ ކަމަށެވެ. އެ ސްކޫލްގެ ދަރިވަރުން ހެނދުނުގެ ނާސްތާ ކެއުމުގެ ސަބަބުން ބަލިވި ކަމަށް ރޭ ޗެނަލް 13 އިން ގެނެސްދީފައި ވަސައްޚަ މަޢުލޫމާތެއް ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ކ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ދެވޭ ހެނދުނުގެ ނާސްތާ ކުރިއަށް ގެންދަނީ ޕައިލެޓް ޕްރޮގްރާމްގެ އުސޫލާ އެއްގޮތަށް، ދަރިވަރުންނަށް ނާސްތާ ފޯރުކޮށް ދިނުމުގެ ކުރިން ޕްރިންސިޕަލް ހިމެނޭ ގޮތުން ތިން މުއައްޒަފަކު ކާނާގެ ތާޒާކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ.

އަދި ޖެނުއަރީ 13 އިން 23އަށް ދަރިވަރުންނަށް ދެވުނު ކާނާގައި އެއްވެސް މައްސަލައެއް ފާހަގަވެފައި ނެތް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް