އެފަދަ ދެވަނައެއްނުވާ އެޕަލް ކުންފުނީގެ ބާނީ ސްޓީވް ޖޮބްސްގެ ވާހަކަ

އާދަމް ނަސީރު

އެއްފަޅި ކާލާފައި އޮންނަ އާފަލެއް އެއީ ކިތަންމެ ފެހިކަން ގަދަ އަދި ރަތް ލޭކުލައިގަ އޮތް އާފަލެއް ކަމަށް ވިޔަސް ކޮންމެވެސް ދުވަހަކުން އޭގެ އެތެރޭގައި ފަނި އަޅާ އެއާފަލް ނެތިގެންދާނެ ކަން އެއީ ދުނިޔެ ދައްކާ ހަޤީޤަތެވެ. ދުނިޔޭގެ ގިނަ މީހުން ސްޓީވް ޕޮއުލް ޖޮބްސް ދަންނަނީ މިބުނާ އެއްފަޅި ކާލާފައި އިން އާފަލް (އެޕަލް)ގެ ގޮތުގައެވެ. ނުވަތަ މިފަހުން ނެރުނު އެޕަލް ބުރޭންޑުގެ ޖާދޫއެއްފަދަ އެތަކެއް މޮޅު އުފެއްދުން ތަކެއް ތައާރަފްކޮށް ދުނިޔެ ހައިރާން ކޮށްލުވި ފަރާތެއްގެ ގޮތުގައިވެސް މެއެވެ. މަޝްހޫރު އެޕަލް ކުންފުނި އުފެއްދުމުގައި އުޅުނު ޖޮބްސް އަކީ ބިޔަ އެޕަލް ކުންފުނީގެ (ކޯ ފައުންޑަރ) ނުވަތަ އެޕަލް ކުންފުނީގެ ބާނީވެސް މެއެވެ.

1955 ވަނަ އަހަރުގެ ފެބުރުއަރީ 24 ވަނަ ދުވަހު ދުނިޔައަށް އުފަންވެ އެހެނަސް އަސްލު ބައްޕަޔާއި މަންމަ އެހެން މީހަކަށް ހަދިޔާކުރި ސްޓީވް ޖޮބްސް އަށް ކިޔަވައިދީ ކުޅަދާނަ އައިޓީ ދާއިރާގެ (މާސްޓަރ މައިންޑަކަށް) ހެދީ ސްޓީވް ޖޮބްސް ބަލަން ހަވާލުވި (އެޑަޕްޓު) ކުރި ދެމަފިރިންނެވެ. އުފަން މަންމަޔާއި ބައްޕަގެ ލޯބި ނުލިބި ބޮޑުވި ސްޓީވް ޖޮބްސް މަޝްހޫރު ވެފައިވަނީ ދުނިޔޭގެ ޓެކުނޮލޮޖީއަށް އިންގިލާބެއްގެނައި ފަރާތަކަށް ވުރެ ބޮޑަށް ޖާދޫ ދައްކާ އެތަކެއް މޮޅެތި އުފެއްދުން ތައް ދުނިޔެއަށް ތައާރަފް ކުރި ފަރާތެއްގެ ގޮތުގައެވެ.

ޓެކުނޮލޮޖީގެ ދުނިޔޭގައި މަދުންނޫނީ ނުފެންނާނެ ކަމަށް ގިނަބަޔަކު އެއްބަސްވާ ޖާދުވީ އެތަކެއް އާލާތެއް ފަރުމާކޮށް އެހާމެ އުފެއްދުންތެރި ވިސްނުމާއި އެކު ގެނެސްދިން (ޖީނިއަސް ) އެއްގެ ލަޤަބުދޭ ޖޮބުސް 1991 ވަނަ އަހަރުގެ 18 މާރޗުގައި ލޯރެން ޕަވަލް ކިޔާ އަންހެނަކާއި ކައިވެނިކޮށް 2 އަންހެންކުދިންނާއި ފިރިހެން ކުއްޖަކު ލިބިފައިވާ އިރު އެހެން ބަނޑަކަށް ލިބިފައިވާ އިތުރު އެހެން އަންހެން ކުއްޖަކުވެސް ދުނިޔޭގައި އެބަހުއްޓެވެ. ފުރަތަމަ އެކުއްޖާގެ ބައްޕަ ކަމަށް ދެކޮޅު، ހެދި ޖޮބްސް ފަހުން ވަނީ އެއީ ކުރިސަން ބެނަނަށް ކިޔާ އަންހެނަކަށް ލިބިފައިވާ އޭނާގެ ދަރިއެއްކަމަށް އެއްބަސްވެ، އެދަރިފުޅަށް ވެސް ޖޮބުސްގެ މުއްސަނދިކަމުގެ ހިއްސާދޭން އެއްބަސް ވެފައެވެ.

ދުނިޔެއަށް ކޮންޕިއުޓަރ ތައާރަފު ވެގެން ދިޔަ އިރު މެކިންޓޮސް ކޮންޕިއުޓަރ ހިފައިގެން ސްޓީވް ޖޮބްސް ވެސް އެ ސަފުގައި ހުއްޓެވެ. 1985 އަހަރު މައުސް ޕޮއިންޓުން ފުރަތަމަ ކޮށްޓާލެވޭގޮތަށް އޮޕަރޭޓިން ސިސްޓަމެއް އުފެއްދީ ވެސް އެޕަލް ކުންފުނިން ޖޮބްސް ކަމަށް ބުނެ ވެއެވެ. އެހެނަސް ބިލްގޭޓުސްގެ ވިންޑޯސް ހިފައިގެން ނިކުމެ ދުނިޔޭގެ ހަތަރު ބައްރުގައި ވަކިހިއްޕި އިރުވެސް ސްޓީވް ޖޮބްސް އެކަމާ އެއްވެސް ވަރަކަށް ހާހެއް ނުވެއެވެ. ޖޮބްސް އަށް އޭނަގެ އަމިއްލަ ގޮތުގައި އަދި އަމިއްލަ "ބަހު" ގައި ކުރިއަށްދެވޭނެ ކަން އެގެއެވެ. ތަފާތު އެއްޗެއްގެ އިންތިޒާރުގައި ތިބި ގިނަ ބަޔަކަށް ޖޮބުސް ގެނެސްދިނީ ތަފާތު އެއްޗެކެވެ. ދުނިޔޭގެ އެންމެން އެކަން މިއަދުވަނީ ގަބޫލު ކޮށްފައެވެ. އޭގެ ހެއްކަކީ ދުނިޔޭގެ އެންމެ ބޮޑު ޓެކުނޮލޮޖީ ކުންފުންޏަކީ އެޕަލް ކުންފުނިކަމަށް ވެގެން ދިއުމެވެ.

އެޕަލް ކުންފުނީގެ އުފެއްދުން ތަކަށް ގިނަ ބަޔަކު މާބޮޑު ސަމާލު ކަމެއް އޭރު ނުދިން ނަމަވެސް ސްޓީވް ޖޮބްސްގެ މަސައްކަތަކަށް ބަދަލެއް ނާދެވެ. ހޮލީވުޑުގެ މޮޅެތި ފިލްމުތައް އުފައްދާ ކުންފުނިތަކަށް މަންޒަރު ރީތި ކޮށް ތަފާތު ކުލަތައް ޖައްސައި ދިނުމުގައި މެކިންޓޮސް ކޮންޕިއުޓަރގެ (ގުރެފިކުސް) ގެ ކުޅަދާނަކަން އިތުރު ކުރުމުގައި ޖޮބްސް އަވަދިނެތި އުޅެމުންދިޔައެވެ. ކުދިކުދި ކުނިޖެހިގެން އެޕަލް ކުންފުނި ދޫކޮށް ޖޮބްސް ވަކިވެގެން އެއްފަހަރު ވަނީ ދުރަށް ވެސް ގޮސްފައެވެ. އެހެނަސް މަތީ ތައުލީމަށާއި ވިޔަފާރިއަށް ހާއްސަ (ނެކްސްޓް) ކިޔާ ކުންފުންޏެއް އުފައްދައިގެން ކޮންޕިއުޓަރގެ ތަފާތު މަސައްކަތްތަކެއް އޭރުވެސް ޖޮބްސް ދިޔައީ ކުރަމުންދިޔައެވެ. އެހެނަސް އެޕަލް ކުންފުންޏާއި ނެކްސްޓް ކުންފުނި އެއްކޮށްލުމަށްފަހު އެނެއްކާވެސް ޖޮބުސްގެ މަސައްކަތްތައް އެޕަލް ކުންފުނިތެރޭގައި މެކުހަށް ޖެހިއެވެ.

ދުނިޔޭގެ ފިލްމު އުފެއްދުމުގައި ހޮލީވުޑު ހޯދި ހުރިހާ ކާމިޔާބީއެއް ހިއްސާ ކުރާނެ އެއްފަރާތަކީ ވެސް ސްޓީވް ޖޮބްސް އެވެ. ސަބަބަކީ ފިލްމުތަކުގެ އެންމެ އެތެރެއަށް ފީނާ ކޮންމެ މަންޒަރެއްގެ ކަނުގައި އަދި ކޮންމެ ކުލައެއް، ކޮންމެ މީހެއް އަދި ކޮންމެ އެއްޗެއްގެ ބައްޓަމާއި ހަރަކާތްތަކާއި ކުޅެލެވޭނެ އެތަކެއް ސޮޕްޓުވެއަރ އަދި އެއާއި ގުޅޭނެ ހާރޑުވެއަރވެސް އުފައްދަދިން މޭސްތިރިއަކީ ޖޮބްސް ކަމަށްވުމެވެ. ހަމަ އެއާއި އެކު ފިލްމު އުފެއްދުމުގައި ނަންމަޝްހޫރު ވޯލްޑު ޑިސްނީ ކުންފުނީގެ ޑައިރެކުޓަރ އެއްގެ ގޮތުގައި ހުރެ ދުނިޔެއަށް މުޅިން އައު ވައްތަރެއްގެ ފިލްމުތަކެއް ނެރެދިނެވެ.

އެގޮތުން 1995 އަހަރު ނެރެނު ޓޯއީ ސުޓޯރީ އަކީ އަބަދު ކާޓޫނު ބަލަން ފޫހިވެފަ ތިބި އެތަކެއް ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވިސްނުން ބަދަލު ކޮށްލި ފިލްމެކެވެ. ކާޓޫނު ތަކުގައި ފެންނަ ކުރެހުންތަކުގެ ބަދަލުގައި ހަތަރު ފަރާތުން ފެންނަ ހަރަކާތްކުރާ (މަސްނޫއީ ކެރެކުޓަރ)ތަކެއް ފުރަތަމަ ފެނިގެން ދިޔައީ ވެސް ޖޮބްސްގެ ހިތްވަރުން ކަމަށް ގިނަ ބަޔަކު ހެކިވެއެވެ.

އެޕަލް ކުންފުނީގެ އިތުރުން މުޅި ހޮލީވުޑުގައި ޖޮބްސްގެ ދެފައި ވާކަމަށް ގިނަ ބަޔަކު އެއްބަސް ވެއެވެ. މޮޅުފިލްމު ތަކެއް ހަދަމުން އަންނަ މަޝްހޫރު ޕިކުސަރ އެނިމޭޝްން ސުޓޫޑިއޯގެ ހިއްސާވެސް ޖޮބްސްގެ ނަމުގައި އޮވެއެވެ. މިއަދުވެސް އެކުންފުނިން ތަފާތު އެތަކެއް މޮޅެތި އެނިމޭޓެޓު ފިލްމު ތަކެއް ދަނީ ނެރެ ހީވެސް ނުކުރާވަރުގެ ވިޔަފާރި ކޮށް ބޮޑު ނަފައެއް ހޯދަމުންނެވެ.

ޓޭކްނޮލޮޖީގެ ދުނިޔެ ބަދަލު ކޮށްލި ކަމަށް ބުނާ އެތަކެއް އުފެއްދުން ތަކެއް ޖޮބްސްގެ ސިކުންޑި ނެރެ އަތްފޯރާފަށަށް ގެނެސްދިން އިރު އޭގެ އޮމާން ކަމާއި ފުރިހަމަ ކަމުގެ ވާހަކަ އަކީ ދުނިޔެ ދެމި އޮތްހާ ހިނދަކު ފޮހެވިގެންދާނެ ކަންކަމެއް ނޫނެވެ. އެޕަލް ކުންފުނީގެ މެކު އޯއެސް ތަކަކީ އޭގެ ހެއްކެކެވެ. ތަފާތު އެކިއެކި ޖަނަވާރުގެ ނަމުން ނަންދީފައިވާ މޮޅު އެހާމެ ހަލުއި ވައިރަސްގެ އުނދަގުލެއް ނުފޯރާ މި އޮޕަރޭޓިން ސިސްޓަމު ތަކުގެ ބޭނުން ނުކުރާ ބަޔަކު މިހާރު ނޫޅެއެވެ. ދިވެހިންގެ ތެރޭގައި ވިންޑޯސް ނޫން އެހެން އޮޕަރޭޓިން ސިސްޓަމެއް ދުނިޔޭގައި ނުގެންގުޅޭ ކަމަށް ދެކިގެން ތިބި އެތަކެއް ބަޔަކު މިހާރު ބޭނުން ކުރަނީ އެޕަލް ކުންފުނީގެ މެކު އޮޕަރޭޓިން ސިސްޓަމުތަކެވެ.

ޖޮބްސް ގެ ނަން އެންމެ މަތީ ހަރުފަތަށް އުފުލިގެން ދިޔައީ މީގެ ދެތިން އަހަރެއް ކުރިން ނިކުން އައިފޯނާއި ހަމަ އިންނެވެ. އޭގެ ކުރިން އައިޕޮޑު ތަކުން އެންމެ ތޫލި އަޑުތައް އިއްވަދޭ މިއުޒިކު ދިޔައީ ގިނަ ބަޔަކު އަޑު އަހަމުންނެވެ. ނޮކިޔާ ނުވަތަ ވިންޑޯސް އޯ.އެސް އިން ހިންގަމުން އައި ހަލުއިކަމެއް ނެތް ކަސްކަން ބޮޑު އެހެނަސް ސުމާރޓު ފޯނު ތަކޭ ގިނަ ބަޔަކުކީ ފޯނުތައް މިއަދު ގެއްލިގެން ދިޔައީ އައިފޯނު ނެރެ ޖޮބުސް ދެއްކި ޖާދޫގެ ސަބަބުން ކަމަށް އެއްވެސް މީހަކު ދެބަހެއްނުވާނެ އެވެ. އިނގިލި ކުރިން ކޮށްޓާލެވޭ އައިފޯނުގެ ކޮންމެ އަދަދަކާއި އެކު ޖޮބުސްގެ މޮޅުވާހަކަ ދިޔައީ ދައްކަމުންޏެވެ. ޖޮބުސް ކުރިންވެސް ބުނަމުންދިޔަ ތަފާތު ފޯނެއް ކަމަށް ދުނިޔެވެސް މިހާރު ހެކިވެއެވެ. އައިފޯނު އެކަކުން ފެށިގެން ގޮސް އައިފޯނު 4 އެސް އިއްޔެރޭ ދުނިޔެތެރެއަށް ދޫކޮށްލި އިރު ރޭގެ ވަގުތެއްގައި ޖޮބުސް މިވަނީ މިދުނިޔެ ދޫކޮށްފައެވެ.

އައިފޯނުގެ ފަހަތުން ނިކުން އައިޕެޑް ވެގެން ގޮސްފައިވަނީ މިއަދުގެ ހަލަބޮލި ދުނިޔޭގެ އެކިއެކި ކަންކަމުގައި މަސްއޫލުވެގެން އުޅޭ ފަރާތްތަކުގެ އެންމެ ގާތް އެކުވެރިޔާ އަށެވެ. އައިޕެޑު ޖޮބްސްގެ ސިކުނޑިން ނެރެ އެބޭނުން ކުރާ ފަރާތްތަކާއި ހަމައަށް ގެނެސް ދިނީ އެބޭނުންވާ ފަރާތްތަކަށް ބޭނުންވި ވަރަށް ވުރެވެސް ފުރިހަމަ ކޮށް ކަމަށް މިހާރު ބެލެވެއެވެ. މިއަދު އެޕަލްގެ އައިފޯނު އަދި އައިޕެޑާއި ވާދަ ކުރުމަށް އެކި އެކި ކުންފުނިތަކުން ތަފާތު އެތަކެއް އާލާތްތަކެއް ނެރެމުންދާއިރު އެޕަލް ކުންފުނި އަދިވެސް ދެމި އޮތީ އެންމެ އުހުގައެވެ. އެހެނަސް ޖޮބުސްގެ އަމިއްލަ ވިސްނުމުގައި ހުރި އެތަކެއް ހިޔާލެއް ހިފައިގެން އޭނާ މިދުނިޔެ ދޫކޮށް ދިޔަ އިރު ދެން އުފެދޭ ސުވާލު ތައްވެސް އެބަހުއްޓެވެ.

އެޕަލް ކުންފުނީގެ ވާދަވެރިން އަބަދުވެސް ޖެހިލުންވަނީ ޖޮބުސްގެ ވިސްނުން ޓެކުނޮޖީގެ ދުނިޔޭގައި ގެންގުޅޭ ގޮތެއް ނޭނގިގެންނެވެ. އެންމެ ބޮޑެތި ހަފުލާތަކަށް ގަޔަށްބާރު އަތްދިގު ޓީޝާޓެއް ލައިގެން ޖޮބްސް އަރާހުރެ ދުނިޔެއަށް ގެނެސްދޭ ހައިރާން ކަމާއި ޖާދޫގެ މަޅީގައި ނުޖެހޭ މީހަކު މިއަދު ނެތެވެ. ކޯޓު ފަޓުލޫނުގައި ތިބެ އެހެން ކުންފުނި ތަކުގެވެރިން ބާޒާރަށް ނެރޭ ތަފާތު އެކި އެކި އާލާތްތަކަށް އަދި އެޕަލްގެ އުފެއްދުމަކާއި ވާދަ ކޮށްލެވޭ ވަރެއް ނުވެއެވެ.

ސަބަބަކީ އާންމުންގެ އިތުރުން ވާދަވެރިންނަށް ހައިރާން ކަން އަބަދުވެސް ގެނެސްދޭ އެޕަލްގެ އުފެއްދުން ތަކުގެ އަސްލު ސޫރަ އެންމެ ފުރަތަމަވެސް ފެނިގެން ދަނީ ރަސްމީކޮށް އެކަން އިއުލާނު ކުރުމުން އެކަންޏެވެ. އޭގެ ކުރިން ހުރިހާ ފަރާތަކަށް އިންތިޒާރު ކުރަން ޖައްސާކަމީ ޖޮބްސްގެ މުޅިން ތަފާތު ސިފައެކެވެ. އެޕަލް ކުންފުނީގެ އާދައެވެ.

ޓެކްނޮލޮޖީގެ ދުނިޔޭގައި ސްޓީވް ޕައުލް ޖޮބްސް ފަދަ ދެވަނައެއް މިހާތަނަށް އުފެދިފައި ނުވާކަމަށް ގިނަ ބަޔަކު ބުނަނީ އެހެންވެގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު