ސްޓިކާ ނުޖެހިޔަސް ނުގަވައިދުން ޕާކުކުރާ ނަމަ އުޅަނދު ޓޯ ކުރާނެ: ފުލުހުން

ކަފި ހުރަސްމަތީ ޕާކުކޮށްފައި -- ސަން ފައިލް ފޮޓޯ

ގަވައިދާ ހިލާފަށް މަގުމަތީ ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހައި އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ނުކުރިކަމުގައި ވިޔަސް ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ނުގަވައިދުން ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާޖެހުން ހުއްޓާލީ ސަރުކާރުން އަންގައިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ޕާކް ކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށް ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މީގެ ކުރިން ވެސް ނުގަވައިދުން ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރާ ކަމަށެވެ. ހަމައެކަނި ހުއްޓާނީ ސްޓިކާ ޖެހުން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރުން އުޅަނދުގެ ވެރިފަރާތަށް އަންގައިގެން މަގުމަތީ ނުގަވައިދުން ހުންނަ އުޅަނދުތައް ނަގާކަމަށް ވެސް ފުލުހުން ބުންޏެވެ.

ނުގަވައިދުން ޕާކު ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލުމުން މަގުމަތީ ފުއްވާ މީހުންނަށާއި ހިނގާމީހުންނަށް ދަތިވާގޮތަށް އުޅަނދު ޕާކު ކުރާ މައްސަލަ ބޮޑުވި އެވެ. ބައެއް މަގުތަކުގައި ދުވާރު މައްޗަށް އަރާނެ ތަންކޮޅެއް ނެތުމާއި ދުވާރުން ބައިބާނެ ތަންކޮޅެއް ނެތުން އަދި ކަފިހުރަސް މަތިން މަގު ހުރަސްކުރަން މަގުމައްޗަށް ފައިބާނެ ތަންކޮޅެއް ނެތްގޮތަށް ޕާކުކުރާ މައްސަލަ ބޮޑުވި އެވެ.

އުޅަނދު ޕާކު ކުރާނެ އިތުރު ތަންތަނާއި ޕްލޭންތަކެއް ހަދަން ފަށާއިފައިވާ ކަމަށް މީގެ ކުރިން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް