މަރުތައް ބަލާ ކޮމިޝަނާއެކު އުގައިލް މަސައްކަތް ކުރައްވަނީ

ޕްރޮފެސަރ ހަސަން އުގައިލް -- ސަން ފައިލް ފޮޓޯ

މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ޕްރޮފެސަރ ހަސަން އުގައިލްގެ އެހީ ހޯދަން ފަށައިފިއެވެ.

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުގެ ޗެއާ ހުސްނުއްސުއޫދު މިރޭ "ސަން"ޢަށް ވިދާޅުވީ ޕްރޮފެސަރ އުގައިލް މިހާރު އެ ކޮމިޝަނާއެކު މަސައްކަތްކުރަން ފައްޓާވާފައިވާ ކަމަށެވެ.

ސުއޫދު ވިދާޅުވީ، އުގައިލްގެ އެހީ ހޯދަމުން ދަނީ ފޭސް ރިކޮގްނިޝަން ނުވަތަ މީހުން ދެނެގަތުމާއި، ލައި ޑިޓެކްޝަން ނުވަތަ ދޮގު ހެދުމުން އެކަން ދެނެގަތުމުގެ މަސައްކަތަށް ކަމަށެވެ.

އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީގެ ސްކޫލް އޮފް އެންޖިނިއަރިންގް އެންޑް އިންފޮމޭޓިކްގައި ވިޝުއަލް ކޮމްޕިއުޓިންގް ދާއިރާގެ ޕްރޮފެސަރެއްގެ ގޮތުން މަސައްކަތްކުރައްވާ އުގައިލްއަކީ ހިސާބު އިލްމުން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ކޮމްޕިއުޓަރު ސައިންޓިސްޓެއްވެސް މެއެވެ.

https://www.sun.mv/114319

އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އުގައިލް ދާދި ފަހުން ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވި އިރު، އުގައިލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ އެ ދަތުރުގައި ރިޔާސީ ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރެއްވިކަމަށާއި، ކޮމިޝަނުން ބަލާ ބައެއް މައްސަލަތަކާ ގުޅޭ ތަކެތި ބައްލަވާފައިވާނެ ކަމަށެވެ.

"ތަހުގީގުކުރާ ކޭސްތަކާ ގުޅުންހުރި ބައެއް މެޓީރިއަލް ބަލާލުމުގެ ފުރުސަތު ލިބުނު. އަޅުގަނޑު ވާނީ ކޮމިޝަނަށް ހިލޭސާބަހަށް އެއްބާރުލުން ދިނުމަށް ނިންމާފައި،"

ދުނިޔޭގައި ހިނގާފައިވާ އެކިއެކި މައްސަލަތަކުގެ ތަހުގީގީ އިދާރާތަކުން ވަނީ ޕްރޮފެސަރ އުގައިލްގެ އެހީތެރިކަން ހޯދާފައެވެ. އެގޮތުން ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގެ ތެރޭގައި މަރާލި ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ނިއުޔޯކް ޓައިމްސްއިން ވަނީ އުގައިލްގެ އެހީތެރިކަން ހޯދާފައެވެ.

މަރުތަކާއި ގެއްލުވާލައިފައިވާ މިހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބެރުގެ ފަރާތްތަކުގެ އެހީވެސް ހޯދާނެ ކަމަށް މީގެ ކުރިން އެ ކޮމިޝަންނުން ވަނީ ބުނެފައެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި އެ ކޮމިޝަނުން އިއްޔެ ވަނީ ދެ މީހައކު ހޯދުމަށް ވީޑީއޯއެއް ވެސް އާންމު ކޮށްފައެވެ.

comment ކޮމެންޓް