ބައަޝީރު މިނިވަން ކުރުމަށް ނިންމުން އަލުން މުރާޖައާ ކުރަނީ

ޖަކާޓާ (ޖަނަވަރީ 22): 2002 ވަނަ އަހަރު އިންޑޮނީޝިޔާގެ ބާލީގެ ނައިޓް ކްލަބަކަށް ދިން ޓެރަރިސްޓް ޙަމަލާތަކާ ގުޅުން ހުރިކަމުގެ ކުށް ސާބިތުވެގެން 15 އަހަރަށް ޖަލަށްލާފައިވާ ދީނީ އިލްމުވެރިއެއް ކަމަށްވާ އަބޫ ބަކަރް ބައަޝީރު މިނިވަން ކުރުމަށް ނިންމި ނިންމުން އަލުން މުރާޖަޢާ ކުރުމަށް އެގައުމުގެ ރައީސް ޖޮކޯ ވިޑޯޑޯ ނިންމަވައިފިއެވެ.

ވިޑޯޑޯ މިގޮތަށް ނިންމެވީ ބައަޝީރު މިނިވަން ކުރުމަށް މިދިޔަ ހަފްތާގައި ނިންމި ނިންމަށް އިންޑޮނީޝިޔާގެ އެތެރެއިންނާއި ބޭރުން ފިއްތުންތައް ކުރިމަތިވުމުންނެވެ. ބާއަޝީރު މިނިވަން ކުރުމަށް ނިންމި ނިންމުމާ ގުޅިގެން އިންޑޮނީޝިޔާގެ ބައެއް ޖަމްއިއްޔާ ޖަމާއަތްތަކުންނާއި އެހަމަލާގައި މަރުވި އިންޑޮނީޝިޔާގެ އާންމުންގެ އާއިލާތަކުން ނުރުހުން ފާޅުކޮށްފައިޥާއިރު އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންވެސް ވަނީ އެކަމާމެދު ކަންބޮޑުވާކަން ހާމަކުރައްވާފައެވެ.

2002 ވަނަ އަހަރު އިންޑޮނީޝިޔާގެ ބާލީގެ ފަތުރުވެރި ކަމުގެ ސަރަހައްދުގައިވާ ނައިޓް ކްލަބެއްގައި ބޮން ގޮއްވައިގެން ދިން ޓެރަރިސްޓް ޙަމަލާތަކުގައި 200 މީހުން މަރުވެފައިވާއިރު އޭގެތެރޭގައި ގިނައީ އޮސްޓްރޭލިޔާގެ ޓޫރިސްޓުންނެވެ. އެހެންކަމުން ބާއަޝީރު މިނިވަން ކުރުމަށް ރައީސް ވިޑޯޑޯ ނިންމެވުމުން އޮސްޓްރޭލިޔާގެ ޚާރިޖީ ވުޒާރާއިންވެސްވަނީ އެކަމާދެކޮޅަށް ބަޔާނެއް ނެރެފައެވެ.

ބައަޝީރު ގެ މައްޗަށް ސާބިތުވީ ޓެރަރިޒަމްގެ އަމަލުތަކަށް ހިއްވަރު ދިނުމުގެ ކުށެވެ. ޓެރަރިސްޓް ހަމަލާތަކުގައި ބައިވެރިވުމުގެ ކުށެއްނޫނެވެ. ނަމަވެސް ގިނަ ބަޔަކު ދެކެނީ ބާލީއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައި ވަނީ އޭނާ ކަމުގައެވެ. ބާއަޝީރު 15 އަހަރަށް ޖަލަށްލީ 2011 ވަނަ އަހަރުއެވެ. ނަމަވެސް އުމުރުން އައްޑިހަ އަހަރުވެފައިވާ ބާޢަޝީރު ގެ ސިއްޙީ ހާލަތު ޖަލުގައި ވަރަށް ބޮޑަށް ދަށަށްދިޔުމުން ޑޮކްޓަރުންގެ ލަފައާއި އާއިލާގެ އިލްތިމާސްތަކާއެކު ރައީސް ވިޑޯޑޯ ނިންމެވީ އޭނާ މިނިވަން ކުރުމަށެވެ. ނަމަވެސް އެނިންމުން މިހާރުވަނީ އަލުން މުރާޖަޢާ ކުރަން ފަށާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް