"ކިހިނެތް އަހަރެން ހތްވަރުކުރާނީ އިޒް.... އިނގޭތަ؟ އަހަރެން އިންނަން ތައްޔާރު ކުރުވާފައި އެމީހަކު އެންމެފަހު ވަގުތު ހަދާލިގޮތް... އަހަރެން ދޫކޮށްލީ، ހުރިހާކަމެއް ނިމިފަ އޮއްވާ... ދުވަހަކުވެސް މިހިތަކުން ނުފިލާނެ" އަނާލް ހާމަކޮށްލި ހަޤީގަތުން އިސްޖެހިފައި އިން އިޒިއަންއަށް ލިބުނު ޝޮކުގައި އިސް އުފުލާލެވި ދެލޯ ވެސް ބޮޑުކޮށްލެވިއްޖެއެވެ.

"ކީއްވެ" ހާސްވެ ކަންބޮޑުވެފައިވި އަޑަކުން އިޒިއަންއަށް ސުވާލުކޮށްލެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ކަންފަތަށް އިވެން އުޅޭ ޖުމްލައަށް ސަމާލްވި ފަދައަކުން އޭނާ ގޮނޑީގައި ހަމަޖެހިލިއެވެ.

"އަހަރެންނަކީ މިފަދަ މީހަކަށް ވީމަ." ކަނާއަތުގެ އިނގިލިތައް ވާއަތުގެ ތެރެއަށްލާ މަހާލަމުން އަނާލް ވާހަކަ ދެއްކިއިރު އިޒިއަންއަށް އިނދެވުނީ ނޭވާ ހިފައްޓާލައިގެންނެވެ. އަނާލް އަތުން އެދުވަހު ފެނުނު ފޮޓޯގަނޑަކީ އެހެންވީއިރު އެ ފިރިހެން މީހާތާއެވެ. އަދިވެސް އަނާލްގެ ހިތުގައި އެ ޒުވާނާ އާމެދު ކޮންމެވެސް އިޙްސާސްތަކެއް ވާކަން ޔަގީނެވެ. އެހެންނޫނީ އަނާލް އެ ހިތްދަތިކަމުގައި އިނދެ ވާހަކައެއްނުދައްކާނެއެވެ.

އަނާލްއަށް ވެސް އިޒިއަންއާ މެދު ދެކެވޭ ގޮތް ތަފާތުވެފައިވެއެވެ. ޚާއްސަކޮށް އިއްޔެގެ ހާދިސާއަށްފަހު އިޒިއަންއާ މެދު އޭނާއަށް ވަނީ ވަރަށް ގާތްކޮށް ދެކެވެން ފަށާފައެވެ.

ހުރިހާ ފިރިހެނުން އެއްގޮތެއްނުވާނެޔޭ ސިކުނޑި ވިސްނައިދޭން މަސައްކަތް ކުރާފަދައެވެ.

"މާގިނަ ވާހަކަ ދެއްކިއްޖެ ދޯ، އަސްލު ކުރިއަށް ހުރި މަސައްކަތްތައް ކިޔާލަދޭން ވެގެން އިޒް ގެނައީ މި، އަންނަ ހަފްތާގެ މަސައްކަތަކަށް ބޭނުންވާ ހުރިހާ ފައިލްތަކާ އެއްޗެހި ހަވާލް ކޮށްލަން ވެގެން..." އަނާލް އެހާ އަވަހަށް އަސަރުތައް ފޮރުވާލިގޮތުން އިޒިއަންއަށް ހައިރާންކަމެއް ލިބުނެވެ.

އެ ހިނދު އެ ހިތުގައި އުތުރިގަތް އިޙްސާސްއެއްގެ ސަބަބުން މީހާއަށް ކުޑަނަމަވެސް ހާސްކަމެއް ވެރިވިއެވެ. އަނާލްއާ ކައިވެނި ކުރުމުގެ ޚިޔާލް އެ ހިތަށް އަންނަންވީ ކީއްވެހެއްޔެވެ؟ ސިކުނޑިއަށް ބާރުކުރަން ފެށުމުން އަނާލް ކަންތައްތައް ހަވާލް ކުރުމުން މާ ގިނަ ވަގުތު މަޑުނުކޮށް އިޒިއަން ދިޔައީ ބިޒީ ކަމަށް ބުނެއެވެ.

އަނާލްއާ މެދު އެ ހިތުގައި އެތަކެއް އިޙްސާސްއެއް ވިނަމަވެސް އޭނާއަށް އެ އިޙްސާސްތައް ޤަބޫލް ކުރެވޭކަށް ނެތެވެ.

އަނާލް ޗުއްޓީއަށް ދިޔަތާ ތިންވަނައަށް ވީދުވަހު ޑޮކިއުމެންޓެއްގެ މައްސަލަ ޖެހިގެން އަލުން އެ ޑޮކިއުމެންޓް އިޒިއަން ތައްޔާރުކުރިއެވެ. ރާއްޖޭން ބޭރަށް ފޮނުވާ ކުއްޖެއްގެ ސެޓްފިކެޓް ތަކާއެކު އެޓެޗް ކުރެވިފައިވާ ލިޔުން ހިމެނޭ ޑޮކިއުމެންޓްއަކަށް ވުމާއެކު ލަސްކުރެވޭކަށް ނެތެވެ. ދާދި އަވަހަށް އެމީހުން ވެސް ފުރަންޖެހޭތީއާއެކުގައެވެ. އެހެންނަމަވެސް އޭގައި އަނާލްގެ ސޮއި ބޭނުންވާތީ އޭނާ ހާސްވިއެވެ. އަނާލްއަށް ގުޅައިގެން އޮފީހަށް ގެނުވަން އިޒިއަން ބޭނުމެއްނުވިއެވެ. އެފަދަ ތަކުލީފެއް އަނާލްއަށް ޖެއްސުމުގެ ބަދަލުގައި އޭނާއަށް ވެސް އަނާލްގެ ގާތަށް ދެވިދާނެ ނޫންހެއްޔެވެ؟.

ނަސީބަކުން އޮފީހުން އޭނާއަށް ރަކީންއާ ދިމާވިއެވެ. ވެގެން އުޅޭގޮތް އޮޅުން ފިލުވާދިނުމާއެކު ރަކީން ވެސް އެގޮތާ އެއްބަސްވިއެވެ. އޭނާ އިޒިއަން ގާތު ގެއަށް ދިޔުމަށް ބުނަމުން މަސައްކަތައް އެނބުރުނެވެ. އިޒިއަން ދިޔުމުގެ ކުރިން އަނާލްގެ ގާތުގައި އިޒިއަން ދާނެ ވާހަކަ ރަކީން ވެސް ބުނާނެކަމުގައި ބުނެލިއެވެ.

އިޒިއަން އޮފީހުން ނުކުންނަމުން އަނާލްގެ ނަންބަރަށް ގުޅާލިއެވެ.

"ނާލް... ޑޮކިއުމެންޓެއްގަ މައްސަލައެއް ޖެހިގެން މިއުޅެނީ، އަހަރެން ދަންތަ ހިފައިގެން؟ ނާލް އޭރުން ނައިސް ވާނެއެއްނު...." އިޒިއަން ބުނެލިއެވެ.

"އާ! އޯކޭ އިޒް..." އަނާލް ހިސާބެއްގެ ބަލި އަޑަކުން ވާހަކަދެއްކިއެވެ.

"ނާލް ބަލިވެތަ؟" އިޒިއަން ކަންބޮޑުވެފައިވާ އަޑަކުން އަހާލުމާއެކު ފިޔަވަޅުތައް ހުއްޓާލެވުނެވެ. އަނާލްއާ މެދު ހާސްވެފައި ހުރިވަރުން އޭނާގެ ހިތް އޭރު ބާރަށް ތެޅެމުން ދިޔައެވެ. ހިތުގެ ހަމަޖެހުން ގެއްލުނު ހިނދުކޮޅެކެވެ.

"ނޫނޭ! ކުޑަކޮށް ބޮލުގައި ރިއްސާތީ..." އަނާލް ބުނެލިއެވެ.

އިޒިއަން އަވަސްވެގަތީ ފޯން ބާއްވަމުން އަނާލްގެ ގާތަށް ދާށެވެ. އިޒިއަންއަށް ދެވުނުއިރު މެންދުރުން އަނބުރާ ތިނެއް ޖަހަނީއެވެ. ގަޑިއަށް ބަލާލަމުން ކާރުން ފޭބި އިޒިއަން ވަށައިގެން ގޭގެ ގޯތިތެރެއަށް ބަލާލިއެވެ. އޭނާ މަޑުމަޑުން ގޭގެ މައި ދޮރާ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ.

"މޭމް ބުނުއްވީ އެތެރެއަށް ދުރުވަން!" ފަހަތުން އިވުނު އަޑާއެކު އިޒިއަންއަށް އެނބުރި ބަލާލެވުނެވެ. ގޭގެ ދޮރުމަތީގައި ހުރީ އަންހެންކުއްޖަކެވެ. ބަލާބެލުމަށް ރާއްޖެ ކުއްޖެއް ވައްތަރެއް ނުޖަހައެވެ. ހީވަނީ ނޭޕާލް ހިސާބު އަންހެން ކުއްޖެއް ހެންނެވެ.

ކުޑަކޮށް ހިކިކޮށް ދޮން ކޮންހުރި އެ އަންހެން ކުއްޖާގެ ފަހަތުން އިޒިއަން ވަނެވެ. ގޭތެރެއިން އިޒިއަންއަށް މަރުޙަބާކީ މަޒާޔާއެވެ.

"ނާލް އިންނާނެ ސްޓަޑީގަ." ކުރިމައްޗަށް ވާގޮތަށް ހުރި ގަދަ ޗޮކްލެޓް ކުލައިގެ ދޮރު ދައްކާލަމުން މަޒާޔާ ބުނެލިއެވެ. އަތުގައި އޮތް ދަބަހަށް ބާރުކޮށްލަމުން އިޒިއަން އެ ގެއަށް ވަށައިގެން ބަލާލިއެވެ. އަދި އެ ދޮރާ ދިމާލަށް މިސްރާބުޖެހިއެވެ. ޓަކި ޖަހާލާފައި އެތެރެއަށް ވަތްއިރު އަނާލް އޭނާގެ ގޮނޑީގައި އިނެވެ. ދޮރުހުޅުވުނު އަޑަށް އަނާލް ވެސް ސިހިފައި އިޒިއަންއަށް ބަލާލިއެވެ. ކަރުނަވީ ދެލޮލުން އިޒިއަށްއަށް ބަލާލި އަނާލް ފެނި ފައިދަށުން ބިންގަނޑު ދެމިގެން ދިޔަފަދަ އިޙްސާސްއެއް އިޒިއަންއަށް ކުރެވިގެން ދިޔައެވެ. އަވަސްއަވަހަށް އަނާލްއަށް ގޮވާލަމުން އެ ދިމާލަށް ދިޔައިރު އަނާލް އަތުގައި އޮތް ފޯނު ބިންމައްޗަށް ވެއްޓިއްޖެއެވެ. ޖެހި ބުދެއްހެން ގަނޑުވެފައި އިން އަނާލްގެ ކޮނޑުގައި ހިފާ އިޒިއަން ދެފަހަރަކު ތަޅުވާވެސް ލިޔެވެ. އެހެންނަމަވެސް އަނާލް އެއް ހަމަހިލާ ގުޑިއެއް ނުލިއެވެ. ދެލޯ ބޮޑުކޮށްލައިގެން އެއްދިމާލަކަށް ބަލަން އިންއިރު ކަރުނަތައް އޮހުރެމުން ދިޔަ ގޮތުން އިޒިއަން ބިރުގަތެވެ.

"ނާލް..." އިޒިއަންއަށް ގޮވާލެވުނެވެ. އެއްލި ކަޅިއަކުން ވެއްޓިފައި އޮތް ފޯން އިޒިއަންގެ ދެލޮލުގައި އަޅައިގަތެވެ. މަޑުމަޑުން އެ ފޯން ނަގާ އިޒިއަން ބަލާލިއެވެ. ހުޅުވާފައިވާ ޗެޓް ލޮގް ފެނުމާއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތް މެސެޖަކުން އޭނައަށް އަނާލްއާ ދިމާލަށް ބަލާލެވުނެވެ.

"ނާލް! ހަމަޖެހިބަލަ، ނާލް! އޭނަ ނޫނަސް ނާލްއަށް އަޅާލާނެ އެހެން މީހުންވެސް އެބަތިއްބޭ....." އިޒިއަންއަށް އެންމެފަހުން ބާރަށް ބުނެވުނެވެ. އެ އަޑުގައި ވޭނީ ރިހުމެއްވެއެވެ. އެކަން އަނާލްއަށް ފާހަގަވީ ކަމެއްނޫނީ ނޫން ކަމެއް ނޭނގެއެވެ. މަޑުމަޑުން އިޒިއަންގެ ދެލޮލަށް ބަލާލިއެވެ.

"އެ ބުނީ ހަމަ ތެދަށް، އަހަރެންނަކީ ބޭކާރު މީހެއް، އެއްވެސް މީހެއް ބޭނުމެއްނުވާނެ އަހަރެން ކަހަލަ މީހަކާ އިންނާކަށް... މަމީ ކާކުތަ؟ އާރެއް ބާރެއްނެތް ތިމާއަށް ތިމާ ފެނިފަހުރި އަންހެން ކުއްޖެއް... ހަހަ" އަނާލް އިޒިއަންއަށް ބަލަން އިނދެ ހީގަތެވެ. އަނާލްއަށް ކިހިނެތް ވީހެއްޔެވެ؟ އަނެއްކާ އަނާލް މޮޔަވީހެއްޔެވެ؟ އިޒިއަންގެ ހިތަށް ބިރުވެރިކަމެއް ވަނެވެ.

އިޒިއަންއަށް އަނާލްއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އަނާލް އޭނާގެ ބޮލުގެ އިސްތަށިގަނޑަށް ވާން ކޮށްލިއެވެ.

"އަހަރެން ޖެހޭނީ މަރުވާން ދޯ، ހަހަ... އެ ނޫން ގޮތެއް ނެތެއްނު، އެބުނީނު އަހަރެން ކަހަލަ ބޭކާރު މީހުންނާ ހެދި އުނދަގުލޭ ވާނީ. ވީ އެންމެ އަވަހަށް މަރުވިއްޔާ އޭ ރަނގަޅީ...." އަނާލް ބުނެލިއެވެ.

"ނާލް! އަޑު އަހާބަލަ، އެ މީހުން ދައްކާ ވާހަކަ އަޑު އަހާނެކަމެއް ނެތޭ... އެ ޔުމާން އެއްޗެކޭ ބުނެގެންތަ ނާލްއަށް ތިވަރު ވަނީ" އިޒިއަންއަށް އެންމެ ފަހުން ބުނެވުނެވެ.

"ތީ ކާކު؟ އެއްވެސް އެއްޗެއް ނޭނގޭނެ." އިޒިއަންއަށް ބަލާލާ އިނގިލި ދިއްކޮށްލަމުން އަނާލް ބާރަށް ބުނެލިއެވެ. މިހާރު އެ މޫނުމަތިން ހިސާބެއްގެ ރުޅިވެރިކަމެއް ފެންނަހެންވެސް އިޒިއަންއަށް ހީވިއެވެ. އަނާލް އަނެއްކާވެސް ބޮލުގައި ހިފައްޓާލީ އޭނާއަށް އިވެމުންދިޔަ އަޑުތަކުގެ ސަބަބުންނެވެ. އެކި ފަރާތްފަރާތުން އެ އަޑުތައް އައިސް އޭނާގެ ސިކުނޑި ގޮއްވާލަން އުޅޭފަދައެވެ. އެކަމުން އުނދަގޫ ވެފައިވާ އަނާލްއަށް އިޒިއަންގެ ވާހަކަތަކުން އުނދަގޫވަމުން ދިޔައެވެ. އޭނާ ހަމައަކަށް އަޅުވަން އިޒިއަން ދައްކަމުން ދިޔަ ވާހަކައިގެ ސަބަބުން އޭނާއަށް އިތުރު ތަކުލީފުތަކެއް ލިބެމުން ދާފަދައެވެ.

"ތީ ބޭކާރު މީހެއް... އަހަރެންގެ ދިރިއުޅުމަށް އަހަރެން ބޭނުންވަނީ ސަލާމަތުންހުރި އަންހެން ކުއްޖެއް..."

"އަހަރެން ބޭނުމެއްނޫން އަނާލް އެއް"

"އަހަރެންނަށް އުފާވެރި ދިރިއުޅުމެއް ހޯދޭނީ އަނާލް ދޫކޮށްލައިގެން. ކިހިނެތް އަހަރެން ނުހިނގޭ އަންހެން ކުއްޖަކާއެކު އުޅޭނީ..."

"އަހަރެންނަށް ރަނގަޅީ އަނާލް އަހަރެންގެ ދިރިއުޅުމުން ދުރަށް ދިޔައިއްޔާ މުޅި އުމުރަށް...." އެ އަޑުތައް ހުއްޓޭ ގޮތެއް ނުވިއެވެ. ސިކުނޑިއަށް ބާރުވަމުން ދިޔުމާއެކު އޭނައަށް ދެއަތް މުށްކަވާލެވުނެވެ.

"ކޯންޗެއްތަ ނާލް ނޭންގެންވީ؟ ހުރިހާ އެއްޗެއް ވެސް އެނގޭ، ނާލް!... ތީ ބޭކާރު މީހެއް...." އިޒިއަން ސިހުނީ ހަޅޭކަކާއެކު އަނާލް އިޒިއަން ކޮށްޕާލުމުންނެވެ. އެ ދިޔަ ގޮތަށް ގޮސް އެތާހުރި ކަބަޑެއްގައި ޖެހުނެވެ. ޖެހުނު ގޮތުން އަތް ވިދި އަތަށް ތަދުވެސް ވިއެވެ. އެހެންނަމަވެސް މަޑު 'އާހް' އެއް ބޭރުކޮށްލުމާއެކު އޭނާ ތެދުވެ އަނާލްއާ ދިމާލަށް އަނެއްކާވެސް ކުރިއަށް ޖެހިލިއެވެ.

އިޒިއަން ކޮށްޕާލެވުމުން އަނާލްއަށް ސިހުން ލިބުނެވެ. އިޒިއަން އަނާލް ގާތަށް ޖެހިލާ އަނެއްކާވެސް ވާހަކަ ދައްކަން އަވަސް ވަގަތެވެ.

ސިޓިންރޫމްގައި ތިބި މަޒާޔާއާއި ޝަފޫންގެ އިތުރުން އަފާޒުއާއި ދީމް ވެސް ދުވެފައި އައީ އަޑު ފައްގަނޑެއް އިވިގެންނެވެ. ތިބި ފިޔަވަޅުމަތީގައި އެންމެނަށް ވެސް ހުއްޓެވުނީ އިޒިއަންއާއި އަނާލްއާއި ދެމީހުން ތިބި ގޮތުންނެވެ. އެ ހިނދު އެ ކަންފަތް ތަކުގައި ޖެހުނު އަޑަކުންނެވެ.

"ނާލް! ނާލް އާއެކު ކިތަށް މީހުން އެބަތިބިތަ؟ ކީއްވެތަ މީހަކު ފޮނުވާލާ މެސެޖަކާ ދޭތެރޭ ތިހާ ވިސްނަނީ؟ ނާލް! އެނގޭތަ؟ އެ މީހުންގެ މަޤްސަދަކީ ނާލް ބަލިކަށިކޮށްލުން. ތިހިތަށް އަނިޔާ ދިނުން. އެ ފުރުސަތު ޔުމާންއަށް ނުދީ ނާލް! ނާލް ބަލިކަށިވެ ހިތްވަރު ދޫ ކުރާނަމަ އެމީހުންނަށް ކުރި ލިބޭނީ، އެހެން ނަހަދާ...... އެނގޭތަ؟ ނާލްއެކޭ އެއްވަރަށް މި މަސައްކަތަކީ އަހަރެންނަށް ވެސް ހާދަ މުހިންމު މަސައްކަތެކޭ، ނާލް ތިހާ ހިތްވަރު ދެރަނަމަ އަހަރެން މިކަން ކުރާނީ ކިހިނެތް؟ އަހަރެންނަށް އެކަނި ނުވާނެ މިކަމެއް ނާލް!....އަހަރެން... އަހަރެންނަކީ ގާތް އެކުވެރިއެއް ގޮތަށް ދެކޭނަމަވެސް ނާލް ހިތްވަރުކުރޭ، އަހަރެންނަށްޓަކާ..." އިޒިއަންގެ އަޑުގައިވަނީ ކޮންފަދަ އަސަރެއް ހެއްޔެވެ؟ ދެއަތުގެ ތެރޭގައި މޫނު ފޮރުވާލައިގެން އިން އަނާލްގެ މޫނުން ދެއަތް ނެއްޓުވޭތޯ މަސައްކަތް ކުރަމުން އިޒިއަން ވާހަކަ ދައްކަމުން ދިޔައެވެ. އެއްވެސް އިޚްތިޔާރަކާނުލާ އިޒިއަންގެ ލޮލުން ވެސް ކަރުނަ ތިއްކެތް ވެއްޓުނެވެ.

މޫނުމަތިން މަޑުމަޑުން އަތް ނައްޓުވާލި އަނާލްއަށް ވެސް އިޒިއަންގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނުނެވެ. މީހާގެ ނަފްސަށް އާދަޔާ ޚިލާފް އިޙްސާސްއެއް ވެރިވެގެން ދިޔުމާއެކު އަނާލްއަށް އިޒިއަންއާ ދިމާލަށް ބަލަން ކުޑަ އިރުކޮޅަކު އިނދެވުނެވެ. އިޒިއަންއަށް ވެސް އަވަސް އަވަހަށް އަނެއްފަރާތަށް މޫނު އަނބުރާލެވުނެވެ. އަދި ތެދުވަން އޭނާ އުޅުނެވެ. އެހެންނަމަވެސް ފިނިވެފައިވާ ދެއަތް ތިލައިން އަނާލް ހިފައްޓާލުމާއެކު އިޒިއަން އަނާލްއަށް ބަލާލިއެވެ. އެ ވަގުތަކީ ދެމީހުންވެސް އެކަކު އަނެކަކަށް ބަލާލި ވަގުތެވެ. ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔަ ވަގުތު ދެހިތަށް ވެސް ލޮޅުމެއް އަރައިފިއެވެ. އާދަޔާޚިލާފް ގޮތަކަށް ދެހިތްވެސް ތެޅިލިއެވެ. އިޒިއަންގެ ދެލޮލަށް ބަލަންހުރި އަނާލްގެ ނަޒަރު އޭނާ ހިފައްޓާފައިވާ އިޒިއަންގެ އަތަށް އަމާޒު ވުމާއެކު ތެޅިގަނެފައި އެ އަތުން ދޫކޮށްލެވުނެވެ.

ފަހަތުގައި ތިބި އާއިލާގެ މީހުންނަށް ނަޒަރު ހުއްޓުމާއެކު އިޒިއަންވެސް އެދިމާލަށް ބަލާލިއެވެ. އެ އެންމެން ފެނިގެން އޭނާ ވެސް ސިހުނެވެ. މޫނުމަތީގައިވި އަސަރުތައް ފަރުދާކޮށްލަން އެތަކެއް މަސައްކަތެއް ކުރިނަމަވެސް އިޒިއަންއަކަށް އެކަން ކާމިޔާބެއް ނުކުރެވުނެވެ. އެ ހިތުގައިވާ އަސަރުތައް މޫނުމަތީގައި ލިޔެވިފައިވާ ފަދައެވެ.

އިޒިއަންއަށް ބަލަމުން މަޒާޔާ އައިސް އަނާލްގެ ގާތަށް ހުއްޓުނެވެ. އޭނާ އިޒިއަންގެ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މިހާރު އެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ.

އަނާލްގެ ގާތަށް ހުއްޓުމާއެކު މަޒާޔާ އަވަސްވެގަތީ ވެގެން އުޅޭ ގޮތަކާ ބެހޭގޮތުން ސުވާލު ކުރާށެވެ.

"ނާލްއަށް ކިހިނެތްވީ؟ ޔުމާން... ޔުމާންގެ ކަމެއްތަ؟" މަޒާޔާ ހިތްއަވަސްވެފައި ހުރެ ސުވާލުކުރުމާއެކު އަނާލް އިސްޖަހާލިއެވެ.

"ނާލްއަށް މެސެޖް ކުރީ ޔުމާންތަ؟ ކީކުރަން؟ އޭނާ ނާލްގެ ދިރިއުޅުމުން އެއްކޮށް ދުރަށް ދިޔައީކީ ނޫންތަ! މިހާރު ކިހިނެތް ވެގެން އެ އުޅެނީ" މަޒާޔާ ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ. އެ އަޑުގައި ހިންހަމަނުޖެހުމުގެ އަސަރާ އެއްވަރަށް ނުރުހުންތެރިކަން ވެސް ވިއެވެ.

"ޔުމާން ކީކޭ ކީ؟ މަންމަ ގާތު ބުނޭ ނާލް" މަޒާޔާ އިޒިއަންއަށް ބަލާލުމަށްފަހު އަނާލްގެ ފޯން އޭނާއާ ހަވާލް ކުރުމަށް ބުނެލިއެވެ.

"އަހަރެން ހުއްޓާ ލާހިކެއް ނޫން އެ ޔުމާންއަށް ހަމަޖެހުމުގެ ނޭވައެއްލާކަން. ހުރެބަލަ ނިކަން" ބަލާކަށް ނުހުރެ މަޒާޔާ ފޯނުން ޔުމާންގެ ނަންބަރަށް ޑައިލް ކޮށްލިއެވެ.

*****

އެނދުމަތީގައި ދެފައި ވަށްކޮށްގެން ކުރިމަތީގައި ބެހެއްޓިފައި ހުރި ލެޕްޓޮޕުން އަޅުވާފައިހުރި ފިލްމަށް ނަޒަރު ހުއްޓާލައިގެން އިން ޒަހްވާ އިރުއިރުކޮޅަކާ އަތުގައި އޮތް ޗިޕްސް ދަޅުން ޗިޕްސް ކޮޅެއް އަނގަޔަށް ލަޔެވެ. ކުޅިކަމުން ތުންފަތް ރަތް ވެފައިވާއިރު އޭނާގެ ކަނާއަތުގައި ކޮންމެވެސް ވަރަކަށް އޭގެ ކުނޑި ހޭކިފައި ހުއްޓެވެ. އެ އިނގިލިތައް އަނގަޔަށްލާ ރީތިކޮށް ލޮވެލުމަށްފަހު އޭނާ އަނެއްކާވެސް ޗިޕްސްދަޅު ތެރެއަށް އަތް ކޮށްޕާލިއެވެ.

"އަންނާނަން އިނގޭ، ރައްޓެއްސަކާ އެކު ކޮފީއަކަށް ދާން އެބަޖެހޭ....." ޑްރެސިން ޓޭބަލް މަތީ އޮތް ފޯން ރިންގް ވުމާއެކު ލޯގަނޑު ކުރިމަތީ ހުރި ޔުމާން ފޯނަށް ބަލާލިއެވެ. އަރާފައިވާ އަނާލްގެ ނަން ފެނިފައި އޭނާގެ ތުންފަތުގެ އެއްކަން މައްޗަށް ދެމިލިތަން ފެނުނެވެ. އެނބުރި ޒަހްވާއަށް ބަލާލުމަށްފަހު ފޯން ނަގާ ޖީބަށް ލަމުން ޔުމާން ނުކުންނަން ހިނގައިގަތެވެ.

ކޮޓަރިން ބޭރަށް ނުކުމެވުމާއެކު އޭނާ ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. އެ ބާރުމިނުގައި ކަންފަތާ ދުރުކޮށްލެވުނީ އެކޮޅުން ހަޅޭއްލަވައިގަތުމުންނެވެ.

"އޭތް! ޔުމާން ކިހިނެތް ވެގެން ތަ ތިއުޅެނީ؟ ކަލޭ ކީއްކުރަން އަހަރެންގެ ދަރިފުޅު ފަހަތުން އަޅުވައިގެން ނެއްޓަން ނޭނގިގެން ތިއުޅެނީ؟ އަދިވެސް ކުރެވުނު ވަރު ކުޑައީތަ؟ އެ ހިތް ހަލާކު ކޮށްލެވުނީމަވެސް ހިންހަމަ ނުޖެހުނީތަ؟ އިންނަން ހުރިހާކަމެއް ތައްޔާރުކޮށްފަ އެ ހިނގި ކަމަކާހުރެ ނާލް ދޫކޮށްލިއިރު ތި ހިތަށް އަސަރު ކުރިތަ؟ ނުކުރެއެއްނު.... ނާލް ރުއި ވަރާ... ނާލް އަށްވެފަ އިންގޮތުން ތި ހަށިގަނޑުގެ އެންމެ ސެލްއަކަށް ވެސް އަސަރުކުރިތަ؟ އެ ފަކީރުގެ ހާލަށް އެފަކީރު ދޫކޮށްލިއިރު ފަހުން ވާނޭ އެއްވެސް ގޮތަކާ ދޭތެރޭ ވިސްނާލިންތަ؟ މިއަދު ނާލް އެ ހުރި ހިސާބުގައި ހުރީ ނާލްގެ އަމިއްލަ ހިތްވަރުން... ޔުމާން ތީ ކާކުތަ؟ ޔުމާން ނުޖެހޭނެ ނާލްއާ ދިމާލަށް އެއްވެސް އެއްޗެއް ބުނާކަށް. ނާލްގެ ކުރިމައްޗަށް އަރާކަށް ވެސް. ދުވަހަކުވެސް އަހަރެންގެ ނާލް ފެންނަ ހިސާބަށް އައިސް ގެންނުވާނެ... އެ ދުވަހު ނާލް ދޫކޮށްލާފަ ދިޔަ ފަހުން އެ ހައްޤު ތި ޔުމާންއަށް ގެއްލިއްޖެ..." އެއްފަހަރާ އެތަށް ވާހަކައެއް ދައްކާ ނިންމާލެވުނުއިރު މަޒާޔާއަށް މާނޭވާ ލެވެމުން ދިޔައެވެ. އެކޮޅުން އެއްޗެކޭ ނުބުނިޔެއްކަމަކު ފޯނެއް ނުބާއްވައެވެ. މަޒާޔާ ހުރީ ހުއްޓާލާ ގޮތަކަށް ނޫނެވެ. އޭނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށީ ޔުމާން އަޑު އަހަން ހުރިކަން އެނގޭތީއެވެ.

"ލަދުގަނޭ އަހަރެން ކަލެޔާ ވާހަކަ ދައްކަން ވެސް، ކަލޭ ނޫނަސް. އަހަރެންގެ މި ދަރިފުޅާ އިންނާނެ އެތަކެއް ބަޔެއްވާނެ..... އިންޝާ ﷲ...." އެންމެފަހު ޖުމްލަ ބުނެލިއިރު މަޒާޔާގެ އަޑު މަޑުވެފައިވެއެވެ.

އިޒިއަންގެ ހިތުގެ ހިނގުން މަޑުވެފައި ވާހެން ހީވެއެވެ. ހިތުގައި އަޅަމުން ދިޔައީ ވޭން ކަމެއް ނޫނީ ބިރުވެރިކަން ކަމެއް ދެނެގަންނަން އޭނާއަކަށް ނޭނގުނެވެ.

"މަންމާ....." އަނާލްއަށް ކެތް ނުކުރެވުމާއެކު ބުނެވުނެވެ. އޭނާ މަޒާޔާއަށް ބަލާލަމުން ގޮވާލިއެވެ. މަޒާޔާ ފޯން ކަނޑާލަމުން އަނާލްއަށް ބަލާލިއެވެ. އަނާލް އިޒިއަންއަށް ބަލާލުމަށްފަހު ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ.

"ނާލް... މިގަޑީގަ އޯކޭތަ؟" މަޒާޔާ އަހާލިއެވެ. އިޒިއަން އެހާ މުހިންމު ކަމަކު އައުމުން ވެސް މިއޮއްވީ ގޮތެކެވެ. އެހެންނަމަވެސް މަޒާޔާއަށް ކެތް ނުކުރެވުނީއެވެ. ޔުމާންއާ ދިމާލަށް އެއްޗެހި ގޮވާލެވުމުން ސިކުނޑީގެ ނާރުތަކުގެ ވާންކަން ކެނޑި ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ.

ޔުމާން ފޯނަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. އަނާލް އޭނާ އާއި ދިމާވި ވާހަކަވެސް ބުނީތާއެވެ. މަޒާޔާ އެ ގުޅީ އެހެންވީމައެވެ. ފުންނޭވާއެއް ލަމުން އޭނާ ގޭން ބޭރަށް ހިނގައިގަތެވެ.

ތަން ހަމައަކަށް އެޅިލުމާއެކު އެންމެން ނުކުންނަން ދިޔައެވެ. އަނާލްއާ އިޒިއަންއާ ދެމީހުން މޭޒުދޮށަށް ޖެހިލިއެވެ. އިޒިއަން ސޮއިކުރަންވީ ތަން ދައްކާލުމަށްފަހު މަޑުކޮށްލިއެވެ. އޭނާ ފަރުވާތެރިކަމާއެކު އަނާލްގެ މޫނަށް ބަލަން އިނެވެ.

ސޮއިކޮށް ނިންމާލުމަށްފަހު ވެސް އިސް އުފުލާނުލާ އިނދެ އަނާލް ވާހަކަ ދެއްކިއެވެ.

"އައި އެމް ސޮރީ....."

"އެ ކީއްވެ؟" ކަނޑައެޅިގެން އަނާލް އެހެން ބުނި ސަބަބު އެނގުނު ކަމުގައި ވިނަމަވެސް އިޒިއަން ނޭނގޭކަމަށް ހެދިއެވެ. އޭނާ އަނާލްއަށް ބަލަން އިނެވެ. އިސްއުފުލާލި އަނާލް އިޒިއަންއަށް ބަލާލުމަށްފަހު އަދިވެސް ސޮއިކުރަންޖެހޭ އެއްޗެއް އޮތްތޯ އަހާލިއެވެ. އިޒިއަން ކުރިން ކުރި ސުވާލަށް ޖަވާބު ދިނުމަކީ މާ މުހިންމު ކަމެއްކަމަށް އަނާލްއަށް ނުފެނުނީއެވެ.

ކަންތައް ހިނގައިދިޔަ ގޮތުން އިޒިއަންއަށް އެތަނުގައި މަޑުކުރާކަށް ނުކެރުނެވެ. ދައްކަންޖެހޭ ވާހަކަތައް ދެއްކުމަށްފަހު އޭނާ ދިޔައީ ކަމެއް ޖެހިއްޖެނަމަ ގުޅާނެ ވާހަކަ ބުނެފައެވެ. އިޒިއަން ދިޔުމާއެކު އަނާލްއަށް ފުންވިސްނުމަކަށް ގެނބެވުނެވެ. ޔުމާންގެ ހަނދާންތައް އަދިވެސް އެ ސިކުނޑީގައި ހަރުލާފައިވެއެވެ. އެކަމުން އަނާލްއަށް އުނދަގޫވަމުން ދިޔައެވެ.

އޭގެ އަނެއްދުވަހެވެ. ސޮއިކުރި ފައިލްތަކުގެ ކޮޕީ ހޮސްޕިޓަލާ ހަވާލް ކުރަންޖެހޭތީ އިޒިއަން ހޮސްޕިޓަލަށް ދިޔައީ ކާރުގައެވެ. ޑްރައިވަރު ކާރު މަޑު ކޮށްލުމާއެކު އޭނާ ހޮސްޕިޓަލް ދޮރު މައްޗަށް ފޭބިއެވެ. އަތުގައި އޮތް ފައިލަށް ނަޒަރު ހުއްޓާލައިގެން ހިނގަމުން ދިޔަ އިޒިއަންގެ އަތުން އެއްފައިލް ވެއްޓުނީ ކުރިމަތިން އައި މީހެއްގެ ކޮނޑުގައި އަޅައިގަނެފައެވެ. ފައިލް ނަގައިގެން ކުރިމަތީ ހުރި މީހާއަށް އިޒިއަންއަށް ބަލާލެވުނެވެ. އެއާއެކު ދެ ބުމަ ގޮށްޖެހި މީހާގެ ނަފްސަށް ހަރުކަށިކަން ވެރިވެގެން ދިޔައީ އޭނާގެ ކުރިމަތީގައި ހުރި މީހާ ފެނިފައެވެ.

"ހޭ....." ޔުމާން ވަރަށް އާދައިގެ ގޮތަކަށް ކިޔާލައިފިއެވެ. އިޒިއަން އެއްވެސް އެއްޗެއް ނުބުނެ ދާން ފެށުމުން ޔުމާން ގޮވާލުމާއެކު ހުއްޓި ފަހަތަށް ބަލާލެވިއްޖެއެވެ.

"ތީ އަނާލްގެ ކާކު؟" އިޒިއަންއަކީ އަނާލްއާ އެކު ކޮންމެވެސް މަސައްކަތެއް ކުރާ މީހެއްކަން ޕްރެސްއިން އެނގުނު ކަމުގައިވި ނަމަވެސް އަނާލްއާ އިޒިއަންއާ ދެމެދު ކޮންމެވެސް އެހެން ގުޅުމެއް ވެސް ވަނީތާ އޭ ޔުމާންގެ ހިތަށް އަރަމުން ދިޔައެވެ. އެހެންކަމުން އޭނާ ބޭނުންވީ އެ ހީ ޔަގީން ކުރާށެވެ. އިޒިއަން ބަލަންހުރި ގޮތުން އޭނާ އެއްމިޔަކަށް ހީލިއެވެ. އިޒިއަން ކުރިއަށް އެއް ފިޔަވަޅު އަޅާލުމަށްފަހު ސުވާލުކޮށްލިއެވެ.

"ތީ ކާކު؟ ކޮން ހައްޤެއް އޮވެގެން ތި ސުވާލު ތިކުރަނީ.... އަނާލް ދޫކޮށްލީ ކަލެއެއްނު....." ކިތަންމެ ރީއްޗަށް ވާހަކަ ދައްކަން ބޭނުންވިނަމަވެސް ޔުމާން އަނާލްއާ ދޭތެރޭ ކަންތައްކުރި ގޮތުން އިޒިއަންއަށް ވާހަކަ ދެއްކުނީ ހަރުކަށިކޮށެވެ. އޭނާ ޔުމާންއަށް ބަލަން ހުރީ ނުރުހިފައެވެ.

"އަހަރެން ވެސް މި އަހަނީ ނާލްއާ އެކީ ކަލޭ އުޅޭ ވައްތަރުން، ތީ ކާކުހޭ؟. ހިޔެއްނުވޭ ޕްރޮފެޝަނަލް ގުޅުމެއް އެކަނިހެން އޮތީ... ނޫންތަ؟" ޔުމާން ހުރީ ނުހަނު ހަމަޖެހިލާފައެވެ. އެއްވެސް ކަހަލަ އަސަރެއް މޫނުމައްޗަކުން ފާޅެއް ނުކުރެއެވެ. އިޒިއަންގެ ގާތަށް އެކަމުން ވެސް ރުޅި އަންނަ ގޮތްވިއެވެ. އަނާލް އާއެކު ހޭދަކުރެވުނީ ކިތަންމެ މަދު ދުވަސްކޮޅަކަށް ވިޔަސް ޔުމާން ކަންތައްކުރި ގޮތް މިހާރު ވަރަށް ސާފުކޮށް އިޒިއަންއަށް އެނގެއެވެ. ސިކުނޑީގައި ބުރުޖަހަމުން ދިޔަ އެތިކޮޅުތައް ގުޅުވަމުން ދިޔަ ވަރަކަށް އެއީ ކީއްވެ ކަންވެސް އެ ސިކުނޑިއަށް ނަގަނެގަނެވެއެވެ.

"ކަލެއަށް ކީއް؟ އަހަރެން ނާލްއާ އެކީ ކޮންމެ ގޮތަކަށް އުޅުނަސް. ދެން ނާލްއެއް ކަލެއަކަށް ނުލިބޭނެ ދުވަހަކުވެސް، މަށަށް ލިބުނަސް ކަލެއަކަށް ނުލިބޭނެ" އިޒިއަން ދެރަނުވާން ވެގެން ބުނެލިއެވެ. ފުންނޭވާއެއްލި ޔުމާންގެ މޫނުމަތިން އެއްވެސް އަސަރެއް ފެނޭތޯ އިޒިއަން އިރުކޮޅަކު ހުއްޓެވެ. ޔުމާން ވެސް އިތުރަށް އެއްޗެއް ބުނާ ހިޔާލެއް ނުކުރިއެވެ. ފަސްއެނބުރި އިޒިއަން ހިނގައިގަތުމާއެކު ޔުމާން ވެސް ހިނގައިގަތީއެވެ.

އެބައިގެ ރިސެޕްޝަންގައި އިން ކުއްޖާ ގާތު ރަމްޔާ އިންނަނީ ކޮން ރޫމެއްގައިތޯ އިޒިއަން އަހާލިއެވެ. އެ ކުއްޖާ ރޫމް ހަތަރެއް ދައްކާލުމާއެކު އިޒިއަން އެ ދިމާލަށް ގޮސް ދޮރުގައި ޓަކި ޖަހާލިއެވެ. އޭރުވެސް އޭނާ އައިސްފައި ހުރި ރުޅި މަޑުވާގޮތެއްނުވިއެވެ. ޓަކި ޖަހާލާފައި އެތެރެއަށް ވަތްއިރު ރަމްޔާ ފެންނާކަށް ނެތެވެ. ރަމްޔާއަށް ގުޅުމުން ދެވޭނީ އިރުކޮޅަކުން ކަމަށް ބުނަމުން އޭނާ އެދުނީ ފައިލްތައް ބެހެއްޓުމަށްފަހު ދިޔުމަށެވެ. މެނޭޖްމެންޓާ މަޝްވަރާ ކޮށްގެން ނިންމަންޖެހޭ ކަންތައްތައް ރަމްޔާ ކުރާނެކަމަށް ބުނުމުން ވެސް ބޮލުން ބޮޑު ބުރައެއް އުފުލުނު ކަމުގެ އިޙްސާސް އިޒިއަންއަށް ކުރެވުނެވެ.

އައިސްފައި ހުރި ރުޅިން ރަމްޔާގެ ކެބިންއަށް ވަދެފައި ފައިލްތައް ބެހެއްޓުނީ ވެސް ފުދޭވަރަކަށް ބާރަށެވެ. އެނބުރި ނުކުންނަން އުޅެނިކޮށް ދޮރު ހުޅުވާލާފައި ރަމްޔާ ވަނެވެ. އިޒިއަން ފައިލްތައް ދައްކާލަމުން ދާން ހިނގައިގަތެވެ. ރަމްޔާ ވެސް އެއްޗެއް ނުބުނެ ހަމައެކަނި ޝުކުރު އަދާ ކޮށްލީއެވެ. މޭޒުމަތިން ކޮންމެވެސް އެއްޗެއް ނަގައިގެން ރަމްޔާ ވެސް އިޒިއަންގެ ފަހަތުން ކަހަލަ ގޮތަކަށް ދިޔައެވެ.

******

ދުވަސްތައް ފާއިތުވަމުން ދެއެވެ. މަސައްކަތް އޭގެ އެންމެ ހަލުވި މިނުގައި ކުރެވެމުން ދިޔައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. އަނާލް ކައިގެން ގޮސް ކޮޓަރިއަށް ވަނީ އޭނާގެ ބޮލުގައި ކުޑަކޮށް ރިއްސަމުން ދިޔައީތީއެވެ. ރަމްޔާ ގާތުވެސް މިރޭ އަވަހަށް ނިދާލަން ބޭނުންކަމަށް ބުނަމުން މިރޭގެ ޝެޝަން އަނާލް ކެންސަލްކޮށްލިއެވެ. ދީމްގެ އެހީގައި ނިދަން ތައްޔާރުވެގެން އަނާލް އެނުގައި އޮށޯވެލިއެވެ. ދެލޯ މަރާލެވުމާއެކު އޭނާއަށް ނިދީގެ ފޮނި އާލަމަށް ގެނބެވުނެވެ.

*******

ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތެރޭގައި ހިނގަމުންދިޔަ އަންހެން ކުއްޖާގެ ދަބަސް ވަނީ މޭގައި ޖައްސާ ބާރުކޮށްލެވިފައެވެ. މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދާންދެންވެސް ދުއްވާއެއްޗެއްގެ ހިލަމެއް ނުވެއެވެ. ގުގުރާ ވިދަމުން ދިޔައެވެ. ފަހަތަށް ބަލާލެވުނީ މީހަކު އަންނަ ކަހަލަ އިޙްސާސް އެއްކުރެވުމުންނެވެ. މޫނުމައްޗަށް އެއްބައި އިސްތަށިތައް ވެރިފައިވާއިރު އިސްތަށިތަކުން ދެލޯ ވަނީ ފޮރުވެފައެވެ. ފަހަތުން ދުއްވާ އެއްޗެއްގެ އަޑު އިވުމާއެކު ސިހިފައި ހަޅޭއްލަވައި ގަނެވުމާއެކު ދެލޯ މަރާ ތަގުޅި ކޮށްލެވުނީ ލައިޓް ސީދާ އޭނާގެ ދެލޮލަށް އެޅިފައިވީތީއެވެ.

******

ސިހިފައި އަނާލްއަށް ހޭލެވުނެވެ. މީހާ ދާހިތްލާ ފޯވެފައި ވެއެވެ. ކަރުދޮށުގައި އަތް ހާކާލަމުން އަނާލް ދާތައް ފުހެލިއެވެ.

ދީމް ހުރި ނެތް ހިސާބެއް ބަލާލިއިރު ދީމް ފެންނާކަށް ނެތެވެ. އަނާލް ފުންނޭވާއެއް ދޫކޮށްލިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށް ފުންނޭވާތަކެއް ލާންފެށުނެވެ.

ހަމައަކަށް އެޅުމާއެކު އޭނާގެ ނަޒަރު ހުއްޓުނީ ހުޅުވާފައިހުރި ކުޑަދޮރުތަކާ ދިމާލަށެވެ. އެތަނުގައި ހުރި ދީމް ލޮލުގައި އަޅައިގަތުމާއެކު އަނާލް ދީމްއަށް ގޮވާލިއެވެ.

އެނބުރި ބަލާލި ދީމްއާއި އަނާލް ވާހަކަ ދެއްކިއެވެ.

"ދީމް... އަދިވެސް ނުނިދާ ކީއްކުރަނީ؟" އަނާލް އަހާލިއެވެ.

"ނިދިނައިސްގެން މަޑު ކޮށްލީ" ދީމް ބޮލުގެ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލިއެވެ. އެއަށްފަހު ފަރުދާތަށް ކަހާލަމުން އައިސް އަނާލްގެ އެއް ފަރާތުގައި އޮށޯވެލިއެވެ. އަދި ނިދަން އުޅެމާ ހިނގާށޭ ބުނެލިއެވެ.

ޖެހިގެންއައި ހަފްތާގައި އަނާލްގެ އުފަންދުވަސް އައުމާއެކު ގޭގައި އެމީހުން ކުޑަ ޕާރޓީއެއް ބޭއްވިއެވެ. އިޒިއަންއަށް އެކަން އެނގުނީ އެރެއެވެ. އަނާލް އެދުވަހު އޮފް ދުވަހެއް ނެގުމުން ބަލިވީތޯ ސުވާލް ކުރުމުން އަނާލް ޖަވާބު ދިނުމުންނެވެ. އެހެންކަމުން އޭނާ އަނެއްދުވަހު އޮފީހަށް ދިޔަ މަގުމަތީގައި ހުރި މާވިއްކާ ފިހާރައަކުން ބުކޭއެއް ތައްޔާރު ކޮށްލިއެވެ. އެނބުރި އައިސް ކާރަށް އަރާ ދުއްވާލީ އަނެއްފަރާތު ގޮނޑިއަށް މާބޮނޑި ލަމުންނެވެ. ތާޒާ މާތަކުގެ ވަސް ކާރުތެރެއަށް ފެތުރެން ނެގީ މަދު ސިކުންތުކޮޅެކެވެ. ރަންކުލައިގެ ބޮޑެތި ފިނިފެންމާ ތަކާއި ލިލީ އަދި ސަންފްލާވަރގެ ވަސް އެކުވެގެން އެތެރެހައްޓަށް ހިންހަމަޖެހުން ގެނުވާނޭ ފަދަ ލުއި މީރު ވަހެއް ކާރުތެރޭގައި ހިފާލާފައި ވެއެވެ. ކާރު ދުއްވަމުން ދިޔަ އިޒިއަންގެ ތުންފަތް މަތީގައި ހިނިތުންވުމެއް ވިއިރު، އިރު އިރު ކޮޅަކާ ނޭފަތް އެތެރެއަށް ދަމާލެވެނީ އެ މަލުގެ ވަހުން ހަށިގަނޑަށް ތާޒާކަން ވެރިވަމުން ދިޔައީތީއެވެ. އޮފީސް ގަރާޖުގައި ކާރު ޕާރކް ކޮށްލަމުން އޭނާ ދުވެލާފައި ގޮސް އޮފީހަށްވަނީ އެ މާބޮނޑިވެސް ހިފައިގެންނެވެ. ދޮރުގައި ޓަކި ޖަހާލާފައި ދޮރު ހުޅުވާލަމުން އެތެރެއަށް ބޯ ދިއްކޮށްލި އިޒިއަން ހުރީ މާ ބޮޑު ފުރަގަހަތަށް ލާ ފޮރުވައިގެންނެވެ. އަނާލް އިނީ މޭޒު ދޮށުގައެވެ.

"ހާދަ ލަސްވީ އިޒް....." އިޒިއަން ފެނުމާއެކު ގަޑިއަށް ނަޒަރު ހުއްޓާލަމުން އަނާލް ވާހަކަ ދެއްކިއެވެ.

"ލަސްތަ؟" އިޒިއަން ހީގަތެވެ.

"ކޯންޗެއްތަ ތި ފޮރުވަނީ ދައްކަބަލަ....." އަނާލް ވާހަކަ ދައްކަމުން ކުޑަކޮށް އެއްއަރިއަކަށް ގުދުވެލިއެވެ. އެހެންނަމަވެސް އިޒިއަންގެ ބާމަތި ފުޅާ ހަށިގަނޑުގެ ފުރަގަހުގައި ފަރުދާ ކޮށްފައިވަނީ ކޯންޗެއްކަން އަނާލްއަށް ފެންނަގޮތެއް ނުވިއެވެ. އޭނާ ދެންވެސް އިޒިއަންއާ ސުވާލުކުރިއެވެ.

މަޑުމަޑުން އަނާލްއާއި ކައިރިވަމުން ދިޔަ އިޒިއަން އަނާލްއާ ނުހަނު ގާތުގައި ހުއްޓުނެވެ. އަދި މަޑުމަޑުން މާބޮނޑި ފުރަގަހުން ނަގަމުން އަނާލްއަށް ދިއްކޮށްލިއެވެ. އެ ބުކޭ ފެނި އަނާލްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ސާދަ ފަނަރަ ވިލޭރޭގެ ހަނދު ފާޅުވުމުން ހުންނަފަދަ ރީތިކަމެކެވެ.

އޭނާ އެ މަލުން ވަސް ބަލާލަމުން އިޒިއަންއަށް ޝުކުރު އަދާކުރިއެވެ.

"އަހަރެންނަށް އެންމެ ކަމުދާކަހަލަ މާތަކަކާ ވަހެއް، ޝުކުރިއްޔާ އިޒް" އަނާލް އިޒިއަންއަށް ބަލާލަމުން ހީގަތްއިރު އަންނާރު އޮށްތަކެއް ފަދަ އެ ދަތްތައް ރީތިކޮށް ފާޅުވިއެވެ. އަނާލްގެ ހިނިތުންވުން އިޒިއަން ދީވާނާ ކޮށްލައިފިއެވެ. ކަޅި ޖަހާނުލާ އިޒިއަންއަށް އަނާލްއަށް ބަލަން ހުރެވުނެވެ.

ހަމަބިމަށް އާދެވުނު ފަދައަކުން އިޒިއަން ވާހަކަ ދެއްކީ އިރުކޮޅެއް ފަހުންނެވެ.

"އިއްޔެ އުފަންދުވަސް ކަން ނުވެސް ބުނަމެއްނު، ބުނި ނަމައެއްނު ދެވޭނީ ވެސް ގެއަށް ވިޝް ކޮށްލަން" އިޒިއަންގެ އަޑުގައިވަނީ ސަމާސާ ގޮތެވެ. އޭނާ އައިސް އަނެއްފަރާތު ގޮނޑީގައި އިށީނެވެ. އެދެމެދުގައި އޮތް އެކުވެރިކަން އަނާލްއަށް ވެސް ކަމުދެއެވެ. އިޒިއަންއާ އެކު މަސައްކަތްކުރަން ހަމަޖެހުނު ކަމީ އަނާލްގެ ނަސީބޭ ހިތަށް އަރަނީ ވެސް މަދެއްކޮށެއް ނޫނެވެ. އިޒިއަންގެ ފަރާތުން އޭނާއަށް ފެންނަ ހުރިހާ ސިފައަކީވެސް ކަމުދާ ސިފައަކަށް ވެއްޖެއެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ، މާދަމާގެ ވަގުތެއްގައި ހޮސްޕިޓަލުން ބައެއް މީހުން އިނގިރޭސިވިލާތަށް ފުރާވާހަކަ ބުނި...." އަނާލް ދެން ފެށީ މަސައްކަތުގެ ވާހަކައެވެ. އިޒިއަން ވެސް ބޯ ޖަހާލަމުން އެ ވާހަކައިގައި ބައިވެރިވިއެވެ.

އަނާލް ގެއަށް ދާން ނުކުތީވެސް އެ މާބޮނޑި ހިފައިގެންނެވެ. އޭނާއަށް އިރުއިރު ކޮޅަކާ އޭގެން ވަސް ބަލާލެވެއެވެ. އޮފީހުގެ ފެންއަރުވާ ވަޑާން ކައިރީގައި އަނާލް މަޑުކޮށްލައިގެން އިނދެފައި ނުކުންނަ ދިމާލަށް ގޮނޑި ދުއްވާލިއެވެ. އޭނާ އެ ހިސާބުގައި މަޑުކޮށްލިއެވެ. އަދި ރަނގަޅަށް ބޭރު ބަލާލިއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. މަގުގެ އަނެއްފަރާތުގައި ހުރި ޒުވާނާގެ ނަޒަރު ހުރީ އޭނާއަށް ހުއްޓިފައެވެ. ކުއްލިއަކަށް އަނާލްއާ ދިމާލަށް އެ ޒުވާނާ ހިނގައިގަތުމާއެކު އަނާލްއަށް ދެބުމަ ގާތް ކުރެވިއްޖެއެވެ. މަގުގެ މެދާ ހިސާބަށް އައިއިރު އެއީ ކާކުކަން އަނާލްއަށް ޔަޤީން ވެއްޖެއެވެ. ޔުމާން އެވެ. އޭނާ ޔުމާން އަންނަމުން ދިޔަ ދިމާލަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ކަޅި ޖަހާނުލާ ބަލަން ހުއްޓާ ޔުމާން އައިސް މަޑު ކޮށްލީ ސީދާ އޭނާގެ ކުރިމައްޗަށެވެ. އެ ދެލޮލުން ހިސާބެއްގެ ނުރުހުންވުމެއް ފެނުނުހެން އަނާލްއަށް ހީވިއެވެ.

"އަދިވެސް މީނަތަ ރުޅިއަންނަންވީ، އަހަރެންނެއް ނޫންތަ ރުޅި އަންނަން ވީ" ހިތާ ހިތުން ކުދި ކިޔަމުން ދިޔަނަމަވެސް އެ ނުރުހުގެ އަސަރުތައް މޫނުމަތިން ދައްކާކަށް އަނާލްއަކަށް ނޭނގުނެވެ. އޭނާ އިން ގޮތަށް އިނީއެވެ.

"ހެޕީ ބާރތް ޑޭ އަނާލް" ޔުމާން ބުނެލިއެވެ. އަނާލް ހިތި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

"އަހަރެން ޔުމާންގެ ހެޔޮއެދުން ތަކެއް ބޭނުމެއް ނޫން" އަނާލް ބޭނުންވީ މިފަހަރު އޭނާވެސް ގަދަ ދައްކާލާށެވެ. ޔުމާންގެ ނަޒަރު އަތުގައި އޮތް މާ ބޮނޑިއަށް ހުއްޓުނެވެ. އެވަގުތު އެހެން ލާފައި ދިޔަ ދެ އަންހެން ކުދިންނަށް ވެސް ޔުމާންއާއި އަނާލްގެ އަޑު އިވިގެން ހުއްޓި ބަލާލެވުނެވެ.

އަނާލް ޔުމާންއާ ދުރަށް ގޮނޑި ދުއްވާލުމާއެކު ޔުމާން ވެސް ލަސްނުކޮށް ހިނގައިގަތެވެ.

ޝާހީން އަނާލް ބަލާއައުމާއެކު އޭނާ ދިޔައީ ކާރުގައެވެ. ޓްރެފިކް ލައިޓްގައި ޖެހިފައި އިން ޝާހީންގެ ފޯން ވައިބްރޭޓް ވުމާއެކު އޭނާ ފޯން ނަގާ ބަލާލިއެވެ. އަރާފައިވާ ނަންބަރު ފެނުމުން އޭނާގެ މޫނުމަތިން ހިނިތުންވުމެއްގެ އަސަރު ފެނިލިއެވެ.

"އަހަނ... ކާކުބާ؟" އަނާލް ޖެއްސުމުގެ ރާގަކަށް އެހެން ބުނެލީ ޝާހީން ފޯން ނެގުމާއެކުގައެވެ.

"ޝްޝްޝް... ހޮސްޕިޓަލުންނޭ" ފޯން ކަންފަތާ ދުރުކޮށްލަމުން ޝާހީން ބުނެލިއެވެ. އަނާލް ވެސް ހީގަންނަމުން ލޯގަނޑުން ބޭރު ބަލާލިއެވެ.

******

އެރޭ އިޒިއަން އުޅުނުލެއް ބުރަކަމުން އޭނާގެއަށް އައިސް ވަތްއިރު އުނަގަނޑުގަޔާއި ބޮލުގައި ވެސް ރިއްސަމުން ދިޔައެވެ. އެހެންނަމަވެސް ހިތްވަރު ކޮށްފައި ފެންވަރައިގެން ނުކުމެ ބޭސް ކައިގެން އެނދުގައި ޖައްސާލިއެވެ. އިސާހިތަކު އޭނާއަށް ދާދި ފަސޭހައިން ނިދިއްޖެއެވެ.

*****

އަނެއްކާވެސް މޫސުން ބަނަ ދުވަހެކެވެ. ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރެއެވެ. ހިމަފޮރުވާރޭގެ ތިކިތައް މަގުމަތީގައި ހިނގާފައި އުޅޭ މީހުންނަން ހަމަލާ ދެމުން ދިޔައީ އެއްވެސް ރަޙުމެއް ނެތިއެވެ. ހެނދުނުގެ ވަގުތު ފިނި ހިފާފައިވި ވައިރޯޅިތައް ގައިގައި ބީހިލާފައި ދާއިރު ހީބިހި ހަލުވާލައެވެ. އުޑުމަތި ހިސާރުކޮށްފައިވަނީ ވިއްސާރަ ވިލާތަކުންނެވެ. ވަޔާއެކު ޖަހަމުންދާ ސަކަރާތުގައި ވިލާތައް ބައިވެރިވެ އެކަތި އަނެޗެއްކާ ގުޅެމުން ދިޔައީ ތޫފާން ވަރުގަދަ ކުރަން ކަންނޭގެއެވެ. އިސާހިތަކު އިރުގެ އަލިން ދުނިޔެމަތި އެއްކޮށް އަނދިރިކޮށްލައިފިއެވެ. މަގުމަތީގައި މީހުން މަދުނަމަވެސް ހިނގާފައިދާ މީހުން ކުރެކޮންމެ މީހަކުވެސް އިރު އިރުކޮޅަކާ އުޑުމައްޗަށް ނަޒަރެއް ދެއެވެ. ގަޑިބަލާލަނީ ފިޔަވަޅުތަކަށް ބާރުލަމުންނެވެ.

ދި ގްރޭންޑް ކޮންޕެނީގެ މައި އޮފީސް ދޮރުމަށްޗަށް ކާރު ހުއްޓާލުމާއެކު އޭގެން ޒުވާން އުމުރުގެ އަންހެން ކުއްޖަކު ފޭބިއެވެ. އާދައިގެ މަތިން އެތަނުގެ ސެކިއުރިޓީއަކަށް ހުރިމީހާ އެ އަންހެން ކުއްޖާއަށް ސުވާލުގެ ނަޒަރަކުން ބަލާލީ އާއްމުކޮށް ފެނިއުޅޭ ކުއްޖަކަށް ނުވީމައެވެ. އެހެންނަމަވެސް އޭނަ އެއްޗެއް ނުބުނީ އެ ވާނީ ކޮންމެވެސް ކަމަކު އޮފީހަށް އައި ކުއްޖެކޭ ހިތާއެވެ.

އޮފީސްތެރެއަށް ވަދެ އެ ކުއްޖާ ވަށައިގެން ނަޒަރު ހިންގާލިއެވެ. ޒައުނާ އެވަގުތު ރިޝެޕްޝަނުގައި ހުރި ކުއްޖަކާ ވާހަކަ ދައްކަން މަޑުކޮށްލައިން ހުއްޓެވެ. އެ އަންހެން ކުއްޖާގެ ނަޒަރު ރިޝެޕްޝަނަށް ހުއްޓުމާއެކު އެ ދިމާލަށް ހިނގައިގަތްތަން އެއްލި ކަޅިއަކުން ޒައުނާއަށް ފެނުނެވެ. އޭނާ އައިސް ހުއްޓުމާއެކު ރިޝެޕްޝަންގައި އިން ކުއްޖާ ކިހިނެތްތޯ ހަދާލަދޭންވީ އަހާލިއެވެ.

"އަނާލްއާ ބައްދަލުކޮށްލަން އަންނާށޭ ބުނެފަ އޮތީމަ" އެ ކުއްޖާ ވަރަށް ހަމަޖެހިލާފައި ހުރެ ޖަވާބު ދިނެވެ. އެވަގުތަކީ ޒައުނާ ކޮންމެވެސް އެއްޗެއް ބުނަން އުޅުނު ވަގުތެވެ. އެހެންނަމަވެސް އައްމާރު ގޮވާ ވާހަކަ ބުނުމުން ޒައުނާ ކައުންޓަރުގައި ކަންތައްތައް ހަމަޖެއްސުމަށް ބުނުމަށްފަހު ހިނގައިގަތީ ލިފްޓާ ދިމާލަށެވެ.

ރިސެޕްޝަނަށް އެވަގުތު އެހެންބަޔަކު އައުމާއެކު އާއި ކުރުނުކޮށް އެ އަންހެންކުއްޖާ އަނާލްގެ ވާހަކަ އަހަން ފެށުމުން ރިޝެޕްޝަނުގައި އިން ކުއްޖާ ބޮލަށް އުނދަގޫ ވެފައި އިން ގޮތަކަށް އަނާލްގެ ކެބިން ދައްކާލިއެވެ. ކާމިޔާބުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން އެ އަންހެން ކުއްޖާ އަނާލްގެ ކެބިންއާ ދިމާލަށް މިސްރާބުޖެހިއެވެ.

މަސައްކަތަށް ގެއްލިފައި އިން އަނާލް ހީކުރީ ދޮރު ހުޅުވާލީ އިޒިއަން ކަމަށެވެ. އެހެންކަމުން ބަލާލުމެއްވެސް ނެތި އަނާލް ވާހަކަ ދެއްކިއެވެ.

"އިޒް! ކީކޭ ޑޭޑް ބުނީ؟...."

"ކީކޭ ހޭ ބުނީ!" އިވުނު އަންހެން އަޑުން އަނާލްއަށް ސިހިފައި އިސްއުފުލާލާ ބަލާލެވުނެވެ. އަނާލްއާ ދިމާލަށް އެއްބުމަ އަރުވައިލައިގެން ހުރި ޒަހްވާ ފެނުމާއެކު އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރު ވެސް އަނާލްގެ ނަޒަރު އެންމެ އަވަހަށް ދަތުރު ކުރީ ބޮޑުވެފައިވާ އޭނާގެ ބަނޑަށެވެ. އަނާލް ހިސާބެއްގެ ހިންހަމަ ނުޖެހުމަކާއެކު ވާހަކަ ދެއްކިއެވެ.

"ޒަހުވާ މިތަނަށް އަންނަން ޖެހުނު ސަބަބެއް ނުވިސްނުނު"

"ކަލެއަކަށް ނުވިސްނޭނެ، އެހެން މީހުންގެ ފިރިން ފަހަތުން ދުވުން ހުއްޓަން ވެއްޖެއެއްނު ދޯ" ރުޅިވެރިކަމާއެކު ޒަހްވާ އަނާލްއާ ގާތަށް ފިޔަވަޅެއް އަޅާލިއެވެ.

"ޒަހްވާ މިތަނަށް ވެއްދީ ކާކު؟ ހަމަ މިހާރު ތި ވަތް ދޮރުން ނުކުމޭ" އަނާލް ބުނެލިއެވެ. އަދި އަތުން ދޮރާ ދިމާލަށް އިޝާރާތް ކޮށްލިއެވެ.

"ހާދަ ވަރެކޭ ދޯ ވެފަ ތިހުންނަނީ، ފެންވަރުވެސް އޮޅިފަ. އެކަމަކު މަށެއް ނުނިކުންނާނަން މިތަނަކުން. މަގޭ ފިރިމީހާ ހައްލަން ކަލޭ އުޅޭއިރު މަ ވަކި މަޑުން ހުންނާނެތަ؟" ޒަހްވާ ގާތަށް ވެސް ރުޅިއަތުވެއްޖެއެވެ.

"ކޮބާ އަހަރެންގެ ފިރިމީހާ ކަލެއަށް ދިން މާ ބޮނޑި" ޒަހްވާ ފަރާތް ފަރާތަށް ހޯދަމުން ވާހަކަ ދެއްކިއެވެ.

"ކަލޭގެ ފިރިމީހާ މަށަކަށް މާ ބޮނޑިއެއް ނުދޭ" އަނާލް ވެސް ޒަހްވާ ވާހަކަ ދައްކަމުން ދިޔަ ގޮތަށް އެ ހަރުކަށިކަމުގައި ވާހަކަ ދެއްކިއެވެ.

"ގޮތެއް ފޮތެއް ނެތް އަންހެނާ" ޒަހްވާ އަނެއްކާވެސް އަނާލްއާ ގާތަށް ފިޔަވަޅެއް އަޅާލިއެވެ.

"ހަމަ މިހާރު ދައްކާ އެ" އަނާލް އެއްޗެއް ނުބުނުމުން ޒަހްވާ ހީކުރީ އޭނާއަށް ކުރި ލިބެނީ ކަމަށެވެ.

"އަހަރެން ސެކިއުރިޓީއަށް ނުގޮވަނީސް މިތަނުން ނުކުމޭ ހަމަމިހާރު..." އަނާލް އަޑު ބާރުކޮށްލަމުން ބުނެލިއެވެ.

"އެހެންތަ...؟" ޒަހްވާ ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން މޭޒު ދޮށަށް ޖެހިލިއެވެ. އަދި އެތަނުގައި އޮތް ފައިލެއް ނަގާ ބަލާކަށް ނުހުރެ އެ ފައިލްގައި ހުރި ގަނޑުތައް ނައްޓާ އިރާލިއެވެ.

"ނޫން" އަނާލްއަށް ބާރަށް ބުނެވުނެވެ.

"ހީ ނުކުރައްޗޭ ކަލޭ މާ މޮޅުވިއްޔޭ. އަހަރެން ކަލެއަށް ވުރެ މާ މޮޅު ވާނެ. ހަމަ މިހާރު ބުނޭ ކަލެއާ އަހަރެންގެ ފިރިމީހާއާ އޮންނަނީ ކޮން ކަހަލަ ގުޅުމެއް؟" ޒަހްވާ ދޫ ދޭގޮތެއް ނުވިއެވެ. އަނާލް އެއްޗެކޭ ނުބުނީ ބުނާނެ އެއްޗެއް ނޭނގިގެންނެއް ނޫނެވެ. އޭނާ ސެކިއުރިޓީއަށް ގުޅަން ފޯންގައި ނަންބަރު ޖަހާ ފިއްތާލިއެވެ. އެއާއެކު ޒަހްވާ ހަރަކާތްތައް އަވަސްކޮށްލާފައި އައިސް އަނާލްގެ އަތުގައި އޮތް ފޯން ޖަހައިގަނެ ދުރަށް އެއްލާލިއެވެ. އަދި މޭޒު މަތީގައި ހުރި އެއްޗެހި ވެސް އުކާލިއެވެ.

އަނާލްގެ ހިތަށް ބިރުވެރިކަން ވަނެވެ. އޭނާއަށް ބާރަށް މީހަކަށް ގޮވާލެވުމުގެ ކުރީގައި ޒަހްވާ އައިސް އަނާލްގެ އަނގައިގައި ހިފިއެވެ. އޭނާ އަނާލްގެ މޫނާ ދިމާލަށް ގުދުވެގެން އޮތް ގޮތުން އަނާލްއަށް ފަހަތަށް ހަށިގަނޑު ދަމާލެވުނެވެ.

*****

"ހިނގާ ދަމާ ތިރިއަށް އެބަޖެހޭ ކަމަކު އަނާލްއާ ޑިސްކަސް ކޮށްލަން ވެސް...." އައްމާރު އިޒިއަންއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. އައްމާރުއާ އެކު ތިރިއަށް ފޭބި އިޒިއަން ގޮސް ކެބިންގެ ދޮރު ހުޅުވާލިއެވެ. އޭނާގެ ލޮލުގައި ޒަހްވާއާއި އަނާލް އަޅައިގަތެވެ. ކުއްލިއަކަށް ދޮރު ހުޅުވާލި އަޑަށް ޒަހްވާއަށް ވެސް ސިހިފައި އިޒިއަންއާ ދިމާލަށް ބާލާލެވުނެވެ. ލިބުނު ސިހުމުގައި އޭނާ ހުރީ އަނާލްއާ ދުރުވާން ވެސް ނޭނގިފައެވެ. އިޒިއަންގެ އިތުރުން އައްމާރުއަށް ވެސް ލިބިފައިވަނީ ކުއްލި ސިހުމެކެވެ.

"އޭތް ދުރަށް ދޭ" ބަލާކަށް ނުހުރެ އިޒިއަން ގޮސް ޒަހްވާގެ އަތުގައި ހިފާ އަތުގެ ކޮޅަށް ހޫރާލިއެވެ. ހާލަތުގެ ގޮތުން އެއީ މާބަނޑު މީހެންކަން ވެސް އިޒިއަން ހަނދާން ނެތުނީއެވެ. އެކަމަށް ނުވިސްނާ ހުރި ޒަހުވާ ގޮސް ނުވެއްޓުނީ ކިރިއާއެވެ. އައްމާރު ވަގުތުން ސެކިއުރިޓީއަށް ގޮވިއެވެ.

"ހަމަ މިހާރު މި އަންހެނާ ނެރޭ" ވެގެން އުޅޭގޮތް މާ ސާފު ނުވިޔަސް ސެކިއުރިޓީ އައުމާއެކު އައްމާރުއަށް ބާރަށް ބުނެވުނެވެ. ސެކިއުރިޓީ ޔުނީފޯމްގައި ތިބި ދެމީހުން އައިސް ހުއްޓުމާއެކު ޒަހްވާ ރުޅިވެރިކަމާއެކު ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ.

"ގަދަކަމުން ނުނެރެނީސް މިތަނުން ނުކުމޭ" އައްމާރު ފަހު ފުރުސަތު ޒަހްވާއަށް ދިނެވެ. އޭނާއަށް ޒަހްވާގެ ބޮޑުވެފައިވާ ބަނޑު ލޮލުގައި އަޅައި ގަތުމާއެކު ސުވާލުގެ ނަޒަރަކުން އަނާލްއަށް ބަލާލެވުނެވެ. ކާކުކަން ނޭނގުނެއްކަމަކު އެ ސުވާލުތަކުގެ ޖަވާބުދެވޭނީ އަނާލް އަށެވެ.

"އަހަރެން ޖެހޭތަ ނުކުންނަން، ކަލޭގެ އަންހެންދަރި އަހަރެންގެ ފިރިމީހާއާ ގުޅުން އޮންނަ އިރު....." ޒަހްވާ ޖެހިލުން ވިނަމަވެސް ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ.

އައްމާރުއަށް ގޮށްޖެހިފައވާ ދެ ބުމަ ހިއްލާލެވުނެވެ. އޭނާ ބަލަން ހުރި ގޮތުން ހިނިގަނޑަކާއެކު އަނެއްކާވެސް ޒަހްވާ ވާހަކަ ދެއްކިއެވެ.

"ނޭނގުނު ދޯ މި ބުނި އެއްޗެއް، ވެއިޓް. އަދި އަހަރެންނަކީ ކާކުކަމެއް ނުބުނެވޭދޯ! އަހަރެންނަކީ ޔުމާންގެ އަންހެނުން..." ޒަހްވާ ބުނެލުމާއެކު އައްމާރުގެ އަތް މުށްކެވިގެން ދިޔައެވެ. އަނާލްއަށް ބަލާލެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ.

އައްމާރު އަނާލްއަށް ބަލާލިއިރު އަނާލް އެ ހަމަހިމޭން ކަމުގައި އިނދެ ކަރުނަ ބައިލަމުން ދިޔައީ ހިތް ކުދިކުދި ވެފައިވާ ފަދަ ގޮތަކަށެވެ. މިތަން ފެނި އިޒިއަންއަށް އޭނާގެ ނަފްސު ކޮންޓްރޯލް ކުރެވުނީ ކިރިއަ ކިރިއާއެވެ.

(ނުނިމޭ…)

http://sun.mv/114201

comment ކޮމެންޓް